ކުރީގެ އެންމެ މޮޅު ދުވުންތެރިން ކަމަށްވާ ނަސީރު އިސްމާއިލް (ކ) އާއި ކުޑަހުސެން
24 ނޮވެމްބަރ 2016 - 08:54
ދިރާގު ރޯޑް ރޭހުގެ ފަސް ކިލޯމީޓަރުގެ ދުވުން 16:31 މިނިޓުން ނިންމައިގެން ހުސެން ފަޒީލް ހަދާފައިވާ ރެކޯޑަށް ވުރެ އަަވަހަށް ފަސް ކިލޯމީޓަރު ދުވެފައި އޮންނާނެ ކަމަށް ބުނެ، ކުރީގެ ދުވުންތެރިޔާ ނަސީރު އިސްމާއިލް، އެތުލެޓިކްސް އެސޯސިއޭޝަނަށް ސެޓްފިކެޓެއް ހުށަހަޅައިފި އެވެ.
ރާއްޖޭގެ 800 މީޓަރު ދުވުމުގައި ފިރިހެނުންގެ ގައުމީ ރެކޯޑް އޮތް ނަސީރު ހުށަހެޅީ 1995 ގައި އޮތް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ސެޓްފިކެޓެވެ. އެ ސެޓްފިކެޓްގައި އޮތް ގޮތުން އޭނާ ވަނީ 5000 މީޓަރު (ނުވަތަ ފަސް ކިލޯމީޓަރު) 16:12 މިނިޓުން ނިންމައިފަ އެވެ.
މިހާރު އަރަމުން އަންނަ އުއްމީދީ ދުވުންތެރިޔާ ފަޒީލް، ނޮވެމްބަރު 11 ގައި އޮތް ދިރާގު ރޭހުގެ ފަސް ކިލޯމީޓަރު ދުވުން 16:31 މިނިޓުން ނިންމުމުގެ ކުރިން އެ ރާސްތާގެ ދުވުމުގެ ރެކޯޑް އޮތީ، އެތުލެޓިކްސް އެސޯސިއޭޝަނުން ކަނޑައަޅާފައިވާ ގޮތުގައި، ކުރީގެ އެއް ވަނަ މެރެތަން ދުވުންތެރިޔާ ހުސެން ހަލީމް (ކުޑަހުސެން)ގެ އަތުގަ އެވެ. އޭނާގެ ރެކޯޑް ކަމަށް ބަލާފައި އޮތީ، މީގެ 27 އަހަރު ކުރިން، 1989 ގައި ފަސް ކިލޯމީޓަރު ދުވެގެން ނިންމި 17:08 މިނިޓްގެ ވަގުތެވެ.
އެކަމަކު ނަސީރު ބުނާ ގޮތުގައި ފަސް ކިލޯމީޓަރުގެ ދުވުމުގެ ގައުމީ ރެކޯޑް އޮތީ އޭނާގެ އަތުގަ އެވެ. އެކަން ކަށަވަރުކޮށްދޭން އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ސެޓްފިކެޓް ހުށަހަޅާފައި ވިޔަސް އެއިން ނުކުންނަ އެހެން މައްސަލައެއް އެބަ އޮތެވެ. އެއީ އެ ސެޓްފިކެޓްގައި "5000 މީޓަރު" ޖަހާފައި އޮތުމެވެ. ފަސް ކިލޯމީޓާރައި 5000 މީޓަރަކީ އެއް ރާސްތާއަކަށް ވީ ނަމަވެސް އެއީ އެތުލެޓިކްސްގެ މިންގަނޑުން ބަލާއިރު ދެ ރޭހެކެވެ. އެގޮތުުން ޓްރެކުގައި އެ ރާސްތާ އަށް ދީފައިވާ ނަމަކީ 5000 މީޓަރެވެ. މަގުމަތީގައި ނަމަ އެއީ ފަސް ކިލޯމީޓަރުގެ ރޭހެކެވެ.
