ރިޕޯޓް

ނަސީމް ވިދާޅުވަނީ ޑްރަގްގެ މައްސަލަ ރަނގަޅު ކުރާނީ މި ސަރުކާރުން ކަމަށް

އުމުރުން އަށް އަހަރުގެ ކުދިން ނީޑްލް އެބަ ބޭނުންކުރޭ. [މަސްތުވާތަކެތި ބޭނުކުރަން] ކަށި އެބަ އިންޖެކްޓް ކުރޭ. ކިހާ ދެރަކަމެއްތޯ؟ އަނެއްކާ އުމުރުން 10 އަހަރު، 12 އަހަރުގެ ކުދިން ލައްވައި މީގެ ވިޔަފާރި އެބަކުރުވާ.

video icon

ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމުގެ ނިޒާމު ބޮއްސުންލައިގެން ގޮސްފައިވާއިރު، އެއީ މިހާތަނަށް އެއްވެސް ސަރުކާރަކަށް ހައްލުވި ކަމެއް ނޫނެވެ. ހުރިހާ ސަރުކާރެއްގައި އެކަމާ ހަވާލުވެ ވަޑައިގަތް ބޭފުޅުން ފެއިލްވީ އަލިމަގެއް ހޯދައިނުދެވި އެވެ. އެކަމަކު މިހާރުގެ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މި އަހަރުގެ މޭ މަހުގެ ފަސްވަނަ ދުވަހުން ފެށިގެން އެކަމުގައި ކާމިޔާބު ހޯދުމުގެ މަގު ކޮށުން ނޫން ކަމެއް ނުކުރައްވަ އެވެ. އޭނާގެ ވިދާޅުވި ގޮތުގައި، ހުރިހާ ވަގުތެއް ގާތްގަނޑަކަށް އެ ދުވަހުން ފެށިގެން ހޭދަކުރައްވަނީ އެކަމުގަ އެވެ.

"އަޅުގަނޑަށް ޔަގީން އެއްވެސް ސަރުކާރަކަށް ނުހޯދޭ ވަރުގެ ބޮޑު ކާމިޔާބެއް މި ސަރުކާރުން [މަސްތުވާތަކެއްޗާ ދެކޮޅަށް] ހޯދާނެ. މި ފަހަރު މި ޑްރަގްގެ މައްސަލާގައި މަސައްކަތް ކުރެވުނު ވަރަކަށް އެހެން އެއްވެސް ކަމެއްގައި އަޅުގަނޑަށް މަސައްކަތް ކުރެވިފައެއް ނެތް،" މަސްތުވާތަކެތީގެ އަވައިގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމާ މިދިޔަ މޭ ފަސްވަނަ ދުވަހު ހަވާލުވެ ވަޑައިގަތް ނަސީމް ވިދާޅުވި އެވެ.

"އަޅުގަނޑު ހަވާލުވި ދުވަހުން ފެށިގެން ވަރަށް ބޮޑަށް މަސައްކަތް މި ކުރަނީ މިކަން ދެނެގަންނަން. އަޅުގަނޑަށް ވެސް ވަރަށް އާ ދާއިރާއެއް އެއީ."

މި ސަރުކާރުގައި ވެސް މިހާ ހިސާބަށް ރަނގަޅު ނުކުރެވުނު އެ މައްސަލަ އަށް އެކަށީގެންވާ ހައްލެއް ހޯދުމަށްޓަކައި ނަސީމްގެ ޒިންމާގެ ދަށުން މިހާތަނަށް ވަނީ، އޭނާ ވިދާޅުވާ ގޮތުން، ކުރު މުއްދަތެއްގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ. ކުރިއަށް ދާނެ ސްޓްރެޓެޖީއެއް އެކުލަވާލައި އެކި ކަންކަމަށް ނަތީޖާ ނެރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެ އެވެ.

