އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ޝަރީފް. ޝަރީފް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަނުން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި --
23 ޖޫން 2021 - 13:27
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުސްވެފައިވާ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
އީސީގެ މެމްބަރު ކަމަށް ފުރުސަތު ހުޅުވައިލީ ކުރިން އެ ކޮމިޝަނުގެ ރައީސަކަށް ހުންނެވި އަހުމަދު ޝަރީފް މި މަހުގެ 15 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.
އެ ކޮމިޝަނުގެ މެމްބަރުކަމަށް އެދި ހުށަހަޅާ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.
އިލެކްޝަންސްގެ މެމްބަރަކަށް އެދި ހުށަހަޅަން ބޭނުންވާ މީހުން، މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިގުރާރުގެ އިތުރުން ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި އެއްވެސް ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް ސާފުކުރަން ޖެހޭ ފޯމު އަންނަ މަހުގެ 6-7 ގައި ބަލައިގަންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. ފޯމު ބަލައިގަންނާނީ އެ ދެ ދުވަހުގެ ހެނދުނު 10:30 އިން މެންދުރު 12:30 އަށެވެ.
ޝަރީފް އިސްތިއުފާ ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި، ކޮމިޝަނުގެ ރައީސްކަމާއި މެންބަރުކަމުން އިސްތިއުފާ ދެއްވަނީ އެ މަގާމުގައި އިހުލާސްތެރި މަސައްކަތްތަކެއް ކޮށްދެވިފައިވާ ކަމަށް ގަބޫލު ކުރެއްވެތީ އާއި އެހެން ބޭފުޅަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވިދާޅުވެފައިވެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ޝަރީފް އައްޔަނު ކުރައްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާޗު 6، 2018 ގައި އޭރު ރައީސްކަން ކުރެއްވި އަހުމަދު ސުލައިމާނު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy