ރ. ވާދޫގައި މީދާ މަދުކުރުމަށް، މީދާ ހިފުމުގެ މުބާރާތެއް ބާއްވަން ނިންމައި އެކަމުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފި އެވެ.
ވާދޫ ކައުންސިލްގެ ރައީސް ހުސެއިން އަލީ "މިހާރު" އަށް ވިދާޅުވީ އެ ރަށުގައި ކޮންމެ އަހަރަކު ވެސް މީދާ ހިފުމުގެ ހަރަކާތެއް ކައުންސިލުން ބާއްވަމުން އަންނަ ކަމަށާއި މިއީ އާދަޔާ ހިލާފަށް މީދާ ގިނަވެގެން ކުރާ ކަމެއް ނޫން ކަމަށެވެ.
"ވާދޫގައި އާދަޔާ ހިލާފަށް މީދާ ގިނަވެގެން އުޅެނީއެއް ނޫން. އެކަމަކު މީދަލުގެ ސަބަބުން އެކި ކަހަލަ އުނދަގޫތައް، ގަސް ހައްދާ މީހުންނާއި އެހެން މީހުންނަށް ވެސް ކުރިމަތިވާތީ ކޮންމެ އަހަރަކު ވެސް މީދާ ހިފުން އޮވޭ. މިފަހަރު ތަފާތަކީ މުބާރާތެއްގެ ގޮތުގައި މިކަން ކުރާނެތީ،" ހުސެއިން ވިދާޅުވި އެވެ.
"މި ރަށަކީ ބުޅާ ވެސް އުޅޭ ރަށެއް ނޫން ވީމަ މީދާ މަދުކުރެވެން އޮންނަ ހަމައެކަނި ގޮތަކީ އެ ހިފައިގެން."
ހުސެއިން ވިދާޅުވީ ގޮތުގައި އެ ރަށުގައި އެންމެ ކުރިން މީދާ ހިފަމުން އައީ ރަށުގެ އެކި ތަންތަނަށް ބޭސް ލައިގެންނެވެ. ނަމަވެސް އެއީ އެންމެ ރައްކާތެރި ގޮތް ނޫން ކަމަށް ފެންނާތީ މިފަހަރު ބަދަލެއް ގެނައީ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިކަން ކުރުމަށް ރައްޔިތުންގެ ރޫހު އިތުރުކުރުމަށް މުބާރާތެއް ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ކައުންސިލަށް ފެނުނީ އެވެ.
"މިއަދު އަދި މި އިއުލާންކުރީ. މިހާ އަވަހަށް މީހުން ޝައުގުވެރިކަން އެބަ ފާޅުކުރޭ،" އޭނާ ވިދާޅުވި އެވެ.
ވަނަތައް ވެސް ހޮވާ މި މުބާރާތުގައި އެއް ވަނަ އަށް ދާ މީހަކަށް 3،000ރ. ދޭން ވަނީ ނިންމައިފަ އެވެ. ދެ ވަނަ އަށް 2،000ރ. އަދި ތިން ވަނަ އަށް 1،000ރ. ކަނޑައަޅާފައިވެ އެވެ.
ވާދޫގައި ދިރިއުޅޭ މީހުންނަށް އެކަނި ބައިވެރިވެވޭ ގޮތަށް ބާއްވާ މި މުބާރާތުގައި އެއް ވަނަ ލިބޭނީ 200 އަށް ވުރެ ގިނަ މީދާ ހިފައިގެންނެވެ. ދެ ވަނަ ލިބެނީ 150 މީދާ ހިފައިގެން ކަމަށްވާއިރު، ތިން ވަނަ ލިބޭނީ 100 މީދާ ހިފުމުންނެވެ. އަމިއްލަ ގޮތުންނާއި ގްރޫޕް ހަދައިގެންނާއި އަދި ޖަމިއްޔާގެ ފަރާތުން ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.
އަންނަ ބުރާސްފަތި ދުވަހު ފަށާ މި މުބާރާތް، އަންނަ މަހު ފަހެއްގެ ނިޔަލަށް ކުރިއަށް ގެންދަން ވަނީ ތާވަލުކޮށްފަ އެވެ.
މި މުބާރާތުގައި ހިފާ މީދާތައް ނައްތާލަން ނިންމާފައި ވަނީ ރަށުގެ ކަނޑައެޅިފައިވާ ވަކި ސަރަހައްދެއްގައި ވަޅުލައިގެންނެވެ.