"ޑްރަގްގެ ކަންކަން އެއްވެސް ގައުމެއްގައި އެކީ ފިލުވައިލެވިފައެއް ނެތް. މީގެ މޫތައް ރާއްޖޭގައި ވަރަށް ބޮޑަށް ފެތުރިފައި. ވަރަށް ބޮޑު ވިޔަފާރިއެއް މިއީ. އަނެއްކާ މި ކަމާ ދެކޮޅަށް ތެދުވާ މީހުންނަށް ކޮންމެވެސް ވަރެއްގެ ނުރައްކަލެއް ހުންނަ ކަމެއް މިއީ. އެހެންވީމާ އަޅުގަނޑުމެންގެ މުވައްޒަފުންނާ މެދު ވެސް ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ މި ކަހަލަ ކަންކަމާ މެދު،" މިނިސްޓަރު ވިދާޅުވި އެވެ.

"ޑްރަގްގެ މައްސަލައިގައި އަޅުގަނޑުގެ ވަރަށް ގިނަ ވަގުތު އެބަ ހޭދަވޭ މިހާރު. އެކަމަކު މި އަހަރު ނިމެންވާއިރަށް ކަންކަން ރޭވި ކުރިއަށް ދާނެ މަގެއް އަޅުގަނޑުމެންނަށް ހޯދޭނެ."

ހެލްތު މިނިސްޓަރު ނަސީމް "މިހާރު" އަށް އިއްޔެ އިންޓަވިއު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

މަސްތުވާތަކެތީގެ ފަރުވާއާ ގުޅޭ ކަންކަމާ ހަވާލުވެވަަޑައިގެންނެވި ފަހުން ނަސީމް ވަނީ އޭނާގެ އިސްނެންގެވުކަށް ރާއްޖޭގެ ހާލަތު ދިރާސާ ކުރައްވައި އޭގެ ރިޕޯޓެއް ދާދި ފަހުން ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅުއްވައިފަ އެވެ. ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު ނުރައްކާ ވެފައިވާ ވަރު އެ ރިޕޯޓުން ވަރަށް ރަނގަޅަށް ސާފުކޮށްދިނެވެ. މަސްތުވާތަކެތީގެ ތެރޭގައި ހިމެނޭ އެންމެ ނުރައްކާތެރި އެއް ބާވަތް، މެތަޕެޓަމައިން (މެތު) ރާއްޖޭގައި އާންމު އެއްޗަކަށް ވެ، ހިލޭ ވެސް ލިބޭ ހިސާބަށް ހިނގައްޖެ ކަމަށް އެ ރިޕޯޓުގެ އަލީގައި ފުރަތަމަ ފަހަރަށް ހާމަވި އެވެ. އަދި ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތައް ބަދަލުވެފައިވާކަން ވެސް އެ ރިޕޯޓުން އެނގެ އެވެ.

ނަސީމްގެ އަމިއްލަ އިސް ނެންގެވުމަކަށް ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ދެއްކެވި ވާހަކަތަކާ ގުޅިގެން މެމްބަރުންނާއި މުޅި ގައުމު މި މައްސަލަ އަށް ލޯ ހުޅުވި ކަމުގެ ސީރިއަސްކަން އިތުރުވި އެވެ.

ހެލްތު މިނިސްޓަރުގެ އިސް ނެންގެވުމަކަށް މިހާރު ވަނީ މާފުށީ ޖަލުގައި މަސްތުވާތަކެތީގެ މީހުންނަށް ފުރަތަމަ ފަހަރަށް ފަރުވާދޭން ފަށައިފަ އެވެ. އައްޑޫ ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ހިދުމަތް މެދުކެނޑުމަކަށް ފަހު އަލުން ފަށައިފި އެވެ.

ފަރުވާ ދޭން ފުރަތަމަ ފަހަރަށް ޑޮކްޓަރުން

ނަސީމް ވެސް މިއަދު ދައްކަވަނީ މަސްތުވާތަކެތީގެ ފަރުވާ އިން އެކަށީގެންވާ ނަތީޖާއެއް ނުހޯދުނު ވާހަކަ އެވެ. މި ހުރިހާ ދުވަހު މި ގައުމުގެ އެތައް ބައެއްގެ ކަންބޮޑުވުމަކީ ފަރުވާ ހޯދުމަށް ފަހު މުޖުތަމައަށް ނުކުންނަ މީހާ ދުވަސްގަނޑަކުން އަނެއްކާ ވެސް މަސްތުވާތަކެތި ބޭނުންކުރާ މައްސަލަ އެވެ. ފަރުވާ ދިނުމުގައި ކޮންމެވެސް މައްސަލަތަކެއް އެބައުޅެ އެވެ. އެހެންވެ، ނަސީމް ނިންމަވާފައި ވަނީ މަސްތުވާތަކެތީގެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ހާއްސަ ޑޮކްޓަރުން ގެންނާށެވެ. އެ މީހުން އަންނަ އަހަރު ގެނެސް އަމަލީ ކަންކަން ފަށައިގަންނާނެ އެވެ.

"ބައްލަވާ އުމުރުން އަށް އަހަރުގެ ކުދިން ނީޑްލް އެބަ ބޭނުންކުރޭ. [މަސްތުވާތަކެތި ބޭނުކުރަން] ކަށި އެބަ އިންޖެކްޓް ކުރޭ. ކިހާ ދެރަކަމެއްތޯ؟ އަނެއްކާ އުމުރުން 10 އަހަރު 12 އަހަރު 12 އަހަރުގެ ކުދިން ލައްވައި މީގެ ވިޔަފާރި އެބަކުރުވާ. އެ މީހުންނަށް އިނގޭ ޖުވެނައިލް ޖަސްޓިސް ސިސްޓަމްގެ ތެރެއިން ސަލާމަތް ވާނެކަން،" ނަސީމް ވިދާޅުވި އެވެ.

"އެކަމަކު އެ ކުދިންގެ ބޭނުން ހިފަން ފެށީމާ އެ ކުދިން ވެސް ވިކްޓިމުންނަށް ވަނީ. އެ މީހުންނާ މެދު ވަރަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެ."

ނަސީމް ދެކެވަޑައިގަންނަވާ ގޮތުގައި އެކަށީގެންވާ ފަރުވާ ދެވޭނީ ޑްރަގާ ބެހޭ ޑޮކްޓަރުންނަށެވެ. އެހެންވެ، ރާއްޖެ އަށް އެފަދަ ޑޮކްޓަރުން ގެނައުމަށްޓަކައި އެމެރިކާގެ މަޔާމީގެ މަރުކަޒަކާ މިހާރު ވެސް ވާހަކަ ދައްކަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ތަނުގައި ރިޓަޔާ ކޮށްފައި ތިބި މީހުން ވެސް ގެނެވިދާނެ. އަޅުގަނޑު ބޭނުންވަނީ އެކަން ދަންނަ މީހުން ލައްވައި ކަން ކުރުވަން. އަޅުގަނޑުމެންނަށް ހުރިހާ އެއްޗެއް ނޭނގޭނެ. އަޅުގަނޑުމެންނަށް ހުރިހާ އެއްޗެއް އެނގޭ ނަމަ މި މައްސަލަ ނުވެސް އުޅޭނެ މިތާނގައި،" ނަސީމް ވިދާޅުވި އެވެ.

"އެހެންވެ، އަޅުގަނޑުމެން އެބަޖެހޭ ބޭރުގެ މާހިރުންގެ ލަފަ އާއި އިރުޝާދު ހޯދަން. އެ ކަންތައް އަޅުގަނޑު މި ކުރަނީ. އަޅުގަނޑަށް މީގެ މާ ބޮޑެތި ކަންތައްތަކެއް އެނގިގެނެއް ނޫން މި އުޅެނީކީ. އެ ބޭފުޅުންގެ ލަފަ އާއި އިރުޝާދުގެ މަތިން އަޅުގަނޑުމެންނަށް ކަންތައް ކުރެވޭނީ. އެ ގޮތަށް އަޅުގަނޑު ކަންތައް ކުރާނީ ވެސް."

ނަސީމް ވިދާޅުވި ގޮތުގައި 2003 އިން ފެށިގެން ޑްރަގް ފަރުވާ ދެމުން އައި ނަމަވެސް ނަތީޖާއެއް ނުނިކުތެވެ. އޭގެ ތެރޭގައި ތަކުރާރުކޮށް ފަރުވާ ހޯދާ މީހުން ވެސް އެބަތިއްބެވެ. އެ މީހުންނަށް ވަޒީފާ ހޯދައި ދޭނެ ބަޔަކު ނެތެވެ. ފަރުވާ އަށް ފަހު މުޖުތަމައަށް ނުކުތަސް ބަލައެއް ނުގަނެ އެވެ.

އަޅުގަނޑަށް ޔަގީން އެއްވެސް ސަރުކާރަކަށް ނުހޯދޭ ވަރުގެ ބޮޑު ކާމިޔާބެއް މި ސަރުކާރުން [މަސްތުވާތަކެއްޗާ ދެކޮޅަށް] ހޯދާނެ. މި ފަހަރު މި ޑްރަގްގެ މައްސަލާގައި މަސައްކަތް ކުރެވުނު ވަރަކަށް އެހެން އެއްވެސް ކަމެއްގައި އަޅުގަނޑަށް މަސައްކަތް ކުރެވިފައެއް ނެތް،"--- ނަސީމް

"ޓްރީޓްމަންޓު ދީފައި މީހުން ދޫކޮށްލީމާ ތިން މަސް ފަހުން އެ މީހުން ތިބޭނީ ހަމަ އެ ތަނުގައި. އެ މީހުންނަށް އުންމީދެއް ލިބުނީމާ މިކަން ރަނގަޅު ވާނީ. އޭގެ މާނައަކީ ވަަޒީފާ ފުރުސަތު ލިބެންޖެހެއޭ،" ނަސީމް ވިދާޅުވި އެވެ.

"މި މީހުންނަކީ ބަލި މީހުން ކަމަށް މިހާރަށް ވުރެ ބޮޑަށް ވިސްނަންޖެހޭ. އެހެންވީމާ ވަށައިޖެހޭ ގޮތަކަށް މިކަން ކުރެވޭނީ. ޓްރީޓްމަންޓް ދޭންވީ. ފަސް އަހަރު ދުވަސް ވަންދެން އެ މީހުން ބަލަހައްޓަން ޖެހޭނެ އަޅުގަނޑުމެން. އޭގެ މާނައަކީ ރެގިއުލާކޮށް ޓެސްޓް ކުރުމާއި ބެލެހެއްޓުމާއި ރިލެކްސްއަކަށް ދިޔަ ނުދިނުމާއި އުންމީދެއް ދިނުމާއި މުސާރަކޮޅެއް ދިނުން. އެއީ ވެސް މުޖުތަމައުގެ ބައެއްކަން އެ މީހުންނަށް އިހުސާސް ވާ ވަރަށް ކަންތައް ކުރަން ވާނެ."

އެ މަގު ފަހިކުރުމަށްޓަކައި ނަސީމް ކުރެއްވި މަސައްކަތުން އެކި ކުންފުނިތަކުން 200 އެއްހާ މީހުންނަށް ވަޒީފާގެ ފުރުސަތު ދޭން ވަނީ އެއްބަސްވެފަ އެވެ. އެއީ ޕައިލެޓް ޕްރޮޖެކްޓެއް ކަމުން މިނިސްޓަރުގެ ވިސްނުން މި ވަގުތަށް ހުރީ 50 މީހަކަށް ޖާގަ ދޭށެވެ. އެކަމަކު އެ ކަމަށް އަދި ވަކި ގޮތެއް ނުނިންމަވަ އެވެ.

