ކުޅުދުއްފުށީ ހޮސްޕިޓަލް ސީރިއަސް ހާލަތުގައި، އަވަސް ފަރުވާއެއް ބޭނުން!

ރަނގަޅަށް ހިންގަމުން އައި ހޮސްޕިޓަލެއްގެ ފެންވަރު ދަށްވެ، ޚިދުމަތް މެދުކެނޑޭ ހިސާބަށް ދިއުމަކީ ކުޑަކަމެއް ނޫނެވެ. މިއީ، އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ އެތައް ބަޔަކާ ގުޅިފައި އޮތް މައްސަލައެކެވެ. ހދ. ކުޅުދުއްފުށީ ޜީޖނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް ކުރިމަތިވެގެން މި އުޅެނީ މި މައްސަލަ އެވެ. ޓާޝާރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީ ކުރަން، ނޫރުލް އިސްލާމް އިންޓަނޭޝަނަލް (އެންއައިއައި)އާ ހަވާލުކުރުމުން، އެތަނުގެ ފެންވަރު ދަށްވީ އެވެ. އެ ހޮސްޕިޓަލުގެ މައްސަލަ މިހާރު އޮތީ "ސީރިއަސް" ހާލަތުގަ އެވެ.


އިންޑިއާގެ ނިމްސް ހޮސްޕިޓަލް ވެސް ހިންގާ ނޫރުލް އިސްލާމް އެޑިޔުކޭޝަނަލް ޓްރަސްޓްގެ 80 ޕަސެންޓް ހިއްސާ އޮންނަ އެންއައިއައި އިން ދިވެހި ސަރުކާރަށް ހުށަހެޅި ޕްރޮޕޯސަލްގައިވާ ގޮތުން، ހޮސްޕިޓަލް ތަރައްގީ ކުރަން އެ ކުންފުންޏަށް ބޭނުން ވަނީ އަހަރެއްހާ ދުވަހެވެ. އެ މުއްދަތުގައި، 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލަކަށް އެތަން ބަދަލު ކުރާނެ އެވެ.

އެހެންވެ، ރައްޔިތުން އުއްމީދުކޮށްގެން ތިބީ ކުރު މުއްދަތެއްގެ ތެރޭގައި މާލެއާ، އެއް ފެންވަރުގެ ސިއްޚީ ހިދުމަތް، ކުޅުދުއްފުށީ ހޮސްޕިޓަލުން ލިބޭނެ ކަމަށެވެ. އިންޑިއާގެ ނިމްސް ހޮސްޕިޓަލް ވެސް ހިންގާ، އެންއައިއައިގެ ގާބިލްކަމާ މެދު ސުވާލު އުފައްދާނެ ޖާގައެއް އޭރަކު ނެތެވެ.

އެކަމަކު ކަންވީ ދިމާ އިދިކޮޅަށެވެ. ހޮސްޕިޓަލް ހަވާލުކުރިތާ ހަ މަސް ވިއިރު ވެސް، އެއްބަސްވުމުގައި ކަނޑައެޅި ޓައިމްލައިނާ އެއްގޮތަށް އެއްވެސް ޚިދުމަތެއް ނުފެށުނެވެ. ޑޮކްޓަރުންނާއި ވަސީލަތްތައް ނުލިބުމުގެ ދަތިތައް ކުރިމަތިވީ އެވެ.

ހެލްތު މިނިސްޓްރީން ކުޅުދުއްފުށީ ހޮސްޕިޓަލާ އަލުން ހަވާލުވާން ޖެހުނީ "މިހާރު" އަށް އެނގިފައިވާ ގޮތުގައި، ރައްޔިތުންނަށް ދެމުން އައި ސިއްޚީ ފަރުވާ މެދުކެނޑިދާނެ ކަމުގެ ބިރު އޮތުމުންނެވެ. އެހެން ނޫން ނަމަ، 50 އަހަރަށް އެހެން ބަޔަަކަށް ދޫކޮށްފައި ވާ ހޮސްޕިޓަލުގެ ހިންގުމާ ގުޅޭ އެއްވެސް ކަމެއް ކުރުމުގެ ގާނޫނީ ހައިސިއްޔަތު ދިވެހި ސަރުކާރަކަށް ނެތެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގަން ނިމްސްއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި އެ ކުންފުންޏާއި ހެލްތު މިނިސްޓްރީގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ބޮޑު "ކޯޅުމެއް،" އާދައިގެ ތުހުމަތުތަކެއް ނޫން!

