ދަރިވަރުންނަށް އެކި ހުނަރުތައް ދަސްކޮށްދޭ އުގެއިލް ފައުންޑޭޝަންގެ "ދަ ސާކަލް ކޮމްޕޮޒިޝަން" އަކީ ދަރިވަރުންގެ އިލްމީ ލިޔުންތައް ޕަބްލިޝް ކުރާ ޖާނަލެކެވެ. އެ ޖާނަލްގެ ފުރަތަމަ އަދަދާއި ދެ ވަނަ އަދަދު މިހާރު ވަނީ ޕަބްލިޝްކޮށްފަ އެވެ.

އުގެއިލް ފައުންޑޭޝަން ބުނީ "ދަ ސާކަލް ކޮމްޕޮޒިޝަން"ގެ ނަމުގައި ޕަބްލިޝްކުރަމުންދާ އެ ޖާނަލް އަކީ ޕިއާ ރިވިއު ކޮށްގެން ދަރިވަރުންގެ އިލްމީ ލިޔުންތައް ޕަބްލިޝްކުރާ ޕްލެޓްފޯމެއް ކަމަށެވެ. އަދި އެ ފަދަ ޕްލެޓްފޯމެއް ތައާރަފް ކުރީ އެ ފައުންޑޭޝަންގެ "ދަ ސާކަލް" ޕްރޮގްރާމުގައި ކިޔަވާދޭ ހުނަރު ތަކުގެ ބޭނުން ހިފުމަށް ދަރިވަރުންނަށް ފުރުސަތެއް ދިނުމަށް ކަމަށް ވެސް އެ ފައުންޑޭޝަނުން ބުންޏެވެ.

އިލްމީ ލިޔުންތައް ތައްޔާރު ކުރުމުގައި ބޭނުން ކުރަންޖެހޭ މުހިންމު ހުނަރުތަކުގެ ތެރޭގައި، ކްރިޓިކަލް ތިންކިން އާއި ރިސާޗު ސްކިލްސް ބޭނުންވެއެވެ. އެ ކަންތައްތަކަކީ އުގެއިލް ފައުންޑޭޝަންއިން ދަރިވަރުންނަށް ދަސްކޮށް ދެމުންދާ ހުނަރުތަކެވެ. އަދި އެ ފަދަ ލިޔުމެއް ތައްޔާރު ކުރުމުގައި ބޭނުން ކުރަން ޖެހޭ ލިޔުމުގެ އުކުޅުތަކާއި، ލިޔުން ފަރުމާއި ކުރަން ޖެހޭ ގޮތާއި، ކަންކަމާއި މެދު ސުވާލު އުފައްދާ އެ ސުވާލުތަކުގެ ޖަވާބު ހޯދުމަށް ވެސް ދަރިވަރުންނަށް ދަސްވެއެވެ. އެހެންކަމުން އެ ފައުންޑޭޝަނުން ކިޔަވާދޭ ކަންތައްތައް އެޕްލައި ކުރާނެ ގޮތް ދަރިވަރުންނަށް ދަސްވާނެ ކަމަށް އުގެއިލް ފައުންޑޭޝަންއިން ބުނެއެވެ.

ދަ ސާކަލް އިން މިހާރު ޕަބްލިޝް ކޮށްފައި ހުރި އަދަދުތަކުގެ ތެރޭގައި ހިމެނެނީ ސައިންސާ ޓކުނޮލަޖީގެ ދާއިރާ އާއި އާއްމު މައުލޫމާތާއި، ތާރީހާއި، ބަޔޮލޮޖީ ފަދަ ދާއިރގެ ލިޔުންތަކެވެ. އޭގެ ތެރެއިން ފާތިމަތު މައިރާޒް މިރާޒް ލިޔެފައިވާ "ދަ އޮޓޮމޮން އެމްޕަޔާ" އާއި އައިޝާ ބިންތި އާސިފް ލިޔެފައިވާ "ދަ ޑިސްކަވަރީ އޮފް އަޔަން" ފަހަގަ ކޮށްލެވެއެވެ. އަދި އިބްރާހިމް މާދު ސާޖިދު ލިޔެފައިވާ "ރޯމަން އާމީ" އާއި ުހައްމަދު އަރީން އާރިފް ލިޔެފައިވާ "ދަ މޮންގޯލްސް އެންޑް ގެންގިސް ކާން" ލިޔުން ފާހަގަ ކޮށްލެވެއެވެ.

އުގެއިލް ފައުންޑޭޝަނުން ބުނީ އެ ޖާނަލަށް ދަރިވަރުން ބޭނުން ދާއިރާކުން، ބޭނުން މައުލޫއެއްގެ ލިޔުން ހުށައެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެ ޖާނަލްގައި ޕަބްލިޝް ކުރާނީ ހަތް އަހަރާއި 17 އަހަރާއި ދެމެދުގެ ދަރިވަރުންގެ ލިޔުންތަކެވެ. ލިޔުން ހުށައަޅަން ބޭނުންވާ ދަރިވަރުންނަށް މިހާރު ވެސް ލިޔުން ހުށައެޅޭނެ އެވެ.

"ދަ ސާކަލް ކޮމްޕޮޒިޝަން" ޖާނަލްއަށް އެއް ލިޔުމަށް ވުރެ ގިނަ ލިޔުން ހުށައެޅޭނެ އެވެ.