ފުރަތަމަ ކުރެއްވި ކަމަކީ އެންޑީއޭ އެހެން ތަނަކަށް ބަދަލުކުރުން

ޑްރަގްގެ ފަރުވާ ރާވައި އެ ކަންކަން ހަމަ މަގަށް އަޅުވަން ސަރުކާރުން ހަވާލު ކޮށްފައިވާ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އެތެރޭގެ މައްސަލަތަކުގެ ވާހަކަ ދައްކާތާ އެތައް ދުވަހެއް ފަހުން ނަސީމް މިހާރު ވަނީ އެކަން ވެސް ހައްލު ކޮށްދެއްވައިފަ އެވެ. އޭނާ ވިދާޅުވާ ގޮތުން އެންމެ ފުރަތަމަ ކުރައްވަން ޖެހުނު ކަމަކީ އެ އެޖެންސީ ހިންގާ މާހައުލު ރަނގަޅު ކުރުމެވެ. އިމާރާތް ވަރަށް ބޮޑަށް ބާވެ، ހަލާކުވުމުން އޭގެ އުނދަގޫ އިންތިހާ އަށް އޮތީ ބޮޑުވެފަ އެވެ.

"އެއީ ބާ އިމާރާތެއް ވީމާ ކަތުރުފަނި ވެސް ކާނެ. އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވައިގެން ވަރަށް ރަނގަޅު ތަނެއް ލިބިއްޖެ. ބަޔަކު މީހުން މަސައްކަތް ކުރާ ނަމަ އެ ބަޔަކު މަސައްކަތް ކުރާ މާހައުލު ވެސް ރަނގަޅުވާން އެބަޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަސީމް ވަރަށް ޔަގީންކަމާއެކު ވިދާޅުވީ، އެންޑީއޭގެ ކަންކަން މިހާރު ރަނގަޅު ކޮށްފައިވާ ކަމަށެވެ. އެންޑީއޭގެ ހިންގުން އެއްކޮށް މިހާރު ބަދަލުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވެ އެވެ.

"އަޅުގަނޑަށް ހީވަނީ ރަނގަޅު ސްޓްރަކްޗާއެއް އޮވެގެން ކަންކަން ތަންފީޒު ކުރެވުނީމާ ދެން އެހެން ކުދިކުދިން ކަންކަން ދިމާވާން އުނދަގޫވާނެހެން. ކޮރަޕްޝަނެއްގައި ވެސް ވާ ގޮތަކީ ތަނަކަށް ކޮރަޕްޝަން ވައްދާލަން ވެއްޖިއްުޔާ އެ ތަން ޑިސްއޮގަނައިޒް ކޮށްލަނީ. އެއިރުން މަގުފަހިވާނެ. ބަރާބަރަށް ހިންގާ ތަނަކަށް ކޮރަޕްޝަން ނުވަންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ޑްރަގް ކޮންޓްރޯލް ކުރަން މިދިޔަ ސަރުކާރުން އެއްވެސް ކަމެއް ނުކުރޭ

މަސްތުވާތަކެތީގެ ވަބާ އިން ދިވެހިން ސަލާމަތް ނުވެ، ކަންކަން މިހާ ބޮޑަށް ގޯސްވީ ކީއްވެތޯ ދެންނެވުމުން ނަސީމް ދެއްވީ ވަރަށް ކުރު ޖަވާބެކެވެ.

"މިދިޔަ ސަރުކާރުން މަސްތުވާތަކެއްޗާ ބެހޭ ގޮތުން އެއްވެސް ކަމެއް ކޮށްފައެއް ނެތް. މަސްތުވާތަކެތި ކޮންޓްރޯލް ކުރުމާ ބެހޭ ގޮތުން އެއްވެސް ކަމެއް ކޮށްފައެއް ނެތް. އެއީ މައްސަލައަކީ،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން [ވެރިކަމަށް] އައިސް މަސްތުވާތަކެއްޗާ އިދިކޮޅަށް ނުކުތީ. އެއީ ކުރު ޖަވާބަކީ."

