އެ ދުވަހު ސިފައިންނާއި ފުލުހުން ވެސް ގޯސް

އެއް ބަޔަކު ސިފަކުރާ ގޮތުގައި މިދިޔަ ހޯމަ ދުވަހަކީ، ގާނޫނުއަސާސީ އަށް ފައިން އަރައި ވެއްޔާ މޮޑެލި ދުވަހެކެވެ. ސިފައިން ނުކުމެ ރައްޔިތުންގެ މަޖިލީހުގައި ތަޅު އަޅުވައި އެއްވެސް މެންބަރަކު މަޖިލީހަށް ވަނަ ނުދީ މަޖިލިސް ހިސޯރު ކުރުމުންނެވެ. ފުލުހުންގެ ބަޔަކު، މަޖިލީހުގެ މެމްބަރުންތަކެއް އެއްވެސް ތަނަކަށް ދިޔަ ނުދީ، ފަނޑިޔާރު މަގުގައި ހިސޯރު ކުރުމުންނެވެ. އަދި މަޖިލީހަށް ވަން ބައެއް މެންބަރުން، ފުލުހުންނާއި ސިފައިން މަޖިލީހަށް ވަދެ ގަދަބާރުން ނެރުމުންނެވެ.


މެންބަރުން މަގުމަތީ ހިސޯރު ކުރުން

އެ ދުވަހުގެ ކުޅިވަރު ފެށުނީ، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ، އިދިކޮޅު ތިރީހަކަށް މެމްބަރުން ޖުމްހޫރީ ޕާޓީގެ މައި އޮފީސް ހުންނަ މ. ކުނޫޒަށް ޖަމާވި ހިސާބުންނެވެ. އެ މެންބަރުން އެ ތަނުގައި ބައްދަލުކުރަމުން ދަނިކޮށް ފުލުހުންގެ ފައުޖެއް އެ ސަރަހައްދަށް ގޮސް، ފަނޑިޔާރު މަގުގެ ދެކޮޅުގައި މަޑުކޮށްލި އެވެ. މަގު އޮތީ ހުޅުވިފަ އެވެ. އެއްވެސް މީހަކަށް އެ މަގުން ދަތުރު ކުރުން މަނަލެއް ނޫނެވެ.

ނަމަވެސް މެންބަރުން ކުނޫޒުން ނުކުމެވަޑައިގެން މަޖީދީ މަގާ ދިމާލަށް ހިންގަވަން ފެށުމާ އެކު، ފަނޑިޔާރު މަގުގެ ހުރަހަށް ފުލުހުން އެތުރިލައި މަޖީދީ މަގަށް ނުނިކުމެވޭނޭހެން ބަންދުކޮށްލި އެވެ. ދެން އެ މެމްބަރުން ފަނޑިޔާރު މަގުން ވަޑައިގަތީ ފަރީދީ މަގާ ވީ ކޮޅަށެވެ. އެ ހިސާބުން ވެސް ފުލުހުންގެ ސަފެއް އަތުރާލައި މެމްބަރުންނަށް އިތުރަށް ކުރިއަށް ވަޑައިނުގެންނެވޭ ގޮތަށް މަގު ބަންދު ކޮށްލުމުން އެއްވެސް ކޮޅަކުން ނުނިކުމެ އެ މަގުގައި މެންބަރުން ބަންދުވީ އެވެ.

"ފުލުހުން ވަކި އެއްޗެއް ނުބުނެ ތިބީ މަގު ބަންދު ކޮށްގެން. އަޅުގަނޑުމެން ވާހަކަ ދެއްކީ އެ ފުލުހުންނާ، އަޅުގަނޑުމެން މި ދަނީ މަޖިލީހަށޭ، އެތާ ބައްދަލުވުމެއް ބާއްވައި އެ ތަނުގައި ކުރަން ޖެހޭ ކަންތައްތަކެއް ކުރާށޭ. އެ ކަމާ ވާހަކަ ދެއްކުމުން ފުލުހުން ދޫކޮށްލީމާ އެ ތަނުން ހިނގައިގަތީ. ދެން މަޖިލީހާ ހަމައަށް ދިޔަ އިރު ވެސް އެއްވެސް ހިސާބަކުން އަޅުގަނޑުމެން ހުއްޓުވައިފައެއް ނެތް،" މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ހިންނަވަރު ދާއިރާގެ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.

ފުލުހުން ފަނޑިޔާރު މަގު ބަންދު ކޮށްލައިގެން ތިބި އިރު ވެސް، އެ މެންބަރުން ފިޔަވައި އެހެން ކޮންމެ މީހަކަށް އެ މަގަށް ވަދެ ނުކުމެވެ އެވެ. އެހެންކަމުން އެ މެމްބަރުން އެ މަގުގައި ބައި ގަޑިއެއްހާއިރު "ހިސާރުވެފައި" ތިއްބަވަން ޖެހުނެވެ. ނަމަވެސް އެކަން އެ ގޮތަށް ކުރި އެއްވެސް ގާނޫނީ ހުއްޖަތެއް ފުލުހުންނަކަށް ނުދެއްކުނެވެ.

މަޖިލިސް ބަންދު ކުރުން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ ދައުލަތުގެ ވަކި އިދާރާއަކުން ދީފައިވާ ވަޒީފާއެއް އަދާކުރާ ބައެއް ނޫނެވެ. އެއީ ރައްޔިތުންގެ އާންމު ވޯޓަކުން އިންތިޚާބު ކޮށް، ދައުލަތް ހިންގުމަށްޓަކައި ރައްޔިތުންގެ މަންދޫބުންގެ ހައިސިއްޔަތުން ގާނޫނުތައް ހަދާ މީހުންނެވެ. އެހެންކަމުން، މީގެ ކުރިއަކުން ވެސް މަޖިލީހުގެ މެންބަރުން މަޖިލީހަށް ވަދެ ނުކުމެ އުޅުން މަނާ ދުވަސްތަކަކާއި ވަގުތުތަކެއް ނޯވެ އެވެ.

އެ ދުވަހު ހެނދުނު ސިފައިން މަޖިލިސް ތަޅުލައި، މަޖިލީހުގެ އިދާރާ އަށް އެންގީ، އިދާރީ މުވައްޒަފުން ފިޔަވައި އެއްވެސް މެމްބަރަކަށް ވެސް މަޖިލީހަށް ނުވަދެވޭނެ ކަމަށެވެ. ނަމަވެސް އިދާރީ ގޮތުން މަޖިލިސް ހިންގުމުގެ މަސްއޫލިއްޔަތު ގާނޫނުއަސާސީގެ 104 ވަނަ މާއްދާ އިން މަތިކޮށްފައިވާ އަމީން އާންމު ވިދާޅުވި ގޮތުގައި، އެ ދުވަހު މަޖިލީހުގެ ގޭޓުތައް ސިފައިން ތަޅުލީ މަޖިލީހުން އެދިގެން ކަން އޭނާ އަށް އެނގިވަޑައިގެންފައެއް ނެތެވެ.

"މަޖިލީހުގައި އެވަރުގެ ކަމެއް ނުހިނގާނެ މަޖިލީހުގެ އަމީން އާންމަށް އެނގިވަޑައިގަތުމެއް ނެތި. މަޖިލީހަށް މެމްބަރުންނަށް ނުވަދެވޭ ހާލަތެއް މެދުވެރިވެއްޖެއްޔާ ވެސް އެކަން މެމްބަރުންނަށް އަންގަވަން ހުންނަވާނީ އަމީން އާންމު. އަޅުގަނޑުމެންނަށް އަމީން އާންމު އަންގަވާފައެއް ނެތް އެ ދުވަހު މަޖިލީހަށް މެމްބަރުންނަށް ނުވަދެވޭނެ ކަމަކަށް ވެސް އަދި މަޖިލީހަށް ވަނުން މަނާ ކަމަކަށް ވެސް،" މަޖިލީހުގައި 23 އަހަރު ހޭދަކުރައްވާފައިވާ، މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރު ހެންވޭރު އުތުރު ދާއިރާގެ އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

މަޖިލިސް ތަޅުލައި އެ ތަނަށް މެމްބަރުން ވަނުން ސިފައިން މަނާކުރީ ރައްޔިތުންގެ މަޖިލީހުން އެމްއެންޑީއެފްގައި އެދުމުން ކަމަށް، އެ ދުވަހު ހަވީރު، ރައްޔިތުންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ. ނަމަވެސް އެ ބަޔާނާ ބެހޭ ގޮތުން ވެސް އަމީން އާންމު ވިދާޅުވީ އެފަދަ ބަޔާނެއް ނެރުނު ކަން އޭނާ އަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ސިފައިންގެ އަގު ވައްޓައިލީތަ!

މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންތައް ބަލަހައްޓަނީ، ދިވެހި ދައުލަތުގެ ސަލާމަތީ ޚިދުމަތްތަކުގައި ހިމެނޭ ރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)ގެ ތެރެއިން ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ސިފައިންނެވެ.

މަޖިލީހަށް ވަން އިދިކޮޅު މެމްބަރުން މަޖިލީހުގައި ތިއްބަވަނިކޮށް ދެން ފެނުނީ، ސިފައިންގެ އިތުރުން ފުލުހުންގެ އެސްއޯ ޓީމެއް މަޖިލީހަށް ވަދެ، ބާރުގެ ބޭނުންކޮށް އެ މެމްބަރުން މަޖިލީހުން ނެރެން ފެށި މަންޒަރެވެ. ނަމަވެސް ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ފުލުހުންނަށް މަޖިލީހަށް ވަދެވޭނެ އެއްވެސް ހަމައެއް ނޯންނާނެ އެވެ. ޖިނާއީ ކުށެއްގެ ތުހުމަތުގައި މެމްބަރަކު ހޯދަން ވިޔަސް ފުލުހުންނަށް މަޖިލީހުގެ އިދާރާ އަށް ވަދެވޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

"މަޖިލީހަށް ވަންނަން ދިޔުމުން އެތާ ތިބޭ އެސްޕީޖީ ބޭފުޅުން ފުރުސަތު ދެއްވި އަޅުގަނޑުމެން މަޖިލީހަށް ވަންނަން. އެއީތާ މަޖިލިސް ބަލަހައްޓަން އެމްއެންޑީއެފުން ލާފައި ތިބޭ ބަޔަކީ. އޭގެ މާ ފަހުން އެތަނަށް ފުލުހުން ވަދެ މެމްބަރުން ނެރެން އުޅުނީ. އެކަން ވެސް އެ ދިޔައީކީ ރަނގަޅަކަށް ނޫން. މަޖިލިސް ތެރެއަކަށް ފުލުހުންނަށް ވަދެވޭނެ ގޮތެއް އޮތް ކަމަކަށް ނުދެކެން ކޯޓު އޯޑަރެއް ނެތިއެއް،" އިބޫ ވިދާޅުވި އެވެ.

ނަމަވެސް އެ ދުވަހު މެންދުރު ފަހު ފުލުހުން ކުރި ޓުވީޓެއްގައި ބުނި ގޮތުގައި، ފުލުހުން މަޖިލީހުގެ އިދާރާ އަށް ވަނީ ސިފައިންގެ އެދުމުގެ މަތިންނެވެ.

ފުލުހުން ކުރި ޓުވީޓް

"އަޅުގަނޑަކަށް ނޭނގެ ސިފައިން ފުލުހުންގެ އެހީތެރިކަމަށް އެދެނީ ކޮން ގައުމެއްގައި ކަމެއް. ސިފައިންނަކީ ކޮންމެ ގައުމެއްގައި ވެސް އެންމެ ވަރުގަދަ ބާރު. ތަންފީޒީ އެހެން އިދާރާތަކަށް ކަންކަން ނުކުރެވިގެން ސިފައިންގެ އެހީތެރިކަމަށް އެދޭނީ،" އިދިކޮޅު މެމްބަރަކު ވިދާޅުވި އެވެ.

"ސިފައިންނަކީ ކަންތައް ނުކުރެވިގެން އެހެން ބައެއްގެ އެހީތެރިކަމަށް އެދެން ޖެހޭ ބައެއް ނޫން. އަނެއްކާ އެ ދުވަހު މަޖިލީހަށް ވަން ކަމަށް ބުނާ، މަޖިލީހުގެ މެމްބަރުންނަށް ނުވާ ތިން މީހަކު އެ ތަނުން ނުނެރެވިގެން، ފުލުހުންގެ އެހީތެރިކަމަށް އެދެން ޖެހޭހާ ބަލިކަށި ބައެއްތޯ ސިފައިންނަކީ؟ އެހެން ބުނަމަކީ ސިފައިންނަށް ކުރާ މަލާމާތެއް ނޫންތޯ."

