ކުޅިވަރު / އޭއެފްސީ ކަޕް

ބެންގަލޫރު އަތުން ބަށުންދަރާ އަށް ހޯދުނީ ޕޮއިންޓެއް

ބެންގަލޫރާއި ބަށުންދަރާ މިއަދު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު

21 އޯގަސްޓް 2021 - 18:35

އޭއެފްސީ ކަޕުގައި ބަންގަލަދޭޝްގެ ޗެމްޕިއަން ބަށުންދަރާ ކިންގްސް ކުޅުނު ދެ ވަނަ މެޗުގައި، އިންޑިއާގެ ބެންގަލުރު އެފްސީ އަތުން ލަނޑެއް ނުޖެހި މިއަދު އެއްވަރު ވެއްޖެ އެވެ.

ބަށުންދަރާ ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ރާއްޖޭގެ މާޒިޔާ ބަލިކޮށްފަ އެވެ. ރާއްޖޭގެ ކްލަބު އީގަލްސް ބަލިކޮށް ގުރޫޕް ސްޓޭޖުން ޖާގަ ހޯދި ބެންގަލޫރު ކުޅުނު ފުރަތަމަ މެޗުގައި ލޯކަލް ވާދަވެރިޔާ މޯހަން ބަގާން އަތުން ބަލިވީ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މެޗު ފެށިގެން ތިން ވަނަ މިނެޓްގައި ބަށުންދަރާ ކިންގްސްއިން ވަނީ ބެންގަލޫރުގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކޮށްފަ އެވެ. ބަށުންދަރާގެ ރޮބްސަން އަޒެވޭޑޯ ޑަ ސިލްވާ (ރޮބީނިއޯ) އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ބެންގަލޫރުގެ ކީޕަރު ގްރްޕްރީޓް ސިންހް ސަންދު ސަލާމަތް ކުރި އެވެ.

މެޗުގެ ފަސް ވަނަ މިނެޓްގައި ބެންގަލޫރުގެ ބިދްޔާޝަގަރް ސިންހް ފޮނުވާލި ބޯޅަ ކިންގްސްގެ ކުޅުންތެރިން ދިފާއު ކުރުމުން އަލުން ރީބައުންސްވި ބޯޅަ ވެސް ޑިފެންޑަރުން ބްލޮކުކޮށް ކްލިއާ ކުރި އެވެ. ކެޕްޓަން ސުނިލް ޗެތުރީ އާއި ރޯޝަން ސިންހް ކޮމްބިނޭޝަން ބޭނުންކޮށްގެން ރަނގަޅު ބޯޅަތެކެއް އޭރިއާ ތެރެއަށް ތަނަވަސް ކޮށްދޭން މަސައްކަތް ކުރި އެވެ.

ބެންގަލޫރާއި ބަށުންދަރާ މިއަދު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ޗެތުރީ އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ތަކުން ބިދްޔާޝަގަރް އާއި ކްލައިންޓޮން އަގްސްޓޯ އަށް ތަނަވަސް ކޮށްދިން ނަމަވެސް އެ ކުޅުންތެރިންނަށް އެ ފުރުސަތުތައް ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ފުރުސަތު ލިބުނީ، ބަށުންދަރާގެ ޖޮނަތަން ޑަ ސިލްވޭރާ ފެންޑޭޒް ރީސް އަށެވެ. އޭރިއާގެ ބޭރުން އޭނާ ފޮނުވާލި ބާރު ބޯޅަ ދިފާއުކުރުމުގައި ގްރްޕްރީޓަށް އުނދަގޫ ކުރިމަތިވި އެވެ. އޭނާ އެ ބޯޅަ އަތުން ޖެހުނީ ކިރިޔާ އެވެ. އަތުގައި ޖެހިފައި ބޯޅަ ބޭރުވީ ކޯނަރަކަށެވެ.

