ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ސަމާއު އަހްމަދު ނަޖީބް އައްޔަންކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ރައީސް އޮފީސް
03 އޮކްޓޯބަރ 2021 - 13:05
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ މިއަދު މެންދުރުފަހު، އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަގާމަށް އައްޔަންކޮށްފައި ވަނީ ގދ. ތިނަދޫ، އަސޭގެ، ސަމާއު އަހްމަދު ނަޖީބު ކަމަށެވެ.
ސަމާއު ވަނީ މީގެ ކުރިން، 2015 ވަނަ އަހަރު ފެށިގެން އެޓާނީ ޖެނަރަލް އޮފީހުގެ ސްޓޭޓް އެޓާނީ ކަމާއި ސީނިއާ ސްޓޭޓް އެޓާނީކަން ވެސް ކުރައްވައިފަ އެވެ. އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި 2010 އާއި 2011 އާ ދެމެދު އެޓޭޗޭއެއްގެ މަގާމު ވެސް އޭނާ އަދާކުރެއްވި އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، ސަމާއު ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މެލްބަން އިން މާސްޓާސް އޮފް ހިއުމަން ރައިޓްސް ލޯ ހާސިލުކުރައްވައިފަ އެވެ. އަދި އޭނާ ވަނީ އިންސާނީ ހައްގުތަކާ ބެހޭ ވަރަށް ގިނަ ވޯކްޝޮޕްތަކާއި ސެމިނަތަކުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.
ސަމާއު އަކީ އދ. ގެ ޔޫއެންސީއޭސީ އަށް ރާއްޖެއިން ކަނޑައަޅާފައިވާ މާހިރުންގެ ޓީމުގެ މެންބަރެއް ވެސް މެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy