ރިޕޯޓް / އަލީ ވަހީދު، ކުރީގެ ޓޫރިޒަމް މިނިސްޓަރު

ނުފެންނަ ކަމަށް ހެދޭވަރަށް ވުރެ ބޮޑެތި ވާހަކަތަކެއް

އަލީ ވަހީދު: ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ވާދަކުރައްވާ އަލީ ވަހީދާ ދެކޮޅަށް އޮތީ ސީރިއަސް ތުހުމަތުތަކެއް - ފޮޓޯ: ނިޝާން އަލީ / މިހާރު

ދައުލަތުގެ ވަޒީރެއްގެ ގޮތުގައި ހުންނަވައި، ރަސްމީ މަސައްކަތް ކަމަށް ބުނެ އެކި ދަތުރުތަކުގައި އަންހެން ކުދިން ރަށުން ބޭރަށް ގެންގޮސް، އަލީ ވަހީދު އުޅުއްވީ ކަމަށް ތުހުމަތުކުރަނީ އޭގެ ތެރެއިން ބައެއް ކުދިންނާ ޖިންސީ ގުޅުން ހިންގާށެވެ! މިހާރު ލީކުކޮށްލައިފައިވާ ބައެއް ބަޔާންތައް ފިތްކަނޑައިގެންދާހާ ވަރުގެ "ބިރުވެރި" އެވެ. އެހާ، ހިތްދަތި ވާހަކަތަކެވެ. ބައެއް ކުދިން އެ ކުދިންގެ އަންނައުނު ގަދަކަމުން ބާލުވައި، ރޮއެރޮއެ އޮއްވައި ޖިންސީ ގުޅުން ހިންގި ކަމަށް، ބަޔާންތަކުގައި ބުނެފައި އެބަހުއްޓެވެ.

"މިހާރު" އިން ބެލުމުން އެއީ، އަލީ ވަހީދު މިދިޔަ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އިރު އެތާނގެ މުވައްޒަފުންނާ ޖިންސީ ގުޅުން ހިންގަން ވެގެން އުޅުނު ކަމަށް ތުހުމަތުކޮށް އޭނާ އާ ދެކޮޅަށް ދައުވާކުރަން ފުލުހުންނަށް ދީފައިވާ ބަޔާންތަނެވެ. އެ ބަޔާންތައް ސައްހަ އެވެ.

އަލީ ވަހީދުގެ ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބޮޑުވެ، ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް 2021 ގައި މި މައްސަލާގައި އެންމެ ފުރަތަމަ ދިޔައީ ޖެންޑާ މިނިސްޓަރު ކައިރި އަށެވެ. އޭގެ ފަހުން، އޭރުގެ ޖެންޑާ މިނިސްޓަރާ އެކު ރައީސް އޮފީހަށް ގޮސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރި އެވެ. އެ ވާހަކަތައް އެކި ކުދިން ރައީސަށް ކިޔައިދިނުމުން، އެމަނިކުފާނު ކީރިތި ކުރެއްވި ކަމަށް މީޑިއާގައި ރިޕޯޓްކުރި އެވެ. ރައީސަކު ކީރިތި ކުރައްވާނީ އެކަމެއްގައި ވަރަށް ސީރިއަސް، ހިތާމަވެރި ކަންތައްތަކެއް ހުރެގެން ކަމަށް ގަބޫލުކުރެވެ އެވެ.

އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ފަރާތުން ޖިންސީ ފުރައްސާރަ އާއި ޖިންސީ ގޯނާ ލިބުނު ކަމަށް ބުނެ، އެ މިނިސްޓްރީގެ ގިނަ އަންހެން މުވައްޒަފުންތަކެއް ރައީސަށް ޝަކުވާ ހުށަހެޅީ ޖެންޑާ މިނިސްޓަރު ދެއްވި ޔަގީންކަމާ އެކު އެވެ. އެ މީހުންގެ ހިތުގައި އޮތް ބިރުވެރިކަމާ އެކު ވެސް ފަހަތަށް ނުޖެހި ފުލުހުންގެ ތަހުގީގާ ހަމައަށް ދިޔައީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެކަމުގައި އިންސާފު ލިބޭނެ ކަމަށް ދެއްވި ޔަގީންކަމާ އެކު އެވެ.