ނަސީރު ބުނަނީ ކުޑަހުސެން ހެދި ރެކޯޑް 1995 ވަނަ އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި 16:12 ދުވެ އޭނާ މުގުރާލީ، ޓްރެކްގައި ދުވެގެން ނޫން ކަމަށާއި މާލޭގެ މަގުތަކުގައި ދުވެގެން ކަމަށެވެ.
ނަސީރު ހުށަހެޅި ސެޓިފިކެޓުގައި 5000 މީޓަރު ދުވުމުގެ އިވެންޓްގެ އިތުރުން އެ އިވެންޓްގެ ގައުމީ ރެކޯޑް ކަމަށް ޖަހާފައި ވަނީ 1993 ގެ ސާފް ގޭމްސްގެ 5000 މީޓަރު ދުވުން 15:36 މިނިޓުން ނިންމައިގެން ހުސެން ރިޔާޒް (ބޭބެ ރިޔާޒް) ހެދި ރެކޯޑެވެ. އެހެންކަމުން ނަސީރު 1995 ގައި ދުވެފައި ވަނީ 5000 މީޓަރުތޯ ނުވަތަ ފަސް ކިލޯމީޓަރުގެ ރޭހެއްތޯ ކަށަވަރުކުރާނެ އެހެން ހެކިތަކެއް ބޭނުންވެ އެވެ.
ނަސީރު އިސްމާއިލްގެ ހުށަހަޅާފައިވާ ސެޓިފިކެޓް.
ނަސީރު ބުނީ 1995 ގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި އޭނާ ދުވި ރޭސް ބޭއްވީ މަގުމަތީގައި ކަމަށާއި ސެޓިފިކެޓުގައި 5000 މީޓަރުގެ ރޭހެއް ކަމަށް ޖަހާފައިވީ ނަމަވެސް އެއީ ފަސް ކިލޯމީޓަރުގެ ރޭހެއް ކަމަށެވެ. އަދި ސެޓިފިކެޓުގައި އެގޮތަށް ޖަހާފައިވަނީ އޮޅުމަކުން ކަމަށް ވެސް ނަސީރު ދެކެ އެވެ.
"އެސޯސިއޭޝަނަށް އޮޅިގެން އެގޮތަށް ޖެހިފައި އޮތް ކަމަށް އަޅުގަނޑު ބަލަނީ. އަސްލު އެއީ ފަސް ކިލޯމީޓަރުގެ ރޭހެއް. އެސޯސިއޭޝަނަށް ހެދޭ ގޯހަކުން އަޅުގަނޑަށް އޭގެ ގެއްލުމެއް ވެގެންނުވާނެ،" ނަސީރު ބުންޏެވެ.
"އޭރު އެ މައްސަލަ ނުޖެއްސީ އެހާ ބޮޑަށް މިކަން އޮންނަ ގޮތް ނޭނގޭތީ."
އެތުލެޓިކްސް ދާއިރާގައި އުޅޭ އިސް މީހަކު ބުނީ އޭރު 5000 މީޓަރުގެ ރޭސް ބާއްވަނީ ގަލޮޅު ދަނޑުގެ 200 މީޓަރުގެ ޓްރެކުގައި ކަމަށެވެ. އެހެންވެ އިވެންޓްތައް ބޭއްވުމުގައި ފަސޭހަކުރުމުގެ ގޮތުން ބައެއް ފަހަރު 5000 މީޓަރު ދުވުމުގެ ރޭސް މަގުމަތީގައި ވެސް ބާއްވާފައި އޮވެދާނެ ކަމަށް އޭނާ ބުންޏެވެ.
