ނިއުޓްރޯން ތަރިއެއް ނުވަތަ ބްލެކް ހޯލެއްގެ ތެރެއަށް، ކައިރީގައިވާ ތަރިއަކުން ގޭސްތައް ދަމައިގަންނަ ގޮތުގެ ކުރެހުމެއް
26 އޮކްޓޯބަރ 2021 - 13:10
މި ބިން އެކުލެވޭ މިލްކީވޭ މަޑިކިލަނބުގެ ބޭރުން މިހާތަނަށް ހޯދުނު ފުރަތަމަ ޕްލެނެޓް ކަމަށް ބެލެވޭ ހިލަމެއް، ފަލަކީ އިލްމުވެރިންނަށް ޖައްވުގެ ތެރެއިން ލިބިއްޖެ އެވެ.
ފަލަކީ އިލްމުވެރިންނާއި ޖައްވީ ސައެންސްވެރިން އަންދާޒާކުރާ ގޮތުގައި، އެކި ތަރިތަކުގެ ވަށައިގެން ދައުރުކުރާ 5000 އަށް ވުރެ ގިނަ ޕްލެނެޓް މިހާތަނަށް ވަނީ ހޯދިފަ އެވެ. ނަމަވެސް އެ ހުރިހާ ޕްލެނެޓްތަކަކީ ވެސް، މިލްކީވޭ މަޑިކިލަނބުގެ ތެރޭގައި ހުރި ޕްލެނެޓްތަކެވެ.
ސައެންސްވެރިން ބުނާ ގޮތުގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ޗަންދްރާ އެކްސްރޭ ޖައްވީ ދުރުމިއަށް އެންމެ ފަހުން ލިބުނު ޕްލެނެޓެއްގެ ސިގްނަލްތަކަކީ، "މެސިއާ 51" މަޑިކިލަނބުގެ ތެރެއިން އައި ސިގްނަލެއް ކަމަށް ބެލެވެ އެވެ. މެސިއާ 51 މަޑިކިލަނބު ނުވަތަ ވާލްޕޫލް މަޑިކިލަނބަކީ، މި ބިން ހިމެނޭ މިލްކީވޭ މަޑިކިލަނބުން ފެށިގެން 28 މިލިއަން އަލި އަހަރު ދުރުގައިވާ މަޑިކިލަނބެކެވެ.
މި އާ ހޯދުން ބިނާކޮށްފައިވަނީ، ބައެއް ތަރިތަކުގެ ވަށައިގެން ދައުރުކުރާ ޕްލެނެޓްތައް، އެ ތަރީގެ ކުރިކެނޑުމުން އެ ތަރީގެ އަލިކަމަށް ހުރަސް އެޅޭ ގޮތްތައް، ދިރާސާކޮށްގެން ލިބުނު ނަތީޖާތަކުގެ މައްޗަށެވެ. ތަރީގެ އަލިކަމަށް ހުރަސް އެޅޭ ގޮތްތައް ދިރާސާކޮށްފައިވަނީ، ޖައްވީ ދުރުމިއަށް އެ މަންޒަރުތައް ފެންނަ ފެނުމުގެ މައްޗަށެވެ.
މެސިއާ 51 މަޑިކިލަނބު ނުވަތަ ވާލްޕޫލް މަޑިކިލަނބު
މި ބިން ހިމެނޭ އިރުގެ ނިޒާމުން ބޭރުގައިވާ ގިނަ ޕްލެނެޓްތައް ދެނެގެންފައިވަނީ، މި އުކުޅު ބޭނުންކޮށްގެންނެވެ.
މި ދިރާސާގައި ބައިވެރިވި ސައެންސްވެރިން ބުނި ގޮތުގައި، އެމީހުންނަށް ޖައްވީ ދުރުމީގެ ޒަރީއާއިން ލިބުނު ނިޝާންތައް ލިބިފައިވަނީ، "އެކްސްރޭ ބްރައިޓް ބައިނަރީ" ކިޔާ ބާވަތުގެ ޖައްވީ ޖިސްމަކުންނެވެ.
އާންމު ގޮތެއްގައި މިބާވަތުގެ ޖައްވީ ޖިސްމުތަކުގައި (އޮބްޖެކްޓްތައް) ހިމެނެނީ ނިއުޓްރޯން ތަރިއެއް ނުވަތަ ގާތުގައިވާ ތަރިއަކުން، އޭގެ ތެރެއަށް ގޭސްތައް ދަމަމުންދާ ބްލެކް ހޯލެކެވެ. ނިއުޓްރޯން ތަރިއެއްގެ ނުވަތަ ބްލެކް ހޯލެއްގެ ކައިރީގައިވާ މާއްދާތަކުގެ ހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ދިއުމުން، ދިއްލުމެއްގެ ސިފައިގައި، އެކްސްރޭ ޖައްވީ ދުރުމިއަށް ފެނެ އެވެ.
ތަރީގައި އެކްސްރޭގެ ދޯދިތައް އުފެދެނީ ތަރީގެ ވަރަށް ކުޑަ ތަންކޮޅަކުން ކަމަށްވާތީ، އެ ތަރީގެ ވަށައިގެން ދައުރުކުރާ ޕްލެނެޓެއް، އެ ތަރީގެ ކުރިމަތިން ހުރަސްކުރާ ވަގުތު، ތަރީގެ އެކްސްރޭގެ ދޯދިތައް ޖައްވީ ދުރުމިއަށް ގެއްލޭތީ، ތަރީގެ ކުރިމަތިން ޕްލެނެޓެއް ހުރަސްކުރި ކަން، ވަރަށް ފަސޭހަ އިން ޖައްވީ ދުރުމިއަށް ދެނެގަނެވެ އެވެ.