ދެ ވަނަ ހާފު ފަށައިގެން ޑޮމިނޭޓްކޮށްގެން ކުޅުނީ ބަށުންދަރާ އެވެ. މެޗުގެ 55 ވަނަ މިނެޓްގައި ލަނޑެއް ޖެހުމާ ވަރަށް ގާތަށް އެ ޓީމުން ދިޔަ އެވެ.

ބެންގަލޫރާއި ބަށުންދަރާ މިއަދު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

މެޗުގެ 60 ވަނަ މިނެޓްގައި ބެންގަލޫރުގެ ސުރޭޝް ސިންހް ވަނީ އޭރިއާ ތެރެއަށް ބޯޅައެއް ހުރަސްކޮށްފަ އެވެ. އެ ބޯޅަ ޗެތުރީ ބޮލުން ފޮނުވާލި ނަމަވެސް ނުރައްކަލެއް ނުކުރެވުނެވެ.

މެޗުގެ 74 ވަނަ މިނެޓްގައި ބެންގަލޫރަށް ލަނޑެއް ޖެހުނު ކަމަށް ބަލައި އެ ޓީމުގެ ބެންޗުގައި ތިބި ކުޅުންތެރިން އުފާފާޅު ވެސް ކުރި އެވެ. އެ ޓީމުގެ އަގްސްޓޯ ނެގި ކޯނަރެއް އެލަން ކޯސްޓާ ބޮލުން ފޮނުވާލުމުން ފުރަތަމަ ޖެހުނީ ހުރަސް ދަނޑީގަ އެވެ. އޭގެ ފަހުން ލައިން މަތީގައި ޖެހިފައިން ދެން ޕަންޗްވި ބޯޅަ ބަށުންދަރާގެ ކީޕަރު އަނީސުން ރަހްމާން ސޭވް ކުރި އެވެ. ހުރަސް ދަނޑިގައި ޖެހިފައި ވެއްޓުނު ބޯޅަ ގޯލް ލައިން އެތެރެއަށް ވެއްޓުނު ކަމަށް ބެންގަލޫރުގެ ބެންޗުން އެޕީލް ވެސް ކުރި އެވެ. ނަމަވެސް ރެފްރީގެ ފަރާތުން އެއްވެސް އިޝާރާތެއް ނައެވެ.

ބެންގަލޫރާއި ބަށުންދަރާ މިއަދު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

މެޗުގެ 20 މިނެޓްގައި ބެންގަލޫރު ފެނުނީ މާ ނުރައްކާ ކޮށެވެ. އޭއެފްސީ ކަޕަށް ރާއްޖެ އައިސް މިދިޔަ ދެ މެޗުގައި އެ ޓީމު އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާ ނުކުރާ ވަރަށް މެޗުގެ ފަހު ކޮޅުގައި ނުރައްކާ ކުރި އެވެ.

ދެކުނު އޭޝިއާ ގުރޫޕުން އަނެއް ބުރަށް ދަތުރު ކުރަނީ ގުރޫޕްގެ އެއް ވަނަ ހޯދާ ޓީމު އެކަންނަޏެވެ. މެޗު އެއްވަރު ވުމަކީ ބެންގަލޫރަށް ލިބުނު ހިތްހަމަޖެހުމަކަށް ވެދާނެ އެވެ. ނަމަވެސް އަނެއް ބުރަށް ދިއުމުގައި އެ ޓީމަށް އަމިއްލަ ބާރެއް ނެތެވެ. ހަތަރު ޕޮއިންޓާ އެކު ގުރޫޕްގެ އެއް ވަނައިގައި އޮތީ ބަށުންދަރާ އެވެ. މިރޭ މާޒިޔާ އާއި އޭޓީކޭ މޯހަން ބަގާން ކުޅޭ މެޗުން، މޯހަން ބަގާން މޮޅުވެ، ހަ ޕޮއިންޓާ އެކު އެ ޓީމަށް ތާވަލުގެ އެއް ވަނަ މަގާމު ހޯދޭނެ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454