"މަގުމަތީގައި ބޭއްވިޔަސް އެއީ 5000 މީޓަރުގެ ރޭހެއްގެ ގޮތުގައި ކަނޑައަޅާފައި އޮތިއްޔާ އެވާނީ ހަމަ 5000 މީޓަރުގެ ރޭހަކަށް،" އޭނާ ބުންޏެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ އެސޯސިއޭޝަނުގައި ފަސް ކިލޯމީޓަރުގެ ރެކޯޑް ކަމަށް އޮތީ 1989 ގައި ކުޑަހުސެން ހެދި ރެކޯޑް ކަމަށާއި އޭގެ ފަހުން އެ ރެކޯޑް އާކޮށްފައި ވަނީ މި މަހު އޮތް ދިރާގު ރޭހުގައި ފަޒީލް ކަމަށެވެ.
"އެކަމަކު ފަޒީލުގެ ކުރިން ވެސް އެ ރެކޯޑް އެހެން ދުވުންތެރިޔަކު މުގުރާލާފައިވާ ކަމުގެ ވެލިޑް ލިޔުމެއް ހުށައަޅައިފިއްޔާ ބަދަލުވުމުގެ ފުރުސަތު އެބަ އޮތް،" ތޮލާލް ވިދާޅުވި އެވެ.
ފަޒީލް ދިރާގު ރޯޑް ރޭސް ނިންމަނީ: އޭނާ ރެކޯޑް ހެދީ މި ރޭހުގައި. --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
އޭނާ ވިދާޅުވީ ނަސީރު ހުށަހަޅާފައި ވަނީ 5000 މީޓަރުގެ ރޭހެއް ފުރިހަމަކުރިކަމުގެ ސެޓިފިކެޓެއް ކަމަށެވެ. އަދި އެ ސެޓިފިކެޓުގެ ތިރީގައި އެ އިވެންޓުގެ ގައުމީ ރެކޯޑް ކަމަށް ޖަހާފައި ވަނީ 1993 ގެ ސާފް ގޭމްސްގައި ބޭބެ ރިޔާ ހަދާފައިވާ 5000 މީޓަރުގެ ރެކޯޑުގެ ވަގުތު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ސެޓިފިކެޓް ވެރިފައިކުރަން ބަލާއިރު ސެޓިފިކެޓުގައި ޖަހާފައި އޮންނަނީ 5000 މީޓަރުގެ ރޭހެއް ކަމަށް އަދި އެ ސެޓިފިކެޓުގައި އިވެންޓުގެ ކުރީގެ ރެކޯޑުގެ ގޮތުގައި ޖަހާފައި އޮންނަނީ ވެސް 5000 މީޓަރުގެ ރެކޯޑް،" ތޮލާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެތުލެޓިކްސްގެ ބައިނަލްއަގްވާމީ މިންގަނޑަކީ ފަސް ކިލޯމީޓަރުގެ ރޭހެއް ނަމަ އޮންނާނީ މަގުމަތީގައި ކަމަށާއި އެކަމަކު އެ ރޭސް ބޭއްވީ މަގުމަތީގައި ކަން ވެރިފައިކުރެވޭނެ ގޮތެއް އަދި ނެތް ކަމަށެވެ.
"އަޅުގަނޑުމެންނަށް ރެކޯޑް ވެރިފައިކުރެވޭނީ ރަސްމީ ލިޔުމަކުން. ނަސީރު ފޮނުވި ލިޔުމުން އެނގެނީ އެއީ 5000 މީޓަރުގެ އިވެންޓެއް ކަމަށް. އެސޯސިއޭޝަނުގެ ވެސް އަދި އައިއޭއޭއެއެފްގައި ވެސް އޮތީ ރާއްޖޭގެ ފަސް ކިލޯމީޓަރުގެ ރެކޯޑް އޮތީ ކުޑަހުސެންގެ އަތުގައި ކަމަށް އަދި އެ ރެކޯޑް މުގުރާލި ކަމަށް އޮތީ ރޯޑް ރޭހުގައި ފަޒީލް،" ތޮލާލް ވިދާޅުވި އެވެ.