ކުޅުދުއްފުށީ ހޮސްޕިޓަލަށް ކުރިމަތިވި މައްސަލަ ތިލަވިއިރު، ހޮސްޕިޓަލް ހިންގަން އުފެއްދި ކުންފުނީގެ ހިއްސާދާރުންގެ މެދުގައި މިވަނީ ބޮޑުު "ކޯޅުންގަނޑެއް" ފެށިފަ އެވެ. އެކަން އާއްމުވީ، އެ މީހުންގެ މެދުގައި ހައްލު ނުވުމުންނެވެ.

އެންއައިއައި އުފައްދާފައި ވަނީ ނިމްސް ނޫރުލް އިސްލާމް އެޑިޔުކޭޝަނަލް ޓްރަސްޓްގެ 80 ޕަސެންޓްގެ އިތުރުން ދިވެހި ހިއްސާދާރެއްގެ 20 ޕަސެންޓާ އެކުގަ އެވެ. މައްސަލަ އުފެދުނީ، ދިވެހި ހިއްސާދާރު އަލީ އުސައިދާއި އަނެއް ހިއްސާދާރުންގެ މެދުގަ އެވެ.

އެންއައިއައިގެ، މެނޭޖިން ޑިރެކްޓަރު ފައިޒަލް ޚާން ވިދާޅުވެފައިވާ ގޮތުގައި، އެއްބަސްވުމުގައި ކަނޑައެޅި ޓައިމްލައިނާ އެއްގޮތަށް ޚިދުމަތް ނުފެށުނީ، ދިވެހި ޑިރެކްޓަރު އުސައިދުއާ ހެދި އެވެ. ހޮސްޕިޓަލް ހިންގަން ފޮނުވި ފައިސާ އަށް ޚިޔާނާތްތެރިވެ، ޑޮކްޓަރުންގެ ވިސާ އާއި ދިވެހި ސަރުކާރުން ހޯދަން ޖެހޭ އެހެނިހެން ހުއްދަތައް ހޯދަން އިހުމާލުވެފައިވާ ކަމަށް އޭނާ ތުހުމަތު ކުރައްވަ އެވެ. އަދި ހޮސްޕިޓަލަށް ފޮނުވި އެމްއާރުއައި މެޝިން ފަދަ އަގުބޮޑު ސާމާނު ކަސްޓަމްސްއިން ނުނެރެވި ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

މި ތުހުމަތުތައް ދޮގު ކުރައްވަމުން އުސެއިދު ދެއްކެވީ، ކުންފުންޏެއް ހިންގަވަން ފައިޒަލް ޚާންގެ ގާބިލް ކަމެއް ނެތުމާއި އާސަންދަ އިން އޮޅުވާލައިގެން އެ ކުންފުނިން ފައިސާ ނަގާފައިވާ ކަމުގެ މައްސަލަތަކެވެ. އޭނާ ވަނީ، މި މައްސަލަ ތަހުގީގުކުރަން ފުލުހުންނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅައިފަ އެވެ.

މާނައަކީ، ކުންފުނީގެ ހިއްސާދާރުންގެ މެދުގައި އުފެދިފައި މިއޮތް މައްސަލަ ފަސޭހަ އިން ހައްލުވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ދޫ ދިނުމުގެ ވިސްނުމެއް ނުގެންގުޅެ އެވެ. އެހެންވެ، ބައްދަލުވުންތަކެއް ބާއްވައިގެން ހައްލުކުރެވޭ ވަރަށް ވުރެން ހުރިހާ ކަމެއް ވެސް އޮތީ ބޮއްސުންލައިފަ އެވެ.

ރައްޔިތުންނަށް މާޔޫސްކަން!

ކުޅުދުއްފުށީގެ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ވިދާޅުވީ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ހާލަތުން، ހއ. ހދ. އަދި ށ އަތޮޅުގެ ރައްޔިތުންގެ ޝަކުވާ ބޮޑު ކަމަށެވެ. ސަބަބަކީ އެ ތިން އަތޮޅުގެ ސިއްހީ ޚިދުމަތް ބަރޯސާވެފައި އޮތީ އެ ހޮސްޕިޓަލަށް ކަމަށް ވާތީ އެވެ.

