މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ދީޕިކާ.

ވަރުގަދަ ތިން ތަރިން ކަމަށްވާ އަމީތާބް ބައްޗަން އާއި ދީޕިިކާ ޕަދްކޯންގެ އިތުރުން ޕްރަބާސް ކުޅޭ ބޮޑު ފިލްމުގެ ޝޫޓިން ހޮނިހިރު ދުވަހު ހައިދަރުއާބާދުގައި ފަށައިފި އެވެ.

ދެހާސް ނަވާރައިގެ ފަހުކޮޅު އިއުލާންކުރި ފިލްމުގެ ޝޫޓިން ފެށި ނަމަވެސް އޭގެ ނަން އަދިވެސް އިއުލާންކޮށްފައެއް ނުވެ އެވެ. ބޮޑު ބަޖެޓަކުން ހަދާ ސައިންސް ފިކްޝަން ޖޯންރާގެ ފިލްމުގެ މަސައްކަތް ފެށީ ނަމަކަށް "ޕްރޮޖެކްޓް ކޭ" ގެ ހިމަނައިގެންނެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ އެންމެ ހުނަރުވެރި ޑައިރެކްޓަރުންގެ ތެރޭގައި ހިމެނާ ނަގް އަޝްވިން އެވެ. އޭނާ އަކީ ތެލެގޫ ބަތަލާ ކީރްތީ ސުރޭޝް އަށް އެންމެ މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ލިބުނު 2018 ގެ ފިލްމު "މަހާނަތީ" ގެނެސްދިން ޑައިރެެކްޓަރެވެ.

"ބާހްބަލީ" ކުޅުނު ޕްރަބާސްްއާ އެކު އަމީތާބާއި ދީޕިކާ ފިލްމެއް ކުޅޭ އިރު، ބޮލީވުޑްގެ މި ތަރިން ކުރިން އެކީގައި 2015 ގެ "ޕީކޫ" ގައި ވެސް މަސައްކަތްކުރި އެވެ. "ދި އިންޓާން" އަކީ ވެސް ދީޕިކާ އާއި އަމީތާބް އެކީގައި ފެންނާނެ ފިލްމެކެވެ.

އޮނީރްގެ "އައި އޭމް" ގެ ސީކްއެލްއެެއް

ޑައިރެކްޓަރު އޮނީރު 2010 ގައި ގެނެސްދިން އެންތޮލޮޖީ ފިލްމު "އައި އޭމް" ގެ ސީކްއެލްއެއް ހަދަން ނިންމައި އެއަށް ކާސްޓުން ނެގުމުގެ މަސައްކަތް ފަށައިފި އެވެ.

"ވީ އާ" ގެ ނަމުގައި ހަދާ ފިލްމަށް ނެގި ތަރިންގެ ތެރޭގައި ވެބް ސީރީޒް "ސެކްރެޑް ގޭމްސް" އާއި ފިލްމު "ޖަވާނި ޖާނެމަން" ގެ ރޯލެއް ކުޅުނު ކުބްރާ ސައިތުގެ އިތުރުން "ދަ ގްރޭޓް އިންޑިއަން ޝެފް" އާއި "މަލިކް" ފަދަ މަލަޔާޅަމް ފިލްމުތައް ކުޅުނު ނިމިޝާ ސަޖާޔަން ހިމެނެ އެވެ.

އޮނީރު ބުނި ގޮތުގައި "ވީ އާ" ގެ ސްކްރިޕްޓް ފައިނަލްކުރުމަށް ފަހު، ކާސްޓުން ނަގަމުން އަންނަ އިރު، ވަރަށް އަވަހަށް ފިލްމުގެ ޝޫޓިން ވެސް ފަށާނެ އެވެ.

ހަތަރު ސެގްމަންޓަކާ އެކު ގެނެސްދިން "އައި އޭމް" ގެ ކާސްޓްގައި ޖޫހީ ޗާވްލާ، މަނީޝާ ކޮއިރަލާ، ރާހުލް ބޯސް، ނަންދިތާ ދާސް، ސަންޖޭ ސޫރީ ޕޫރަބް ކޯލީ އަދި ރާދިޕާ އަޕްޓޭ ހިމެނެ އެވެ.

"މައި ބްރަދާ...ނިކިލް" އާއި "އަބް ބަސް" އަދި "ޝަބް" ފަދަ ފިލްމުތައް ގެނެސްދިން އޮނީރުގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ ރޮމޭންޓިކް ޑްރާމާ "ކުޗް ބީގޭ އަލްފާޒު" އެވެ.

"ބޫޖް" ގެ ލަވައެއް

އަންނަ މަހުގެ 13 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރާ އަޖޭ ދޭވްގަންގެ ފިލްމު "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ގެ ލަވައެއް ދައްކާލައިފި އެވެ.

އަޖޭ އާއި ބަތަލާ ޕްރަނީތާ ސުބާޝް ފެނިގެންދާ ލަވައިގެ ނަމަކީ "ހަންޖޫގަމް" އެވެ. ގޯރަވް ދާސްގުޕްތާގެ މިއުޒިކަށް ހަދާފައިވާ ލަވަ ކިޔާފައި ވަނީ ޖުބިން ނޯޓިޔާލް އެވެ.

އަބީޝެކް ދުދައްޔާ ޑައިރެކްޓްކޮށްފައިވާ "ބޫޖް" ގެ ކާސްޓްގައި ސަންޖޭ ދަތާއި ސޮނާކްޝި ސިންހާ އާއި އައްމީ ވާކް އަދި ނޯރާ ފަތުހީ ވެސް ހިމެނެ އެވެ.

ފަރާގެ ލަވައެއްގައި ސޯނޫ

އެކްޓަރު ސޯނޫ ސޫދު ހިމަނައިގެން ޑައިރެކްޓަރު/ކޮރިއޮގްރާފަރު ފަރާ ޚާން ވީޑިއޯ ލަވައެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

ޕަންޖާބްގައި ލަވައިގެ ޝޫޓިންގެ ތެރޭގައި ނަގާފައިވާ ފޮޓޯތައް ފަރާ އާއި ސޯނޫގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައިވެ އެވެ. މި ލަވަ އަކީ ކުރީގެ ވަރަށް މަޝްހޫރު ލަވައެއް ކަމަށްވާ " މް ތޮ ތެހެރެ ޕަރުދޭސީ" ގެ އާ ވާޝަނެކެވެ. ލަވައިގެ މަސައްކަތްކުރަމުން ދިޔަ ނަމަވެސް ލަވަ އާންމުކުރާނެ އިރެއް އަދި ހާމައެއް ނުކުރެ އެވެ.

ސޯނޫ ކުރިން ވެސް ފަރާއާ އެކު މަސައްކަތްކޮށްފައިވެ އެވެ. އެއީ ފަރާ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމު 2014 ގެ "ހެޕީ ނިއު އިޔާ" ގަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454