ފަޒީލަކީ ދިގު ދުވުންތަކުގައި މިހާރު އަރަމުން އަންނަ އެންމެ އުއްމީދީ ދުވުންތެރިޔާ އެވެ. އޭނާ އަށް ރަނގަޅު ތަމްރީން ލިބިއްޖެ ނަމަ އާ ރެކޯޑްތަކެއް ހެދިދާނެ ކަމަށް، ބައެއް ކޯޗުން ބުނެ އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދުވާ މީހާ
24 November 2016
އެހެންވީމާ ޤައުމީ ރެކޯރޑް އޮތީ ބޭބެ ރިޔާ އަތުގަތާދޯ. ދުވާ ތަން ތަފާތަކަސް ދެ ގޮތަށް ދުވިޔަކަސް ދުރުމިންވަނީ އެއްވަރު. އެހެންވީމާ ބުނެވޭނީ ތި ޑިސްޓަންސްގެ ރެކޯރޑް އޮތީ ބޭބެ ރިޔާ އަތުގައޭ. މި މެސެޖް ޖަހާލަދެއްޗޭ.
ކުޑަހުސެއިންބޭ
24 November 2016
ކުޑަހުސެއިންގެ ބަހެއް މި ލިޔުމުގަ ހިމަނާލިނަމަ ވަރަށް ރަގަޅުވީސް
ޙުސައިން
24 November 2016
އަދި ތަންކޮޅެއް އަވަސްހެން ހީވަނީ މިމައްސަލަ ޖައްސަން ގެއްލިފަ އޮވެފަ ފެނުނީ ތޯއްޗެއް.
ނަސީރު
24 November 2016
ކުރިންވެސް ނަސީރު އެވާހަކަ ދެއްކި..ހަމަޔަށް އަންނަންޖެހުނީ ކުޑަ ހުސެއިން އެގިއެގިހުރެ ފަޒީލް އައުކުރީ ތިމަންނަގެ ރެކޯރޑް އެކޭ ބުނީމަ
5000m
24 November 2016
5000m އަކީ 5K ދިގުމިން އެއްވަރު ތަފާތު ދެ ރޭހެއް 5000m ޤައުމީ ރެކޯރޑް އަކީި 15:36 5K ޤައުމީ ރެކޯރޑް 17:08 (ކުރީގެ ކުޑަހުސެއިންގެ ރެކޯރޑް) 5000m ޓްރެކްގައި 15:36 ދުވާމީހަކަށް މަގުމަތީގައި 17:08 ނުދުވެވޭނެކަމަށް ގަބޫލެއްނުކުރެވޭ......ވީއިރު ނަސީރުގެ ޑިމާންޑް ގަބޫލްކުރެވޭ
ދުވުންތެރިޔާ
24 November 2016
15:36 ދުވެފަވަނީ ނަސީރެއް ނޫން. ރަގަޅަށް ޗެކްކޮށްލުން އެދެން
5000m
24 November 2016
މިބުނަނީ ބޭބެ ރިޔާއަށް 5k 17.08 ނުދުވެވޭނެކަމަށް ގަބޫލްކުރުމަކީ މޮޔަކަމެކޭ.......ދުވުމަކީ ކޯއްޗެއްކަން އިގޭމީހެއްނަމަ ގަބޫލް ކުރާނެ ޓްރެކްގަ 5000m ދުވުމައްވުރެ މަގުމަތީގަ 5000m) 5k) ދުވަން ފަސޭހަވެފަ ޓައިމިންވެސް އަވަސްވާަނެކަން... .ސިންޕަލް ލޮޖިކް މި އަހަރުގެ ޤައުމީ މުބާރާތުގައި 5000m ދުވުމުން އެއްވަނަ ފަޒީލް ހޯދީ 16.45 ދުވެގެން ހަމަ މި އަހަރު ދިރާގް ޗެެރިޓީ ރޯޑް ރޭހުގަ 5k ދުވުމުން އެއްވަނަ ފަޒީލް ހޯދީ 16.12 މިއިން ސާބިތުވާަ އެއްކަމަކީ 5000m ޓްރެކުގައި ދުވުމަށްވުރެ 5000M މަގުމަތީގައި ދުވާ ޓައިމިން އަވަސް ވާނެކަން
