ޓިއުމަރު ނެގުމަށް އޭޑީކޭގައި ކުރި އޮޕަރޭޝަންގައި ނަގާފައިވާ ބައެއް ފޮޓޯތައް: މިއީ ވަރަށް ނާޒުކް އޮޕަރޭޝަނެއް ކަމަށް ޑރ. ނިޔާފް ވިދާޅުވޭ.
29 ނޮވެމްބަރ 2016 - 22:06
ދިވެއްސެއްގެ ސިކުނޑީގައި އުފެދިފައިވާ ބޮޑު ޓިއުމަރެއް ނެގުމުގެ ނާޒުކް އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލްގައި މިދިޔަ ހަފުތާގައި ކޮށްފި އެވެ.
ރާއްޖޭގައި ހިންގާ އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލްގައި ކުރި މި އޮޕަރޭޝަންގައި އިސްކޮށް ހުންނެވީ، އެ ހޮސްޕިޓަލްގެ ނިއުރޯ ސާޖަން ޑރ. އަލީ ނިޔާފާއި ނޭޕާލްގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ރާމް ކުމާރެވެ.
ޑރ. ނިޔާފް "މިހާރު" އަށް މިރޭ ވިދާޅުވީ އުމުރުން 57 އަހަރުގެ އަންހެންމީހާ އޭޑީކޭ އަށް ގެންދިޔައީ ސިކުނޑީގައި ހުރި ޓިއުމަރުގެ ސަބަބުން ހަށިގަނޑުގެ ވާތް ފަރާތުގެ ވާގި ނެތުމާއި ބޮލުގައި ރިއްސުމާއި އައްސިވުން ފަދަ މައްސަލަތަކެއް ކުރިމަތިވެގެން ކަމަށެވެ. އޭނާގެ ސިކުނޑި އަށް ފެތުރިފައި ހުރީ ބޮޑު ޓިއުމަރެއް ކަމަށް ވެސް ޑރ. ނިޔާފް ވިދާޅުވި އެވެ.
"އެ ޓިއުމަރު ހުރީ ސިކުނޑީގެ ދެ ފަޅިއަށް ފެތުރިފައި. އެންމެ ބޮޑު ޓިއުމަރުތަކުގެ ތެރޭގައި ހިމެނޭ ޓިއުމަރެއް އެއީ. ގާތްގަނޑަކަށް ސިކުނޑީގެ ހަތަރު ބައިކުޅައެއްބަޔަށް ފެތުރިފައި ހުރި ބޮޑު ޓިއުމަރެއް އެއީ،" ޑރ. ނިޔާފް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް ގިނަ ޓިއުމަރު އޮޕަރޭޝަންތައް ކުރަން. އެކަމަކު މިވަރުގެ ބޮޑު ޓިއުމަރެއް ނުނަގަން. މިކަން ކުރިޔަށް ގެންދިޔައީ ވަރަށް ރަނގަޅަށް ޕްލޭންކޮށްގެން، ކިތަންމެ ގިނައިރެއް ވިޔަސް އެންމެ ރަނގަޅަކަށް ކުރަން."
އޭނާ ވިދާޅުވި ގޮތުގައި އޮޕަރޭޝަނަށް ހޭދަވާނެ ކަމަށް ކުރިން ލަފާކުރީ 10 ގަޑިއިރެވެ. ނަމަވެސް އަށްގަޑިއިރުގެ ތެރޭގައި އޮޕަރޭޝަން ކާމިޔާބު ކަމާއެކު ނިންމައިލެވުނު ކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ.
"މި އޮޕަރޭޝަން ކުރިއިރު ބިރުވެރި ކަމަކީ ސިކުނޑީގެ މެދުން އިންނަ މައި ލޭނާރުގެ ދަށުން އެ ގޮސްފައި ހުރުން. ވަރަށް ރިސްކް ބޮޑު އޮޕަރޭޝަނެއް. އެންމެ ބޮޑު ބިރުވެރި ކަމަށް އޮތީ ލޭމަނާ ނުވެދާނެ ކަމަށް. ނަމަވެސް ވަރަށް ކާމިޔާބުކަމާ އެކު މުޅި އޮޕަރޭޝަން ނިންމައިލީ،" އޭނާ ވިދާޅުވި އެވެ.
