ކުޅިވަރު / ސާފް ޗެމްޕިއަންޝިޕް 2021

ރާއްޖެ ބަލިވުމުގެ ފަހަތުގައިވާ ސަބަބުތައް

ގައުމީ ކޯޗް އަލީ ސުޒޭން އާއި ޓީމުގެ ކުޅުންތެރިން މެޗަށް ފަހު ސަޕޯޓަރުންނަށް ޝުކުރު އަދާ ކުރުމުގެ ގޮތުން އަތް ޖަހަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެންމެ ފަހުގެ ޗެމްޕިއަންގެ ގޮތުގައި އަމިއްލަ ފަސް ގަނޑުގައި ސާފް ޗެމްޕިއަންޝިޕާ ދިވެހިން ކުރިމަތިލުމުން މުބާރާތާ މެދު އުންމީދު އާވި އެވެ. ރޭ އިންޑިއާ އަތުން ބަލިވެ ރާއްޖެ މުބާރާތުން ކެޓުމުން ގައުމީ ޓީމަށް ކުރިމަތިވި މައްސަލަތަކާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަން ފަށައިފި އެވެ.

ފައިނަލުގެ ކުރިން ރާއްޖެ އަށް މުބާރާތް ނިމުމުގައި ގިނަ ސަބަބުތަކެއް އެބަހުއްޓެެވެ. ސަރަހައްދުގެ ފުޓްބޯޅައިގައި އަބަދުވެސް ރާއްޖެ އަށް ބަލި ކުރަން އުނދަގޫ ޓީމެއްގެ ގޮތުގައި އޮތީ އިންޑިއާ އެވެ. ރާއްޖެ އިން ދެ ފަހަރު މުބާރާތް ކާމިޔާބުކުރި އިރު ވެސް ގުުރޫޕް ސްޓޭޖުގައި އިންޑިއާ އަތުން ބަލިވި އެވެ. އިންޑިއާއާ ދެކޮޅަށް ރާއްޖެ ވާދަކުރި ކޮންމެ މުބާރާތެއްގައި އެ ޓީމު އަތުން ކޮންމެވެސް ހިސާބަކުން ބަލިވެފައިވެ އެވެ. ދެހާސް އަށެއް އަދި 2018 ގައި އިންޑިއާ ބަލިކޮށް ރާއްޖެ ޗެމްޕިއަންކަން ހޯދި ދެ ފަހަރު ވެސް ގްރޫޕް ސްޓޭޖްގައި އިންޑިއާ އަތުން ބަލިވެފައިވެ އެވެ.

ބަންގްލަދޭޝް އާއި ސްރީ ލަންކާ އަދި ނޭޕާލް އަކީ ރާއްޖެއަށް ސީނިއާ ލެވަލްގައި އަބަދުވެސް ބަލި ކުރެވޭ ޓީމުތަކެވެ. އެކަމަކު މިފަހަރު މުބާރާތުގައި ނޭޕާލްގެ އަތްދަށުވެއްޖެ އެވެ. އެއީ ސާފް ޗެމްޕިއަންޝިޕެއްގައި ރާއްޖެ ނޭޕާލް އަތުން ބަލިވި ފުރަތަމަ ފަހަރެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރޭ ރާއްޖެ އާއި ވާދަވެރި އިންޑިއާ ކުޅުނު މެޗުގެ ތެރެއިން --. ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖެ އަށް ނާކާމިޔާބުވި ސަބަބުތަކުގެ ގޮތުގައި ގައުމީ ކޯޗު އަލީ ސުޒޭން ވެސް ބައެއް ސަބަބުތައް ދައްކަ އެވެ.

"އެއް ސަބަބަކީ އިންޑިއާގެ ކުޅުންތެރިންނަށް ކޮމްޕެޓެޓިވް ލެވަލެއްގައި މިދިޔަ ދޮޅު އަހަރެއްގެ ތެރޭ ކުޅެން ލިބިފައި ހުރި މެޗުތައް ގިނަވުން،" ސުޒޭން ބުންޏެވެ. "އަޅުގަނޑުމެންގެ ލީގު ވެސް އޭޕްރީލްގައި ހުއްޓާލި ގޮތަށް އެ އޮތީ."

