ދުނިޔެ / އަފްޣާނިސްތާން

ތާލިބާނުން ކާބުލް އަށް ވަންނަން ފަށައިފި، އެމެރިކާ ރައްޔިތުން ބާލަނީ

15 އޯގަސްޓް 2021 - 16:14

5 comments

އަފްގާނިސްތާނުގެ ހަތަރު ވަނަ އަށް އެންމެ ބޮޑު ސަހަރު ކަމަށްވާ މަޒާރެ ޝަރީފް އާއި އިރުމަތީގެ މުހިންމު ސަހަރެއް ކަމަށްވާ ޖަލާލް އާބާދު ހިފުމަށް ފަހު، ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން ވެރިރަށް ކާބުލް އަށް ވަންނަން ފަށައިފި އެވެ.

ތާލިބާންގެ ހަނގުރާމަވެރިން މަޒާރެ ޝަރީފް ހިފީ، އަފްގާނިސްތާނު ސަރުކާރު ސިފައިންނާ ދެކޮޅަށް އިއްޔެ ދިން ހަމަލާތަކަށް ފަހު މާ ގިނަ އިރުތަކެއް ނުވަނީހެވެ. އެ ސަހަރު ހިފުމަށް ތާލިބާނުން ކުރި ހަނގުރާމައިގައި ސަރުކާރު ސިފައިންގެ ފަރާތުން މާ ބޮޑު ރައްދެއް ކުރިމަތިނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

މަޒާރެ ޝަރީފް ހިފިތާ 24 ގަޑިއިރު ވެސް ނުވަނީސް، މިއަދު ހެނދުނު ޖަލާލް އާބާދު ހިފީ އެއްވެސް ކުރިމަތިލުމެއް ނުހިނގަ އެވެ. ތާލިބާންގެ ހަނގުރާމަވެރިން ޖަލާލް އާބާދަށް ވަދެގެން ދިޔައިރު، އެ ސަހަރުގެ ތެރެއިން، ސަރުކާރު ސިފައިންގެ އެއްވެސް މީހަކު ނުފެންނަ ކަމަށްވެ އެވެ. ޖަލާލް އާބާދަކީ އަފްގާނިސްތާނާއި ޕާކިސްތާނު ގުޅުވައިދޭ މައި މަގު އޮންނަ ސަހަރެވެ.

އަފްގާނިސްތާނުގެ ދާހިލީ ވުޒާރާއާ ހަވާލާދީ އަލްޖަޒީރާ ޓީވީ ޗަނަލުން ބުނާ ގޮތުގައި ތާލިބާންގެ ހަނގުރާމަވެރިން މިހާރު މަސައްކަތް ކުރަމުން ދަނީ، ކާބުލް އަށް ވަދެގަތުމަށެވެ. ތާލިބާންގެ ހަނގުރާމަވެރިން ކާބުލްގެ ވަށައިގެންވާ ހުރިހާ ސަރަހައްދަކުން ކާބުލްއާ ކައިރި އަށް ޖެހެމުން އަންނަ އިރު، ކާބުލް ދޫކޮށް ނުކުމެގެން ދާން ބޭނުންވާ މީހުންނަށް އެކަމަށް ފުރުސަތު ދޭނެ ކަމަށް ތާލިބާނުން ބުނެ އެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވި ތާލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވިދާޅުވި ގޮތުގައި، ކާބުލް އިން ނުކުންނަން ބޭނުންވާ މީހުންނަށް އެކަމަށް މަގު ފަހިކޮށްދިނުމަށް. ކާބުލްގެ ކައިރީގައި ތިބި ތާލިބާންގެ ހަނގުރާމަވެރިންނަށް މިހާރު ވާނީ އަންގައިފަ އެވެ. އަދި އެއްވެސް ގޮތަކަށް ބާރުގެ ބޭނުންކޮށްގެން ކާބުލްއަށް ނުވަނުމަށް ވެސް ވާނީ އަންގާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ތާލިބާންގެ ހަނގުރާމަވެރިން ކާބުލް ހިފުމަށް ތައްޔާރުވަމުން ދާއިރު، ރައީސް އަޝްރަފް ގަނީ އިއްޔެ ވަނީ ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ، ގައުމުގެ މިހާރުގެ ހާލަތާ ބެހޭ ގޮތުން ގައުމުގެ ސިޔާސީ ލީޑަރުންނާއި ގަބީލަތަކާއި ދަރިކޮޅުތަކުގެ އިސް ވެރިންނާ އެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ. އޭގެ އިތުރުން ބައިނަލްއަގުވާމީ ސިޔާސީ ލީޑަރުންނާ އެކުވެސް މަޝްވަރާ ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތާލިބާން ޖަމާއަތާ ގުޅުން ހުރި ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި އެ ޖަމާއަތުގެ ބައެއް ހަނގުރާމަވެރިން، އެއްވެސް ދިފާއީ ކުރިމަތިލުމަކާ ނުލައި މިހާރު ކާބުލް އަށް ވަދެއްޖެ އެވެ. ނަމަވެސް، މިނިވަން އެއްވެސް މަސްދަރަކުން އަދި އަފްގާން ސަރުކާރުން ވެސް އެކަން އަދި ކަށަވަރެއް ނުކޮށްދެ އެވެ.