ފުލުހުންގެ ގާނޫނާއި ސިފައިންގެ ގާނޫނަށް ބަލާއިރު ވެސް، ކަން އޮތީ ފުލުހުން އެ ބުނި ގޮތާ ޚިލާފަށެވެ. ފުލުހުންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި ސިފައިންގެ އެހީ އަށް ބޭނުންވެއްޖެ ހިނދެއްގައި ފުލުހުންނަށް ސިފައިންގެ އެހީތެރިކަމަށް އެދެވިދާނެ ކަމަށް ފުލުހުންގެ ގާނޫނުގެ 71 ވަނަ މާއްދާގައި ބުނެފައިވެ އެވެ. އަދި ގައުމުގައި ސުލްހަ މަސަލަސްކަން ދެމެހެއްޓުމާއި އަމަންއާންމު ގާއިމު ކުރުމުގައި ފުލުހުން ސިފައިންގެ އެހީ އަށް އެދިއްޖެ ހިނދެއްގައި އެހީތެރިކަން ފޯރު ކޮށްދޭން ވާނެ ކަމަށް ސިފައިންގެ ގާނޫނުގެ 22 ވަނަ މާއްދާގައި ވެސް ބުނެފައިވެ އެވެ.

ނަމަވެސް ސިފައިން، ފުލުހުންގެ އެހީތެރިކަމަށް އެދޭ ވާހަކައެއް ސިފައިންގެ ގާނޫނުގައި ވެސް އަދި ފުލުހުންގެ ގާނޫނުގައި ވެސް ބުނެފައެއް ނެތެވެ. އަދި ގާނޫނުއަސާސީގައި ވެސް އެފަދަ ވާހަކައެއް ނެތެވެ.

މެންބަރުން ވަކި ކުރަން ނޭނގެނީބާ!

އެ ދުވަހު ސިފައިން ލައްވާ ރައްޔިތުންގެ މަޖިލީހުގައި ތަޅު އަޅުވާފައި، އަދި މަޖިލީހަށް ވަން މެމްބަރުން އެ ތަނުން ނެރުމަށް ފުލުހުން ވައްދާފައި އެކަމުގެ ހުއްޖަތެއްގެ ގޮތުން މަޖިލީހުން ބުނެފައިވަނީ މަޖިލީހުގެ މެންބަރުން ނޫން ބަޔަކު މަޖިލީހަށް ވަނީ ކަމަށެވެ. ސުވާލަކީ، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމާ ހަވާލުވެ ތިބި ސިފައިންނަކީ، މަޖިލީހުގެ 85 މެމްބަރުން ވަކިކުރަން ނޭނގޭ ބައެއް ހެއްޔެވެ؟

އެ ދުވަހު ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު މެންބަރުންތައް ވަދެގެން ދިޔަ އިރު، އެމީހުންގެ ފަހަތުން ވިޔަސް، އާންމުންގެ ބަޔަކު ވަދެފައެއް ނުވެ އެވެ. ކިތަންމެ މަތިން އައި އޯޑަރަކަށް މަޖިލިސް ސަރަހައްދު ބަންދުކޮށްފައި އޮތަސް، ފުލުހުން އެކަން ވެސް އެ ދުވަހު ކުރީ ނަމެއްގައި ނޫން ހެއްޔެވެ! އެހެން ނޫން ނަމަ، މަޖިލީހުގެ ތިރީހަކަށް މެމްބަރުންނަށް ފުލުހުންގެ ސަފު ފޫދުއްވާލާފައި މަޖިލީހަށް ވަދެވޭނެ ހެއްޔެވެ؟ އެ މެންބަރުންނަށް މަޖިލީހަށް ވަދެވުނު އިރު، އާންމުންގެ ބަޔަކު އެވަގުތު މަޖިލީހަށް ވަންނަން ދިމާކުރި ނަމަ ނުވަދެވި ނުހުންނާނެ ކަން ފުލުހުންނަށް ވެސް ޔަގީން ވާނެ އެވެ.

