ލީމާ (އެޕްރީލް 18) - ކޮރަޕްޝަނުގެ ތުހުމަތުގައި ޕެރޫގެ ކުރީގެ ރައީސް އެލަން ގާސިއާ ހައްޔަރު ކުރަން ފުލުހުން ދިއުމުން ހަށިކޮޅަށް ބަޑިހައި އަމިއްލަ އަށް އަވަހާރަވެއްޖެ އެވެ.

ގާސިއާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ބްރެޒިލްގެ ކޮންސްޓްރަކްޝަން ކުންފުންޏަކުން ރިޝްވަތު ނެގުމެވެ. ގާސިއާ، 69، ހައްޔަރު ކުރަން ފުލުހުން ދިޔައީ އެ މައްސަލައިގެ ތުހުމަތުގަ އެވެ.

އޭނާ އަވަހާރަވީ ވެރިރަށް ލީމާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ. ބަޑިޖަހާފައި ވަނީ ބޮލަށެވެ.

ގާސިއާ ވަނީ ޕެރޫގައި 1985 އިން 1990 އަށް ވެރިކަން ކުރައްވައިފަ އެވެ. އަދި 2006 އިން 2011 އަށް ވެސް އޭނާ ވަނީ ޕެރޫގެ ރައީސްކަން ކުރައްވައިފަ އެވެ. ތަހުގީގު ޓީމުން ބުނެފައި ވަނީ ގާސިއާ ރިޝްވަތު ނަންގަވާފައި ވަނީ އޭނާގެ ވެރިކަމުގެ ދެ ވަނަ ދައުރުގައި ކަމަށެވެ. ބްރެޒިލްގެ ކުންފުނިން ވެސް ވަނީ ރިޝްވަތުގެ ގޮތުގައި ގާސިއާ އަށް 2004 ވަނަ އަހަރުން ފެށިގެން 30 މިލިއަން ޑޮލަރު ދީފައިވާ ކަމަށް ބުނެފަ އެވެ. އެކަމަކު ގާސިއާ ވިދާޅުވަމުން ގެންދެވީ އޭނާ އަކީ ސިޔާސީ ޝިކާރައެއް ކަމަށެވެ.

ގާސިއާ ވަނީ މިދިޔަ ނޮވެމްބަރު މަހު އުރުގުއާއީގެ އެމްބަސީން ހިމާޔަތް ވެސް ހޯއްދަވައިފަ އެވެ. އަދި އެ ގައުމުން ސިޔާސީ ހިމާޔަތް ނުދިނުމުން ޖެހިގެން އައި މަހު ވަނީ އެމްބަސީން ނުކުމެވަޑައިގެންފަ އެވެ.

ޕެރޫގައި އެންމެ ފަހުން ރައީސްކަން ކުރެއްވި ފަސް ބޭފުޅުންގެ މައްޗަށް ވެސް ވަނީ ކޮރަޕްޝަނުގެ ތުހުމަތުކޮށްފަ އެވެ.