ސަޕޯޓަރުން ދިން ސަޕޯޓަށް ކުޅުންތެރިން ޝުކުރު އަދާ ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ލީގު އޭޕްރީލްގައި މެދުކަނޑާލި ގޮތަށް ދެން ޖހުނީ ސީޒަން ނިންމާލާށެވެ. ލީގުގެ ބާކީ އެއްބުރު އޮއްވައި ލީގު ހުއްޓާލަން ޖެހުމުން ގިނަ ކުޅުންތެރިންނަށް ސީޒަން ނިމުނީ އެވެ. ސާފް ޗެމްޕިއަންޝިޕް ކުރިމަަތީގައި އޮތް އިރު އެއީ ގައުމީ ޓީމަށް ވެސް ކުރިމަތިވާނެ މައްސަލައެއްކަން ކުރިން ވެސް އޮތީ ފާހަގަވެފަ އެވެ. އެކަމުން ނުކުންނާނެ މައްސަލަތައް ކުޑަ ކުރުމަށް އެފްއޭއެމުން މާބޮޑު ކަމެއް ކުރިތަނެއް ނުފެނުނެވެ.

މުބާރާތުގެ ފައިނަލަށް ދަތުރުކުރި ނޭޕާލަކީ މިފަހަރުގެ މުބާރާތުން ފެންނާނެ އެންމެ ފިޓް ޓީމެވެ. އެގައުމުގެ ލީގު މެއި މަހު ނިމުނު ގޮތަށް ކްލަބު ފުޓްބޯޅަ އޮތީ ނިމިފަ އެވެ. އެ ގައުމުގެ އާމީ ކްލަބަށް އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖަށް ނުދެވުމުން އެ ފުރުސަތު ވެސް ގެއްލުނީ އެވެ. ގައުމީ ޓީމުގެ އެ މައްސަލަތައް ކުޑަ ކުރުމަށްޓަކައި ނޭޕާލުން ގިނަ ފިޔަވަޅުތަކެއް އެޅި އެވެ. ގިނަ ފްރެންޑްލީ މެޗުތައް ކުޅުނެވެ.

"ކޮމްޕްޓެޓިވް ލެވެލެއްގައި އިންޑިއާ އަށް ގިނަ މެޗުތަކެއް ކުޅެން ފުރުސަތު ލިބުން އެއީ ހަމަގައިމު ވެސް މިކަހަލަ ޑިސައިޑިން މެޗަކަށްދާއިރު އޭގެ އެޑްވާންޓޭޖަކަށް ވާނެ" --ސުޒޭން

އެކަމަކު ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ދެ ވަނަ ބުރު ފިޔަވައި އިންޓަނޭޝަނަލް އެއްވެސް މެޗެއް ރާއްޖެއިން ނުކުޅެ އެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ދުބާއީގައި ކުޅުނު ތިން މެޗަށް ތައްޔާރުވާން ގައުމީ ޓީމަށް މާލޭގައި ޕްރެކްޓިސް ކުރާނެ ދަނޑެއް ނުލިބުނެވެ. ޓީމު ދުބާއީ އަށް ފުރައިގެން ދިޔައީ ހޮޓެލް ޖެންގައި ލައިޓް ޓްރޭނިންތަކެއް ހެދުމަށްފަހު އެވެ.

ރާއްޖެ އާއި އިންޑިއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޭރުގެ ކޯޗު މާޓިން ކޫޕްމަން އަށް މުބާރާތަށް ތައްޔާރުވާނެ އެކަށީގެންވާ ހާލަތެއް ނުލިބުނެވެ. އޭނާ އާމެދު ޓީމުގެ ބައެއް ކުޅުންތެރިން ހިތްހަމަނުޖެހުމުން ވަޒީފާއިން ވަކިކޮށްފައި ރަށަށް ފޮނުވާލީ އެވެ. އެފްއޭއެމުން އެ މަގާމަށް އައްޔަން ކުރީ ކޫޕްމަންގެ އެސިސްޓެންޓަކަށް ހުރި ސުޒޭން އެވެ.

