ޗެތުރީ އާއި ގުރުޕްރީޓް --- ފޮޓޯ: ބީއެފްސީ
18 އޯގަސްޓް 2021 - 09:55
ބެންގަލޫރު އެފްސީއާ ގުޅުނު އެއް ސަބަބަކީ އެ ޓީމުގައި ސުނިލް ޗެތުރީ ހުރުން ކަމަށް، ގޯލް ކީޕަރު ގުރްޕްރީޓް ސިންހް ސަނަދޫ ބުނެފި އެވެ.
ނޯވޭގެ ކްލަބު، ސްޓާ ބެކްގައި ތިން އަހަރު ހޭދަ ކުރުމަށް ފަހު، ގްރްޕްރީޓް ބެންގަލޫރަށް ބަދަލުވީ 2017 ގަ އެވެ. އޭގެ އެއް އަހަރު ކުރިން ޗެތުރީ އެ ޓީމާ ގުޅުނެވެ. އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ގުރޫޕް ސްޓޭޖުގައި، ގައުމީ ފުޓްބޯޅަ ދަނޑުގައި ޗެތުރީ އާއި ގުރްޕްރީޓް ނުކުންނާނީ އޭޓީކޭ މޯހަން ބަގާންއާ ދެކޮޅަށެވެ.
ގުރްޕްރީޓް ބުނީ، ޓީމާ އަލަށް ގުޅޭ ޒުވާން ކުޅުންތެރިން ވެސް ޗެތުރީ ކައިރިން ގިނަ ކަންކަން ދަސްކުރާ ކަމަށެވެ.
"ސުނިލް [ޗެތުރީ] ބާއީ އާ އެކު ހޭދަ ކުރަންޏާ ދަސްކުރަން ހުރި ކަންކަމަށް ހުއްޓުމެއް ނާންނާނެ،" ގުރްޕްރީޓް ބުންޏެވެ. "އެއީ އެއް ސަބަބު އަހަރެން މި ކްލަބާ ގުޅުނު. ސަބަބަކީ އަހަރެން ބޭނުން ވަނީ އެންމެ މޮޅު ކުޅުންތެރިން ކައިރިން ދަސްކުރަން. މިހާރު ވެސް އަހަރެން އޭނާ ކައިރިން ވަރަށް ބައިވަރު އެއްޗިހި ދަސް ކުރަން. އަހަރެން އުންމީދު ކުރަން އެހެން ކުޅުންތެރިން ވެސް ދަސް ކުރާނެ ކަމަށް."
ގުރްޕްރީޓް ޕްރެސްގައި ވާހަކަ ދައްކަނީ
ކޮވިޑް-19 ގެ ސަބަބުން އޭއެފްސީ ކަޕުގެ ގުރޫޕް ސްޓޭޖުގައި މެޗުތައް މަދުން ކުޅެން ޖެހުނަސް ހާސިލު ކުރަން އޮތް ކަންކަން އަބަދުވެސް ބޮޑު ވާނެ ކަމަށް ގުރްޕްރީޓް ބުންޏެވެ. އޭނާ ބުނީ އީގަލްސް ބަލިކޮށް ގުރޫޕް ސްޓޭޖަށް ވަނުން އެއީ ކްލަބެއްގެ ހައިސިއްޔަތުން ބެންގަލޫރަށް ހާސިލު ކުރު ވުނު ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"ސަބަބަކީ އަބަދުވެސް އަހަރެމެން ބޭނުންވޭ އޭއެފްސީ މުބާރާތްތަކުގައި ކުރިއަށް ދާން،" ގުރްޕްރީޓް ބުންޏެވެ
"އޭޓީކޭ އާ ދެކޮޅަށް ކުޅޭ މެޗު ކޮންމެ ގޮތެއް ވިޔަސް މުހިންމު ވާނެ. އެއީ މި މެޗުން ރަނގަޅު ނަތީޖާއެއް ހޯދިގެން ކުރިއަށް އޮތް ދެ މެޗާ މެދު އަހަރެމެންނަށް ވިސްނޭނީ."
ޕްލޭއޮފް މެޗުގެ ދެ ވަނަ ހާފުގައި، ޗެތުރީ ގިނައިން ފެނުނީ ހިނގާލާފައި އުޅުނު މަންޒަރެވެ. ބައެއް ފަހަރު ހުރީ ހުއްޓިގެންނެވެ. އެއީ އޭނާގެ ފިޓްނަސް މައްސަލައަކުންތޯ ސުވާލު ކުރުމުން، ބެންގަލޫރުގެ ކޯޗް މާކޯ ޕެޒައުއޯލީ ބުނީ ޗެތުރީގެ އަތަށް ލިބިފައިވާ އަނިޔާއާ ގުޅިގެން އޭނާގެ އަތަށް ތަދުވާތީ އުޅުނު ކަމަށެވެ. ނަމަވެސް މުބާރާތުގައި އޭނާ އަށް ކުޅެވޭނެ ކަމަށް ޕެޒައުއޯލީ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy