ބެންގަލޫރު އާއި އީގަލްސް ކުޅުނުމެޗުގެ ތެރެއިން --- މިހާރު ފޮޓޯ: ނިޝާން އަލީ
15 އޯގަސްޓް 2021 - 22:28
ރާއްޖޭގެ ކްލަބު އީގަލްސްގެ މައްޗަށް 1-0 ގެ ނަތިޖާ އަކުން ކާމިޔާބު ހޯދައި، އޭއެފްސީ ކަޕް ދެކުނު އޭޝިއާ ގުރޫޕް ސްޓޭޖުގެ ފަހު ޖާގަ ބެންގަލޫރު އެފްސީން ހޯދައިފި އެވެ.
ދެ ޓީމުގެ ޓީމު ލިސްޓް އާންމު ކުރި އިރު އެންމެ ބޮޑު ސަޕްރައިޒަކަށްވީ، ގައުމީ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) ޓީމު ލިސްޓުގައި ނެތުމެވެ. އީގަލްސް ކުޅުނީ ސައްތައިން ސައްތަ ދިވެހި ކުޅުންތެރިންނާއެކު އެވެ. އެ ޓީމުގެ ލުބުނާން ކީޕަރުގެ ބަދަލުގައި ފުރުސަތު ދިނީ ރާއްޖޭގެ ގައުމީ ކީޕަރު މުހައްމަދު ފައިސަލަށެވެ.
މި މެޗުން މޮޅުވެ ބެންގަލޫރު އެފްސީ ވަނީ، ގުރޫޕް ސްޓޭޖުން ޖާގަ ކަށަވަރު ކޮށްފަ އެވެ. ގުރޫޕް ސްޓޭޖުން ސީދާ ޖާގަ ހޯދީ، މާޒިޔާ އާއި ބަންގްލަދޭޝްގެ ބޮށުންދަރާ ކިންގްސްގެ އިތުރުން އިންޑިއާގެ އޭޓީކޭ މޯހަންބަގާން އެވެ. އަންނަ ބުދަ ދުވަހު ފަށާ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބެންގަލޫރު ނުކުންނާނީ، އެ ކްލަބުގެ ޑޮމެސްޓިކް ވާދަ ވެރިޔާ މޯހަން ބަގާން އާ ދެކޮޅަށެވެ.
ބެންގަލޫރު އާއި އީގަލްސް ކުޅުނުމެޗުގެ ތެރެއިން --- މިހާރު ފޮޓޯ: ނިޝާން އަލީ
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގެ 13 ވަނަ މިނެޓުގައި ސުނިލް ޗެތުރީ އޭރއާގެ އަރިމަތިން ނެގި ބޯޅަ ކްލައިޓޮން އޯގަސްޓޯ ވެއްޓިގެންފައި ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެ އެއް މިނެޓް ފަހުން މުހައްމަދު ނާއީމް، އީސްމާއީލް އީސާ އަށް ތަނަވަސްކޮށްދިން ފުރުސަތުގައި ނުރައްކާ ކުރަން އީސަ އަށް ފުރުސަތު ލިބުނު ނަމަވެސް ބެންގަލުރޫގެ މުހައްމަދު އާޝިގީ ކުންޔާން ވަނީ އީސާގެ ފަހަތުގައި ހުރެފައި ބޯޅަ ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ.
މެޗުގެ 25 ވަނަ މިނެޓްގައި އޮގޮސްޓޯ އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އެ ޓީމުގެ އުދަންތާ ސިންހް ފޮނުވާލި ބޯޅަ މިސްރާބު ބަަދަލުވެގެން ގޮސް ފުރުސަތު ލިބުނީ އޮގޮސްޓޯ އަށެވެ. އޭނާ ފޮނުވާލި ބޯޅައިގައި މާ ބޮޑު ބާރެއް ނެތް ނަމަވެސް ކީޕަރު ފައިސަލް ހުރި ޕޮޒިޝަންގެ ގޮތުން އޭނާ އަށް ބޯޅަ ހިފަން އުނދަގޫވިކަން ފާހަގަ ކުރެވުނެވެ. އޭނާގެ އަތުގައި ޖެހިފައި ބޯޅަ ވެއްޓުމުގެ ކުރިން ފައިސަލް ބޯޅަ ސަލާމަތް ކުރި އެވެ.