ސާފް ޗެމްޕިއަންޝިޕަށް އިންޓަނޭޝަންލް ފްރެންޑްލީ މެޗުތަކެއް ނުލިބި ރާއްޖެ އަށް ޖެހުނީ ގަތަރުގެ ދަށް ޑިވިޝަންތަކުގެ ދެ ކްލަބަކާ ދެކޮޅަށް މެޗުތަކެއް ކުޅޭށެވެ. އެކަމަކު ގަތަރުގެ ޓްރޭނިންގައި ރާއްޖެއާ އެކު އެއް ހޮޓަލެއްގައި ތިބި ނޭޕާލް ޓީމުން ގަތަރުގައި އޮމާންއާ ދެކޮޅަށް ފްރެންޑްލީ މެޗުތަކެއް ކުޅުނެވެ. އޭގެ ކުރިން އިންޑިއާއާ ދެކޮޅަށް ދެ މެޗު ކުޅުނެވެ. އޭޕްރީލް މަހު ތިން ގައުމުގެ މުބާރާތެއް އަމިއްލަ ގައުމުގައި ބޭއްވި އެވެ.

ފްރެންޑްލީ މެޗުތަކެއް ހަމަޖައްސަން އެކަށީގެންވާ މަސައްކަތްތަކެއް އެފްއޭއެމަކަށް ނުކުރެވުނެވެ. ގައުމީ ޓީމުގެ ޕްރެކްޓިސް މާލޭގައި ފެށުމުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ސުޒޭން ބުނެފައި ވަނީ ގަތަރުގެ ޓްރޭނިން ކޭމްޕުގައި ފަސް މެޗު ކުޅެން މަސައްކަތް ކުރާނެ ކަމަށެވެ. އެކަމަކު ސުޒޭން ދެކޭގޮތުގައި ފްރެންޑްލީ މެޗުތަކެއް ކުޅެގެން ފިޓްނަސް ރަނގަޅު ކުރުމަށް މާބޮޑު ކަންތައްތަކެއް ނުކުރެވޭނެ އެވެ.

"އަޅުގަނޑުމެންގެ ކުޅުންތެރިޔަކު އޭޖު ގްރޫޕް ކުޅެމުން އައިސް ގައުމީ ޓީމާ ހަމައަށް އަންނައިރު 20 އަށް އިންޓަނޭޝަނަލް މެޗު ވެސް ނުކުޅެ މި އަންނަނީ" ސުޒޭން

"ޓްރޭނިން ކޭމްޕްގެ މައިގަނޑު ވިސްނުމަކީ މެޗު ކުޅުން. އެންމެ މަދު ވެގެން ހަތަރު މެޗު ފަސް މެޗު ވަރު ކުޅޭނަން. އެހެންވީމަ އޭގެ މާނައަކީ އެ މެޗުތަކުގެ ތެރެއިން މެޗު ފިޓްނަސް އާއި އެހެން ވިސްނުންތައް ވެސް ގެނެވޭނެޔޭ،" އޮގަސްޓް 26 ގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ސުޒޭން ބުންޏެވެ.

"ދެން މެޗު ފިޓްނަސްގެ ވާހަކަ އަކީ ވަރަށް ޓެކްނިކަލް ވާހަކައެއް. އެއީ ޕްރެކްޓިސް މެޗަކުންނެއް އެ ފިޓްނަސްއެއް ނުގެނެވޭނެ. ފުރަތަމަ ކަމަކަށް އެ ޕްރެޝާ އެ ވިސްނުން ބޮލަށް ލައިގެން އެތަނުގައި ފިޒިކަލީ މަސައްކަތް ކުރީމަ އަންނަ އެއްޗެއް މެޗު ފިޓްނަސް އަކީ. އެހެންވީމަ އެއަށް އަޅުގަނޑުމެން މެންޓަލީ ޖެހޭނީ ކުޅުންތެރިން ތައްޔާރު ކުރަން. ހަމަ ފްރެންޑްލީ މެޗެއް ކުޅޭއިރު ހުންނާނީ އެހެން ވިސްނުމެއް."

