ދުނިޔެ / އަފްޣާނިސްތާން

އަފްގާނަށް އެހީވުމުގެ މަހާސިންތާއަކަށް ގޮވާލައިފި

އަފްގާނިސްތާނާ ގުޅޭ ގޮތުން ރަޝިޔާގެ ވެރިރަށް މޮސްކޯގައި ބޭއްވި ބައިނަލްއަގުވާމީ ބައްދަލުވުމުގައި، ތާލިބާނުންގެ ވަފްދުގައި ހިމެނޭ ޝަހާބުއްދީން ދިލާވަރު (ކ) އާއި އަފްގާނިސްތާނުގެ މައްސަލައާ ބެހޭ ރަޝިޔާގެ މަންދޫބު ޒާމިރު ކަބުލޯވް ވާހަކަ ދައްކަވަނީ. --އޭއެފްޕީ

21 އޮކްޓޯބަރ 2021 - 13:27

އަފްގާނިސްތާނަށް އެހީވުމާ ބެހޭ ބައިނަލްއަގުވާމީ މަހާސިންތާއެއް، އދ.ގެ ބެލުމުގެ ދަށުން އިންތިޒާމުކޮށް ބާއްވައިދިނުމަށް، ތާލިބާނުންނާއި އިތުރު 10 ގައުމަކުން ގޮވާލައިފި އެވެ.

އިގްތިސާދީ އަދި ސިޔާސީ ފުން ވަޅުގަނޑެއްގެ ތެރޭގައި އޮތް އަފްގާނަށް އެހީވުމަށް، އދ. އިން މަހާސިންތާއެއް ބާއްވައިދިނުމަށް، އެ ގައުމުގައި މިހާރު ވެރިކަންކުރާ ތާލިބާން ޖަމާއަތުން އެދުނީ، ރަޝިޔާގެ ވެރިރަށް މޮސްކޯގައި އިއްޔެ ބޭއްވި، 10 ގައުމު ބައިވެރިވި ބައްދަލުވުމުގަ އެވެ. މި ބައްދަލުވުމުގައި ތާލިބާނުންގެ އެ ހުށަހެޅުމަށް ތާއީދުކޮށް، މަހާސިންތާއެއް ބާއްވައިދިނުމަށް ގޮވައިލީ، ރަޝިޔާ، ޗައިނާ، ޕާކިސްތާން، އިންޑިއާ، އީރާންގެ އިތުރުން ކުރީގެ ސޯވިއެޓް ޔޫނިއަންގެ ގައުމުތައް ކަމަށްވާ ކަޒަކިސްތާން، ކިރްގިޒިސްތާން، ތަޖިކިސްތާން، ތުރުކުމެނިސްތާން އަދި އުޒުބެކިސްތާނެވެ.

މި ގައުމުތަކުން ބުނީ، އަފްގާނިސްތާނު މިހާރު އޮތް ހާލަތަށް ބަލާއިރު، އދ. އިން އިންތިޒާމުކުރާ މަހާސިންތާއެއް، ވީ އެންމެ އަވަހަކަށް ބޭއްވުން ވަރަށް މުހިންމު ކަމަށެވެ. އ ގައުމުތަކުން ބުނި ގޮތުގައި، މިހާރު އަފްގާނިސްތާނަށް ދިމާވެފައިވާ ދަތި ހާލަތުން އެ ގައުމު މިންޖުކުރުމުގެ އެންމެ ބޮޑު ބުރައެއް އުފުލަންޖެހޭނީ، މިދިޔަ 20 އަހަރުގެ ތެރޭގައި އަފްގާނިސްތާނުގެ ހުރިހާ ކަމެއް ކޮންޓްރޯލް ކޮށްގެން އުޅުނު އަސްކަރީ ބާރުތަކުންނެވެ.

އަފްގާނިސްތާނާ ގުޅޭ ގޮތުން ރަޝިޔާގެ ވެރިރަށް މޮސްކޯގައި ބޭއްވި ބައިނަލްއަގުވާމީ ބައްދަލުވުމުގައި، އަފްގާނުގެ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރުގެ ނާއިބު އަބްދުއްސަލާމް ހަނަފީ (ކ-4) ތާލިބާނުންގެ ވަފްދު ބައިވެރިވަނީ. --އޭއެފްޕީ

އެ ގައުމުތަކުން އެ އިޝާރާތްކުރި އަސްކަރީ ބާރުތަކަކީ، އޮކްޓޫބަރު 2001 ގައި އަފްގާނިސްތާނާ ދެކޮޅަށް ހަނގުރާމަ ފެށި، އެމެރިކާ އާއި އެމެރިކާގެ ބައިވެރިންނަށެވެ. އެމެރިކާ އާއި ބައިވެރިން އަފްގާނިސްތާނަށް އަރައި އެ ގައުމުގައި އޭރު ވެރިކަން ކުރި ތާލިބާނުންގެ ވެރިކަން ވައްޓާލައި، އަފްގާނިސްތާނު ހިފި އެވެ.