ހެލްތު މިނިސްޓަރު ނަސީމް "މިހާރު" އަށް އިއްޔެ އިންޓަވިއު ދެއްވަނީ: ޑްރަގްގެ މައްސަލަ ހައްލު ކުރުމާ ގުޅޭ ކަންކަމަށް ގިނަ ވަގުތު ދެއްވާ ކަމަށް ވިދާޅުވި---ފޮޓޯ: ނިޝާން އަލީ/ މިހާރު

އެކަމަކު، ނަސީމް ވިދާޅުވީ މި ސަރުކާރުން އައިސް މަސްތުވާތަކެއްޗާ ދެކޮޅަށް މިހާރު ފަށާފައިވާ މަސައްކަތުގެ ތެރެއިން ދަނީ ހައްލާ ދިމާ އަށް ކަމަށެވެ. މާލޭގެ މަގުތަކުގައި މިހާރު ނިދާ މީހުންގެ ހުރިހާ މައުލޫމާތެއް ވެސް އޭނާގެ އަތުގައި އެބަހުރި މިނިސްޓަރު ވިދާޅުވެ އެވެ، ކޮން ގެއެއްގެ ކާކުކަން އެ މީހަކު ނިދަނީ ކޮން ތާކުކަން ވެސް އޭނާ އަށް އެނގިވަޑައިގަންނަވާ ކަމަށް ނަސީމް ވިދާޅުވި އެވެ.

"އެ މީހުންނަށް އޮތް ހައްލު ހޯދާނަން އަޅުގަނޑު. އަޅުގަނޑަށް ހީވަނީ އަތޮޅުތެރޭގެ އެކި ތަންތަނުން ޓްރީޓްމަންޓް ދެވެން ފެށީމާ ރަނގަޅުވާނެހެން. މި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އަޅުގަނޑުމެން އެކަން އެސްޓެބްލިޝް ކުރާނަން ﷲ ގެ އިރާދަފުޅުން. ޓްރީމަންޓް ދެވެން ޖެހޭނެ. އެހެން ހަމަ ރަށަށް ދާށޭ ބުންޏަސް އެއީ ރަނގަޅު ގޮތެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

ތަފާތު ފެންނާނެ

މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށްޓަކައި ނަސީމަށް މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފައި ވަނީ 19 ވަރަކަށް އިދާރާއާ އެކުގަ އެވެ. އެކި ފިކުރުގެ އެކި ބޭފުޅުންނާއެކު ދުވަހުން ދުވަހަށް މަސައްކަތް ކުރައްވައި މަސްތުވާތަކެއްޗާ ދެކޮޅަށް މި ސަރުކާރުން ތަފާތު ދައްކަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވަރަށް ގާބިލް ޓީމެއް އެބައޮތް. ސިއްހީ ދާއިރާ އަށް ވެސް ޑްރަގް ދާއިރާ އާށް ވެސް. މި އަށް ވުރެ ޕްރޮފެޝަނަލް މީހުން ގިނަ މިނިސްޓްރީއެއް ރާއްޖޭގައި ވަރަށް މަދުވާނެ. އެހެންވީމާ އެ މީހުންގެ ފުރިހަމަ ބޭނުން ހިފަން ބޭނުން. އެ މީހުންގެ ލަފަ އާއި އިރުޝާދު ބޭނުންވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ނަސީމް ވިދާޅުވިގޮތުގައި، ޑްރަގާ ގުޅޭ ކަންކަމާ އޭނާ ހަވާލުވިއިރު ކަންކަން ހުރީ އޭނާ އެންމެ ހިތްހަމަޖެހިވަޑައިގަންނަވާ ގޮތަކަށް ނޫނެވެ. އެހެންވެ، މައްސަލަތައް އޭނާ އަށް ހައްލު ކުރެއްވޭނެ ގޮތަށް ޑްރަގް އެޖެންސީގެ ހިންގުން ބަދަލުކުރެއްވި އެވެ.

ނަސީމް ވަރަށް ޔަގީންކަމާއެކު ވިދާޅުވީ، އެންޑީއޭގެ ކަންކަން މިހާރު ރަނގަޅު ކޮށްފައިވާ ކަމަށެވެ. އެންޑީއޭގެ ހިންގުން އެއްކޮށް މިހާރު ބަދަލުކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވެ އެވެ.

