މިނިވަން މުއައްސަސާތައް ވަކި ކޮޅަކަށް މިނިވަންވީމާ ގޯސް

މިހާރު އަމަލު ކުރަމުން އަންނަ ގާނޫނުއަސާސީ އެކުލަވައިލުމުގެ ވެސް މާ ކުރިން، ސަރުކާރު ޒިންމާދާރު ކުރުވުމާއި ސަރުކާރުގެ އަމަލުތަކަށް ފާރަވެރިވުމުގެ ނިޒާމުތައް މި ރާއްޖޭގައި ގާއިމުކުރި އެވެ. އެންޓި ކޮރަޕްޝަން ބޯޑާއި، ހިއުމަން ރައިޓްސް ކޮމިޝަނަކީ އެކަމަށްޓަކައި އުފެއްދި މިނިވަން ދެ މުއައްސަސާ އެވެ.


ގާނޫނުއަސާސީ އެކުލަވައިލި އިރު، އޭގެ ކުރީގެ ގާނޫނުއަސާސީތަކަށް ވުރެ މާ ފުރިހަމަ އަށް މުހިންމު ދެ ކަމެއް އެކަށައެޅި އެވެ. އެއް ކަމަކީ އަސާސީ ހައްގުތައް ގާނޫނީ އޮނިގަނޑުގެ ތެރެއިން ކަށަވަރު ކޮށްދިނުމެވެ. ދެ ވަނަ ކަމަކީ ދައުލަތުގެ ބާރުތައް ހިނގާ ނުހިނގާ ގޮތް ބަލައި ފާރަވެރިވެ ޒިންމާދާރު ކުރުވޭނެ ނިޒާމެއް އެކަށައެޅުމެވެ.

އެ ނިޒާމުގެ ދަށުން އެކުލަވައިލީ މުސްތަގިއްލު ކޮމިޝަންތަކާއި މުސްތަގިއްލު މަގާމުތަކެވެ. އެ ގޮތުން މުސްތަގިއްލު ފަސް ކޮމިޝަނަކާއި މުސްތަގިއްލު ދެ މަގާމެއް ގާނޫނުއަސާސީން އުފެއްދި އެވެ. އެއީ ޖުޑީޝަލް ސާވިސް ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަނާއި ސިވިލް ސާވިސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނާއި އެންޓި-ކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަ ޖެނެރަލާއި ޕްރޮސެކިއުޓާ ޖެނެރަލެވެ.

އިސްވެ ދެންނެވި ކޮމިޝަންތަކާއި މުސްތަގިއްލު މަގާމުތަކުގެ ވާހަކަ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އިރު، އެއިން ކޮންމެ ކޮމިޝަނަކާއި ކޮންމެ މަގާމެއްގެ ތައާރަފްގައި ބުނެފައިވަނީ ވަކި ފަރާތަކަށް ބުރަ ނުވާ މުސްތަގިއްލު މަގާމެއް އަދި މުސްތަގިއްލު މުއައްސަސާއެއް ކަމަށެވެ. އަދި އެ ކޮމިޝަންތަކާއި މަގާމުތަކުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އޭސީސީގެ ރަސްމިއްޔާތެއްގައި، އެ ކޮމިޝަންގެ މެމްބަރުން. މިއީ ވެސް ގާނޫނުން މިނިވަންކަމާއި މުސްތަގިއްލުކަން ދީފައިވާ މުއައްސަސާއެއްގެ މެމްބަރުން -- ފޮޓޯ: އޭސީސީ

ގާނޫނުއަސާސީން އުފެއްދި މިނިވަން މުއައްސަސާތަކުގެ އިތުރުން، އެހެން ގާނޫނުތަކަކުން ވެސް ވަނީ މުސްތަގިއްލު މުއައްސަސާތަކެއް އުފައްދައިފަ އެވެ. އޭގެ ތެރޭގައި މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ހިމެނެ އެވެ.

މިއީ ކިތަންމެ މިނިވަންކަމާއި ކިތަންމެ މުސްތަގިއްލުކަމާ އެކު އުފައްދާފައި އޮތް އިދާރާތަކަކާއި މަގާމްތަކެއް ކަމުގައި ވިޔަސް، އެ އިރެއްގައި އޮންނަ ސަރުކާރެއްގެ ނުފޫޒުން މިއިން އެއްވެސް މުއައްސަސާއެއް އަދި މަގާމެއްގެ ވެސް ސަލާމަތެއް ނުވެ އެވެ. ގާނޫނީ އޮނިގަނޑަކާ ނުލައި މުސްތަގިއްލު މުއައްސަސާތައް އުފެއްދުމާއި ގާނޫނީ ބާރު ލިބިގެން އުފެއްދުމާ އެއްވެސް ތަފާތެއް ނެތެވެ.

