ރ. އިންނަމާދޫގައި މަހަށް ގޮސް އުޅެނިކޮށް ބަޔަކަށް ފެނުނު ދޭތީގެ ތެރެއިން އެކަތި ޓެސްޓުކުރި އިރު އެއީ މާވަހަރެއް ނޫން ކަމަށް ހޮވި މީހުން މިއަދު ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ލައްޓި ބާނަން ގޮސް އުޅުނު ހަތަރު މީހަކަށް ފެނުނީ އެމީހުން ބުނާ ގޮތުން ނަމަ، 300 ގްރާމްގެ މާވަހަރަކާއި 200 ގްރާމްގެ މާވަހަރެކެވެ. އޭގެތެރެއިން 200 ގްރާމްގެ އެއްޗަކީ މާވަހަރެއް ނޫންކަން ޔަގީންވެފައިވާ އިރު، 300 ގްރާމްގެ އެތީގެ ޓެސްޓްގެ ނަތީޖާ އަދި ނުލިބެ އެވެ.

އިންނަމާދޫ ބަޔަކު ހޮވި އެތި. މިއީ މާވަހަރެއް ކަމަށް އެ ހޮވި މީހުން ބުނޭ.
އިންނަމާދޫ ބަޔަކު ހޮވި އެތި. މިއީ މާވަހަރެއް ކަމަށް އެ ހޮވި މީހުން ބުނޭ.

އެ ފެނުނު މީހުންގެ ތެރޭގައި ހިމެނޭ އަހުމަދު ސާއިލް "މިހާރު" އަށް ބުނީ މާވަހަރަކަށް ނުވި އެއްޗަކީ ބޮޑު މަހުގެ އެއްޗެއް ކަމަށް ޓެސްޓް ކުރި މީހުން ބުނާ ކަމަށެވެ. އަދި 300 ގްރާމްގެ އެތި މާވަހަރަކަށް ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް އޭނާ ބުންޏެވެ.

"ގާތްގަނޑަކަށް 10 ދުވަހުގެ ތެރޭގައި ޓެސްޓްގެ ނަތީޖާ ލިބޭނެ،" ސާއިލް ބުންޏެވެ.

އޭނާ ބުނި ގޮތުގައި 300 ގްރާމްގެ އެއްޗަކީ މާވަހަރެއްކަން ޔަގީންވެ، ވިއްކާލެވިއްޖެ ނަމަ ލިބޭ ފައިސާ ހޭދަކުރާނީ ރަށު ކައުންސިލުން ހަދަމުން އަންނަ މިސްކިތަށެވެ.

"މިސްކިތް އަޅަން އެހީވުމަށް ހަތަރު މީހުން އެއްބަސްވެފައި ވަނީ،" ސާއިލް ބުންޏެވެ.

މި މަހުގެ އެއް ވަނަ ދުވަހު، ށ. ފީވަކު މީހަކު އެކަނި މަހަށް ގޮސް އުޅެނިކޮށް މާވަހަރެއް ކަމަށް ބެލެވޭ 82 ކިލޯގެ އެއްޗެއް ވަނީ ހޮވައިފަ އެވެ. އެކަމަކު، އެއީ މާވަހަރެއް ކަން އަދިވެސް ޔަގީން ނުވެ އެވެ. އެ މާވަހަރު މިހާރުގެ އަގުގައި ވިއްކާލެވިއްޖެ ނަމަ 52 މިލިއަަން ރުފިޔާ ލިބިދާނެ އެވެ.