މެޗުގެ 27 ވަނަ މިނެޓްގައި ބެންގަލޫރުން ލީޑް ނެގީ ސާތަކް ގޮލުއީ، "ޑީޕް ތޫރޯއިން" އަކުން އޭރިއާ ތެރެއަށް އެލި ބޯޅައިން ތަނަވަސްވި ފުރުސަތަކުންނެވެ. ސާތަކް އެއްލި ބޯޅަ އީގަލްސްގެ ކުޅުންތެރިންނަށް ރަނގަޅަށް ދިފާއު ނުކުރެވުމުން ކުރިއަށް ނުކުތް ބޯޅަ ބެންގަލޫރުގެ ޖައޭޝް ދިލިޕް ރަނޭ ވަނީ އެއްފަހަރުން ޖަހައި ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލައިފަ އެވެ. ކީޕަރު ފައިސަލް ހުރި ފަޅި އަށް ބޯޅަ ފޮނުވާލި ނަމަަވެސް އެ ބޯޅަ ދިފާއު ކުރުމުގައި އޭނާ އަށް މާބޮޑު ކަމެއް ކުރާކަށް ފުރުސަތެއް ނުލިބުނެވެ.
މެޗުގެ 37 ވަނަ މިނެޓްގައި އީސަ ތިރިތރިން ނަގައިދިން ބޯޅަ ފޮނުވާލެވޭ ހިސާބުގައި އަސްހަދު އަލީ (އަޑޭ) ހުރި ނަމަވެސް އޭނާގެ ފައިގައި އެ ބޯޅަ ލައްވައެއް ނުލި އެވެ. އެ ބޯޅަ އޭނާ އަށް ފޮނުވާލެވޭ ގޮތެއް ނުވި އެވެ. މެޗުގެ 44 ވަނަ މިނެޓުގައި އީގަލްސްއިން ނާއިމް ނެގި ކޯނަރެއް ގޯލަށް ވަނުމާ ވަރަށް ކައރިއަށް ދިޔަ އެވެ. އޭނާ ނެގި ކޯނަރު ބެންގަލޫރުގެ ޑިފެންޑަރު ސާތަކް ގޮލުއީ ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ވަންނަ ދަނިކޮށް ކީޕަރު ގުރުޕްރީޓް ސިންހު ސަންދޫ ވަނީ އަތުން ޖަހައި ކޯނަރަކަށް ބޭރުކޮށްލައިފަ އެވެ.
ބެންގަލޫރު އާއި އީގަލްސް ކުޅުނުމެޗުގެ ތެރެއިން --- މިހާރު ފޮޓޯ: ނިޝާން އަލީ
މުޅި މެޗުގައި އީގަލްސް އަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ ސެންޓޭ އަށެވެ. ހަސަން ރާއީފް އަހްމަދު (ހަންނަ) ދިން ހިތްގައިމު ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ ސެންޓޭ ވަނީ ބެންގަލޫރުގެ ދެ ޑިފެންޑަރުން ކައިރިން ވެސް ނައްޓާލާފައި ބޯޅަ ފޮނުވާލާފަ އެވެ. ނަމަވެސް ނުރައްކާކޮށް އެ ބޯޅަ ދިޔަ ނަމަވެސް ބޯޅަ ގޯލަށް އަމާޒު ނުވެ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ 84 ވަނަ މިނެޓުގައި ކުޅެން އަރައި ލިއޯން އޮގްސްޓީން ވަނީ އޭނާ އަށް ލިބުނު ފުރަތަމަ ބޯޅައިން ނުރައްކާތެރި ހަމަލާއެއް ފޮނުވައިލައިފަ އެވެ. ސުނިލް ޗެތުރީ ދިން ބޯޅަ ލިއޯން ފޮނުވާލިއރު ކީޕަރު ފައިސަލް ވެސް ހުރީ ގޯލް ޕޮޒިޝަންގައެއް ނޫނެވެ. ލިއޯން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމެންޓޭ1
16 August 2021
އިންޑިއާގެ ލީގު ވަރަށް ވަރުގަދަ މިހާރު ބޭރުގެ އެތައް ކުޅުންތެރިންނެއް ކުޅޭ. އެތައް ބަޔަކު ދަނޑު ތަކަށް ކުޅި ބަލަން ވެދޭ ސްޕޮންސަރުންނާއި ޓީވީ ރައިޓްސް ބޮޑު އާމްދަނީ ލިބޭ. ރާއްޖޭގެ ލީގު ކުޅެނީ ހުސްދަނޑުގަ ޓިމުތަކަށް ފައިސާ ލިބޭނެ ގޮތެއް ނެތް. އެވަރުންވެސް ރާއްޖޭގެ ޓީމު ތަކުން ނެރޭ ނަތީޖާ ވަރަށް ރަނގަޅޭ ބުނެވޭނީ. މަރުހަބާ އީގަލްސް
ސފޯޓަރ
16 August 2021
ދުނިޔޭގެ އެހެން ގައުމް ތަކުގަ ވެކުސިން ޖަހައިގެން ދަނޑަށް ވަށްދާ. މިގައުމް ގަ ހުރިހާ ކަމެއް ވެސް މި ކުރަނި ދިމާ އިދިކޮޅަށް
މޯޑް
16 August 2021
ސާޒުލީމެން އަގައިން ނޭ މޮޅީ