ނަމަވެސް، އަލީ ވަހީދުގެ މައްސަލަ އެނބުރެމުން ގޮސް މުޅި މައްސަލަ އޮބާލީ އެއްވެސް ފިޔަވަޅެއް ނޭޅި އެވެ. މިނިސްޓަރު ކަމުން ވަކިކޮށް ދައުވާ އުފުލި ނަމަވެސް، ކޯޓުގައި ޝަރީއަތް ކުރިއަށް ދަނިކޮށް ކޯޓުން ދިން ހުއްދައެއްގެ ދަށުން އިނގިރޭސިވިލާތަށް ވަޑައިގެން އަލީ ވަހީދު ފިއްލެވީ އެވެ. ސުޕްރީމް ކޯޓުން ވެސް އަލީ ވަހީދުގެ މައްޗަށް ހުރުމަތް ކެނޑުމުގެ ހުކުމެއް ޣައިރު ހާޒިރުގައި އިއްވައި، ފަހުން އެ ހުކުމް ބާތިލްކުރީ އެވެ. އޭނާގެ މައްޗަށް އުފުލާފައި އޮތް ދައުވާތައް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އަނބުރާ ގެންދިޔައީ އަނިޔާ ލިބުނު ކަމަށް ބުނި މުވައްޒަފުން ހެކިބަސް ދޭން ދެކޮޅު ހެދުމުންނެވެ.

މި ހިސާބަށް ދިއުމުގެ ކުރިން އޭރު ދައުލަތާއި ސަރުކާރުގެ އެންމެ ނުފޫޒު ގަދަ ބައެއް ބޭފުޅުން މައްސަލަ އަނބުރާ ގެންދަން ފުލުހުންނަށް ޕްރެޝަރުކުރި ކަމަށް އެނގިފައިވެ އެވެ. މައްސަލައިގައި ހިމެނޭ މީހުންގެ ފަރާތުން ފުލުހުންނާއި ޕީޖީ އަށް ސިޓީތައް ފޮނުވައި އެ މައްސަލައިގައި ދިން ބަޔާންތައް އަނބުރާ ގެންދަން ބޭނުންވާ ކަމަށާއި ހެކިބަސް ދޭން ވެސް ބޭނުން ނުވާ ކަމަށް އެންގީ އޭގެ ފަހުންނެވެ. މިއީ ވިކްޓިމްސްގެ ހެކިބަހަށް ނޫނީ ސާބިތުވުން ނާދިރު މައްސަލައެކެވެ.

ދައުވާތައް އަނބުރާ ގެންދިޔައީ އޭގެ ފަހުންނެވެ.

ދައުވާތައް އަނބުރާ ގެންދިއުމާ އެކު، އެ ހުރިހާ ކަމެއް ވެސް ނުވާ ކަމަކަށްވީ އެވެ. އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލީޑް ކުރައްވާ އެމްޑީޕީގެ ޓިކެޓްގައި އަލީ ވަހީދު ހުންނެވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ނުކުމެ އެވެ. މިނިސްޓްރީ ތެރޭގައި ހިނގި ކަމަށް ބުނާ ހާދިސާތަކުގެ އަޑެއް ބަޑެއް ނެތެވެ. މައްސަލަ ފައިލްކުރުމާ އެކު މީހުންގެ ހިތްތަކުން ވެސް އެ ވާހަކަތައް ވަނީ ފުހެވިގެން ގޮސްފަ އެވެ.

އެކަމަކު، މިވީ ދެތިން ދުވަސް ތެރޭ އެކްސްގައި އަމިއްލަ މީހެއްގެ އެކައުންޓުން ވަނީ މައްސަލާގައި އަނިޔާ ލިބުނު ކަމަށް ބުނާ ތިން މުވައްޒަފަކު ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާން ލީކްކޮށްލައިފަ އެވެ. އެ ބަޔާންތަކުގައި ހުރި ވާހަކަތަކުން މިއީ އާދައިގެ ތުހުމަތުތަކެއް ނޫން ކަން އެނގެ އެވެ. މުޅީން ވެސް ހުރީ ފިއްކަނޑައިގެންދާ ފަދަ ތުހުމަތުތަކެވެ. އަދި އެއީ މި މައްސަލާގައި އާންމުން ކުރިން ހީކުރި ކަހަލަ އާދައިގެ "ބެހުމަކަށް" ވުރެ މާ ސީރިއަސް ކަންތައްތަކެވެ. އެއީ، އެ މުވައްޒަފުންގެ ދައުވާ ސާބިތުވެއްޖެ ނަމަ، ސީދާ ރޭޕްގެ އެތައް ކުށެއް އަލީ ވަހީދުގެ މައްޗަށް ސާބިތުވާނެ ތުހުމަތުތަކެކެވެ.

އަލީ ވަހީދު، އޭނާގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ ހައްސަންއާ އެކު

މުޅި މާލެއަށް ކޮވިޑް ފެތުރިގެން ދިޔަ ވަގުތު ޓޫރިޒަމް މިނިސްޓަރުގެ ފަރާތުން މުވައްޒަފުންނަށް ދިމާވި ކަންތައްތަކުގެ ތެރެއިން މިހާތަނަށް ހާމަވެފައި އޮތީ އަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވެ އަންހެން މުވައްޒަފަކު ސަލާމަތްވުމަށް މޫދަށް ފުންމާލި ކަމަށް ބުނާ ހާދިސާ އެކަންޏެވެ. އެކަމަކު، ލީކުކޮށްފައިވާ ބަޔާންތައް ހުލާސާކޮށްލާއިރު، އަލީ ވަހީދު އެ ކުދިންނާ ގަދަކަމުން ނުކުރާ އެއްވެސް ކަމެއް ނެތް ކަމަށް ތުހުމަތުވެ އެވެ. މަޖުބޫރުކޮށްގެންނާއި އޮބަހައްޓައިގެންނާއި އޮޅުވާލައިގެންނާއި މަގާމުގެ ނާޖއިޒު ފައިދާ ހޯދައިގެން ވެސް އޭނާ ބޭނުންވި ކަންކަން ބައެއް ކުދިންގެ ފަރާތުން ކޮށްފައިވާ ކަމަށް ތުހުމަތު އެބަ އޮތެވެ. ބައެއް ކުދިންނާ ގަދަކަމުން ބެހެން މަސައްކަތްކޮށްގެން ވެސް އެކަމެއް ނުވި ކަމަށް ވެސް ބަޔާންތަކުގައި އެބަ އޮތެވެ.

އަލީ ވަހީދުގެ މައްޗަށް ކުރި ވަރަށް ބައިވަރު ތުހުމަތުތައް އޮތީ ކޮށްފަ އެވެ. އޭގެ ތެރެއިން ރިސޯޓްތަކަށާއި ސަފާރީތަކަށް މިނިސްޓަރު ކުރެއްވި ދަތުރުތަކުގައި ކޮޓަރިއަށް މުވައްޒަފުން ދާން މަޖުބޫރުކޮށް، އެ މީހުންނާ އެކު ގަދަކަމުން ޖިންސީ ގުޅުން ހިންގަން އުޅުން ހިމެނެ އެވެ. މަސައްކަތުގެ ބޭރުން މުވައްޒަފުންނަށް އުނދަގޫވާ ގޮތަށް، ނަފުސާނީ ބިރުވެރިކަމަކަށް ހުށަހެޅޭ ގޮތަށް އެކި ކަހަލަ މެސެޖްތައް ކުރުމާއި މުވައްޒަފުން ކިބައިން އެކި ކަންކަމަށް އެދުން ފަދަ ތުހުމަތުތައް ވެސް ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. މީގެ އިތުރުން، ނޫހެއްގައި އާންމުކޮށް ދެއްކެން ނެތް ބޮޑެތި އެހެން ތުހުމަތުތައް ވެސް ހުއްޓެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އަދި 2020 ވަނަ އަހަރުގެ ރޯދަ މަހުގެ ތެރޭ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ދައުލަތުން ހަރަދުކޮށްގެން ތިބި މާގިރި ހޮޓެލް "ޕާޓީކުރާ" ތަނަކަށް ހަދައި، އެ ތަނުގައި "ތެޔޮ ބިޑި" ފަދަ ތަކެތި ގެންގުޅުނު ކަމަށް ވެސް ބަޔާނުގައި އޮތީ ބުނެފަ އެވެ.