މިނިސްޓަރު މިހާރު ވަނީ ޑްރަގްގެ މައްސަލަ ހައްލު ކުރުމަށްޓަކައި ކަންކަން ރާވައި، ކަރުދާހުގައި ލިޔުއްވައިފަ އެވެ. ދެން އޮތީ ކަމާ ގުޅޭ ސްޓޭކް ހޯލްޑަރުންނާއެކު އެ ކަންކަމަށް އެއްބަސްވުމަކަށް އައުމުގެ މަރުހަލާ އެވެ. ކަމާ ގުޅުން ހުރި 19 ވަރަކަށް އެޖެންސީއާއެކު މި މަހުގެ ނިޔަލަށް އެއްބަސްވުމަކަށް އައިސް ކަންކަން ތަންފީޒު ކުރުމުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފަށާނެ އެވެ.

ނަސީމް ފަދަ އުމުރުން ތަޖުރިބާކާރު ބޭފުޅަކު ނުކުންނަވައި ޑްރަގާ ދެކޮޅަށް ވަރުގަދަ މަސައްކަތް ކުރައްވައި ނަތީޖާ ނެރުއްވާނެ ކަމަށް ޔަގީންކަމާއެކު ވިދާޅުވުމުން ޝައްކު ކުރާނެ ޖާގައެއް ހަގީގަތުގައި ނެތެވެ. އެއީ އެ އަޒުމުގައި، އެ ފޯރީގައި އަދި އެހާ ޔަގީންކަމާއެކު، ޑްރަގްގެ މައްސަލަތަކާ ދެކޮޅަށް ވާހަކަ ދައްކަވާ ވަޒީރުން މަދުވުމުންނެވެ.

38 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 0%
icon angry icon angry 47%
icon wow icon wow 6%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަލޯ

22 November 2021

މަހީހީ ހަލާކުވެއްޖެ. މީނާއަށް ނިދިން ހޭލެވުނީ ދެންމެއަކުދޯ! 2007ގެ ސަރުކާރުގައި މީނާ ހުރީ ކޮންތާކުބާ؟ ގޭގައި ބޮޑު ގުގުރީގައި ނިދާފަދޯ!. މީ ހުސް ހޮޅިވާހަކަ މިވެރިންނަށް ކުރެވޭހާވެސް ކަމަކީ ރައްޔަތުންނަށް ދޮގު ވައުދުވުން. 3 އަހަރު ވޭތުކުރިއިރު ރާއްޖެއަށް އާބާވަތެއް ތައާރަފު ކުރި ވާހަކައާއެކު މިތަކެތި ބޭނުންކުރާ އުމުރުފުރާވެސް ދަށްކޮއްލިވާހަކައިން

The name is already taken The name is available. Register?

މުލޭ

21 November 2021

ތިޔައެއްޗެއް އެތެރެކުރާ މީހުންނާއި ވިއްކާ މީހުންނަށް މަރުގެ އަދަބު ދޭންފެށުމުން އެތެރެކުރުން ހުއްޓޭނެ. ބޭނުންކުރާމީހުންނަށް ވެސް ހައްގު އަދަބު ދިނީމަ އެކަން ވެސް ހުއްޓޭނެ. އެއްވެސް ސަރުކާރަކުން މި މައްސަލައަށް ހައު ލިބޭނެ ގޮތަކަށް މަސައްކަތެއް ނުކުރޭ. ނުވެސް ކުރާނެ. އެއަށްވުރެ ބޮޑަށް ސަަރުކާރުތަކުގެ ވެރިން ތިބީ އެތެރެކުރާ މީހުންނާއި ވިއްކާ މީހުންގެ މުށުތެރެއަށް ލެވި ފިތި ބާރުވެފައިި. ކޮންމެ ސަރުކާރަކުން ކަމަކަށް ކަމެއް ކުރަނީ.

The name is already taken The name is available. Register?

