ޚަބަރު / ޑރ. މުހައްމަދު މުއިއްޒު، މާލޭގެ މޭޔަރު

މުއިއްޒުގެ ފަރާތުން ބުނީ ނޫމަޑީގެ މައްސަލައިގައި އާބިޓްރޭޝަނަށް ބަޔާނެއް ނުދެއްވާ ކަމަށް

ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްސަލައިގައި މިއަދު ބޭއްވި އޮންލައިން އަޑުއެހުމުގެ ތެރެއިން ---

ނޫމަޑިއާއެކު ސަރުކާރުން ހެދި އެއްބަސްވުން ބާތިލުކުރި މައްސަލައިގައި، ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނެންޓް ކޯޓް އޮފް އާބިޓްރޭޝަނަށް އެއްވެސް ބަޔާނެއް ނުދެއްވާ ކަމަށް ވިދާޅުވެ، ދައުލަތުން ކުރާ ދައުވާ އަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން މިއަދު އިންކާރު ކޮށްފި އެވެ.

ހައުސިިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާ އެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާތިލް ކުރި މައްސަލައިގައި ބަދަލަށް 155 މިލިއަން ޑޮލަރު ހޯދަން ނޫމަޑިން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައިގައި ނޫމަޑީގެ ހެއްކެއްގެ ގޮތުގައި، އާބިޓްރޭޝަނަށް ދޮގު ބަޔާނެއް ދެއްވާފައިވާ ކަމަށް ބުނެ ދައުލަތުން ވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ މުއިއްޒަށް ކޮށްފަ އެވެ. ކުށް ސާބިތުވެއްޖެ ނަމަ އަންނާނެ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ.

މި މައްސަލައިގައި އެންމެ ފަހުން އޮތް އަޑުއެހުމުގައި މުއިއްޒަށް ވަނީ ވަކީލަކު ހަމަޖެއްސުމަށް ފުރުސަތު ދީފަ އެވެ. އެހެންވެ، މިއަދުގެ އަޑުއެހުމަށް މުއިއްޒު ވަޑައިގަތީ ވަކީލުންގެ ގޮތުގައި އާދަމް ޝަމީމާއި އަހުމަދު ހުޝާމް ވަޖީހާއެކު އެވެ.

ދައުލަތުގެ ވަކީލު އަހުމަދު ނައުޝާދު ދައުވާ އިއްވަމުން ވިދާޅުވީ، ޖޫން 25، 2019 ގައި ނޫމަޑީގެ ހެކިވެރިއަކަށް މުއިއްޒު ވެ، އެއްބަސްވުމުގައިވާ ގޮތަށް އެ ކުންފުނިން ލަސްތަކެއް ނުވެ ޝެޑިއުލަށް ނުވަތަ މަސައްކަތް ކުރިއަށް ދާ ކަމަށް ވިދާޅުވެ ދޮގު މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދޫކުރި ދިއްފުށިމާދޫ އަނބުރާ ނެގުމުގެ މަޝްވަރާގައި ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށް މުއިއްޒު އާބިޓްރޭޝަނުގައި ވިދާޅުވެފައިވާ ކަމަށް ނައުޝާދު ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ދައުލަތަށް ގެއްލުންވި ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު: ނޫމަޑި މައްސަލައިގައި ކުރި ދޮގު ބަޔާން ދިނުމުގެ ދައުވާއަށް އޭނާ ވަނީ އިންކާރު ކުރައްވާފައި -- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ަމުއިއްޒު ދެއްވި ކަމަށް ބުނާ ބަޔާނުގައި ހެއްދެވީ ދޮގުކަން ސާބިތު ކުރަން ދައުލަތުން ވަނީ އޭނާ ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އިރު ރައީސް އޮފީހަށާއި ސަރުކާރުގެ އެކި އިދާރާތަކަށް ފޮނުވި ސިޓީތަކާއި އެހެނިހެން ލިޔުންތައް ހެކީގެ ގޮތުގައި ހުށަހަޅައިފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ދިފާއުން ދައުވާ ސާފު ނުވާ ކަމަށް ބުނެ ދައުލަތާ ގިނަ ސުވާލުތަކެއް ކުރި އެވެ. މުއިއްޒުގެ ވަކީލު ޝަމީމް ފުރަތަމަ ސުވާލު ކުރެއްވީ ދައުލަތުން ބުނާ ރަސްމީ އިދާރާ ސާފު ނުވާތީ އެކަމާ ބެހޭ ގޮތުންނެވެ. ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި ދައުވާ ކުރީ ނެދަލޭންޑްގެ ދަ ހޭގްގައި ހުންނަ ޕާމަނެންޓް ކޯޓް އޮފް އާބިޓްރޭޝަނަކީ ރަސްމީ އިދާރާއެއް ކަމަށް ދެކިގެން ކަމަށެވެ.