ބައިނަރީ ނިޒާމެއް ކަމަށްވާ (M51-ULS-1)ގައި ޕްލެނެޓެއް ވާކަން ދެނެގަތުމަށް ސައެންސްވެރިން ބޭނުންކުރީ މި އުކުޅެވެ.
"އަހަރެމެން ތަރައްގީކޮށް އަދި މިހާރު ތަންފީޒު ކުރަމުން އަންނަ މި އުކުޅަކީ، އެހެން މަޑިކިލަނބުތަކުގައި ދައުރުކުރާ ޕްލެނެޓްތައް ދެނެގަތުމަށް، މިހާތަނަށް ބޭނުންކުރެވެން އޮތް ހަމައެކަނި ގޮތް،" މި ދިރާސާގައި ބައިވެރިވި، ކެމްބްރިޖް ޔުނިވަސިޓީގެ ހާވާޑް-ސްމިތްސޯނިއަން ސެންޓާ ފޯ އެސްޓްރޯފިޒިކްސްގެ ޕްރޮފެސަރު ޑރ. ރޮޒާން ޑި ސްޓެފާނީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބެޓޯ
27 October 2021
ކުރާނެ ކަންތައްތައް ދުނިޔެއިން ހުސްވީތަ.. ތިޔަ ލާރިތައް ލަޅާ ސުންނާފަތި ކުރުމުގެ ބަދަލުގައި މި ޕްލެނެޓްގައި ތިބި މީހުން ހިމާޔަތް ކުރިއްޔާ މާތާހިރެއްނުން. ނާސާގަ ތިބި ތިންހަތަރު އިންޖޭނަރުންނަށް ނޫނީ ތި ކިޔާއެއްޗެއް ފަހުމްވާނެ ހެނެއް ހިޔެއް ނުވޭ.. އެހެންކަމުން ހެރީޕޮޓާ ކަހަލަ ވާހަކަ އެއް ލިޔަން ރަގަޅު
ގެދާނޯމޮސް
26 October 2021
މަރުވުމަށް ފަހު އިންސާނާގެ ހިސާބުބައްލަވަންދެން ފުރާނަ ވާނޭތަން ހިތައްގެންނަން ވެސްއުނދަގޫކަމެކެވެ. އެންމެ އަޖައިބު އެއްކަމަކީ ބިލިޔަން އަހަރު ތަކެއްގައި ދުނިޔޭގެ ދުވާލާައި ރޭގަނޑު ގެ ވަގުތު ﷲ ބައްލަވާދެއްވި ހިކުމަތްތެރި ކަމެވެ. މިބިޔަ އާލަމްތަށް ސުންކިކުންތުން ސިކުންތަށް މީ އަޖައިބެކެވެ. ފޫހިކަމެއްނެތި ހިސާބު ބައްލަވާނޭކަން އަންގަވާ ﷲ ވަހީކުރައްވަނީ " ތިޔަބައި މީހުންނަށް ވަޢުދު ކުރެއްވި ކަންތަށް ވަރައްދުރުގަ ވާކަމެވެ. "
ގެދަނޯމްސް އަށް
26 October 2021
ކީކޭ ކިޔަން ތިއުޅެނީ
ނޯމޯރމޮސް
27 October 2021
އެކަންތައްތައް އެހާ ދުރުގައި ވާތީ ބޮޑު ހިތާމައެއް ލިބެނީ. ދުނިޔޭގައި އިންޓްރެސްޓިންގ އެއްވެސް ކަމެއް ނެތް. ހުރިހާ އިންޓްރެސްޓިންގ ކަންކަން ވަނީ ދީނީ ގޮތުން ބަލާއިރު މަނާވެފައި. އެހެންވީމާ ދުނިޔޭގައި ދިރިއުޅުމަކީ ތަޅުއެޅުވިފައިވާ މާބޮޑު މިނިވަންކަމެއް ނެތް އަދި ބޭނުންވާ ނަތީޖާތައް ނުނެރެވޭނެ ތަނެއް. ނަތީޖާ ނުނެރެވެނީ ތިމާ ބޭނުންވާ ގޮތަށް. އެހެން ކަންކަމަށް އެ ނަތީޖާ ބަރާބަރަށް ފެތޭނެ. އެކަމު މުޅި މަންޒަރު ނުފެންނާތީ އެކަމުގެ އުފަލެއް ނުލިބޭ.
ސިތުރާ
26 October 2021
މަޑިކިލަނބަކީ މިލްކީވޭއަށް ދިވެހިން ކިޔާ ގޮތް. މަޑިކިލަނބަކީ ގެލެކްސީއެއް
ކަޑިކިލަނބު
27 October 2021
މޮޅެތި ނަންނަން ނުހަދާ ހަމަ މިލްކީވޭ ކީމާ ގައިމު ތަންކޮޅެއް ގިނަމީހުންނަށް އެނގޭނެއެންު. ކީކޭ ބުނަނީ. ބައެއް ނަންނަށް ހުރިހާ ބަހަކުންވެސް އެއްނަމެއް ކިޔުން މާ ބުއްދިވެރިވާނެ.