ގެރެތު ބޭލް، އޭނާ ކްލަބު ފުޓްބޯޅައިން ރިޓަޔާ ކުރަނީ --- ފޮޓޯ: އޭއެފްޕީ
07 ޖުލައި 2021 - 10:55
ކާޑިފް (ޖުލައި 7) - ރެއާލް މެޑްރިޑާ އެކު ގެރެތު ބޭލް ހަދައިފައިވާ ކޮންޓްރެކްޓް އަންނަ އަހަރު ހަމަވުމުން ކްލަބު ފުޓްބޯޅަ އިން ރިޓަޔާކުރަން އުޅޭ ކަމަށް އިނގިރޭސިވިލާތުގެ ޑެއިލީ މިރާ ނޫހުން އެކްސްކޫލްސިވުކޮށް ރިޕޯޓް ކޮށްފި އެވެ.
މިރާ އިން ބުނެފައި ވަނީ އަންނަ އަހަރު ޖޫން މަހަށް ފަހު ކްލަބު ފުޓުބޯޅަ އިން ރިޓަޔާ ކުރަން ބޭލް ވިސްނަމުންދާ ކަމަށެވެ. ނަމަވެސް ވޭލްސްގެ ގައުމީ ޓީމަށް ކުޅުމުގައި އޭނާ ދެމިހުންނާނެ އެވެ.
ވޭލްސްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު އޮތް ބޭލްގެ ޓާގެޓަކީ އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑު ކަޕުގައި ވޭލްސް ޓީމަށް ކުޅުމެވެ. އޭނާ އުންމީދު ކުރަނީ ވޭލްސް ވޯލްޑް ކަޕަށް ކޮލިފައި ވާނެ ކަމަށެވެ.
ރެއާލްއާ އެކު ބޭލްގެ ކޮންޓްރެކްޓް ހަމަވާނީ އަންނަ އަހަރުގެ ޖޫން 30 ގަ އެވެ. ވޯލްޑް ކަޕް ކުޅޭނީ ނޮވެމްބަރު 21 އިން ޑިސެމްބަރު 18 އަށެވެ.
ލޯން އުސޫލުން މިދިޔަ ސީޒަންގައި އޭނާ ކުޅުނީ ޓޮޓެންހަމް ހޮޓްސްޕާސް އަށެވެ. އޭގެ ކުރީގެ ސީޒަންގައި ޒައިނުއްދީން ޒިދާންގެ ކޯޗުކަމުގައި ބޭލް އަށް ރެއާލުން އެހާ ގިނަ ފުރުސަތެއް ނުލިބުނެވެ. އޭނާގެ އުންމީދަކީ މިހާރުގެ ކޯޗު ކާލޯ އަންޗެލޯޓީގެ ކޯޗުކަމުގެ ދަށުން ކުރިއަށް އޮތް ސިޒަންގައި ގިނަ މެޗުތަކެއް ކުޅުމެވެ.
ޔޫރޯގެ ދެ ވަނަ ބުރަށް ވޭލްސްއާ އެކު ބޭލް ދަތުރުކުރި އެވެ. އަންނަ ހަފުތާގައި 32 އަހަރު ފުރޭ ބޭލް މިހާރު ހުރީ ޗުއްޓީގަ އެވެ. އޭގެ ފަހުން ޕްރީ ސީޒަންގައި ރެއާލްގެ ސްކޮޑާ އޭނާ ގުޅޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭބީ
07 July 2021
ހޮޅި ވާހަކަނުދައްކާ. ކުލަބު ފުޓްބޯޅަ ނުކުޅޭ މީހަކަށް ގައުމީ ޓީމުން ފުރުސަތެއް ނުލިބޭނެ.