އަނެއްކޮޅުން ތާލިބާނުން މިއަދު ވަނީ ކާބުލްގެ ރައްޔިތުން ހަމަޖެހިގެން ތިބުމަށް ގޮވާލައި ބަޔާނެއް އާންމުކޮށްފަ އެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ތާލިބާން ޖަމާއަތް ކާބުލްއާ ހަމައަށް އައީ ސުލްހައިގެ މެސެޖަކާއިގެންނެވެ. އެހެންކަމުން ކާބުލްގެ ރައްޔިތުން ހަމަޖެހިގެން ތިބުމަށާއި އެއްވެސް މީހަކު ބިރު ނުގަތުމަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

ތާލިބާނުން ބުނި ގޮތުގައި، ބާރުގެ ބޭނުންކޮށްގެން ކާބުލްގެ އެއްވެސް ސަރަހައްދަކަށް ނުވަނުމަށާއި ބާރުގެ ބޭނުންކޮށްގެން ކާބުލް ހިފަން މަސައްކަތް ނުކުރުމަށް، އެ ޖަމާއަތުގެ ހަނގުރާމަވެރިންނަށް ވާނީ އަންގައިފަ އެވެ.

"އެއްވެސް ފުރާނައެއް ނުގެއްލޭނެ ގޮތުގެ މަތިން، އަދި އެއްވެސް މީހެއްގެ މުދަލާއި އެއްވެސް މީހެއްގެ ކަރާމާތްތެރިކަން ވެސް ނުގެއްލި، ކާބުލް ރައްޔިތުންގެ ފުރާނައަށް ވެސް ގެއްލުމެއް ނުވާނެ ގޮތުގެ މަތިން، ވެރިކަން ބަދަލުކުރެވޭނެކަން ކަށަވަރުކުރުމުގެ މަޝްވަރާތައް މިހާރު މިގެންދަނީ ކުރަމުން،" ތާލިބާނުންގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު މިއަދު ނެރުއްވި ފުރަތަމަ ބަޔާނުގައިވެ އެވެ.

މިއަދު ނެރުނު ދެ ވަނަ ބަޔާނުގައި ތާލިބާނުން ވަނީ ކާބުލްގެ ވިޔަފާރިތަކާއި ބޭންކުތަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އޮންލައިންކޮށް ނެރުނު އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ބޭންކުތަކާއި ފިހާރަތަކާއި ހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަނާއި ވިޔަފާރި ކުންފުނިތައް ހިންގާ މީހުންގެ މުދަލާއި ފައިސާ އަށް އަދި އެ ތަންތަނަށް ވެސް، ހަނގުރާމަވެރިންގެ ފަރާތުން އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ އެވެ.