ބަޔާންތަކުގައި ވަރަށް ތަފްސީލްކޮށް މުވައްޒަފުން މި ވާހަކަތައް ކިޔައިދީފައިވާއިރު، އެ ބަޔާންތަކުން އެއްގޮތް ގިނަ ކަންތައްތަކެއް ވެސް ފާހަގަވާން ހުއްޓެވެ؛

ކޮންމެ މުވައްޒަފަކު ވެސް ކިޔައިދީފައިވާ ގޮތުން މިނިސްޓަރު އެ މީހުންނަށް މެސެޖްކޮށްފައި ވަނީ ވައިބާގެ ސީކްރެޓް ޗެޓް މެދުވެރިކޮށެވެ. މުވައްޒަފުން ކޮޓަރިއަށް ގެންގޮސް އެ މީހުންނާ މެދު އަމަލުތައް ބަހައްޓާފައި ވަނީ ވެސް ތުހުމަތުކޮށްފައިވާ ގޮތުގައި ގާތްގަނޑަކަށް އެއްގޮތަށެވެ. އަދި، އެ ވާހަކަތައް މީހުން ކައިރީގައި ނުބުނުމަށް އެދި އިންޒާރު ދީފައިވާ ކަމަށް ބުނެފައިވަނީ ވެސް ހަމަ ގާތްގަނޑަކަށް އެއްގޮތަކަށެވެ. މި ކަންކަން ހިނގާފައިވާ ގޮތާއި އޭރު ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތްތައް ރޭވިފައި ހުރި ގޮތް ވެސް މުވައްޒަފުން ކިޔައިދީފައި ވަނީ އެއްގޮތަށެވެ. ހާއްސަކޮށް އޭރު މިނިސްޓްރީގެ ގިނަ މުވައްޒަފުން މަޑުކޮށްގެން ތިބި މާގިރި ހޮޓެލްގެ ރޫމްތަކާއި އެތަނުގައި ހިނގި ކަންކަން ވެސް މުވައްޒަފުން ބަޔާންތަކުގައި ކިޔައިދީފައިވާ ގޮތް ދިމާވެ އެވެ.

މި މައްސަލަ އޮބުނީ ކީއްވެ؟

އަލީ ވަހީދު ވަނީ މި ތުހުމަތުތައް ކުރިން ވެސް އެކި ފަހަރު މަތިން ދޮގު ކުރައްވައިފަ އެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި މި ތުހުމަތުތަކަކީ އޭނާއަށް އަމާޒުކުރި ސިޔާސީ ހަމަލާއެކެވެ. ނަމަވެސް، މި ތުހުމަތުތަކަށް ބާރު ލިބޭ ގޮތަށް، އެކަން ހިނގި ކަމަށް ބުނާ މީހުން ވެސް އެބަ ތިއްބެވެ.

"އެކި މީހުންގެ ފަރާތުން އެނގިފައިވާ ގޮތުގައި އެ ބަޔާންތަކުގައި އެވަނީ ހަމަ ކަން ހިނގި ގޮތް. ހަމައެކަނި ވިކްޓިމްގެ ވާހަކަތަކެއް ނޫން އެހެން އެކައުންޓްތަކުން ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ވެސް އެ ބަޔާންތަކުގައި އެ ދައްކަނީ ތެދު ވާހަކަ،" މިނިސްޓްރީ ތެރޭ އޭރު ހިނގި ކަންކަން އެނގޭ ބޭފުޅަކު ނަން ނުޖަހާ ގޮތަށް "މިހާރު"އާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

"އަންހެނުންތަކެއް ހަމަ ތިބެފައި ގޮސް ދައްކާ ވަރަށް ވުރެ ސީރިއަސް، އެ މީހުންގެ މުޅި ހަޔާތާ ގުޅޭ، ހަޔާތް ބަދަލުވެގެންދާ ފަދަ ވާހަކަތަކެއް ދައްކާފައި އޮތީ."

ކުރީގެ މިނިސްޓަރު ރިސޯޓަކަށް ކުރެއްވި ދަތުރެއްގެ ތެރެއިން --

ނަމަވެސް، އޭނާ ވިދާޅުވި ގޮތުގައި ވާހަކަތައް އިތުރަށް ނުދައްކަން އެ މުވައްޒަފުން ބޭނުންވީ އަލީ ވަހީދު ރާއްޖޭން ބޭރަށް ވަޑައިގަތުމާ އެކު އެ މީހުންނަށް ކުރިމަތިވި ފިއްތުންތަކާ ހެދި އެވެ. ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މައުލޫމާތު ދިން ގޮތުގައި އަނިޔާ ލިބުނު ކަމަށް ބުނާ މުވައްޒަފުންގެ ފަރާތުން އެ އޮފީހަށް ސިޓީއެއް ލިބުމުން އެ މީހުންނާ ވަކިވަކިން ބައްދަލު ވެސް ކުރި އެވެ. އެކަމަކު، މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވުމުން މައްސަލަ އަނބުރާ ގެންނަން ޖެހުނީ ކަމަށް އެ އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.

"ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހިސާބުން ޔަގީންކަމެއް ލިބުނީމަ އެ މުވައްޒަފުން މިކަމުގައި ބަޔާން ދިނީ. އެކަމަކު ފަހުން ވާން ފެށި ގޮތަކީ ދައުވާ ކުރުމުން ވެސް ބަންދެއް ނުކުރޭ. މިއީ ނުފޫޒު ފޯރުވަން ރިސޯސް ހުރި ކޭޕަބަލް މީހުން. މިއީ އަސްލު ބަންދު ކުރަން ޖެހޭ މީހުން. ބަންދު ނުކޮށް ބެހެއްޓި ދުވަސްތަކަކީ ބެކްގްރައުންޑްގައި ވަރަށް ގިނަ ކަންކަން ހިނގި ދުވަސްތަކެއް. ބައެއް މީހުން ލައްވައި މަސައްކަތް ކުރި މުވައްޒަފުންނާ ވާހަކަ ދައްކައި އެޕްރޯޗްކުރަން، އިންޓިމިޑޭޓް ކުރަން މަސައްކަތް ކުރި އެކަމަކު އެ ކުދިން އޭރު ވެސް ބެކްއައުޓެއް ނުކުރޭ،" ކުރިން ވެސް ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

"...އެކަމަކު އަލީ ވަހީދު ޔޫކޭ އަށް ދިޔަ ހިސާބުން އެ ކުދިން ވަރަށް ބޮޑަށް އުއްމީދު ކެނޑުނު. ބައެއް މީހުން ދޫކޮށްލައިފި. ބައެއް ވާހަކަތައް ލީކްވާން ވެސް ފަށައިފި. އެހެންވެ އޭގެ ތެރޭގައި ޑީލް ކުރާކަށް ވިކްޓިމް ބޭނުމެއް ނުވާނެ. އެހެންވެ އުއްމީދު ގެއްލުމުގެ ސަބަބުން ކަމަށް ގަބޫލު ކުރެވެނީ ހެކިބަސް ދޭން ދެކޮޅު ހެދީ."

އޭނާ ވިދާޅުވި ގޮތުގައި ތަހުގީގަށް ބަޔާން ދޭން މުވައްޒަފުން ގެންދިޔުމުން ވެސް އެމީހުން އެންމެ ގިނައިން ފާހަގަކުރި ކަމަކީ ސިޔާސީ ނުފޫޒު ގަދަ ބޭފުޅަކާ ދެކޮޅަކަށް ބަޔާން ދީގެން ވާނެ ކަމެއް ނޯންނާނެ ކަމުގެ ވާހަކަ އެވެ.

"އެންމެ ފަހުން ފަލީހަތް ވާނީ އަހަރެމެން..."

މިއީ އޭރު އެ މުވައްޒަފުން ތަހުގީގަށް ބަޔާން ދޭން ފުލުސް އޮފީހުގައި ތިބެގެން ވެސް ހިތާމާއާ އެކު ދެއްކި ވާހަކައެއް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެންމެފަހުން ސޯޝަލް މީޑިއާގައި ބަޔާންތައް ލީކްވެ، ފަލީހަތްވެގެން ދިޔައީ އަނިޔާ ލިބުނު މުވައްޒަފުން ކަމަށާއި އެއީ ކަންވެގެންވާނެ ގޮތް ނޫން ކަމަށެވެ.

"އެ މީހުން އެންމެ ކަންބޮޑުވި ކަންތައް މިއަދު މިވީ. ހަގީގަތުގައި އަހަރެމެންގެ ސިސްޓަމް ވިކްޓިމްސް އަށް މި އޮތީ ވަރަށް ބޮޑަށް ފެއިލްވެފައި. ފެއިލްވީމަ މިހެން މިވީ. އެ ދުވަހު ބުނި ވާހަކަ ތެދަކަށް މިވީ،" އޭނާ ވިދާޅުވި އެވެ.

ފުލުހުންގެ ތަހުގީގަށް ދިން ބަޔާނުގައި ވެސް އެ މުވައްޒަފުން ވަނީ ސިޔާސީ ނުފޫޒާއި ބާރުވެރިކަން އެ މީހުންގެ މައްޗަށް ފޯރުވާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ބުނެފަ އެވެ.

