ދުނިޔެ / އަފްޣާނިސްތާން

އަފްގާނުގެ ގިނަ ބަޔަކު ތިބީ ކާބޯތަކެއްޗަށް ޖެހިފައި

07 ސެޕްޓެމްބަރ 2021 - 14:40

އަފްގާނިސްތާނުގެ އާބާދީގެ ބޮޑު ބައެއް މިހާރު ތިބީ، ކާބޯތަކެއްޗަށް ޖެހިފައި ކަމަށް، އދ. ގެ އިންސާނީ އެހީތެރިކަމާ ބެހޭ އިދާރާ އިން މިއަދު ބުނެފި އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވި ގޮތުގައި އަފްގާނިސްތާނުގައި ތިބި އެމެރިކާ އާއި ނޭޓޯ ސިފައިން ފައިބައިގެން ދިއުމުން، ގައުމުގެ ހާލަތު ރަނގަޅު ވާނެ ކަމަށް އުންމީދު ކުރެވުނު ނަމަވެސް، ހާލަތު ވަނީ އިތުރަށް ގޯހެވެ. ސަބަބަކީ، ކުރިން އަންދާޒާ ކުރި ގޮތާ ހިލާފަށް، އަފްގާނިސްތާނުގެ ސަރުކާރު ވެއްޓި، މުޅި ގައުމު ތާލިބާނުންގެ އަތްމައްޗަށް ދިއުމެވެ.

ތާލިބާނުން 1996-2001 އަށް އެ ގައުމުގައި ވެރިކަން ކުރި ދުވަސްވަރު ރައްޔިތުންނާ މެދު ކަންތައް ކުރި ގޮތުން، އާންމު ރައްޔިތުންގެ މެދުގައި ތާލިބާނުންނާ މެދު އެއްވެސް އިތުބާރެއް ނެތެވެ. އެހެންކަމުން، އެމެރިކާ އާއި ނޭޓޯ ސިފައިން ފައިބައިގެން ދިޔަ އިރު، އެމީހުންނާ އެކުގައި ގައުމު ދޫކޮށް އެތައް ހާސް ބަޔަކު ވަނީ ވިލާތުގެ ގައުމުތަކަށް ދަތުރުކޮށްފަ އެވެ. އޭގެ އިތުރުންވެސް އެތައް ލައްކް ބަޔަކު، އެއްގަމު މަގުން އެހެން ގައުމުތަކަށް ދާން ވެސް މިހާރު ބޭނުންވެ އެވެ. އޭގެ ތެރެއިން އެއް ބަޔަކު މިހާރު ޕާކިސްތާނަށް ވެސް ހިޖްރަކޮށްފި އެވެ.

ތާލިބާނުން ގައުމު ހިފުމާ ގުޅިގެން، އަފްގާނިސްތާނުގެ އާންމު ހިދުމަތްތައް ވަނީ މުޅިންހެން ބޮއްސުންލާފައި ކަމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ. އެއީ ވެސް ގައުމުގެ ހާލަތު އިތުރަށް ގޯސްވުމަށް މެދުވެރިވި ސަބަބެކެވެ.

"އަފްގާނިސްތާނުގެ ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުން މިހާރު ތިބީ، ބައިނަލްއަގުވާމީ މުޖްތަމައުގެ އެހީތެރިކަމާއި އެއްބާރުލުމަށް، މިއިން ދުވަހެއްގައި ވެސް ބޭނުންނުވާ މިންވަރަށް މިހާރު ބޭނުންވެފައި،" ސެކްރެޓަރީ ޖެނެރަލް ވިދާޅުވި އެވެ.

ތާލިބާނުން އަފްގާނިސްތާނު ހިފުމާ ގުޅިގެން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވަނީ އަފްގާނިސްތާނަށް އެހީވުން މެދުކަނޑާލައިފަ އެވެ. އެމެރިކާގެ ބޭންކުތަކުގައި ހުރި އަފްގާނިސްތާނުގެ އެތައް ބިލިއަން ޑޮލަރެއް، އެމެރިކާ އިން ވަނީ ހިފަހައްޓައިފަ އެވެ.

އެހެންވުމުގެ ސަބަބުން، ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ އެހެން ސާމާނު ގަތުމުގައި، ތާލިބާނުންނަށް ވަރަށް ބޮޑެތި ހުރަސްތައް ވަނީ ކުރިމަތިވެފަ އެވެ. ގައުމު ހިފި ފަހުން މިހާރު މަސްދުވަސް ވާން ކައިރިވެފައިވާ އިރު، އަދިވެސް އެ ގައުމުގައި ސަރުކާރެއް އެކުލަވައިނުލެވެ އެވެ. އެހެންވުމުން، އަފްގާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި މުއާމަލާތު ކުރެވޭނެ ރަސްމީ ހައިސިއްޔަތެއް ތާލިބާނުންގެ ނެތެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި އަފްގާނިސްތާނުގެ ރައްޔިތުންނަށް މިވަގުތު ވަނީ ވަރަށް ބޮޑު އިންސާނީ ކާރިސާއެއް ކުރިމަތިވެފަ އެވެ. ހަނަފަސްކަން އިންތިހާއަށް ބޮޑުވެ ދަނޑުވެރިކަން ވަނީ ހީނަރުވެފަ އެވެ. ދާހިލީ ހަނގުރާމައިގެ ސަބަބުން، އަމާންކަމާއި ރައްކާތެރިކަން އޮތީ ގެއްލިފަ އެވެ. ކޮވިޑް-19ގެ ވަބާ ކޮންޓްރޯލް ކުރުމަށް އެއްވެސް ރޭވުންތެރިކަމެއް ނެތެވެ.