ގައުމީ ކޯޗް އަލީ ސުޒޭންޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެކަމަކު ރޭގެ މެޗަށް ފަހު މީީޑިއާއާ ވާހަކަ ދައްކަމުން ސުޒޭން ފާހަގަ ކުރި އެންމެ މުހިންމު މައްސަލަ އަކީ ރާއްޖޭގެ ކުޅުންތެރިންނަށް އިންޓަނޭޝަނަލް މެޗުތައް މަދުވުމެވެ. އޭނާ ބުނީ އުމުރުފުރާތަކުގެ ގައުމީ ޓީމުގައި ރާއްޖޭގެ ކުޅުންތެރިން ކުޅޭ މެޗުތައް ވެސް މަދު ކަމަށެވެ.

"އަޅުގަނޑުމެންގެ ކުޅުންތެރިޔަކު އޭޖު ގްރޫޕް ކުޅެމުން އައިސް ގައުމީ ޓީމާ ހަމައަށް އަންނައިރު 20 އަށް އިންޓަނޭޝަނަލް މެޗު ވެސް ނުކުޅެ މިއަންނަނީ،" ރޭގެ ޕޯސްޓް މެޗު ޕްރެސްގައި ސުޒޭން ބުންޏެވެ.

ރާއްޖޭގެ ކުޅުންތެރިންނަށް އިންޓަނޭޝަނަލް މެޗުތައް އިތުރު ކުރުމަށްޓަކައި އެފްއޭއެމުން ވެސް ކުރިމަގަށް ވިސްނައިގެން މަސައްކަތް ކުރަމުން ދާކަމަށް ސުޒޭން ބުންޏެވެ. އެގޮތުން އަންނަ މަހު ލަންކާގައި ބާއްވާ ފޯ ނޭޝަން މުބާރާތެއްގައި ބައިވެރިވުމަށް އެފްއޭއެމުން ނިންމާފައިވާކަން ސުޒޭން ފާހަގަ ކުރި އެވެ. އަންނަ މަހު ބާއްވާ އެ މުބާރާތުގައި ވާދަކުރާނީ ލަންކާ އާއި ރާއްޖޭގެ އިތުރުން ބަންގްލަދޭޝް އާއި ސީޝަލްސް އެވެ. އަންނަ މަހު 8-17 އަށް ކުރިއަށްދާ މުބާރާތް ކުޅޭނީ ކޮލަމްބޯގެ ރޭސް ކޯޒް ސްޓޭޑިއަމްގަ އެވެ. މުބާރާތުގެ ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

"އެހެންވީމަ އެކަހަލަ ކޮމްޕްޓޭޓިވް ލެވަލްގެ ބައިވަރު މުބާރާތްތަކެއް ކުޅެގެން ކުޅުންތެރިން އުފެއްދުމުގައި ނުވަތަ ކުޅުންތެރިންގެ އެންމެ މަތީ ލެވަލް ނެރުމަށްޓަކައި މަސައްކަތްތަކެއް ކުރޭ. އެންމެ މަތީ ލެވަލްގައި ވާދަކޮށްލުމުގެ ފުރުސަތު ލިބި، ނޭޕާލް އިންޑިއާ އަށް ލިބުނު ކަހަލަ ތަނަވަސް ފުރުސަތުތައް ލިބިގެން އަޅުގަނޑުމެންގެ ކުޅުންތެރިންނަށް އަދި ޓީމު ރަނގަޅު ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ،" ސުޒޭން ބުންޏެވެ.

