ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކުރުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖައްސަވާ ހިސާބު ދިމާނުވާ ކަމަށް ޕީއެންސީ/ޕީއެންސީ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިރޭ ވިދާޅުވެއްޖެ އެވެ.

މި މަހު 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ރ. ވާދޫގައި ބޭއްވި ޖަލްސާގައި އަދުރޭ ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުން 3-1 އިން ބަލިވި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ކަމަށެވެ.

ރައީސްގެ ޕާޓީން ދެވަނަ ބުރުގައި އިތުރަށް ދެ ލަނޑު ޖަހައި 5-2 އިން މޮޅުވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

"އަޅުގަނޑަކަށް އެ ހިސާބެއް ދިމައެއް ނުކުރެވުނު،" އަދުރޭ ވިދާޅުވި އެވެ.

"ސޯލިހު ވިދާޅުވާ ގޮތުން އަޅުގަނޑުމެން އޮތީ 3-1 އިން [މޮޅުވެފައި]. އެހެންވީމަ އޭނަ ދެ ލަނޑު ޖެހީމަ މި ވަނީ ކިހިނެއް؟ އެހެންވީމަ ހިސާބު ދިމައެއް ނުވިތާ."

ޑރ. މުއިއްޒުގެ ކެމްޕެއިނަށް ރ. ވާދުއަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ތިބި މީހުންނާ އޭނާ ސަލާންކުރައްވަނީ.-- ފޮޓޯ: ޕީޕީއެމް
ޑރ. މުއިއްޒުގެ ކެމްޕެއިނަށް ރ. ވާދުއަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ތިބި މީހުންނާ އޭނާ ސަލާންކުރައްވަނީ.-- ފޮޓޯ: ޕީޕީއެމް

އަދުރޭ ވިދާޅުވީ އޭނާ ސިޔާސީ ހިސާބު ޖައްސަވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާކުރައްވައިގެން ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ ވިސްނުމާއި ފިކުރު ހުރި ގޮތަށް ރިއާއަތްކޮށްފައި ކަމަށެވެ. އޭނާގެ ސިޔާސީ ހިސާބު ދިމާވަނީ އެހެންވެގެން ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޕީޕިއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވަނީ 100،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންފަ އެވެ. އެއީ ވޯޓުގައި ބައިވެރިވި މީހުންގެ 46 ޕަސެންޓެވެ. އެވަރު ލިބޭނެ ކަމަށް އިންތިހާބުގެ ކުރިން އަދުރޭ ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 85،000 އަށް ވުރެ ގިނަ ވޯޓެވެ. އެއީ ވޯޓުގައި ބައިވެރިވި މީހުންގެ 39 ޕަސެންޓެވެ.

އަދުރޭ މިރޭ ވެސް ވިދާޅުވި ގޮތުގައި، އެ ޕާޓީން އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކުރާނީ 60 ޕަސެންޓް ވޯޓު ހޯދައިގެންނެވެ.