އީޝާ.
13 ޖުލައި 2021 - 07:00
ކެރިއަރުގެ ކުރީކޮޅު ކުޅޭނެ ފިލްމެއް ނުލިބި ބޮލީވުޑުން ގެއްލިފައި ވަނިކޮށް މިހާރު އަލުން އަނެއްކާ ވެސް އެކްޓިން އަށް ނުކުންނަން މަސައްކަތްކުރަމުން އަންނަ ބަތަލާ އީޝާ ޑިއޯލް އަމިއްލަ ފިލްމު ކުންފުންޏެއް ހަދައި، ފިލްމު ޕްރޮޑިއުސްކުރަން ނިންމައިފި އެވެ.
ކުރީގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ދަރްމެންދުރާ އާއި ހެމާ މާލިނީގެ ދޮށީ އަންހެން ދަރިފުޅުގެ ފިލްމު ކުންފުނީގެ ނަމަކީ ބާރަތު އީޝާ ފިލްމްސް (ބީއީއެފް) އެވެ. ބާރަތު އަކީ އީޝާގެ ފިރިމީހާގެ ނަމެވެ.
އެ ކުންފުނިން ހަދަން ނިންމި ފުރަތަމަ ފިލްމަކީ އީޝާ ބަތަލާގެ ރޯލު ވެސް ކުޅޭ "އޭކް ދުއާ" އެވެ. މި ފިލްމު ހަދަން ނިންމާފައި ވަނީ ބީއީއެފާއި އެސޯޓެޑް މޯޝަން ޕިކްޗާޒް ގުޅިގެންނެވެ.
ރާމް ކަމަލް މުކަރްޖީ ޑައިރެޓްކުރާ ފިލްމާ ބެހޭ އިތުރު ތަފުސީލުތަކެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު "އޭކް ދުއާ" އަކީ ކަލާޒް ޗެނެލްގެ ޑިޖިޓަލް ޕްލެޓްފޯމް ވޫޓް ސިލެކްޓަށް ގެންނާނެ ވެބް ފިލްމެކެވެ.
މި ފިލްމު ޑައިރެކްޓްކުރާ ރާމް އަކީ އީޝާ 2019 ގައި ފެނިގެން ދިޔަ ކުރު ފިލްމު "ކޭކްވޯކް" ގެ ޑައިރެކްޓަރެވެ.
މަޝްހޫރު ތަރިން ކަމަށްވާ ސަނީ އާއި ބޮބީ ޑިއޯލްއާ އެއްބަފާ އީޝާ އަމިއްލަ ފިލްމު ކުންފުންޏެއް ހެދި އިރު، މިފިޔަ ހަފުތާގައި އޭނާ ވަނީ އަޖޭ ދޭވްގަންގެ ވެބް ސީރީޒް "ރުދުރާ: އެޖް އޮފް ޑާކްނެސް" އަށް ވެސް ސޮއިކޮށްފަ އެވެ. އީޝާ އެންމެ ފަހުން ފެނިފައިވާ ހިންދީ ފީޗާ ފިލްމަކީ މަންމަ ހެމާ ޑައިރެކްޓްކޮށް 2011 ގައި ގެނެސްދިން "ޓެލް މީ އޯ ޚުދާ" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy