ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ކޮވިޑުން ރަނގަޅުވެ، ގައުމީ ކޯޗު ސުޒޭން ޓީމާ ގުޅެން ގަތަރަށް

މާލެގައި ކުރިއަށް ގެންދިޔަ ގައުމީ ޓީމުގެ ޕްރެކްޓިސް ސެޝަނެއްގައި ކޯޗް އަލީ ސުޒޭން ކުޅުންތެރިންނާ ވާހަކަ ދައްކަނީ --- ފައިލް ފޮޓޯ: އެފްއޭއެމް

20 ސެޕްޓެމްބަރ 2021 - 21:32

ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން، ކޮވިޑް-19 އިން ރަނގަޅު ވުމުން، އެ ޓީމާ ގުޅުމަށްޓަކައި މިއަދު ގަތަރަށް ފުރައިފި އެވެ.

ސުޒޭން ކޮވިޑަށް ޕޮޒިޓިވް ވި ކަން އެނގުނީ މި މަހުގެ ކުރީ ކޮޅު ހެއްދި ޓެސްޓްތަކުންނެވެ.

އެހެންވެ، މި މަހު 10 ވަނަ ދުވަހު ގައުމީ ޓީމު ގަތަރަށް ފުރިއިރު ސުޒޭން ހުރީ ހޯމް ކަރަންޓީނުގަ އެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވް ވުމުން ޓީމުގެ އެހެން އޮފިޝަލުންނާއި ކުޅުންތެރިން ކޮވިޑަށް ޓެސްޓް ކުރި އެވެ. އެކަމަކު، ސުޒޭން ފިޔަވައި އެހެން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެއް ނުވެ އެވެ.

ގައުމީ ޓީމުގައި އޭނާ ނެތުމުން ގަތަރުގައި ޓީމުގެ ތަމްރީނުތައް ލީޑް ކުރީ އެސިސްޓެންޓް ކޯޗު އިސްމާއީލް މަހްފޫޒް (އިންމަ) އެވެ. ސާފް ޗެމްޕިއަންޝިޕަށް ފަހު 23 އަހަރުން ދަށުގެ ގަައުމީ ޓީމަށް ވެސް ސުޒޭން އިރުޝާދު ދޭނެ އެވެ.

ސީނިއާ ގައުމީ ޓީމުގެ ކޯޗުކަމާ ސުޒޭން ހަވާލުވީ ވަގުތީ ކޯޗެއްގެ ގޮތުގަ އެވެ. ކުރީގެ ކޯޗު މާޓިން ކޫޕްމަން، ކޯޗު ކަމުން މިދިޔަ މަހު ވަކިކޮށް، ސުޒޭން އާ ކޯޗުކަން ހަވާލުކުރީ ސާފް ޗެމްޕިއަންޝިޕަށެވެ.

ބައްސާމްގެ ޓްވީޓް

ގަތަރުގެ ޓްރޭނިން ކޭމްޕުގައި އެ ގައުމުގެ ކްލަބަކާ ދެކޮޅަށް މާދަމާ ދިވެހި ގައުމީ ޓީމުން ޓްރޭނިން މެޗެއް ކުޅޭނެ އެވެ. އަދި އަންނަ ހޮނިހިރު ދުވަހު ވެސް ޓްރޭނިން މެޗެއް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

ގައުމީ ޓީމާ ދެކޮޅަށް މެޗުތައް ކުޅޭނީ ގަތަރުގެ ދެ ވަނަ ޑިވިޝަން ލީގު "ގަތަރު ގޭސް ލީގު"ގައި ވާދަކުރާ ކްލަބް، ލުސައިލް ސިޓީ އެފްސީ އާއި ގަތަރުގެ އާމީ ނެޝަނަލް ފުޓްބޯލް ކްލަބެވެ. ގަތަރުގެ ދެ ކްލަބާ ދެކޮޅަށް ގައުމީ ޓީމުން ޓްރޭނިން މެޗުތަކެއް ކުޅެން ނިންމީ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ކުރި މަސައްކަތް ކާމިޔާބު ނުވުމުންނެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެރެޓަރީ ހުސައިން ޖަވާޒު މިއަދު ވިދާޅުވީ އެކުވެރިކަމުގެ މެޗެއްގައި ލަންކާއާ ދެކޮޅަށް ކުޅެން އެންމެ ފަހު ވަގުތާ ހަމަށް ވެސް ރާއްޖެ އިން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ލަންކާ އަށް ދަތުރު ކުރެވޭ ގޮތް ނުވުމުން މެޗު ކެންސަލް ކުރަން ޖެހުނީ އެވެ. ގަތަރަށް ފުރުމުގެ ކުރިން ރާއްޖެ އިން ވަނީ ބަންގްލަދޭޝްއާ ދެކޮޅަށް ވެސް މެޗެއް ކުޅެން މަސައްކަތް ކޮށްފަ އެވެ. އެކަމަކު، އެ މެޗު ވެސް ކުޅެވޭ ގޮތެއް ނުވި އެވެ.

ސާފް ޗެމްޕިއަންޝިޕް ކުރިއަށް ގެންދާނީ އަންނަ މަހުގެ 1-16 އަށެވެ. ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އޮކްޓޯބަރު 1 ގައި ވާދަކުރާނީ ނޭޕާލާ ދެކޮޅަށެވެ. ރާއްޖޭގެ ދެ ވަނަ މެޗު އޮންނާނީ އޭގެ ހަ ދުވަސް ފަހުން އޮކްޓޯބަރު 7 ގަ އެވެ. އެ ދުވަހު ރާއްޖެ ނުކުންނާނީ ބަންގަލަދޭޝްއާ ދެކޮޅަށެވެ. ރާއްޖޭގެ ތިން ވަނަ މެޗުގައި އޮކްޓޯބަރު 10 ގައި ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އޭގެ ދެ ދުވަސް ފަހުން އޮކްޓޯބަރު 13 ގައި ރާއްޖެ ނުކުންނާނީ އިންޑިއާ ދެކޮޅަށެވެ.

ލީގު އުސޫލުން ކުޅުމަށް ފަހު، ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މި ފަހަރުގެ މުބާރާތުގައި ބޫޓާން އާއި ޕާކިސްތާން ވާދައެއް ނުކުރާނެ އެވެ. މުބާރާތުގައި ވާދަ ނުކުރަން ބޫޓާން ނިންމީ އެ ގައުމުގައި ކޮވިޑުގެ ހާލަތު އޮތް ގޮތުން ގައުމުން ބޭރަށް ފުރައިގެންދާ އެ ގައުމުގެ ފުޓްބޯޅަ ޓީމަށް ހުއްދަ ނެތުމުންނެވެ. ޕާކިސްތާނު އޮތީ ފީފާ ސަސްޕެންޝަނުގަ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454