މުއިއްޒު ދެއްވި ކަމަށް ދައުލަތުން ބުނާ ބަޔާން ނަގައި އާބިޓްރޭޝަނަށް ހުށަހެޅީ ކޮން ފަރާތެއްތޯ ވެސް ދިފާއުން ސުވާލު ކުރި އެވެ. އަދި އެއީ މުއިއްޒު ހުށަހެޅުއްވި ބަޔާނެއްތޯ ނުވަތަ އެހެން ފަރާތެއް ނަގައި ހުށަހެޅި ބަޔާނެއްތޯ ސުވާލު ކުރި އެވެ.

އެ ސުވާލަށް ސީދާ ޖަވާބެއް ނުދެއްވައި ދައުލަތުގެ ވަކީލު ނައުޝާދު ވިދާޅުވީ، ބަޔާން ނެގުމުގެ ކަންކަން ހިނގާ ގޮތް ދިފާއުން އޮޅުވައިލަން އުޅޭ ކަމަށެވެ. މައްސަލައެއްގައި ކޯޓަށް ބަޔާނެއް ދޭން ލޯ ފާމުގައި ބަޔާން ނަގާފައި ކޯޓަށް ފޮނުވުމުން، ދެން އެ ބަޔާން ދިނީ ލޯ ފާމުން ކަމަށް ބުނެވޭނެތޯ ވަކީލު ސުވާލު އުފެއްދެވި އެވެ.

މުއިއްޒު ކުރި ކަމަށް ބުނާ ކުށަކީ ރާއްޖޭގައި ހުންނަވައިގެން ކުރި ކުށެއްތޯ ނުވަތަ ރާއްޖޭގައި ކުރި ކުށެއްތޯ ވެސް ދިފާއުން ސުވާލު ކުރި އެވެ. އަދި ދައުލަތުން ބުނާ ނޫމަޑީގެ މަސައްކަތުގެ ޝެޑިއުލަކީ ކޮބައިތޯ ސުވާލު ކުރި އެވެ. އެ ޝެޑިއުލަކީ ކޮބައިކަން އެނގޭ ލިޔުމެއް ހުށަހަޅާފައި ނެތް ކަމަށް ޝަމީމް ވިދާޅުވި އެވެ.

ދައުލަތުން އެ ސުވާލުތަކަށް ސީދާ ޖަވާބެއް ނުދީ، އެހެން ވާހަކަތަކެއް ދައްކާ ކަމަށް ވިދާޅުވެ ޖަވާބުތައް ސާފު ނޫން ކަމުގެ ޝަކުވާ ވަކީލު ޝަމީމް ކުރެއްވި އެވެ. އެކަމާ ގުޅިގެން، މައްސަލަ ބައްލަވާ ގާޒީ ސޮފްއަތު ހަބީބު ވިދާޅުވީ، ދިފާއުގެ ބައެއް ސުވާލުތަކަކީ ދައުވާ ސާފު ކުރުމާ ގުޅޭ ކަންކަމެއް ނޫން ކަމަށެވެ. ދެ ބަސްވާ ކަންކަން ހުރި ނަމަ އެކަމެއް ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއްގެ ގޮތުގައި ހުށަހަޅުއްވަން އެދިވަޑައިގަތެވެ.