ސްރީ ލަންކާ ފޯ ނޭޝަން މުބާރާތުގައި ރާއްޖެ ކުޅޭ މެޗުތައް

* ނޮވެމްބަރު 8: ސްރީ ލަންކާ - ދިވެހި ރާއްޖެ

* ނޮވެމްބަރު 11: ބަންގްލަދޭޝް - ދިވެހި ރާއްޖެ

* ނޮވެމްބަރު 14: ސީޝަލްސް - ދިވެހި ރާއްޖެ

އިންޑިއާ އަތުން ބަލިވުމުން ކުޅުންތެރިން މާޔޫސްވެފައި --- ފޮޓޯ: ނިޝާން އަލީ | މިހާރު

އިންޑިއާ އަތުން ބަލިވުމުގައި ކުރިމަތިވި މައްސަލައަކީ ކޮބާ؟

ސުޒޭން ބުނީ ކަވަރިން، މާކިންގައި މައްސަލަ ދިމާިވި ކަމަށެވެ. އެ މައްސަލަ ދިމާވީ ފުރަތަމަ 15 މިނެޓް ތެރޭގައި ކަމަށް އޭނާ ބުންޏެވެ. އޭގެތެރެއިން މެޗުގެ ކޮންޓްރޯލް ރާއްޖެއަށް ގެއްލުނު ކަމަށް ސުޒޭން ބުންޏެވެ.

"މި މެޗު އަޅުުގަނޑުމެންނަށް ގެއްލުމުގައި އެންމެ ބޮޑު މައްސަލައަކަށްވީ ކުޑަކޮށް ބެކްފުޓްގައި ހަމަ ފެށުނީ. އިންޑިއާ މެޗުގެ ފެށުން ހަމަގައިމުވެސް ރަނގަޅު ކުރި. ހާއްސަކޮށް އެމީހުންގެ އެކްސްޕިރިއަންސް ކުޅުންތެރިންގެ ފަރާތުން އެމީހުންގެ އެންމެ މަތީ ކޮލިޓީ ފެނިގެން ދިޔަ،" ސުޒޭން ބުންޏެވެ.

"އެގޮތުން ކޮމްޕްޓެޓިވް ލެވަލެއްގައި އިންޑިއާ އަށް ގިނަ މެޗުތަކެއް ކުޅެން ފުރުސަތު ލިބުން އެއީ ހަމަގައިމު ވެސް މިކަހަލަ ޑިސައިޑިން މެޗަކަށް ދާއިރު އޭގެ އެޑްވާންޓޭޖަކަށް ވާނެ. މިކަހަލަ އެކްސްޕީރިއަންސް އެމީހުން ހުންނާނެ މިދިޔަ ތިން ހަތަރު މަހެއްގެ ތެރޭގައި ކޮށްފައި ވެސް. އަޅުގަނޑުމެންގެ ކުޅުންތެރިން ވާދަވެރި މެޗުތައް ތަންކޮޅެއް ކުޑަކޮށް ދިޔައީ."

69 ކޮމެންޓް, 42 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 38%
icon angry icon angry 40%
icon wow icon wow 2%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

17 October 2021

ނޯތު، ސެންޓްރަލް އަދި ސައުތު ހިމެނޭ 3 ރީޖަނަކަށް ރާއްޖެ ބަހާލުމަށްފަހު ކޮންމެރީޖަނެއްގެ ލީޤްގެ ޓޮޕް 10 ޓީމްގެ މެނޭޖަރ އަދި ޖެނެރަލް ސެކްޓަރީ ވޯޓްލައިގެން އިންތިހާބުކުރާ ފުޓްބޯޅަ އެސޯސިއޭޝަނެއް ކޮންމެ ރީޖަނެއްގައި އޮންނާންޖެހޭ. # އަދި މިދެންނެވި 3 ރީޖަނުގެ އެސޯސިއޭޝަން އާއި ރީޖަނެއްގެ ގަދަ 10 ޓީމުން ވޯޓްދީގެން އިންތިޙާބު ކުރާ National Football Federation ހަދައިގެން ނޫނީ މިހާރު ރާއްޖޭގެ ފުޓްބޯޅައިގަ ހުރި މައްސަލަތައް ހައްލު ނުކުރެވޭނެކަން ޔަޤީން.

The name is already taken The name is available. Register?