ކާބުލްގެ އާންމު ރައްޔިތުންނަށް އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް ތާލިބާނުން ބުންޏަސް، އަދި ކާބުލް އޮތީ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށް ސަރުކާރުން ބުނިކަމުގައި ވިޔަސް، އާންމު ރައްޔިތުން އެކަން ގަބޫލެއް ނުކުރެ އެވެ. ޖަލާލް އާބާދު ހިފުމަށް ފަހު، ތާލިބާންގެ ހަނގުރާމަވެރިން ކާބުލް އަށް ވަންނަން ފެށުމާއެކު، ކާބުލްގެ ފިހާރަތަކާއި ހޮޓާތައް ބަންދުކޮށް، އާންމުން ވަނީ ގެތަކަށް ވަދެ ތަޅުލައިފަ އެވެ.

"އަހަރެމެންނާ ދެކޮޅަށް ހަނގުރާމަކުރަން ބޭނުންވާ މީހުންނަށް ބުނެލާނީ އެކަން އެ ގޮތަށް ނުކުރާށޭ. އެމީހުންނަށް ވެސް އާދައިގެ ރައްޔިތުންގެ ގޮތުގައި ސުލްހަވެރިކަމާ އެކުގައި ދިރިއުޅެވޭނެ. އެމީހުންނަށް ހިމާޔަތް ލިބޭނެ. އަހަރެމެން އެއިން އެއްވެސް މީހެއްގެ މާޒީއާ ބެހޭ ގޮތުން ސުވާލެއް ނުކުރާނަން. އަހަރެމެން ކާބުލް ހިފަން ބޭނުންވަނީ ސުލްހަވެރިކަމާ އެކުގައި. އަހަރެމެން ދެކެ އެކަކުވެސް ބިރުގަންނާނެ ކަމެއް ނެތް، އަހަރެމެންނަކީ ހަމަ އާދައިގެ ރައްޔިތުން. ސަރުކާރުގައި މަސައްކަތް ކުރި މީހުންނަށް، އަސްކަރިއްޔާ އާއި އެނޫން އޮފީސްތަކުގައި މަސައްކަތް ކުރި މީހުންނަށް ވެސް އަހަރެމެން މައާފް ކުރާނަން، އެ ހުރިހާ މީހުންނަކީ ވެސް އަހަރެމެންގެ އަޚުން،" ތާލިބާނުންގެ ބަޔާނުގައިވެ އެވެ.

އިއްޔެ އާއި ރޭ ވެސް ގިނަ އަދަދެއްގެ ބަޔަކު ކާބުލްގެ އޭޓީއެމްތައް ކައިރީގައި ދިގު ކިޔޫތަކުގައި ތިބެގެން، ފައިސާ ނަގައި ރައްކާކުރި އެވެ. އަދި ކާބޯތަކެއްޗާއި ތެލުގެ ބާވަތްތައް ވެސް ގިނަ އަދަދަކަށް ގަނެ ގެތަކަށް ވެއްދި އެވެ.

ތާލިބާންގެ ބައެއް ހަނގުރާމަވެރިން މިހާރު ކާބުލްގެ ބައެއް ސަރަހައްދުތަކަށް ވަދެ ތިއްބަސް، ސަރުކާރުގެ އޮފީސްތަކާއި ވެރިރަށުގެ ގޮތުގައި ބަލާ ސަރަހައްދަށް، ތާލިބާނުން އަދި ނުވަދެ އެވެ.

މިއަދު މެންދުރުވި އިރު، އަފްގާނިސްތާނުގެ 34 ޕްރޮވިންސްގެ ތެރެއިން އެންމެ ފަސް ޕްރޮވިންސް ފިޔަވައި އެހެން ހުރިހާ ސަރަހައްދެއް ވަނީ ތާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.

އަނެއްކޮޅުން އެމެރިކާ އޮފިޝަލަކު ސީއެންއެން އަށް ކިޔައިދިން ގޮތުގައި، ކާބުލްގައި ހުރި އެމެރިކާ އެމްބަސީގެ ހުރިހާ މުވައްޒަފުން އެގައުމުން ބޭރުކުރުމުގެ މަސައްކަތް ވަރަށް އޮމާންކަމާ އެކު ކުރިއަށް އެބަދެ އެވެ. އަދި މިއަދު ހުރިހާ އެންމެން ވެސް ކާބުލް އިން ބޭރުކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ކާބުލްގެ މެދުތެރޭގައި ހުންނަ އެމްބަސީން ކާބުލްގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް، އެމްބަސީގެ މުވައްޒަފުން އުފުލަނީ އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރުތަކުގަ އެވެ. އެމެރިކާ އިން ބުނާ ގޮތުގައި، އެންމެ ފުރަތަމަ އެއާޕޯޓަށް ގެންދާނީ އެމްބަސީގެ މުވައްޒަފުންނެވެ. އެއަށް ފަހު އަފްގާނުގައި ތިބި އެމެރިކާ ރައްޔިތުންނެވެ. އަދި ހާއްސަ ވިސާގެ ދަށުން އެމެރިކާ އަށް ދިރިއުޅުން ބަދަލުކުރާ، އަފްގާނު ރައްޔިތުންނެވެ. މިވަގުތު ކާބުލް އިން ބޭރުކުރަން ހަމަޖެހިފައިވާ އެންމެން އެގައުމުން ބޭރުކުރެވެންދެން، މި މަސައްކަތް ކުރިއަށް ދާނެ ކަމަށް އެމެރިކާ ސަރުކާރުން ބުނެ އެވެ.

5 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 56%
icon sad icon sad 22%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަކުނި.

15 August 2021

ރަތްލާޖެހި ޓެރަރިސްޓުންގެ އަތްމައްޗަށް އަފްޣާނިސްތާނު ދިއައީ. ދެން އޮންނާނީ އަންހެނުންގެ ހައްގުތަކަށް އަރައިގަތުމާ ދީނުގެ ނަމުގާ އަނިޔާވެރިކަން ކުރިއަށް ނެރުން. ތިއީ އެމެރިކާގެ ރޭވުމެއް. އަދި ހަމަ ތިއަތަނުން ތާލިބާނުންނާ ހަނގުރާމަ ކުރާނެ ޖަމާޢަތްތައް ވެސް އުފައްދާނެ. އެއީ ހަތިޔާރު ވިއްކަން.

The name is already taken The name is available. Register?

ލަވްދަވޭ

15 August 2021

އަފްއާން ތާލިބާނުން އެމެރިކާ މައްޗަށް 20 އަހަރު ދުވަސް ތެރޭގައި ހޯދި ކުރިއެރުމަކީ އެއީ މުޅި އިސްލާމީ އުއްމަތް އެކަމަށް ފަކްރުވެރިވާނެ ކަމެކޭ

The name is already taken The name is available. Register?

ބުރުވާލިބާގިރުގެ ސިޔާސީ ކާސިމު

15 August 2021

ތޯލިބާނުންނަކީ ކިޔަވާކުދިން. އަދި ތަސައްރަފުނުފުދޭކުދިން. ދެން މިމީހުންގެ އަތްމައްޗަށް ވެރިކަންއެެރީމަޔޯ!!

The name is already taken The name is available. Register?

ކޮންމެ

15 August 2021

ތާލިބާނުން ނާއި ހަނގުރާމަ ކޮށް އެމަރިކާ ވަނީ ބަލިވެފައި ތިވަރުގެ ބައެއް އެމަރިކާ އަކީ...ކޮން އީރާނަކާ ކުޅިކުޅެވޭނީ

The name is already taken The name is available. Register?

ޖަމީލުބެ

15 August 2021

ގުޅިގެން ކުޅޭ ޑްރާމާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454