ސުވާލުތައް ނިމުމުން މުއިއްޒުގެ ފަރާތުން ޝަމީމް ވިދާޅުވީ، ދައުވާގައިވާ ކަންކަމަށް އިންކާރު ކުރައްވާ ކަމަށާއި ދައުވާގައި ބުނާ އެއްވެސް ކަމެއް މުއިއްޒު ނުކުރައްވާ ކަމަށެވެ. އަދި އިންކާރު ކުރައްވަނީ ނެދަލޭންޑްސްގެ ދަ ހޭގްގެ ޕާމަނެންޓް ކޯޓް އޮފް އާބިޓްރޭޝަނަށް އެއްވެސް ބަޔާނެއް ނުދެއްވާ ގޮތަށް ކަމަށް ޝަމީމް ވިދާޅުވި އެވެ.

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު: ނޫމަޑި މައްސަލައިގައި ކުރި ދޮގު ބަޔާން ދިނުމުގެ ދައުވާއަށް އޭނާ ވަނީ އިންކާރު ކުރައްވާފައި -- ފޮޓޯ: ހުސެއިން ޝަޔާހު/މިހާރު

ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް 15 ދުވަސް ދެއްވުމަށް ފަހު، ގާޒީ ސޮފްއަތު ނިންމެވީ މައްސަލައިގައި އަޑުއެހުމެއް އަންނަ ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ މެންދުރު 1:30 ގައި ބާއްވާށެވެ. އެ އަޑުއެހުމުގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މާލޭ ސިޓީ ކައުންސިލްގެ ރަސްމީ ދަތުރެއްގައި ސެޕްްޓެމްބަރު 10-18 އަށް ތުރުކީ އަށް ވަޑައިގަތުމުގެ ހުއްދަ އަށް މުއިއްޒުގެ ފަރާތުން ކޯޓުގައި މިއަދު އެދުމުން، ދައުލަތުގެ އިއުތިރާޒެއް ނެތުމުން ގާޒީ ނިންމެވީ އެ ހުއްދަ މުއިއްޒަށް ދެއްވުމަށެވެ.

ކޯޓުން ބޭރުގައި ނޫމަޑި އަށް ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދޭން މިހާރުގެ ސަރުކާރުން އެއްބަސްވީ އެމްޑީޕީގެ ސަރުކާރުން 2011 އާާއި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި 2013 ގައި ހައުސިން ޔުނިޓްތަކެއް އަޅަން ވީ އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލްކުރުމުންނެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނޫމަޑި މައްސަލަ ނިންމި އިރު ކޮމިޓީގައި އެމްޑީޕީގެ މެމްބަރުން ވަނީ ކޮމިޓީއަށް ވަޑައިގެން އިތުރުފުޅު ހެއްދެވުމުގެ އިތުރުން އާބިޓްރޭޝަންގައި ސަރުކާރަށް ގެއްލުންވާ ގޮތަށް ބަޔާން ދެއްވި މައްސަލަ ތަހުގީގުކުރަން ގޮވާލައްވައިފަ އެވެ. އެގޮތަށް އެކަން ކުރަން ކޮމިޓީން އަދި މަޖިލީހުން ފާސް ވެސް ކުރި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ކުރިން ވިދާޅުވެފައިވާ ގޮތުގައި ނޫމަޑީގެ މައްސަލައިގައި ދައުލަތުގެ ހުއްޖަތް ބަލިކަށިވީ އާބިޓްރޭޝަންގައި މުއިއްޒު ކުރިން ދެއްވި ބަޔާން ދައުލަތަށް ގެއްލުންވާ ގޮތަށް ބަދަލުކުރުމުގެ ސަބަބުންނެވެ. އެހެންވެ އެ ފައިސާ ދޭން ޖެހުމާ ގުޅިގެން، މުއިއްޒުގެ މައްސަލަ ސެޓުލްމެންޓް ކޮމިޓީން ބަލައި ފުލުސް އޮފީހަށް ފޮނުވީ އެވެ.

