ދުނިޔެ / އެސްޓްރަޒެނެކާ

ކޮވިޑް ވެކްސިން ދެ ޑޯޒް ދޭތެރޭގެ މުއްދަތާ މެދު ދެބަސްވުން

އެސްޓްރާޒެނެކާ ވެކްސިންގެ ދެ ޑޯޒްގެ ދެމެދަށް ދޫކުރާ މުއްދަތު އިތުރުކުރަން އިންޑިއާގެ ސިއްހީ މާހިރުން ދެކޮޅު

16 ޖޫން 2021 - 12:31

1 comments

ކޮވިޑް-19 އިން ދިފާއުވުމަށް އިންޑިއާގައި ދެމުން އަންނަ އެސްޓްރާޒެނެކާ ވެކްސިންގެ ދެ ޑޯޒްގެ ދެމެދަށް ދޫކުރާ މުއްދަތު އިތުރުކުރަން، އެގައުމުގެ ސަރުކާރުން ނިންމުމާ ގުޅިގެން، ކަމާ ގުޅޭ ސިއްހީ މާހިރުން ދެކޮޅު ހައްދަވައިފި އެވެ.

އިންޑިޔާގައި އެސްޓްރާޒެނެކާ ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަމުން އައީ، ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ހަ ހަފުތާ އާއި އަށް ހަފުތާއާ ދެމެދުގަ އެވެ. ނަމަވެސް މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން، އިންޑިޔާގެ ހެލްތު މިނިސްޓްރީން ވަނީ، ދެ ވަނަ ޑޯޒް ޖަހާ މުއްދަތު 12 ހަފުތާ އާއި 16 ހަފުތާއާ ދެމެދުގެ މުއްދަތަކަށް އިތުރު ކޮށްފަ އެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެގޮތަށް ނިންމީ، ކޮވިޑް ކޮންޓްރޯލް ކުރުމުގައި ސަރުކާރަށް ލަފާ ދޭ، ނޭޝަނަލް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަން (އެންޓީއޭޖީއައި)ގެ ލަފާގެ މަތިންނެވެ. އެ ގްރޫޕުން އެ ގޮތަށް ލަފާ ދިނީ، ކޮވިޑުން ދިފާއުވުމުގައި އިނގިރޭސި ވިލާތުގައި ކަންކުރަމުން އަންނަ ގޮތުގެ މައްޗަށް ބެލުމަށް ފަހުކަމަށް އިންޑިއާ ސަރުކާރުން ބުންޏެވެ.

ނަމަވެސް އެ ގުރޫޕްގެ ބައެއް މެމްބަރުން ބުނި ގޮތުގައި ސަރުކާރުން އެ ގޮތަށް ނިންމީ، ސައެންޓިފިކް ގުރޫޕްގެ އެއްބަސްވުމެއް އޮވެގެނެއް ނޫނެވެ. އަދި އެގޮތަށް ލަފައެއް ދެވޭ ވަރުގެ ސައެންޓިފިކް މައުލޫމާތެއް ލިބިފައިވެސް ނެތް ކަމަށް އެ މެމްބަރުން ބުންޏެވެ.

އެ ގުރޫޕްގެ މެންބަރުން ބުނި ގޮތުގައި އެސްޓްރާޒެނެކާގެ ދެ ޑޯޒްގެ ދެމެދު 8 ހަފުތާ އާއި 12 ހަފުތާއާ ދެމެދުގެ މުއްދަތަކަށް އިތުރުކުރުމާ މެދު އެ ގުރޫޕްގެ އެއްވެސް ދެބަސްވުމެއް ނެތެވެ. ސަބަބަކީ، އެ މިންވަރަށް މުއްދަތު އިތުރުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވެސް އިރުޝާދު ދީފައިވާތީ އެވެ. ނަމަވެސް 12 ހަފުތާގެ ފަހުން ދެ ވަނަ ޑޯޒް ޖެހުމުން، އޭގެ ފައިދާ ކުރާ މިންވަރާ ބެހޭ ސައެންޓިފިކް އެއްވެސް މައުލޫމާތެއް ލިބިފައި ނެތް ކަމަށް ވެސް އެ ގުރޫޕުން ބުނެ އެވެ.

