ލަންޑަން (އޭޕްރީލް 2) - ކޮވިޑް-19 ގެ އަލާމާތްތައް އެންމެ ފުރަތަމަ ފެންނަން ފެށުމުން ވައިރަހަށް ޓެސްޓް ނުކުރެވުމަކީ ހެދުނު ގޯހެއް ކަމަށް އެސްޓަން ވިލާ އަށް ކުޅެމުން އަންނަ ސްޕެއިނުގެ ތަޖުރިބާކާރު ގޯލްކީޕަރު ޕެޕޭ ރެއިނާ ބުނެފި އެވެ.

ނަޕޯލީން ލޯން އެއްބަސްވުމެއްގެ ދަށުން ވިލާ އަށް ރެއިނާ ބަދަލުވީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގަ އެވެ. ވިލާ އިން ރެއިނާ ގެނައީ އެ ޓީމުގެ ގޯލްކީޕަރު ޓޮމް ހީޓަން އަށް އަނިޔާވެ ސީޒަން ނިމުމުންނެވެ.

އުމުރުން 37 އަހަރުގެ ރެއިނާގެ ގައިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ އަލާމާތްތަށް ފެންނަން ފެށީ މިދިޔަ މަހުގެ 19 ވަނަ ދުވަހުން ފެށިގެންނެވެ. އަލާމަތްތަށް ފެންނަން ފެށި ފަހުން މިދިޔަ މަހު 24 ވަނަ ދުވަހު ސްޕެއިނުގެ ރޭޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި ރެއިނާ ބުނީ އޭނަ ގައިގައި ވައިރަސް ހުރިކަމަށް ބެލެވޭ ކަމަށާއި އެ ކަމާ ބެހޭގޮތުން ޑޮކްޓަރުންނަށް ފުރިހަމަ މައުލޫމާތުތަށް ހިއްސާކޮށްފައިވާނެ ކަމަށެވެ.

"އަލާމަތްތަށް ފެންނަން ފެށުމާ އެކު އަހަރެންގެ ހުރިހާ ގާތް މީހުންނަކާ ވަކިން އުޅެން ފަށައިފިން. އެއީ ޑޮކްޓަރުން ވެސް ލަފާދިނީ އެ ގޮތަށް ކަމަށްވީމަ،" ރެއިނާ ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން ރެއިނާގެ ހާލަތު ގޯސްވާން ފެށުމުން އޭނާ ވައިރަހަށް ޓެސްޓް ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. ރެއިނާ ވަނީ އޭގެ ފަހުން އޭނާ އަށް ދިމާވި ކަންތައްތައް ދާދި ފަހުން ވަނީ އިޓަލީގެ މީޑިއާ އަކަށް ހިއްސާކޮށްފަ އެވެ. ރެއިނާ ބުނީ ބަލި ހާލަތުން އަރައިގަންނަން މިހާރު ކުރެވޭ ކަންތައްތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

"ފުރަތަމަ ފެންނަން ފެށި އަލާމަތްތަކަށް ފަހު ވެސް އުނދަގޫތަކެއް ކުރިމަތިވި. އެކަމަކު ފަހުން ވަރަށް ބޮޑަށް ގޯސްވި. އެއް ދުވަހެއްގައި 25 މިނިޓް އަހަންނަށް ރަނގަޅަށް ނޭވައެއް ނުލެވޭ. އެއީ އަހަރެންގެ ހަޔާތުގައި މިހާތަނަށް އެންމެ ހާސްވި ދަނޑިވަޅު. އެ ދުވަސްވަރު އަހަރެން އުޅުނީ އެކުގައި. ހަގީގަތުގައި (ވައިރަހަށް) ޓެސްޓްކުރުން ލަސްކުރުން އެއީ ގޯހެއް. އެހެންވެ ކޮންމެވެސް ވަރަކަށް ހާލަތު ގޯސްވި،" ކުރިން ބަޔާން މިއުނިކާއި ބާސެލޯނާ އަދި ލިވަޕޫލްގެ އިތުރުން މިލާނަށް ވެސް ކުޅެފައިވާ ރެއިނާ ބުންޏެވެ.

ވައިރަސް ޖެހިގެން ކުރެވުނު އެންމެ ހިތި ތަޖުރިބާތަކަށް ފަހު ރެއިނާގެ ނަޒަރުގައި މިކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ބޭނުންވަނީ ރަނގަޅު ވަސީލަތްތަކެއް ނެތި ދިރިއުޅެމުންދާ މީހުންނަށެވެ.

"އަހަރެމެން މި އުޅެނީ ވަރަށް ބޮޑު ގެޔެއްގައި. ވަރަށް ތަނަވަސްކޮށް. ހަގީގަތުގައި މީގައި އެންމެ ބޮޑު ހިތްވަރެއް މި ދައްކަނީ ވަރަށް ކުޑަކުޑަ ޖާގައެއްގައި ކުދިން ގޮވައިގެން އުޅޭ މީހުން. އެ މީހުންގެ ހިތްވަރަށް އިހުތިރާމްކުރަން. އެ މީހުންނަށް އެހީވާންޖެހޭ." 2010 ވަނަ އަހަރުގެ ވޯލްްޑް ކަޕް ކާމިޔާބާކުރި ސްޕެއިން ޓީމުގައި ހިމެނޭ ރެއިނާ ބުންޏެވެ.

ކޮވިޑް-19 ފެތުރޭތީ ގައުމުތަކުގެ ފުޓްބޯޅަ ސީޒަން ވަނީ މެދުކަނޑާލައިފަ އެވެ. ގިނަ ގައުމުތަކުން މި މަހު 30 ވަނަ ދުވަހު އަލުން ފަށަން ކަނޑައަޅާފައިވީ ނަމަވެސް އެ ތާރީހުގައި ނުފެށޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. ރިޕޯޓްތައް ބުނާގޮތުން ގިނަ ގައުމުތަކުން މަސައްކަތް ކުރަމުން އަންނަނީ އަންނަ ސީޒަން ފެށުން ލަސްކުރުމަށް ފަހު ވިޔަސް މި ފަހަރުގެ ސީޒަން ފުރިހަމަ ކުރުމަށެވެ.