ފްރެންޗް އޯޕަންގައި އިއްޔެ ކުޅުނު މެޗުގައި އޮސާކާ: އޭނާ ވަނީ މުބާރާތުން ވަކިވާން ނިންމައިފަ. -- ފޮޓޯ / އޭއެފްޕީ
01 ޖޫން 2021 - 00:32
ޕެރިސް (މެއި 31) - ފްރެންޗް އޯޕަން މުބާރާތުގެ ނޫސްވެރިންގެ ބައްދަލުވުންތައް ބޮއިކޮޓްކުރި ދުނިޔޭގެ ދެވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ ނައޯމީ އޮސާކާ އެންމެ ފަހުން އެ މުބާރާތުން ވަކިވެއްޖެ އެވެ.
ޖަޕާންގެ ޒުވާން ކުޅުންތެރިޔާ އޮސާކާ ވަނީ ފްރެންޗް އޯޕަން މުބާރާތުގެ ފުރަތަމަ ބުރުގައި އިއްޔެ އޭނާ މޮޅުވި މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވާން ދެކޮޅު ހަދައިފަ އެވެ. މި މުބާރާތުގައި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބޮއިކޮޓްކުރާނެ ކަމަށް، މުބާރާތުގެ ކުރިން ވެސް އޮސާކާ ،23، ވަނީ ބުނެފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ބައިވެރިނުވުމުން، މުބާރާތް އިންތިޒާމްކުރާ ފަރާތުން އޭނާ 15،000 ޑޮލަރުން ޖޫރިމަނާކޮށް، މުބާރާތުން ޑިސްކޮލިފައިކުރާނެކަމުގެ އިންޒާރު ދިނީ އިއްޔެ އެވެ.
މި ފިޔަވަޅުތަކާއެކު، އޮސާކާ ވަނީ އޭނާ ފްރެންޗް އޯޕަން މުބާރާތުން ވަކިވާން ނިންމާފައިވާކަން މިރޭ އިއުލާންކޮށްފަ އެވެ.
"މި ވަގުތަށް އެންމެ ރަނގަޅު ގޮތަކީ އަހަރެން މި މުބާރާތުން ވަކިވުން. މިއީ މުބާރާތުގެ އެހެން ކުޅުންތެރިންނާއި އަހަންނަށް ވެސް މި ވަގުތަށް އެންމެ ރަނގަޅުގޮތް،" އޮސާކާ ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.
އޮސާކާ ބުނީ 2018 ވަނަ އަހަރުގެ ޔޫއެސް އޯޕަން އަށް ފަހު އޭނާ ޑިޕްރެޝަންއާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އަދި މި މުބާރާތަށް ކުރިމަތިލިއިރު ވެސް ނަފްސާނީ ގޮތުން އޭނާ އަށް އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބައިވެރިނުވާން ނިންމީ އޭނާގެ ނަފްސާނީ ހާލަތަށް ވިސްނާފައި ކަމަށެވެ.
"އާންމު ތަންތަނުގައި ވާހަކަދެއްކުމަކީ އަހަންނަށް އެހާ ފަސޭހަ ކަމެއް ނޫން. އަދި ބައިނަލްއަގުވާމީ މީޑިއާއާ ވާހަކަދައްކާއިރު، އަހަންނަށް އެންޒައިޓީ އުނދަގޫ ކުރިމަތިވޭ،" އޮސާކާ ބުންޏެވެ. "މުބާރާތް އިންތިޒާމްކުރާ ފަރާތުގެ ކިބައިން އަހަރެން ލިޔުމުން މާފަށް އެދުނިން."
އޮސާކާ މަޝްހޫރުވެގެންދިޔައީ 2018 ވަނަ އަހަރުގެ ޔޫއެސް އޯޕަން މުބާރާތް ކާމިޔާބުކުރުމުންނެވެ. އޭގެ ފަހުން އޭނާ ވަނީ 2020 ވަނަ އަހަރުގެ ޔޫއެސް އޯޕަނާއި 2019 އަދި 2020 ވަނަ އަހަރު އޮސްޓްރޭލިއަން އޯޕަން މުބާރާތް ކާމިޔާބުކޮށްފަ އެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެރީނާ
01 June 2021
ރަދީފު ވަރަށް ދެރަވާނެ އޭނަގެ 13 ވަނަ އަށް ފޭވެރިޓް ޓެނިސް ކުޅުންތެރިޔާ މުބާރާތުން ވަކިވީމަ
ރަދީފްއޮފިޝިއަލް
01 June 2021
އަހަރެންގެ 13 ވަނަ ނަމަ ކަލޭގެ ބަފާގެ 80 ވަނަ.ސަޅި ދޯ.ލަދު ކޮބާ؟؟
ބުރުގާ
01 June 2021
އެއްވަރުގެ އަންހެނުން މިހިރަ އުޅެނީ. ކޮންމެސް ޑިޕްރެޝަނަކާ އަޅާގަނނެގެން ނެއްޓެން ނޭގިފަ