"މިނިސްޓަރުގެ ޕަވާ ދައްކާލާނެ ކަމާއި މިނިސްޓަރަކީ ކާކުކަން އޭރަށް އެނގޭނެ ކަމަށް..." މުވައްޒަފުން ތަހުގީގަށް ދިން ބަޔާންތަކުގައި މިނިސްޓަރު ބުނެފައިވާ ކަމަށް އެކަކު ބުނެފައި ވެ އެވެ.

އެހެން ބުނެފައިވަނީ މިނިސްޓަރުގެ ފަރާތުން ދިމާވި ކަމަށް ބުނާ ކަންކަމުގެ ވާހަކަ ދައްކައިފި ނަމަ، ދެން ވާނެ ގޮތުގެ އިންޒާރެއްގެ ގޮތުގައި ކަމަށް ވެސް އެ މުވައްޒަފުން ބުނެ އެވެ.

އިންޒާރުތައް ލިބެމުން ދިޔަ ކަމަށް މުވައްޒަފުން ތުހުމަތުކޮށްފައިވާއިރު، ކޯޓުގައި ހެކިބަސް ނުދޭން އެ މުވައްޒަފުން ނިންމި ނިންމުމުގެ ފަހަތުގައިވާ ކަންކަމަކީ ކޮބައިކަން، މިކަހަލަ ކަންކަން ދެން އިތުރަށް ތަކުރާރު ވިޔަ ނުދިނުމަށް ޓަކައި ވެސް ހޯދަން ޖެހޭ ކަމަށް ކުރިން ވެސް ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ. އެ މުވައްޒަފުން ހެދީ ދޮގު ކަމަށް ބުނާ ނަމަ، ފުލުހުން އެކަން ތަހުގީގު ނުކުރީ ކީއްވެކަމާ މެދު ވެސް އޭނާ ސުވާލު އުފެއްދެވި އެވެ. އަދި އެހާ ބޮޑު ތުހުމަތުތަކެއް އަބުރު އެއްކޮށް ގެއްލިގެންދާ ފަދަ ވާހަކަތަކެއް ދެއްކިއިރު އެއީ ހަމަ އެކަނި ދޮގެކޭ ބުނެ އެއާ ދެކޮޅަށް އިތުރު ފިޔަވަޅެއް އަލީ ވަހީދު ނޭޅުމަކީ ވެސް ސުވާލު އުފެދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކީއްވެތޯ އެއީ ނުވާނެ ކަންތައްތަކެއް ކަން ސާބިތު ކުރަން އެ މުވައްޒަފުންނާ ދެކޮޅަށް ދައުވާ ނުކުރީ؟. މުވައްޒަފުން ދިނީ ދޮގު ބަޔާނޭ ބުނެ ތަހުގީގުކޮށް ދޭން ކީއްވެތޯ ނޭދުނީ؟ މިކަހަލަ އެއްވެސް ކަމެއް ނެތް. އެ ނިމުނު ގޮތަށް ރުހި ގަބޫލުވެގެން އެ ހުރީ ހަމަ،" އޭނާ ސުވާލު ކުރެއްވި އެވެ.

ނަމަވެސް، މައްސަލަ ނިމުނު ގޮތާއި ދެން ކަންތައް ވަމުންދާ ގޮތަށް ރައްޔިތުން ރުހި ގަބޫލުވެގެން ތިބުމަކީ އަދި މާ ހައިރާންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އާންމު ބަޔާންތަކުގައިވާ ތުހުމަތުތަކަކީ ނުވާކަމެއް ކަމަކަށް ގަބޫލުކޮށްގެން ތިބެވޭ ވަރަށް ވުރެ ސީރިއަސް ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ހިނގާފައިވާ ކަންތައްތަކެއް ކަމަށް ބާރު އެބަ ލިބޭ މި ބަޔާންތައް ފެނުނީމަ. ކުރިން ހީކުރި ވަރަށް ވުރެ ވެސް ސީރިއަސްކަން އެބަ އެނގޭ، ވަރަށް ނުރައްކާކޮށް އެކަން ހިނގާފައިވާ ކަމުގެ އިންޑިކޭޝަންތައް އެބަހުރި. މި ދައްކަނީ ކުދިކުދި ކަންތައްތަކެއްގެ ވާހަކައެއް ނޫން، ސީރިއަސް ބޮޑެތި ވާހަކަތަކެއް. މިއީ ދައްކަން ޖެހޭ ވާހަކައެއް،" އޭނާ ވިދާޅުވި އެވެ.

