މޯލްޑިވިއަންގެ ބޯޓެއް ވެލާނާ އެއާޕޯޓުގައި.---ފައިލް ފޮޓޯ: މިހާރު
17 ޖޫން 2021 - 10:53
ފްލައިން ސްކޫލެއް ހިންގުމަށް ރާއްޖޭގެ ކުންފުންޏަކާ އެކު 13 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މޫސާ ވަސީމް ވިދާޅުވީ ފްލައިން ސްކޫލު ހިންގުމަށް ޝައުގުވެރިކަން ފާޅުކޮށް ރާއްޖޭގެ ކުންފުންޏެއްގެ އިތުރުން އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި މެދުއިރުމަތީގެ ގައުމުތަކުން ހުށަހަޅާފައިވާ ކަމަށެވެ.
މޫސާ ވިދާޅުވީ އެ ފޯމުތައް މިހާރު އިވެލުއޭޓުކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތްތަކަށް ފަހު ބަލަނީ ވީހާ ވެސް އަވަހަކަށް ފްލައިން ސްކޫލު ފެށޭތޯ ކަމަށް އޭނާ ވިދާޅުވި އެވެ.
ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ ކުންފުނިން މި މަހުގެ ކުރީކޮޅުު ނެރުނު އިއުލާނުގައި ވަނީ މާލީގޮތުން ގާބިލު އަދި ފްލައިން ސްކޫލު ހިންގުމުގެ ތަޖުރިބާ ހުރި ރާއްޖެ އާއި ބޭރުގެ ކުންފުނިތަކަށް އެ ފުރުސަތު ދީފަ އެވެ. ނަމަވެސް ފްލައިން ސްކޫލެއް ހިންގުމުގެ ޝައުގުވެރިކަން ފާޅުކުރާއިރު، ގައުމުން ބޭރުގައި އެފަދަ ދެ ސްކޫލެއް ފެށުމުގެ ގާބިލުކަން ހުންނަން ޖެހޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ފާހަގަކޮށްފައިވެ އެވެ.
ރާއްޖޭގެ އެއާޕޯޓެއްގައި ފްލައިން ސްކޫލު ހިންގާނީ އެކަމަށް ހާއްސަކޮށްގެން އުފައްދާ ސަބްސިޑަރީ ކުންފުންޏަކުންނެވެ. އެތަން ހިންގާނީ މިނިވަންކަމާ އެކު ކަމަށް ވެސް އިއުލާނުގައި ވެ އެވެ.
ފްލައިން ސްކޫލެއް ހެދުމަށް ގައުމީ އެއާލައިން ހިންގާ ކުންފުނިން އިސްނެގީ، އައްޑޫ ފްލައިން ސްކޫލުގެ ހާލަތު ގޯސްވެ ދަރިވަރުން މާޔޫސްވެފައިވާ ދަނޑިވަޅެއްގަ އެވެ.
އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގެ ހާލަތު ބޮއްސުންލައިގެން ގޮސް އެ ތަން ބޭރުކުރުމަށް ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުން ގޮވާލާފައި ވެ އެވެ. އަދި ފްލައިން ސްކޫލު ހިންގުމަށް އެ ކުންފުންޏަށް ދީފައިވާ ހުއްދައިގެ މުއްދަތު ވެސް އަންނަ މަހު ހަމަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖެޓް ބޯއި
17 June 2021
ވަރަށް ބޮޑައް ހީވޭ ތިޔަހެން ވެދާނެހެން. ޔަގީނާ ގާތަށް ވަރަށް ހީވޭ.
ޖަހާންގީރު
17 June 2021
ތިފަދަ ފްލައިން ސްކޫލެއް ހުޅުވުމުގައި އަވަސް އަރުވާލައިގެން ކަމެއް ނުކުރެވޭ ޒާތުގެ ބަޔަކާއި ނަމަނަމަ ހަވާލު ނުކުރާތި. އަލުން ހަދާ ފްލައިން ސްކޫލްވާންވާނީ މުޅިދުނިޔޭގެ އެއްވަނައަށް.
ރަދީފްއޮފިޝިއަލް
17 June 2021
''ފްލައިން ސްކޫލު ހިންގުމަށް ޝައުގުވެރިކަން ފާޅުކޮށް ރާއްޖޭގެ ކުންފުންޏެއްގެ އިތުރުން އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި މެދުއިރުމަތީގެ ގައުމުތަކުން ހުށަހަޅާފައިވާ ކަމަށެވެ.'' އެންމެ ފަހުން އެނބުރެމުން ސެނބުރެމުން ގޮސް ލިބޭނީ އިންޑިޔާގެ ކައްޕަޅި ކުންފުންޏަކަށް ކަން ކަށަވަރު ޔަގީންވޭ.ވ.ވެދުން