އެ ސަރަހައްދުގައި ޓާޝަރީ ހޮސްޕިޓަލެއް ގާއިމްކުރުމަކީ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެއްކަން ފާހަގަކުރައްވަމުން ވިދާޅުވީ އެ ވައުދު ނުފުއްދެވި ދައުރު ނިމެން ކައިރިވެފައިވާއިރު، ހޮސްޕިޓަލުގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާ ކަމަށެވެ. ހެއްކެއް ދައްކަވަމުން ވިދާޅުވީ، ކުޅުދުއްފުށީ ހޮސްޕިޓަލުގައި ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރަކު ނެތިގެން އެހެން ރަށަކަށް ދަތުރުކުރަން ޖެހުމެވެ. އެ މައްސަލަ ހައްލުކޮށް، ހެލްތު މިނިސްޓްރީން ވަނީ އެ ހޮސްޕިޓަލަށް ކުޑަކުދިންގެ ޑޮކްޓަރަކު މިހާރު ފޮނުވައިފަ އެވެ.

"ބައެއް ކަހަލަ ޓެސްޓުތައް ހެދުމަށް ބޭނުންވާ ކެމިކަލްސް ވެސް ހޮސްޕިޓަލުގައި ނެތް ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައި ވަނީ. މާބަނޑު މީހުން ވިއްސަން ވެސް އެހެން ރަށްތަކަށް ފޮނުވާލަން ޖެހިފައި އެބަހުރި،" އަބްދުއްލަތީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ ނިމްސް އިން ބައްދަލުކުރިއިރު 90 ދުވަހުން އަންނާނެ ތަރައްގީ، 180 ދުވަހުން ފަށާނެ ޚިދުމަތްތަކުގެ ތަފްސީލު ދިން. އެހެންވެ ރައްޔިތުން އުއްމީދު ކޮށްގެން، ޓައިމްލައިނާ އެއްގޮތަށް ކަންތައްތައް ވެގެން ދާނެ ކަމަށް. ނަމަވެސް ހަވާލުވި ދުވަހުން ފެށިގެން ވެސް ހޮސްޕިޓަލުގެ ހިދުމަތް ދިޔައީ ދަށަށް."

ހޮސްޕިޓަލް ހިންގަން ހަވާލުކުރީ ގާނޫނީ ގޮތުން އެކަން ކުރެވެން ނެތް ބަޔަކަށް ކަން ފަޅާއެރުމަކީ ވެސް ރައްޔިތުންނަށް މާޔޫސްކަން ލިބިފައިވާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ނޫރުލް އިސްލާމް އެޑިޔުކޭޝަނަލް ޓްރަސްޓަކީ އިންޑިއާގައި ދަަރުމައަށް މަސައްކަތް ކުރަން އުފައްދާފައިވާ ޓްރަސްޓެކެވެ. އެ ޓްރަސްޓުން ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ހިންގައި، ވިޔަފާރީގެ ފައިދާ ލިބޭ ގޮތަށް މަސައްކަތްކުރުން އިންޑިއާގެ ގާނޫނުތަކުން މަނާކަމަށް ބައެއް ވަކީލުން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

މި މައްސަލައާ ގުޅޭގޮތުން މާ ގިނަ ވާހަކަތަކެއް މީޑިއާ އަށް ނުދެއްކިއަސް އެނގިފައިވާ ގޮތުގައި މައްސަލަ ހައްލުކުރަން ސަރުކާރުން އޮތީ އެންއައިއައި އަށް ފުރުސަތު ދީފަ އެވެ. އެންއައިއައި އިން ބުނަމުން އަންނަނީ މައްސަލަ ހައްލުކޮށް ހޮސްޕިޓަލުގެ ޚިދުމަތްތައް އަލުން ފަށާނެ ކަމަށެވެ. އެކަމަކު، ޓައިމްލައިނާ އެއްގޮތަށް އެއްވެސް ކަމެއް މިހާތަނަށް ކުރިއަށް ގެންގޮސްފައި ނުވާއިރު، އެ ކުންފުނިން ދައްކާ ވާހަކަތަކަށް ދެން އިތުބާރު ކުރާނީ ކިހިނެއް ހެއްޔެވެ؟ ކިތަންމެ ގާބިލް ކުންފުންޏެއްގެ ގޮތުގައި އޮތަސް، ކޭއާރުއެޗް ހިންގުމުގައި އެ ގާބިލްކަމެއް ނުފެނުނެވެ.

އެހެންވެ ދެން އޮތީ ސަރުކާރުން ގޮތެއް ކަނޑައެޅުމެވެ.