އދ. އިން ބުނާ ގޮތުގައި އަފްގާނިސްތާނުގެ 38 މިލިއަން މީހުންގެ ތެރެއިން 18 މިލިއަން މީހުން މިވަގުތުވެސް ތިބީ، ވަރަށް ބޮޑު އިންސާނީ މުސީބާތެއްގެ ތެރޭގަ އެވެ. އަދި އަވަސް މުއްދަތެއްގައި އަފްގާނިސްތާނަށް އިންސާނީ އެހީތެރިކަމުގެ ސާމާނު ނުލިބިއްޖެ ނަމަ، އިތުރު 18 މިލިއަން މީހުން ވެސް އެ މުސީބާތުގެ ތެރެއަށް ވެއްޓޭނެ އެވެ.

މި އަހަރުގެ ފިނި މޫސުން ލައިގަތުމުގެ ކުރިން، އަފްގާނިސްތާނަށް އިންސާނީ އެހީތެރިކަމުގެ ސާމާނު ނުގެނެވިއްޖެ ނަމަ، ގިނަ އަދަދެއްގެ ބަޔަކު ހާލުގައި ޖެހިދާނެ ކަމަށް، އދ.ގެ ކާނާއާ ބެހޭ އިދާރާ އިން މިހާރު ވަނީ އިންޒާރުކޮށްފަ އެވެ. އެހެންކަމުން، ކާބޯތަކެއްޗާއި ރަޖާ އަދި ބޭސް ހޯދަން ބޭނުންވާ ފައިސާ ހަދިޔާކުރުމަށް، ދުނިޔޭގެ އެކި ގައުމުތަކަށް އެ އިދާރާ އިން ވަނީ ގޮވާލައިފަ އެވެ.

"ވަރަށް އަވަހަށް އަހަރެމެންނަށް ފައިސާ ބޭނުންވޭ. މިހާރުން މިހާރަށް ވެސް ގާތްގަނޑަކަށް 200 މިލިއަން ޑޮލަރު ބޭނުންވޭ. އެއީ ހަމައެކަނި ސެޕްޓެމްބަރުން ފެށިގެން ޑިސެންބަރުގެ ނިޔަލަށް ކުރަންޖެހޭ ހަރަދުތަކަށް. މިހާރު އަހަރެމެންގެ އަތުގައި ހުރި ގޮދަން ވެސް، އޮކްޓޫބަރު މަހުގެ ކުރީކޮޅު ހުސްވާނެ،" ވޯލްޑް ފުޑް ޕްރޮގްރާމްގެ ފަރާތުން އެމިރޭޓްސްގައި ހުންނަވާ މަންދޫބު މަޖީދު ޔަހްޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާރު އަފްގާނިސްތާނަށް ކުރިމަތިވެފައިވާ އިންސާނީ މުސީބާތުން އަފްގާނިސްތާނު ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ ހޭދައަށް ބަލާއިރު، 200 މިލިއަން ޑޮލަރަކީ ކަނޑުން ނަގާ ފެން ތިއްކެއްގެ މިންވަރެވެ. އޭނާ އަންދާޒާ ކުރައްވާ ގޮތުގައި، އަފްގާނިސްތާނުގެ ރައްޔިތުންނަށް މިއަހަރަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމަށްޓަކައި މަދުވެގެން 500 މިލިއަން ޑޮލަރު ބޭނުންވާނެ އެވެ.

މަޖީދު ވިދާޅުވާ ގޮތުގައި އަފްގާނިސްތާނުގެ ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ ހައިހޫނުކަން ފިލުވައިދެވޭނެ ގޮތެއް ހޯދައިނުދެވިއްޖެ ނަމަ، އިތުރު އެތައް ހާސް ބަޔަކު ރެފިއުޖީންގެ ގޮތުގައި އަވައްޓެރި ގައުމުތަކަށް ދާން މަސައްކަތް ކުރާނެ އެވެ. އެފަދަ ހާލަތަކަށް ހިނގައްޖެ ނަމަ، ދެން ކުރިމަތިވާ މައްސަލަތައް ހައްލުކުރަން މާ އުނދަގޫ ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454