އަފްގާނިސްތާނުގެ ހުރިހާ ކަމެއް ކޮންޓްރޯލްކޮށްގެން ތިބުމަށް ފަހު، އެ ގައުމު ދޫކޮށް އެމެރިކާ އާއި ބައިވެރިން އަފްގާނުން ފޭބީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ. އެމެރިކާ ސިފައިން އަފްގާނުން ފޭބުމާއެކު، ތާލިބާންގެ ޖަމާއަތުގެ ހަނގުރާމަވެރިން ވަނީ އަލުން އެ ގައުމު ހިފައި، ވަގުތީ ސަރުކާރެއް ވެސް އެކުލަވާލައިފަ އެވެ.

ނަމަވެސް ދުނިޔޭގެ އެއްވެސް ގައުމަކުން ތާލިބާނުންގެ ސަރުކާރު ރަސްމީ ސިފައެއްގައި އަދި ބަލައެއްނުގަނެ އެވެ. އޭގެ ބަދަލުގައި ހުރިހާ ގައުމަކުން ވެސަ ބުނަމުން އަންނަނީ، ތާލިބާނުންގެ ސަރުކާރު ބަލައިގަނެވޭނީ، ތާލިބާނުންގެ ސަރުކާރުން އެ ގައުމުގެ އާންމު ރައްޔިތުންގެ އިންސާނީ ހައްގުތައް ރައްކާތެރިކޮށްދޭ މިންވަރަކަށް ބެލުމަށް ފަހުގައި ކަމަށެވެ.

މޮސްކޯގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި އެމެރިކާ އަށް ދައުވަތު ދިން ނަމަވެސް، "ޓެކްނިކަލް ސަބަބުތަކެއް" ހުރި ކަމަށް ބުނެ، އިއްޔެގެ ބައްދަލުވުމުގައި އެމެރިކާ ބައިވެރިއެއް ނުވެ އެވެ. ނަމަވެސް ކުރިމަގުގައި ބާއްވާ އެފަދަ ބައްދަލުވުންތަކުގައި ބައިވެރިވާނެ ކަމަށް އެމެރިކާ އިން ބުންޏެވެ.

އަފްގާނިސްތާނާ ގުޅޭ ގޮތުން ރަޝިޔާގެ ވެރިރަށް މޮސްކޯގައި ބޭއްވި ބައިނަލްއަގުވާމީ ބައްދަލުވުމުގައި، އަފްގާނުގެ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރުގެ ނާއިބު އަބްދުއްސަލާމް ހަނަފީ (ވ) އާއި ހާރިޖީ ވަޒީރު އަމީރު މުއްތަގީ ޚާން ވާހަކަ ދައްކަވަނީ. --އޭއެފްޕީ

އިއްޔެގެ ބައްދަލުވުމަށް ފަހުގައި ރަޝިޔާ އިން ބުނި ގޮތުގައި އަފްގާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދީގެން އެ ގައުމުގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދީ ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ، މުޅި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާތައް ކުރިމަތިވާނެ އެވެ.

މިދިޔަ އޮގަސްޓް 15ގައި ތާލިބާނުން އަފްގާނިސްތާނު ހިފުމާ ގުޅިގެން، އެ ޖަމާއަތުގެ ހަރުކަށި އުސޫލުތައް އެގައުމުގައި އަލުން ފަތުރަފާނެ ކަމުގެ ކަންބޮޑުވުން، ބައިނަލްއަގުވާމީ މުޖްތަމައުން ފާޅުކުރި އެވެ. އޭގެ ތެރެއިން އެންމެ މުހިންމު ގޮތެއްގައި ބައިނަލްއަގުވާމީ މުޖްތަމައުން ފާހަގަކުރީ، އަލްގާއިދާ ފަދަ ޓެރަރިސްޓު ޖަމާއަތްތަކަށް އަފްގާނިސްތާނުގައި ރައްކާތެރިކަމާ އެކުގައި އުޅުމުގެ ފުރުސަތު ފަހިކޮށްދީފައި އޮތުމުގެ އިތުރުން، އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ނުހިތާ މައްސަލަ އެވެ. އޭގެ ތެރޭގައި، އަންހެން ކުދިންނަށް ކިޔަވައިނުދިނުމާއި ވަޒީފާ އަދާކުރުން އަންހެނުންނަށް މަނާކުރުން ވެސް ހިމެނެ އެވެ.

ތާލިބާނުން ވެރިކަމަށް އައުމަށް ފަހުގައި ބުނެފައިވަނީ، އިންސާނީ ހައްގުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތާނެ ކަމަށާއި، އަންހެނުންނަށް ކިޔަވައިދީ ވަޒީފާގެ ފުރުސަތު ވެސް ފަހިކޮށްދޭނެ ކަމަށެވެ. ނަމަވެސް ވެރިކަން ލިބުނުތާ އެއްމަސް ފަހުން، ތާލިބާނުން ވަނީ، ގްރޭޑް ހަޔަކުން ފެށިގެން މަތީގެ ދަރިވަރުން ސްކޫލްތަކަށް ހާޒިރުވުން މަނާކޮށްފަ އެވެ. އަދި ސިއްހީ ދާއިރާ ފިޔަވައި ސަރުކާރުގެ އެހެން ވަޒީފާތަކުގައި ތިބި އަންހެނުން ވަނީ ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާލައިފަ އެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454