ފުލުހުން އެ ދުވަހު މަޖިލީހަށް ވަނީ، މެމްބަރުން ނޫން ބަޔަކު މަޖިލީހަށް ވަދެފައިވާތީ، ސިފައިންގެ އެދުމުގެ މަތިން އެ މީހުން ނެރެދިނުމަށް ކަމަށް ބުނެފައިވިޔަސް، ފުލުހުން އަމަލު ކުރި ގޮތަށް ބަލާއިރު ކަން އޮތީ އެ ގޮތަކަށް ނޫނެވެ. ފުލުހުން އެ ދުވަހު އެންމެ ފުރަތަމަ ވެސް މަޖިލީހުން ނެރުނީ، މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމާއި މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހާއި ގަލޮޅު އުތުރު ދާއިރާގެ އީވާ އަބްދުﷲ އާއި ހެންވޭރު އުތުރު ދާއިރާގެ ޝާހިދެވެ.

އެ ހަތަރު ބޭފުޅުންނަކީ މަޖިލީހުގެ މެންބަރުންކަން އެ ތަނަށް ވަން ފުލުހުންނާއި ސިފައިންނަށް ނޭނގެނީ ހެއްޔެވެ؟ އެހެން ނޫން ނަމަ، މަޖިލީހުގެ މެމްބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތިން މެންބަރުން ހޯދަން ވަން ބަޔަކު، އެ ކަމާ ނޫޅެ އެހެން މެންބަރުންތަކެއް ނެރެން ޖެހޭ ސަބަބެއް ނެތެވެ. މަޖިލީހުގެ މެމްބަރުން ކަމާ މެދު ސުވާލު އުފެދިފައިވާ، ވައްޑެ އާއި ސައުދާއި އަމީތު މަޖިލީހުން ނެރުނީ އޭގެ މާ ފަހުންނެވެ.

ޖަލްސާއެއް ނެތިއްޔާ ނުވަދެވޭނެތަ؟

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހަށް ވަނަ ނުދިނުމަށް ސަލާމަތީ ބާރުތައް ލައްވައި އެތައް ކަންތައްތަކެއް ހިންގުމަށް ފަހު އެކަމުގެ ދިފާއުގައި މަޖިލީހާއި ފުލުހުންގެ އިދާރާ އާއި ރައީސް އޮފީހުން އަދި އެންމެ ފަހުން އެމްއެންޑީއެފުން ވެސް ދައްކާފައިވަނީ ދާދި އެއް ވާހަކަތަކަކެވެ.

މަޖިލީހުގެ އިދާރާ އިން އެ ދުވަހުގެ ރޭ، އަމީން އާންމަށް އެނގުމެއް ނެތި ނެރުނު ބަޔާނާއި ޖުލައި 25 ގައި ރައީސް އޮފީހުން ނެރުނު ބަޔާނުގައި ވެސް ބުނެފައިވަނީ، ޖުލައި 23-30 އަށް މަޖިލީހުގެ ޖަލްސާއެއް ވެސް އަދި ކޮމިޓީ ބައްދަލުވުމެއް ވެސް ނޯންނާނެ ކަން މެންބަރުންނަށް އަންގާފައިވާ ކަމަށެވެ. އެކަން އެ ގޮތަށް އޮތް އިރު ވެސް، ޖުލައި 24 ވަނަ ދުވަހު މަޖިލީހުގައި ކަންތައްތަކެއް ކުރުމަށް ގޮވާލައި "ބަޔަކު" މަސައްކަތްތަކެއް ކުރަމުން ގެންދިޔަ ކަމަށް މަޖިލީހުގެ ބަޔާނުގައިވެ އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި މެންބަރުން މަޖިލީހަށް ވަންނާނެ ވަގުތާއި ނުވަންނާނެ ވަގުތާއި، މަޖިލީހަށް ވަދެވޭނީ ކޮން މަސައްކަތެއް ކުރަން ކަން ކަނޑައެޅުމަކީ މަޖިލީހުގެ ރައީސަށް ވެސް ލިބިގެންވާ ބާރެއް ނޫނެވެ. އެ މެމްބަރުން ބޭނުން ވަގުތަކު މަޖިލީހަށް ވަދެވޭނެ އެވެ.