"އަށް ހަފުތާ އިން 12 ހަފުތާ އަށް އިތުރުކުރުމަށް އަހަރެމެންގެ ވެސް މައްސަލައެއް ނެތް. ބާރަ ހަފުތާ އިން 16 ހަފުތާ އަށް އިތުރުކުރީ ސަރުކާރުން އަމިއްލަ އަށް. އެއީ ރަނގަޅު ގޮތަކަށް ވެސް ނޫނީ ގޯސް ގޮތަކަށް ވެސް ވެދާނެ. އެކަމުގެ މައުލޫމާތެއް ލިބިފައެއް ނެތް،" އެ ގުރޫޕްގެ މެންބަރެއް ކަމަށްވާ އެމްޑީ ގުޕްތާ ވިދާޅުވި އެވެ.

މެއި 15 ވަނަ ދުވަހު އިންޑިއާ ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސިއްހަތާ ބެހޭ ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާ މުއްދަތު އިތުރުކުރީ، ވެކްސިން މަދުވެގެން ނޫން ކަމަށާއި، އެ ގޮތަށް ނިންމީ ސައެންޓިފިކް ނިންމުމަކަށް ބިނާކޮށް ކަމަށެވެ.

އިންޑިޔާގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ބުނާ ގޮތުން، އެ ގައުމުގައި މިހާތަނަށް ޖަހާފައިވާ 257.5 މިލިއަން ވެކްސިން ޑޯޒްގެ ގާތްގަނޑަކަށް 90 ޕަސެންޓަކީ އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިނެވެ.

އިންޑިއާގެ މަޝްހޫރު، ވައިރަސްތަކުގެ ދިރާސާތަކާ ބެހޭ ސައެންސްވެރިޔާ ޝާހިދު ޖަމީލް ވިދާޅުވި ގޮތުގައި ކޮވިޑް ވެކްސިންގެ ދެ ޑޯޒް ދެމެދުގެ މުއްދަތު ދެ ގުނަ އިތުރުކުރަން ނިންމި ހަގީގީ ސަބަބު ސަރުކާރުގެ ފަރާތުން ސާފުކޮށްދޭން ޖެހޭނެ އެވެ.

"ކޮވިޑް ފެތުރޭ ގޮތާ މެދު އަހަރެމެންގެ ތެރޭގައި ވަރަށް ގިނަ ކަންބޮޑުވުންތައް ހުރި މި ދަނޑިވަޅުގައި، އަހަރެމެންގެ ވީހާ ގިނަ ރައްޔިތުންނަށް ވެކްސިން ދީ، އެމީހުން ބަލިން ދިފާއުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް،" ޝާހިދު ވިދާޅުވި އެވެ.

ޗައިނާގެ ވޫހާން ސިޓީން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފެނުނު ކޮވިޑް-19 ބަލި، ވަބާއެއްގެ ގޮތުގައި މުޅި ދުނިޔެ އަށް ފެތުރި، މިހާތަނަށް 177.4 މިލިއަނަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހި، އޭގެ ތެރެއިން 3.8 މިލިއަނަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

މިހާރު ދެ ވަނަ އަށް އެންމެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވަނީ އިންޑިޔާގަ އެވެ. އެ ގައުމުގައި 29.6 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، އޭގެ ތެރެއިން 379000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ. (އަލްޖަޒީރާ، ރޮއިޓާސް)

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފުރުސަތު

16 June 2021

އަދި މާ ލަހެއްނުވޭ ރާއްޖެ އިންޑިއާ ވެކްސިނުން ސަލާމަތްވާން. އެމީހުންގެ ފަރާތުން ލިބެންވާ ވެކްސިން ނުލިބުމަކީ ރާއްޖެއަށް އެހެން ގޮތެއް ހޯދުމަށް ލިބޭ ރަގަޅު ފުރުސަތެއް. އެހެން ގައުމެއްގެ ވެކްސިން ބޭނުންކޮށްގެން ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހުޅުވޭ ދޮރެއް. ކޮވިޝީލްޑް 1 ޑޯޒްޖަހާފަ ތިބި މީހުންނަށް އެހެން ވައްތަރެއްގެ ވެކްސިން ޑޯޒެއް ދީގެން ވާނުވާ ބަލާފަ އެކަން ކުރިއަށް ގެންދަން ވިސްނާނަމަ. ރައްޔިތުންގެ ސިއްހަތު ކުރިއަށް ނެރޭނަމަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454