މިފަދަ އެއް ކަމަކަށް މި ދުވަސްކޮޅު އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރު ވެފައިވަނީ، ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ފާތިމަތު ޒައިނާ، ރައީސް ޔާމީންގެ ދެ ކަނބަލުން އިސް ރަށްވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ހަފްލާ އިންތިޒާމު ކުރެއްވުމުގައި އަމަލީ ގޮތުން ބައިވެރިވި ވާހަކަ އެވެ.

ބްރޯޑްކޮމް އަކީ، ބްރޯޑްކާސްޓް ކުރާ މީޑިއާތަކުގެ ކަންތައް ބަލަހައްޓައި، ބްރޯޑްކާސްޓް ކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދީ، ގާނޫނީ އިމުން ބޭރަށް ބްރޯޑްކާސްޓަރުންނަށް ނުކުމެވޭ ހާލަތްތަކުގައި އެކަމަށް ބްރޯޑްކާސްޓަރުން ސަމާލު ކުރުވައި، ފިޔަވަޅު އަޅަންޖެހޭ ހާލަތްތަކުގައި ފިޔަވަޅު އެޅުމަށް އުފައްދާފައި އޮތް މުއައްސަސާއެކެވެ. މިއީ ވެސް ނުފޫޒުތަކުން އެއްކިބާވެ ވަކި ފަރާތަކަށް ބުރަނުވެ މަސައްކަތް ކުރުމަށް އުފައްދާފައި އޮތް ތަނެކެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ޒޭނާ-- މިހާރު ފޮޓޯ

ސަރުކާރުން ބާއްވާ ހަފްލާއަކަށް ނުވަތަ ރައީސްގެ ދެކަނބަލުން ދެއްވާ ދައުވަތަކަށް ހާޒިރުވުމަކީ އޭގައި މައްސަލައެއް އޮތް ކަމެއް ނޫނެވެ. ދައުވަތު ގަބޫލުކުރުމަކީ ރީތި ސިފައެއްމެ އެވެ. ފާޑު ކިޔަމުން ދަނީކީ، ރައީސްގެ ހަފްލާއެއްގައި ބްރޯޑްކޮމްގެ މެމްބަރަކު ބައިވެރިވުމަކުން ނޫނެވެ. އެ ހަފްލާ އިންތިޒާމު ކުރުމުގައި ޕާޓީގެ އެކްޓިވިސްޓެއް ފަދައިން ނުވަތަ ސަރުކާރުގެ މުވައްޒަފެއް ފަދައިން އަމަލީ ގޮތުން ބައިވެރިވީމަ އެވެ.

ބައެއް މީޑިއާތަކުން ކޮންމެ ގޮތަކަށް އެކަން ދިފާއު ކުރަން އުޅުނަސް އެއީ މައްސަލައެކެވެ. މިނިވަން މުއައްސަސާއެއްގެ މެމްބަރަކު އެ ފަދައިން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ، އޭނާގެ ނަޒާހަތްތެރިކަމާއި މުސްތަގިއްލުކަމާ މެދު ސުވާލު އުފެދޭނެ ކަމެކެވެ. ބްރޯޑްކޮމް އިން ބައެއް މީޑިއާތަކާ މެދު އަމަލުކުރަމުންދާ ގޮތުން ވެސް އެކަން ސާބިތުވެ އެވެ.

މުޅި މީޑިއާހެން އަބުރުގެ ގާނޫނާ މެދު ދެކޮޅު ހަދަހަދައި އޮއްވައި، ބްރޯޑްކޮމްގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެ ގާނޫނަށް ތާއީދުކުރި ކުރުމުން، އެ މުއައްސަސާގެ މަސްއޫލިއްޔަތަކީ ސަރުކާރު ދިފާއުކުރުންތޯ، މީޑިއާ ރެގިއުލޭޓް ކުރުންތޯ ސުވާލު އުފެދުނެވެ.