6 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 10%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަޑަވެލި

16 August 2021

އެމްޑީޕީ ތެރޭގަ އޮތީ ވައްކަން. ރާއްޖޭގެ ދުވަސް ދުއްވާލަނީ

The name is already taken The name is available. Register?

ސަރުކާރުއޮތީއޭ

16 August 2021

ރައްޔިތުންގެ ތާއީދެއް ނެތް ސަރުކާރަކުން އަބަދުވެސް ބަލާނީ އެއީ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް މަސައްކަތް ކުރާ މީހަކު ދުއްވާލެވޭތޯއޭ އޭގެ ބޭނުމަކީ އެމެން ރައްޔިތުންނަށް ކަމެއް ކޮށް ނުދީ ގައުމަށް ލިބޭ ހުރިހާ ފައިސާ އެއް އެމެންގެ ޖީބަށް ކަހާލުމޭ އެކަމޭ މިހާރު ތިލަވަމުން މިދަނީ ތިލަކުރި ނަމަވެސް ސަރުކާރު ޔޫ ވޮންޓް ގެޓް އެނަދަރ ޗާންސް އެއީ މަމެންނަށް ތަމެންނަށް ޔަގީން ކަން ދެވޭނެ ކަމެކޭ އެނޫން ނަމަ އެމެރިކާއިން އަފްއާން ގައި ގެންގުޅުނު

The name is already taken The name is available. Register?

ހަސަނަނާ

16 August 2021

މުއިއްޒަކީ ވަކި ރަނގަޅު މީހެއްނޫން! އޭނައަށް ގިނައިން އިސްރާފުކުރި މިނިސްޓަރެއް މިރާއްޖެއަކު ނެތް!

The name is already taken The name is available. Register?

އިބްރ

16 August 2021

ބޮޑަށް ބެލެވެނީ މި ކޭހަކީ ޑރ. މުޢިއްޒުގެ މައްޗަށް ކުށެއް އުފައްދައިގެން މޭޔަރުކަން ގެއްލުވާލަން ހިންގާ ޖަރީމާއެއްކަމަށް. އަދި މިވަރުން ނިމޭނެކަމަށްވެސް ނުބެލެވޭ. މި ކޭހުން މުޢިއްޒު ސަލާމަތްވިޔަސް އިތުރު ދައުވާތަކެއް ކުރާނެކަމަށް ބެލެވޭ. ރ ޔާމީނުގެ މައްޗަށް ދަޢުވާ އުފައްދައިގެން ކުރަމުންދާގޮތަށް.

The name is already taken The name is available. Register?

ކޮބްރާ

16 August 2021

މީ މުއީޒު މޭޔަރުކަން ހިތަށް އެރުވުމުގެ ކުރިންވެސް ކުރަން ނިންމާފައިވާ ދައުވާއެއް. އަދިވެސް ހުރީ.

The name is already taken The name is available. Register?

ކުރަނީތޭ

16 August 2021

މުއިއްޒުގެ ފަރާތުން ބުނީ ނޫމަޑީގެ މައްސަލައިގައި އާބިޓްރޭޝަނަށް ބަޔާނެއް ނުދެއްވާ ކަމަށްވާ ނަމަ ދެން މިސަރުކާރުން ގަދަ ކަމުން ވަގު ކޭސް އެއް ބިލްޑް ކޮށްގެން މުއިއްޒު ޖަލަށް ގަޅާލަން އުޅެނީ އަފްއާނިސްތާނުގައި އެގައުމުގެ ރައްޔިތުން ކަމަށްވާ ތާލިބާނުން އެއް ފަރާތް ކުރުމަށް ފަހު އެމެރިކާ ގައި އުޅުނު އަފްއާން ކޮރަޕްޓް ކާރޓެލްސް އިން ތަކެއް ގެނެސްގެން ރައްޔިތުން ލީ ވޯޓް ގައި މަކަރާއި ހީލަތް ހަދައިގެން އެމެން ވެރިކަން ކުރި ގޮތަށް ތޭ ތަމެން ވެރިކަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454