ކޮރަލް

21 November 2021

ޑްރަގް ކޮންޓްރޯލް ކުރާނީ އަޅުގަނޑޭ ބުނެވިދާނެ އެވެ. އަދި މިދިޔަ ސަރުކާރުން ޑްރަގް ކޮންޓްރޯލް ކުރަން އެވެސް ކަމެއް ނުކުރެ އޭ ބުނެވިދާނެ އެވެ. 3 އަހަރުވަނީ އެވެ. ކުރެވުނު ކަމެއް ފެންނާ ކަށް ނެތެވެ. ޑްރަގް އިތުރު ވީ އެވެ. އިނތްިހާބު ކައިރި ވާ ވަރަކަށް ވައުދު ގިނަ ވާނެ އެވެ. 1980 އިގެ އަހަރު ތަކުގަ މިނިސްޓަރު ކަން ކުރި މީހުން މިޒަމާނައް ނުފެތޭނެ އެވެ.

The name is already taken The name is available. Register?

ހަސަންބެ

21 November 2021

100ކިލޯ އެއީ ދެން ކޮންވާހަކައެއް?

The name is already taken The name is available. Register?

ކުނިވީ

21 November 2021

ޓްރީޓްމަންޓް ދީފައި ދޫކޮށްލި މީހަކު އިހަކަށް ދުވަހު މަރުވެ ކުނިވެފައި އޮތީ. ކޮބާ ޓްރީޓްމަންޓްގެ ފައިދާ؟

The name is already taken The name is available. Register?

ނާމަދި ކާނޫ

21 November 2021

ކީކޭތޯ ތިވިދާޅުވަނީ؟ ތިކަމުގައި ސަރުކާރު ފެއިލް ވެފައިވާ ވަރު މަގުމަތިން ރޯމާދުވާލުހެން ފެނަނަތާ އެތައް ދުވަހެއް މިވަނީ، ނަތީޖާ ނެރޭތަން އަމަލުން ދައްކަވަންވީ ނޫންތޯ؟؟ ރަންގަޅު ނަތީޖާ ނެރޭނަމަ މަގުމަތިން އެހާގިނަ "ބަލި ކުދިން" ނުފެންނާނެ އެއް ނޫންތޯ؟

The name is already taken The name is available. Register?

ހަގީގަތުގައިވެސް

21 November 2021

މި ސަރުކާރުއައި ފަހުން ޑުރަގޭ ކިޔާއަޑު ވެސް ނީވޭ. ހީވަނީ މިހާރު ދިވެހިން ދަންނަ އެއްޗެއްވެސް ނޫންހެން.. މަގުތައް ވެސް އަމާން ވެއްޖެ. މަސްތުވެގެން އުޅޭ ޒުވާނުން ވެސް މިހާރު ނޫޅޭ...

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

21 November 2021

ތިކަން ކުރުމަށް ރައްޔިތުން ދެކޮޅެއްނޫން. އަދި ރައްޔިތުން އެދެނީ "ވާނެއޭ ކުރާނަމޭ ބުނެބުނެ ތބުމުގެ ބަދަލުގައި" ތިކަން ކޮށްފައި ރައްޔިތުނަށް ދެއްކުން. # އެހެން ނަމަވެސް ވަޒީރު މިހާރުވެސް ތިދާޅުވަމުން ތިގެންދަވާ އެއްވެސް މަސައްކަތެއް ކުރާނެ ގޮތަކާއި އެކަމަށް ކުރެވިފައިވާ ތައްޔާރީތަކުގެ އެއްވެސް ތަފުސީލެއް ނުދެއްވިކަމުން އެގިގެން ދަނީ ތިއީ ފޮނުކަޑާން ދައްކާ ވާހަކަ ކަން.

The name is already taken The name is available. Register?

ޢެކްޓިވިސްޓު

21 November 2021

ޗޭންޖް އެން.ޑީ.އޭ މިދަނީ ޙަޤީޤަތަކަށް ވަމުން.

The name is already taken The name is available. Register?

ސަންޑޭ

21 November 2021

މިނިސްޓަރ ނަސީމް . ސަޕްލައި ރިޑަކްޓް ކޮށް ދެއްވާ.. ޑްރަގް ލޯޑުން އިޖްރާއާތު ގޯސް ވެެގެން މިނިވަން ވެގެން ދާ ދިޔުން ހުއްޓުވާ ދެއްވާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454