"ވިކްޓިމްސްގެ ވާހަކައެއް ނޫން. އަލީ ވަހީދުގެ މި ވާހަކަ އެބަ ޖެހޭ ދައްކަން. ނުވާ ކަމެއް ކަމަށް ހަދައިގެން ނުތިބެވޭނެ."

66 ކޮމެންޓް, 72 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 10%
icon angry icon angry 79%
icon wow icon wow 3%
icon inlove icon inlove 1%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސް ރަހާ

02 April 2024

ގަބޫލު ކުރިޔަސް ނުކުރިޔަސް ކަމަކީ ދިވެހިންގެ ސަގާފީ ކަމެއް. މިފަހަރުވެސް ކަން ހިނގީ ވިކްޓިމުންގެ ބައިވެރިވުމާއެކު. ވަކި ހިސާބަކުން ކަންކަން ގޮސްވީ އަދި ބަޔަކު ހިތްވަރު ދީގެން ބަޔާން ތަކެއް ދިނީ. ގިނަ އޮފިސް ތަކުގެ ވެރިންނަށް ތިބޭނީ ހަމަ ތިޔަ ކަހަލ އލ ވހދ...

The name is already taken The name is available. Register?

އަސްލު......

01 April 2024

ގާޒީ ސައީދު އަށް ސާބަސް.........................

The name is already taken The name is available. Register?

އިބްރާހިމ ށިޔާމް

01 April 2024

މިފަހަރު ކުޅުދުއްފުށީ ދާއިރާއަށް އަލީ ވަހީދު ހޮވިއްޖެއްޔާ ކުޅުދުއްފުށީގެ ސިޓީ ބަދަލުވާނީ ރޭޕް ސިޓީއަށް ދޯ. އަދި އެހިސާބުން ރޭޕްކުރުން އޯކޭވީ ދޯ.. ކޮންމެ ކުލަތަކެއް މުސްތަޤުބަލުގައި ފެނުނަސް ނާޒިމް ހަސަން މިޚަބަރު މިހާ ފުރިހަމަ ކޮށް ގެނެސްދެއްވީތީ ވަރަށްބޮޑަށް ޝުކުރިއްޔާ މިއީ ވަރަށްވެސް ޒިންމާދާރު ނޫސްވެރިކަމުގެ މިސާލެއް..ސާބަސް...

The name is already taken The name is available. Register?

ލަމޭލާ

01 April 2024

މިހިރީ މި މީހުންގެ ކަންތައް ގޮސްފަ އޮތް ހިސާބު. ވަލު ޖަނަވާރުންނާ މި މީހުންގެ ހުރި ހަމައެކަނި ތަފާތަކީ ނަގުލަކާ ދަޅަކާ ނެތް ކަން. އެއުޅެނީ މެމްބަރު ކަމަށް ކުރިމަތި ލައިގެން. ކެމްޕެއިނަށް ދާ ތަނުން ޢާންމުން ނުކުމެ ތަޅާ ތިރިއަރުވާލަންވީ ހަމަ. ދިވެހި އެތައް ދަރިއެއްގެ ޢިއްފަތް ފޭރިގަނެގެން ހުރި ބޮޑު ގުންޑާއެއްނު. އެމް.ޑީ.ޕީ.އަށް މަ ވާ ސަލާމް. މިކަން ކަން ނުބަލައިފީޔާ ޕީ.ޕީ.އެމް/ޕީ.އެން.ސީ ކެންޑިޓޭޓަށްވެސް ވޯޓު ނުދޭނަން.

The name is already taken The name is available. Register?

ސިކުނޑި

01 April 2024

މި ވާހަކައެއްވެސް ފެންމަތިވަނީ އެއް އިންތިޚާބުން އަނެއް އިންތިޚާބަށްވީމާ، މިކަމުގައި ވަކި ކޮޅަކަށް ބުރަ ވެވެންނެތް!

The name is already taken The name is available. Register?

ކެނެޑީ

01 April 2024

ދެންވެސް މިފަލަބަލަކު ޔޫކޭއަށް ނުފިލަނީސް ޕާސްޕޯޓު ހިފަހައްޓާ ބަންދުކޮށްބަލަ. މިމުޖުރިމު ޖަލަށް ނުލެވެންޏާ މިހާރުން މިހާރަށް ޖަލުގަ ތިބި އެންމެން މިނިވަންކޮށްދީ!