ޑރ. ނިޔާފް ވިދާޅުވީ އޮޕަރޭޝަން ކުރުމަށް ފަހު، އެ މީހާ ވެންޓިލޭޓަރުގައި އެއް ދުވަސް އަދި އައިސީޔޫގައި ދެ ދުވަހު ބޭއްވި ކަމަށެވެ. އަދި މިހާރު ކޮޓަރި އަށް ބަދަލުކޮށްފައިވާ އޭނާ ވިދާޅުވި އެވެ.
"އެއީ ވަރަށް ހިތްވަރުގަދަ މީހެއް. އޭނާގެ ހިތުގައި ވެސް ވަރުގަދަ އަޒުމެއް އޮތީމަ މިހާ ކާމިޔާބުކަމާ އެކީގައި [އޮޕަރޭޝަން] ކުރިޔަށް ގެންދެވުނީ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މިއަދު ސީޓީ ސްކޭނެއް ހަދަން. އެ ސްކޭނަށް ފަހު މާދަމާ ވެސް ހޮސްޕިޓަލުން ދޫކޮށްލެވިދާނެ،" އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިޔާމު
30 November 2016
މަރުހަބާ އަލީއަށް. ތިތިބެނީ ދިވެހިދަރިން. މިގައުމަށް ބޭނުމީ ތިކަހަލަ ދަރިން. ތީ މަންމަގެ ބައްޕަގެ ރަނގަޅު ތަރުބިތުގެ ނަތީޖާ
ނުކި
30 November 2016
އަލްޙަމްދުލިﷲ. ވަރަށް އުފާވެއްޖެ.
އަންވަރު
30 November 2016
އުފަލުން ފުރިގެންވާ ޚަބަރެއް.ވ.ބޮޑަށް މަރުހަބާ ޑރ.ނިއާފް. މާތް ﷲ އަށް ހަމްދު ކުރަން.
ނުހިނގާ
30 November 2016
މިހުރިހާ ކަމެއް މިހިނގަނީ މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުގައޭ ދޯ. ރަންރީނދުލޭ މެންގެ ވެރިކަމުގައި މިޒާތުގެ ބިއުޓިފުލް ކަމެއް ނުހިނގާދޯ. ކީއްކުރާނީ ދެން.
ފަރޭ
30 November 2016
ބުނަންތަ ވާހަކައެއް. ދިމާވާ ހުރިހާ ކަމަކީ ރީނދުލާ ޕިންކާ ބެހޭ ކަމެއް ނޫން.
ކެޔޮޅު
30 November 2016
މަރްޙަބާ.
ހަގީގަތް
30 November 2016
މިފަދަ ބޮޑު އޮޕަރޭޝަނެއް ކާމިޔާބު ކުރެވުނީތީ ﷲ ހަމްދު ކުރަން . ގައުމެއްގެ ތަރައްގީގެ ދެރައުސް މާލަކީ ޞިއްޚީ ދާއިރާއާއި ތައުލީމީދާއިރާ. މިދެދާއިރާ ރާއްޖޭގައި ކުރި ނާރާތީ ރާއްޖެ ތަރައްގީ ނުވެ މިއޮތީ . ނަމަވެސް ޞިއްޚީ ދާއިރާއާ މެދު ކުޑަ ނަމަވެސް ހިތްހަމަ ޖެހމެއް ލިބެނީ މިފަދަ ބޮޑެތި އޮޕަރޭޝަންތައް ކުރެވެން ފެށީމާ.
ގުރާލިބޭ
30 November 2016
ހަާދަ އުފަަވެރި ޚަބަރެކޭ. މާތްﷲ ޑޮކްޓަރ ނިއާފަށް ކާމިޔާބީ ދެއްވާސި . ޢމީން
ޖިލްބާބު ހަބީބު
29 November 2016
މިރާއްޖޭގައި ތިވަރުގެ ކަމެއް ކުރެވުނީތީވެސް ﷲ އަށް ޝުކުރު އަދާކުރންޖެހޭ. ގައުމެއްގެ ކުރިމަގު އުޖާލާ ކުރުމުގައި ޞިއްހީ ދާއިރާއާއި ތަޢުލީމީ ދާއިރާ އަކީ އެންމެ މުހިންމު ދެގުނަވަން. އެކަމަކު އެދެދާއިރާގެ މުވައްޒަފުންނާމެދު ވަރަށްބޮޑަށް އިހުމާލުވެފައިވަނީ.
ހުސެން ސިފާއު
29 November 2016
ވަރައްބޮޑު ކާމިޔާބެއްތީ.....ސުކުރިއްޔާ..
އިބިރިހިން ބެއްޔާ
29 November 2016
މަރުޙަބާ ނިޔާފް އަދި ޓީމް.