ޚަބަރު / ޓެރަރިސްޓް ހަމަލާ

ބޮމުގެ ހަމަލާގެ ތުހުމަތު ކުރެވޭ ނާޒިމަށް ޓެރަރިޒަމްގެ އެހެން މައްސަލައެއްގެ ދައުވާ

ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމް --

25 އޯގަސްޓް 2021 - 14:17

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މުހައްމަދު ނާޒިމްގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ އެހެން މައްސަލައެއްގެ އަޑުއެހުންތައް މިއަދު ފަށައިފި އެވެ.

އއ. މާޅޮސް، އަސަރީގޭ ނާޒިމަކީ ދީނީ ހަރުކަށި ފިކުރުގެ މީހެއް ކަމަށް ތުހުމަތު ކުރެވޭއިރު، އޭނާ އަކީ ސީރިއާގެ ހަނގުރާމައިގައި ބައިވެރިވާން އެ ގައުމަށް ދާން އުޅެނިކޮށް، ތުރުކީގެ ބޯޑަރު ކައިރިން ހައްޔަރުކޮށް، އަނބުރާ ރާއްޖެ ފޮނުވައިލި މީހެކެވެ.

މޭ ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް ދިން ބޮމުގެ ހަމަލާގެ މައްސަލައާ ގުޅިގެން ނާޒިމް ހައްޔަރުކޮށްފައިވާއިރު، އެ މައްސަލައިގައި މިހާތަނަށް އޭނާ އަށް ދައުވާއެއް ނުކުރެ އެވެ. ނަމަވެސް، އޭގެ ކުރިން އޭނާގެ މައްޗަށް ވަނީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރާކަން ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުނު ކަމުގެ ދައުވާ ކޮށްފަ އެވެ.

އެ މައްސަލައިގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ވަކީލެއްގެ އެހީ ބޭނުންވާތޯ، މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ސުވާލު ކުރެއްވުމުން ނާޒިމް ބުނީ، ވަކީލަކު ބޭނުންވާ ކަމަށެވެ. އެހެންވެ، ވަކީލަކު ހަމަޖައްސަން ފުރުސަތެއް ދީފައި އަޑުއެހުން ނިންމާލީ އެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ ކަމުގެ ލިޔުންތަކެއް ފެނިގެން ނާޒިމްގެ މައްޗަށް ދައުވާ ކުރީ ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާގެ ކުރިންނެވެ. އެ ހަމަލާ ދިނީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރާ ކަމުގެ ލިޔުންތަކެއް ފެނިގެން އޭނާ ހައްޔަރު ކުރުމަށް ފަހު ދޫކޮށްލާފައި ވަނިކޮށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިން މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމް --

ބޮމުގެ ހަމަލާގެ ތުހުމަތު ނާޒިމަށް ކުރީ އެ ހަމަލައާ ގުޅިގެން، ޓެރަރިޒަމާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނުގެ ތެރެއިން އޭނާ ހައްޔަަރު ކުރުމަށް ފަހު އެވެ. އަދިވެސް ނާޒިމް ހުރީ އެ މައްސަލައިިގައި ބަންދުކޮށްފަ އެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ގެނައި ދެވަނަ އިސްލާހުގެ ދަށުން ވަނީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުން ނުވަތަ އެފަދަ ޖަމާއަތެއްގެ ދިފާއުގައި ވާހަކަ ދެއްކުމަކީ ވެސް ކުށަކަށް ހަދައިފަ އެވެ.

އެ އިސްލާހުގައިވާ ގޮތުން ޓެރަރިސްޓު ޖަމާއަތަށް ތާއީދު ކުރާކަން ދޭހަވާ ފަދަ ލިޔުމެއް، ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ އަދަބަކީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅުނީ، ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމް އަދި މ. އުދެހިގޭ އިސްހާގެވެ. ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދަކީ އަމަލީ ގޮތުން ހަމަލާ ދިނުމަށް ބޭނުން ކުރި މީހާ އެވެ. ނާޒިމަކީ ސީދާ ހަމަލާ ދިނުމުގައި ބައިވެރިވި މީހެއް ނޫނެވެ.

ހައިޝަމާއި އަދުހަމް ހިމެނޭހެން ހަތަރު މީހަކަށް މިހާތަނަށް ދައުވާކޮށްފައިވެ އެވެ. އެއީ އެ ދެ މީހުންގެ އިތުރުން މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދުގެ މައްޗަށެވެ. ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުއަށް ދައުވާ ނުކުރަން ނިންމުމުން އޭނާ ހުރީ ދޫކޮށްލައިފަ އެވެ.

ނާޒިމާއި އިސްހާގާއި ތަސްލީމުގެ އިތުރުން ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީއާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކުގެ މައްޗަށް ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454