The name is already taken The name is available. Register?

މިލަނި

01 April 2024

ބަޔާން ދިން މީހުންނަށް އަލީ ވަހީދު ދޫކޮށްލިނަމަވެސް، ދައުލަތުން ދުލެއް ނުދެވޭނެ. ވިކްޓިމްސް ތެދު ބަޔާން ދިންނަމަ ހެކިބަސް ދޭން ދެކޮޅުހެދުމުގެ ބޭނުމަކީ ކޮބާ؟ ފަޟީޙަތްވުމަކީ ތިފަދަ އަނިޔާވެރިއެއްގެ ކިބައިން ސަލާމަތްވުމަށް ލިބޭ ހިތްވަރެއް. ވިސްނޭ ފިރިންނާއި ވާންއުޅޭ ފިރިން ވެސް ހަމްދަރުދީވާނެ. ޖުމްލަކޮށް މުޅިމުޖުތަމަޢު ވެސް ބަލައިގަންނާނެ.

The name is already taken The name is available. Register?

ކިއްލި

01 April 2024

މާމަ ކިއްލި ތަޅައިގެން ގަނެދީފަ ހުރި ފްލެޓް ކޮބާ؟؟އަލީ ވަހީދުއަކީ ބޭކާރު ފޮނި މޮޅު ވާހަކަ ދަށްކާ މީހެއް، ޓޫރިޒަމް މިނިސްޓަރުކަމުގައި އޮޑިޓް ރިޕޯޓް ބަލާލީމާ އެނގޭނެ މީނަގެ ނަޒާހަތް ތެެރިކަން،ގޮތް ނިންމާނީ ރައްޔިތުން،ސޯލިހް ފަހަތު ކަޅުދަބަސް އުފުއްލި ގްރޫޕް ގޮލައެއް ތިވެސް،

The name is already taken The name is available. Register?

ކޮށްކޮ އިބްރާހިމް

02 April 2024

ބަލަ ކިއްލި ގޮށްޓާ.. ކިއްލލި ވިއްކައިގެން ގަތީ ފްލެޓެއް ނޫނޭ.. 1000 އަކަފޫޓުގެ ބިމުން ފެށިގެން 6 ބުރި އިމާރުތެކެވެ... ކިއްލި މެން ބަލާ ނުލާ ޙަބަރު ފެތުރީމަ،، ކަމުގެ އަސްލު އޮޅެނީއެވެ.. ތިޔަހެން ނުހައްދަވާ....

The name is already taken The name is available. Register?

މިސްޓަރ ސަލަމަންކާ

01 April 2024

މިކަން ކޮޅެއްގައި ނުޖެހުމަކީ ހަގީގީ ރޭޕްވިކްޓިމްސްއަށް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއް މިއީ އެންމެ މީހަކަށް ވުރެ ބޮޑު ކަމެއް ، މުއިއްޒު ސަރުކާރުން ބަލަންވީނުން އެ އަންހެން ކުދިން ފަހަތައް ޖެހުނީ ބިރުދައްކައިގެންތޯ ، ފިސާރި ލެވަރޭޖް ހުރި އަންޓަޗަބަލް މީހެއް ކަމަށް ވެދާނެ ، ރައީސް މުއިއްޒު ބަލަންވީނުން މިކަން ، މިއީ މިހާރު އެހެން ވެރިކަމެއް އެކަމަކުވެސް ހިޔެއް ނުވޭ ، އެކިނަަންނަން ކިޔަސް ހަމަ އެއް މަސްގަނޑެއްގައި ތެލުލައިފައި ތިބޭނީ އެލީޓުން

The name is already taken The name is available. Register?

ކޮމެންޓްކުރާމީހާ

01 April 2024

އޭރުގެ ރައީސުލްޖުމްހޫރިއްޔާ މިކަމާގުޅިގެން ކީރިތިކިރެއްވިކަމަށް ބުނޭ އެ ބުނާ ކަނބަލުންތަކެއްގެ ވާހަކައަޑުއަހާފަ... އެހެންވީމާ ކޮންމެވެސްކަހަލަ ހަޤީޤަތްތަކެއް މިކަމުގަ އޮވެދާނެކަމަށް ޤަބޫލުކުރެވޭ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454