ސަޕުނާ

17 October 2021

ސުޒޭން ކާރި އަހާލަން ބޭބުން ކީއްތޯ ބަކާ ޓީމައް ނުނެގީ ، އަޑުބަރޭ 2 އަހަރު ނުކުޅެ ހުރިމީހަކު ޓީމައް ނަގައިގެން ކުޅޫވީ ، އެވެސް ފުރަތަމަ މެޗް ގަ އެންމެ މުހިންމު މެޗް ގަ ، ނޭޕާލް މެޗުން ބަލިވީމަ ފައިނަލައް ވެސް ނުދިޔައީ

The name is already taken The name is available. Register?

އައްޑަނަ

16 October 2021

ގައުމުގަ އައްޑަނަ ބަހައިގެން އާބާދީ ނަތްތާލި ދެން ތިބި މަދުމީސްކޮޅު ތެރޭންވެސް ކިޔަވައިގެން ނިކުންނަ ޒުވާނުން ޑުރަގް އައް ގޮސް ހުސްކޮއްލީ ޑުރަގް އާމްވީ ޒުވާންޖީލް ހަލާކްވީ ދެންދަޑެއްނެތޭ ޕުރެކްތިސް ނެތޭ ގައުމާއި ދެތެރެގައި ވިސްނަމީހަކު އެބަހުރިތޯ ފުޓްބޯޅައޭ ކިޔާއިރު ހުރެިހާކަމެއް ހީރޯޔައް ވެފައި ޒީރޯހުސްކޮއް ގައުމުބޮއްސުންލާފަ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

15 October 2021

ބައިނަލްއަޤުވާމީ މުބާރާތް ތަކުން ކާމިޔާބު ހޯދޭނީ އެފަދަ ކާމިޔާބުތައް ހޯދާފައިވާ ޤައުމުތަކުން ކަންކުރާގޮތް ބަލައި އެގޮތަށް އަހަރުމެންވެސް ކަންކޮށްގެން. # ރަނގަޅު ފެންވަރުގެ ލީގެއްގެ ތެރެއިން މެނުވީ ފުޓުބޯޅައިގެ މުސްތަޤުބަލް އުޖާލާ ނުކުރެވޭނެތީ ނޫންތޯ ޤައުމުތަކުން ލީޤް ތައާރަފްކޮށް ވާދަވެރި ފުޓްބޯޅައަށް މަގުކޮށާލައިގެން ފުޓްބޯޅަ ތަރައްޤީކުރަން މަސައްކަތް ކުރަމުން އެދަނީ. ދިވެހި ލީޤު ރީޖަންތަކަށް ތައާރަފްކޮށް ހޯމްއަވޭ އުސޫލުން މުބާރާތް ބާއްވަންޖެހޭ.

The name is already taken The name is available. Register?

ކުރަކި

15 October 2021

އިންޑިއާ މެޗާ ހަމަޔަށް އަންނައިރު އޮންނަންވާނީ ރާއްޖެއަށް ފައިނަލް ކަށަވަރުވެފަ, ނޭޕާލް މެޗް ސީރިއަސް ކޮށް ނުނެގީމަ ދިމާވިގޮތްތި, ދެންވެސް އެކޮންފޮނިބޮޑު ނުވެ ހިއްވަރާއެކު ކުޅުނީމަ ރަނގަޅުވާނެ, ނޭޕާލް މެޗުން ބަލިވީމަވެސް މަބުނިން ރާއްޖެއަށް މިފަހަރު ފައިނަލަށް ދިއުމުގެ ދޮރު ގާތްގަނޑަކަށް ތިބަންދުވީއޭ,

The name is already taken The name is available. Register?

ކ‫ަޅޭ

15 October 2021

މ‫ީގަ ބޮޑުމައްސަލައެއް އެބައުޅޭ.... ކުޅިވަރާބެހޭ ވަޒީރު ނިންމެވީ ޢިންޑިޔާ މެޗުން މޮޅުވެއްޖެނަމަ ކޮންމެރެޔަކު ނާޗަރަނގީ ކުޅެން.... ރާއްޖޭގަ ނިސްބަތުން މަދުނަމަވެސް ދީނަށް ލޯބިކުރާ ފަރާތްތަކުގެ ނުރުން .........

The name is already taken The name is available. Register?