ޝާފިއު
24 November 2016
މިލިޔުމުގައި ބޭބޭ ރިޔާޒް ހެދި ރިކޯޑް އެއީ ރިކޯޑެއް ކަމެއް ނުވަތަ ނޫން ކަމެއްގެ ވާހަކަ ދެކެވިފައި ނެތީމަ ލިޔުން ފުރިހަމައެއް ނޫޏް
ރެކޯރޑު
24 November 2016
އެރެކޯރޑުގެ ވާހަކަ ލިޔުމުގައި އައިސްފައި ނުވަނީ މީ މަގުމަތީ 5ކިލޯ މީޓަރ ދުވެ ހަދާފައިވާ ރެކޯރޑަކާއި ދެމީހަކު ތަޅާވާހަކަ ލިޔެވިފައި ލިޔުމަކަށް ވާތީ. ބޭބެ ރިޔާ ހަދާފައިވަނީ ޓްރެކުގައި ދުވެގެން ހަދާފައިވާ 5000މީޓަރ ދުވުމުގެ ރެކޯރޑެއް. އެރެކޯޑު އަދި އެއްވެސް މީހަކަށް މުގުރާލެވިފައި ނުވޭ
ފޭސްބުކް
24 November 2016
ނަސީރުތީ މޮޅު ކޯޗެއް ނަމަވެސް އެހެން މީހަކަށް މޮޅެއް ލިބެން ބޭނުންނުވާތާ އެހެން މީހުންގެ ކާމިޔާބީ ޝެއާ ކުރާއިރުވެސް މީނާގެ މޮޅުވާހަކަ ލިޔެފަ އޮންނަނީ..އަދި އެތްލެޓިކްސް އެސޯސިއޭޝަންއާއި ޒާތީގޮތުން ޖައްސާލައިފައި ހުންނަކަން ޕޯސްޓްތަކުން ދޭހަވޭ..ކޮންމެއަކަސް ނަސީރުވެސް ވިސްނަންވީ ޒަމާން ބަދަލު ވެއްޖެކަން..ޒުވާން ދުވުންތެރިން ކުރީގެ ރެކޯޑްތައް މުގުރަމުން އަންނަކަން..އެއީ އެކަން އޮންނާނެ ގޮތަކީވެސް..އެހެން ނޫންނަމަ ކޯޗް ހެދިގެން ކޮންމެ ދުވަހަކު ޓްރެކަށް ގޮސް އެތައް ބަޔަކަށް ކީއްކުރަން ދޭ ޓްރެއިނިންގ އެއްތަ؟ ވަރަށް ބޮޑަށް ޝުކުރިއްޔާ..!!
މަންސޫރު
24 November 2016
ރޭސް ބޭއްވީ މަގުމަތީގައި ކަމެއް ޓުރެކްގައި ކަމެއް ވެރިފައި ކުރެވޭނެ ގޮތެއް ނެތޭ؟ ފޮޓޯ، ވިޑިއޯ އަދި އޮފިޝަލް ޑޮކިއުމެންޓްސް ވެސް ހުއްނާނެ އެންނު؟ މިއީ 1995 ގައި އޮތް ރޭހެއް. 1395 ގައެއް ނޫން. ކީއްވެ މިވަރު ކަމެއް ޔަގީނުން ނޭންގެންވީ؟
ރަދީފް
24 November 2016
ޓީވީއެމްގެ އާކައިވްގަ ހުންނާނެ.މަންސޫރު 1995 ވަނަ އަހަރު އުޅުނީ ބޭބީ ނާސަރީގަ ވީމަ ނޭނގިއޮވެދާނެ.މިއީ 2016 އިނގޭތޯ.
އަލީ
24 November 2016
އަނހާ މަންސޫރުނޫން މިފަހަރު މިގޯސްވީ.