މި ފަދަ ސުވާލުތައް އުފެދެނީ ހަމައެކަނި ބްރޯޑްކޮމްއާ މެދަކު ނޫނެވެ. ރާއްޖޭގައި މިވަގުތު އުފައްދާފައި އޮތް މިނިވަން ހުރިހާ މުއައްސަސާތަކާ މެދުގައި ވެސް އެ ފަދަ އެތައް ސުވާލެއް އުފެދެ އެވެ.

"ހަމައެކަނި ބްރޯޑްކޮމްގެ ވާހަކަ ނުދައްކަމާ. އެ ނޫން ހާލަތެއްގައި އޮތީ ކޮން ތަނެއް! ގާނޫނުތަކުން އުފައްދާފައި ހުރި މިނިވަން އެއްވެސް މުއައްސަސާއެއް އެ މަސައްކަތް ކުރަނީ މިނިވަންކަމާ އެކުގައިތޯ ބަލާލަބަލަ! އެންމެ ކުޑަމިނުން އަޅުގަނޑުމެން އެންމެންގެ އިންސާނީ ހައްގުތައް ހިމާޔަތްކޮށްދިނުމަށް އުފައްދާފައި އޮތް ހިއުމަން ރައިޓްސް ކޮމިޝަންގެ ހާލަތު އޮތީ ކިހިނެއް. ކޮބާ އެ ތަނަށް ހުށަހެޅޭ މައްސަލަތައް. އެ މައްސަލަތައް އެ ތަނުން ނިންމާތަ؟ ނިންމަނީ ކޮން ގޮތަކަށް ކިހިނެއް ކަން އެނގެނީ ކާކަށް؟" ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.

ރާއްޖޭގެ މަޝްހޫރު ގާނޫނީ ވަކީލަކު އަދި ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި މިނިވަން މުއައްސަސާތައް މިހާރު އޮތީ ސަރުކާރުގެ މުށު ތެރޭގަ އެވެ. އެ ގޮތަށް އެކަން ދިމާވަނީ ހަމައެކަނި ސަރުކާރުގެ ކުށުން ނޫން ކަމަށާއި، އެ މުއައްސަސާތަކަށް އައްޔަން ކުރެވޭ މެމްބަރުންގެ ވެސް ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

"ކޮބައިތޯ އޭސީސީ އަށް ހުށަހެޅޭ މައްސަލަތައް. ކޮބާ އެންމެ ފަހުން އެ ތަނަށް ހުށަހެޅި، ފްލެޓްތައް ދިން ގޮތުގެ މައްސަލަތައް؟ އެ މައްސަލަތައް ހަމަ ހުރި ގޮތަށް ހުރީ ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބެނީ. އެ މައްސަލަތައް ނުބެލިގެން އުޅެނީ ވެސް ކޮންމެވެސް ސަބަބުތަކެއް ހުރީމާތާ. ކުޑަވެސް މިނިވަންކަމެއް އެ ތަނުގައި ހުރި ނަމަ، އެންމެ ރަނގަޅުތާ އެ މައްސަލަތައް ބަލައި ނިމެންދެން، ފްލެޓްތައް ދިނުމުގެ ކަންތައް މަޑުޖައްސާލަން އަންގަން. މީގެ ކުރިން އެ ގޮތަށް އަމަލު ކޮށްފައި އެބަހުރި."

އެ ވަކީލު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަތައް އޭސީސީން ބެލުމަށް ފަހު، އޭގެ ހޯދުންތައް އާންމުންނާ ހިއްސާ ނުކުރެވިގެން އުޅެނީ ވެސް ކޮންމެވެސް ނުފޫޒެއްގެ ދަށުވެފައިވާތީ އެވެ. އެ މައްސަލަ ބަލައި ނިމިއްޖެ ކަމަށާއި ވަކި މުއްދަތެއްގެ ތެރޭގައި އޭގެ ރިޕޯޓްތައް އާންމު ކުރާނެ ކަމަށް ބުނިތާ އެތައް މަހެއް ފާއިތުވެ ދިޔަ އިރު، އެ ރިޕޯޓްތައް އާންމު ނުކުރާ ސަބަބަކާ މެދު އޭސީސީން ޗުއްޕު ވެސް ނުބުނަނީ "ފިތިފައި" ތިބީމާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް ސިޔާސީ ބޭފުޅުން ވިދާޅުވާ ގޮތުގައި މިނިވަން މުއައްސަސާތައް "އަޅުވެތިވެފައި" އޮތުމުގެ ކުށް، ސަރުކާރުގެ ބޮލުގައި އެކަނި އަޅުވާފައި ދޫކޮށްލެވޭކަށް ނެތެވެ. އެއަށް ވުރެ އެ މުއައްސަސާތަކުގައި ތިބި ވަކިވަކި ފަރުދުންގެ ޒިންމާ ބޮޑުކަމުގައި އެ ބޭފުޅުން ވިދާޅުވި އެވެ.

"ކާކުތޯ އެ ބޭފުޅުންނަށް މަޖުބޫރު ކުރީ އެ މަގާމުގައި ތިއްބަވަން! ގާނޫނުގައި ބުނާ ގޮތަށް މިނިވަންކަމާ އެކު މަސައްކަތް ނުކުރެވެންޏާ އެ މަގާމު ދޫކޮށްލަންވީ ނޫންތޯ! މީހަކު ބަޑި ޖައްސާފައި ބުނަނީތޯ ކަލޭ ތި މަގާމުގައި ހުންނަންޖެހޭނެޔޭ. ރިޒްގު ދެއްވަނީ ސަރުކާރުންތޯ؟ އެ މަގާމު ދޫކޮށްލައްވާފައި އެހެން މަސައްކަތެއް ކުރައްވައިގެން ވިޔަސް އާމްދަނީ ހޯއްދެވޭނެ ނޫންތޯ؟ ކީއްކުރަންތޯ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަން މަޖުބޫރު ކުރާ އިރު، އެ މަގާމުގައި ތިއްބަވަނީ،" މީގެ ކުރިން ސަރުކާރުގެ ވަޒީފާ އަދާކުރައްވައި ރިޓަޔާ ކުރައްވާފައިވާ ބޭފުޅަކު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އެ ކޮމިޝަންގެ މިނިވަންކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުން. -- މިހާރު ފޮޓޯ

މިނިވަން މުއައްސަސާތަކުގެ ތެރޭގައި، ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާ އެކު މަސްއޫލިއްޔަތު އަދާކުރާ ހަމަ އެންމެ ތަނެއް ވެސް ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ކޮރަޕްޝަނާއި ޚިޔާނާތާ ގުޅޭ ގޮތުން އެކިއެކި މުއައްސަސާތަކަށް ހުށަހެޅޭ މައްސަލަތަކާ މެދު އަމަލު ކުރާ ގޮތުން އެ ގޮތަށް ނުބުނެވޭ ވަރެއް ނޫނެވެ.

އޭގެ ތެރެއިން ވެސް ނަމޫނާ ތަނެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން ފާހަގަކޮށްލަން ޖެހެ އެވެ. ސަރުކާރާއި ވެރިކަންކުރާ ޕީޕީއެމްގެ މަސްލަހަތު ހިމާޔަތް ކުރުމަށް އެކަނި އުފައްދާފައި އޮތް ތަނެކޭ ބުނާހާ ވަރުވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލުވައިލި މައްސަލައަކީ އޭގެ ދިރިހުރި މިސާލެކެވެ. އާންމު ރައްޔިތުންނާއި މީޑިއާތަކުގައި އެކަމަށް ފާޑު ކިޔަމުން ދިޔަ އިރު ވެސް، އަދި ގާނޫނުތަކާއި ގަވާއިދުތަކުގައި ކޮންމެ ގޮތަކަށް އޮތަސް، ޕީޕީއެމުން ބޭނުންވިހާ ގޮތަކަށް އެ މެމްބަރުންގެ ކަންތައް ނިންމައިދެމުން އެ ދިޔައީ ގައިމު ވެސް، ފިސާރި ހިޔާ ބޮޑު ގަހެއްގެ ދަށުގައި އެ ކޮމިޝަން އޮތީމަ އެވެ.

އެއީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ ފުރިހަމަ މެޖޯރިޓޯ އޮތް ދުވަސްވަރު، ކުރީގެ އޮޑިޓަ ޖެނެރަލްއާ މެދު އަމަލު ކުރި ގޮތުންނާއި، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކާ މެދު އަމަލު ކުރި ގޮތަކީ، މިނިވަން މުއައްސަސާތަކަށް ނުސީދާކޮށް ދެވުނު ވަރުގަދަ އިންޒާރެކެވެ. އެހެންކަމުން ސަރުކާރު ކޮޅަށް މިނިވަން ނުވެއްޖެ ނަމަ، އެ މަގާމުގައި ނުތިއްބެވޭނެ ކަން މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް ވިސްނިވަޑައިގެންނެވީ އެވެ.