ލިނބޯ

15 October 2021

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ އެންމެ ފުރަތަމަ މެދް ކުޅުނު ދުވަހުވެސް އެނަލިސްޓް އަކަށް އިން ސާންތި ބުނީ “މާ ގިނަ ދުވަހު ޕްރެކްޓިސްކޮށް ކޮށްފައި ކުޅެން އެރުމަކީ މާ މުސްކުޅި ކަމެއް” ކަމަށް… އެއޮތީ ބަލިވި ސަބަބު.. މިކަހަލަ ކޮހުން ލައިގެން ކުޅުންތެރިން ހޮޓެލް ޖެންގަ ބަހައްޓައިގެން ޕްރެކްޓިސް ނުކޮށް ކޮފީ އާ ސިނގިރޭޓް ބުއީމަ ވީ ގޮތް މީ.. ހަހަހަ

The name is already taken The name is available. Register?

ހުއްރިއްޔާ

16 October 2021

ތިކަހަލަ ކޮހުން މުޅިންވެސް. މަށަށް ޔަގީން އަހަރުމެން މިބަލާ ޔޫރަޕައި ފުޓްބޯޅަ މެޗްތައް ބަލާފަ އެ މެޗްތައް އެނެލައިޒް ކޮށްފަވެސް މި ދިވެހި ކޯޗުންނޭ މިކިޔާ މީހުން ކޮށްދޭވަރަށްވުރެ މޮޅަށް ކޯޗުކަން ކޮށްދޭނަން. އިމްރާން ވިކްޓަރީގަ ހުއްޓ މިހާރުގެ ގައުމީ ކޯޗު ބެންޗުގަ އިނދެ ކިޔާނެ އިއްމާ ބޮޑު އެއްޗެއް އިއްމާ ބޮޑު އެއްޗެއް. އެއީ ފެންވަރަކީ.

The name is already taken The name is available. Register?

އާރީ

15 October 2021

ރާއްޖެ ބަލިވުމުގަ ފަހަތުގަ ވަނީ ސިޔާސީ ކަންކަން. ރައީސް ޔާމީން ގައުމީޓީމް ޖޯޒީއެއް ލައިގެން ކުޑަ ދޮރު ގައުމީޓީމް ޓްރައިންއަށް ދިޔަމަގުމަތީ ހަނަ އެޅީ އިންތިފާގުން ތޯ. ނޫނީ ބަޔަކު ރާވައިގެން ޖެންސި ގޭމެއް ތޯ ބަލާ ތަހުގީގު ކުރަށް ވެސް ޖެހޭ.

The name is already taken The name is available. Register?

ރަދީފް ހުސެން

15 October 2021

އަބަދު ކިޔަނީ އެއްލަވައެއް ބަދަލުވަނީ ފަރިއްސައް. 20ސަކައް ދުވަސްފަހުން އޮންނަ މުބާރާތައް އަނެއްކާވެސް އާކޯޗެއް. ދެން އެމެޗުތަކުން ނަތީއެއް ނުނެރެވުނީމަ ކޯޗުބުނާނީ އަހަރެން ހަވާލުވީ އިއްޔެއޭ އޭގެކުރިން ޓީމުއޮތީ މިވެނި ހާލަތެއްގަޔޭ!!! ހުސް ޔޯލަ ނުނިމޭ ވާހަކަ

The name is already taken The name is available. Register?

ޢަބްޅޯ

15 October 2021

1 ރާއްޖޭގެ އެންމެ ބޮޑު ދެބާރު ސަސްޕެންޑް ކޮށްފަބޭއްވުން 2 މިވަގުތު ފުރަތަމަ ޑިވިޟަންގައި ކުޅޭ ޓީމުތަކުން ބައްސާމު ދޭ މަދު މެޓާ ކޮޅުތަކަކަށް ވިކުން 3 ބަޔަކަށް މާ ގިނަ ކާމިޔާބުތައްލިބޭތީ އެކަން ބައްސާމާއި، ސަވީދުއަށް ހަޖަމް ނުވުން 4 އަނިޔާ ލިބިފަ ތިބި ބައެއްގެ ދުޢާ ބާރުގަދަވުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454