"އަޅުގަނޑު މަޖިލީހުގައި މި ހޭދަވި 23 އަހަރުގައި ވެސް މަޖިލީހަށް ނުވަދެވޭ ދުވަހެއް ނާދެ. ވަނުން މަނާ ކޮށްފައެއް ވެސް ނެތް. މަޖިލީހުގެ ޖަލްސާއެއް ނެތަސް، ކޮމިޓީ ބައްދަލުވުމެއް ނެތަސް މެންބަރުން މަޖިލީހަށް ވަންނަން ބޭނުންވެއްޖެ ކޮންމެ ވަގުތަކު މަޖިލީހަށް ވަދެވޭނެ،" ޝާހިދު ވިދާޅުވި އެވެ.

"މެމްބަރުން މަޖިލީހަށް ވަންނަން ޖެހޭނީކީ ޖަލްސާ އަށް ނޫނީ ކޮމިޓީ ބައްދަލުވުންތަކަށް އެކަންޏެއް ނޫން. އެހެން ކިތަންމެ ކަމެއްގައި މެމްބަރުން މަޖިލީހަށް ވަންނާނެ. އެ ދުވަހު ޖަލްސާއެއް ނެތޭ، ކޮމިޓީއެއް ނެތޭ ކިޔައިގެން އެ ވާހަކަ ދައްކަވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ބަޔަކަށް ކަންތަކެއް ކުރެވުނީމާ، އެ ކަންތައް ފޮރުވަންވެގެން."

އިބޫ ވެސް ވިދާޅުވީ މަޖިލީހަށް މެމްބަރުންނަށް ނުވަދެވޭނެ އެއްވެސް ހާލަތެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑު މިހާރު މަޖިލީހުގައި އުޅޭތާ މިވީ 23 އަހަރު. އެއް އިރެއްގައި ވެސް ނުދޭ މި ގޮތަށް މަޖިލީހަށް ވަދެ ނުކުމެ އުޅުން މަނާކޮށްފައި އޮތް ދުވަސްވަރެއް. އަނެއްކާ ބައެއް ކަންތައްތަކަށް މަޖިލިސް އެ ހުންނަ ސަރަހައްދު ބަންދުކޮށްފައި އޮތަސް ވެސް، މަޖިލީހުގެ މެމްބަރެއް ކަން އެނގިއްޖެއްޔާ އެ ސަރަހައްދަށް ވަދެ މަޖިލީހަށް ދިއުމުގެ ފުރުސަތު ސިފައިންނާއި ފުލުހުން ވެސް ދެއްވާ."

ގާނޫނުއަސާސީ އާއި ގާނޫނުތައް ކިތަންމެ ސާފު ނަމަވެސް، އެ ގާނޫނުތައް ތަންފީޒު ކުރުމުގައި ސިޔާސީ ނުފޫޒު ފޯރަން ފަށައިފި ނަމަ، ދެން ފެންނާނީ ގައުމުގެ ސަލާމަތީ ބާރުތައް ލައްވައި މިއަށް ވުރެ ބޮޑެތި ގޯސްތައް ވެސް ހަދާ މަންޒަރެވެ.

މީގެ އަހަރުތަކެއް ކުރިން ސުޕްރީމް ކޯޓުގައި ސިފައިން ތަޅު އަޅުވައި، އެ ކޯޓުގެ ފަނޑިޔާރުން ކޯޓަށް ވަނުން މަނާކުރުމުން، އެކަމާ ފާޅުގައި ދެކޮޅަށް ތެދުވި މީހުން، މިހާރު މަޖިލީހުގައި ސިފައިން ތަޅު އެޅުވުމުން އެކަމުގެ ދިފާއުގައި ވާހަކަ ދެއްކުމަކީ ސިޔާސީ ގޮތުން ވެސް ދެއުޅި އެއްނުވާ ކަމަކަށް ނޫނީ ނުވާނެ އެވެ. އެދުވަހު ވެސް ސިފައިން ގޯހެވެ. މި ފަހަރު ސިފައިންނާއި ފުލުހުން ވެސް ގޯހެވެ.