ކުޅިވަރު / ސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕަށް އިންމަގެ ތަޖުރިބާ މުހިންމު

ގައުމީ ޓީމުގައި އިންމަ ކުރިން މަސައްކަތް ކުރި އިރު ޓީމުގެ ޕްރެކްޓިހުގައި --- ފައިލް ފޮޓޯ

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް މިއޮތީ ސައްތަސައްތައިން ސައްތަ ދިވެހި ޓީމެކެވެ. ބޭރު މީހެއްގެ އެއްވެސް ހިއްސާއެއް މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަކަށް ދިވެހިން ބޭނުމެއް ނުކުރާނެ އެވެ. ކުރީގެ ކޯޗު މާޓިން ކޫޕްމަން މަގާމުން ވަކި ކުރިއިރު މުބާރާތާ ދެމެދު އެކަށީގެންވާ ވަގުތު ނެތުމުން އެފްއޭއެމުން އިހުތިޔާރު ކުރީ ދިވެހި ކޯޗިން ޓީމެކެވެ.

ކޫޕްމަންގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި އަލީ ސުޒޭން ހެޑް ކޯޗު ކަމަށް ހަމަޖެއްސުމަށް ފަހު އޭނާގެ އެސިސްޓެންޓް ކޯޗަަކަށް ހަމަޖެއްސީ އިސްމާއީލް މަހްފޫޒު (އިންމަ) އެވެ. މިހާރު ގަތަރުގައި ކުރިއަށް ގެންދާ ޓްރޭނިން ކޭމްޕަށް ގައުމީ ޓީމު ފުރަން ކައިރިވި އިރު ހެޑް ކޯޗު ސުޒޭން، ކޮވިޑް-19 އަށް ޕޮޒިޓިވްވެ ގޭގައި މަޑުކުރަން ޖެހުނެވެ.

އެސިސްޓެންޓް ކޯޗަކަށް އެފްއޭއެމުން އިންމަ ހަމަޖެއްސީ ވެސް ސުޒޭންގެ ލަފާގެ މަތިންނެވެ. ކަން ދިމާކުރި ގޮތުން މި ވަގުތު ހެޑު ކޯޗެއްގެ މަސްއޫލިއްޔަތު ނަގަން ޓީމާ އެކު ހުންނަން ޖެހިފައި މިހުރީ އިންމަ އަށެވެ. ސުޒޭނަށް ފަހު ގައުމީ ޓީމު އެންމެ ރަނގަޅަށް އެނގޭނެ ދިވެހި ކޯޗަކަށް މި ވަގުތު ހުރީ އިންމަ އެވެ. ގައުމީ ޓީމުގައި މީގެ ކުރިން ތަފާތު ތިން ކޯޗުންނާ އެކު އެސިސްޓެންޓެއްގެ ރޯލް އިންމަ އަދާކުރި އެވެ. އެހެންވެ އޭނާގެ ތަޖުރިބާ ގައުމީ ޓީމު ބިނާ ކުރުމުގައި ބޮޑުވާނެ އެވެ. ގައުމީ ޓީމުގެ ކުރީގެ ކޯޗް ވެލިޒާ ޕޮޕޯވް އާއި ރިކީ ހާބަޓް އަދި ޑަރެން ސްޓެވާޓްގެ އެސިސްޓެންޓެއްގެ ގޮތުގައި އިންމަ މަސައްކަތް ކުރި އެވެ.

ކުރީގެ ކޯޗް ރިކާ ހާބަޓްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި އިންމަ މަސައްކަތް ކުރި އިރު --- ފައިލް ފޮޓޯ

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން އެކުލަވާލި ކޯޗިން ޓީމުގައި ސުޒޭންގެ "ރައިޓް ހޭންޑް މޭން" އަކަށް އިންމަ އަކީ އެންމެ ރަނގަޅު ޗޮއިސް އެވެ. ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމުން ބޭނުން ކުރަން ޖެހޭނެ ފުރުސަތާއި މަސައްކަތް ކުރަން ޖެހޭނެ ގޮތް އިންމަ ވަނީ ތަޖުރިބާކޮށްފަ އެވެ. ކުރީގެ ކޯޗް ހާބަޓްގެ އެސިސްޓެންޓެއްގެ ގޮތުގައި ސާފް ޗެމްޕިއަންޝިޕަށް ޓީމު ތައްޔާރު ވަމުން ދިޔައިރު އެ ތަޖުރިބާތައް އެންމެ ކައިރިން ފެނުނު އެކަކަށް ވާނީ އިންމަ އެވެ. އިންޑިއާގައި 2015 ވަނަ އަހަރު ބޭއްވި އެ މުބާރާތުގެ ސެމީ ފައިނަލަށް ރާއްޖެ ދަތުރު ކުރި އެވެ.

އޭރުގެ ސްކޮޑުގައި ހިމެނުނު ގިނަ ކުޅުންތެރިން މިފަހަރު ވެސް ސްކޮޑުގައި އެބަތިއްބެވެ. އަލީ އަޝްފާގް (ދަގަނޑޭ) އާއި މުހައްމަދު އުމެއިރު އދި އޭރު މުބާރާތުން ވިދާލި ނާއިޒު ހަސަން (ދާދު) އާއި ހަމްޒާ މުހައްމަދު (ހަމްޕު)، އަލީ ފާސިރު (ސެންޓޭ)، އަހްމަދު އަބްދުﷲ (ލިލީ)، މުހައްމަދު ފައިސަލް، އަލީ ސަމޫހް (ސަމުއްޓޭ) ވެސް މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ސްކޮޑުގައި ވެސް ވަނީ ހިމަނައިފަ އެވެ. އެ މުބާރާތުގެ ރާއްޖޭގެ ގޯލް ބެލެހެއްޓި އިމްރާން މުހައްމަދު އަކީ މިފަހަރުގެ ކޯޗިން ޓީމުގެ މެންބަރެކެވެ.

ޓްރޭނިން ކޭމްޕުގައި އިންމަގެ ތަޖުރިބާ ޓީމަށް މުހިންމު މި ދަނޑިވަޅުގައި އޭނާ ވެސް ވިސްނުން ހުރީ ސާފް ޗެމްޕިއަންޝިޕުގައި އޭނާ ކުރި ތަޖުރިބާ ބޭނުން އެންމެ ރަނގަޅަށް ހިފޭނެ ގޮތަކަށް ޓްރޭނިން ކުރިއަށް ގެންދިއުމަށެވެ. ގައުމީ ޓީމާ އެކު ދަތުރު ކުރި ދިވެހި މީޑިއާތަކަށް ދިން އިންޓަވިއުގައި އިންމަ ބުނީ ޕްރެކްޓިހުގައި ކުޅޭ މެޗުތައް ބިނާކޮށްފައި ވާނީ ސާފް ޗެމްޕިއަންޝިޕުގައި ނަތީޖާ ނެރެވޭނެ ގޮތައް ވިސްނައިގެން ކަމަށެވެ.

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް އިސްމާއީލް މަހްފޫޒް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ހާއްސަވާ އެއް ސަބަބަކީ ސާފް ޗެމްޕިއަންޝިޕަކަށް ދިވެހި ކޯޗިން ޓީމެއް އޮތުުމެވެ. މިއީ މިދިޔަ 21 އަހަރު ތެރޭ ދިވެހި ކޯޗިން ޓީމަކާ އެކު ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ދިވެހި ޓީމު ވާދަކުރާ ފުރަތަމަ ފަހަރެވެ. ސުޒޭން އާއި އިންމަގެ ކޯޗިން ޓީމަށް ރާއްޖޭގެ ފުޓްބޯޅައިގެ ކޮމިޔުނިޓީގެ އިތުބާރު އެބައޮތެވެ. މީގެ ކުރިން "މިހާރު" އާ ވާހަކަ ދައްކަމުން ކްލަބު އީގަލްސްގެ ހެޑް ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ ކޯޗިން ޓީމުގައި މި ވަގުތު ތިބީ ރާއްޖެއިން ހޯދެން ތިބި އެންމެ ތަޖުރިބާކާރު ކޯޗުން ކަމަށެވެ.

"ދިވެހި ކޯޗުން ވެއްޖެއްޔާ އެޑްވާންޓޭޖްތަކެއް ހުންނާނެ. އެންމެ ފުރަތަމަ ކަމަކަށް ދިވެހި ވަންތަކަން. ދިވެހި ޓީމެއް ނުކުންނައިރު އެ ކޯޗެއްގެ ކިބައިގައި ދިވެހި ވަންތަކަން ހުންނާނެ. ބޭރު ކޯޗެއް ވެއްޖެއްޔާ އެކަމެއް ނޯންނާނެ. އެއީ ޕްލަސް ޕޮއިންޓެއް،" ސާފް ޗެމްޕިއަންޝިޕުގެ 19 އަހަރުން ދަށުގެ މުބާރާތުން ރާއްޖެ އަށް ބްރޯންޒް މެޑަލް ހޯދައިން ކޯޗް، ޝާޒް ބުންޏެވެ.

"ދެން ސާފް ޗެމްޕިއަންޝިޕަށް ބާލާއިރު މިހާރު ރާއްޖޭގައި ތިބި ކޯޗުންގެ ތެރެއިން އެންމެ އެކްސްޕީރިއަންސް އެއް ކޯޗު އެއީ. އެންމެ އެކަށީގެންވާ އެކަކު މިހާރު އެ ހުރީ. ވަރަށް ރަނގަޅު ބަދަލެއް އެއީ. ދިވެހި ކޯޗުންނަށް ވެސް އެކަން ކުރެވޭނެ."

ގައުމީ ޓީމުން މާލޭގައި ކުރިއަށް ގެންދިޔަ ޓްރޭނިންގެ ތެރެއިން އިންމަ، ސުޒޭން، އަސްލަމް، އިމްރާން --- ފޮޓޯ: އެފްއޭއެމް

ގަތަރުގައި ކުރިއަށްދާ ޓްރޭނިން ކޭމްޕަށް ފަހު ގައުމީ ޓީމު މާލެ އަންނާނީ މި މަހު 28 ގަ އެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 1 ވަނަ ދުވަހު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ރާއްޖޭގެ އިތުރުން ނޭޕާލް އަދި ލަންކާ ވެސް ގެންދަނީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމަށް ގަތަރުގައި ޓްރޭނިން ހަދަމުންނެވެ.

ސާފު ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ މެޗުތައް

- އޮކްޓޯބަރު 1: (ހަވީރު) ރާއްޖެ - ނޭޕާލް

- އޮކްޓޯބަރު 7: (ރޭގަނޑު) ރާއްޖެ - ބަންގްލަދޭޝް

- އޮކްޓޯބަރު 10: (ހަވީރު) ރާއްޖެ - ސްރީ ލަންކާ

- އޮކްޓޯބަރު 13: (ރޭގަނޑު) ރާއްޖެ- އިންޑިއާ

ސާފް ޗެމްޕިއަންޝޕުގައި ވާދަކުރަނީ ފަސް ޓީމެވެ. މުބާރާތް ލީގު އުސޫލުން ކުޅުމަށް ފަހު ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މި ފަހަރުގެ މުބާރާތުގައި ބޫޓާން އާއި ޕާކިސްތާން ވާދައެއް ނުކުރާނެ އެވެ. މުބާރާތުގައި ވާދަނުކުރަން ބޫޓާން ނިންމީ އެ ގައުމުގައި ކޮވިޑުގެ ހާލަތު އޮތް ގޮތުން ގައުމުން ބޭރަށް ފުރައިގެންދާން ފުޓުބޯޅަ ޓީމަށް ހުއްދަ ނެތުމުންނެވެ. ޕާކިސްތާން އޮތީ ފީފާ ސަސްޕެންޝަނުގަ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލާމަސީލު

16 September 2021

ގައުމީޓީމަށް ޒުވާންކުދިން ނުނަގާ މިކަމެއް ނުވާނެ. މިހުރިހާ ދުވަހު ބިލްޑްކުރި ޒުވާންޓީމް އެފުނޑާލެވުނީ. އަޑުބަރޭ ދެމެޗް ކުޅެފަ އެއުމުރުގެ މީހަކު ގައުމީޓީމަށް ނެގުމަށްވުރެ ގަވާއިދުން ޕްރެކްޓިސް އަށްދިޔަ ޒުވާން ކުއްޖާއަށް ޗާންސް ދެވުނުނަމަ މުސްތަގުބަލަށްޓަކަާ ހާދަހާވާ އުފާވީސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454