ހާލަތު އުވާލިޔަސް ސަރުކާރަށް ހިންދެމިލެވޭކަށް ނެތް؟!

ސުޕްރީމް ކޯޓުން، މި ސަރުކާރު "ސިއްސުވާލީ" މާ ބޮޑަށެވެ. ޖަލު ގޮޅިއަށް ލައިގެން އުޅުނު ސިޔާސީ ބޭފުޅުންތަކެއް މިނިވަންކުރަން ނެރުނު ކުއްލި އަމުރުންނެވެ. ސަތޭކަ ޕަސެންޓް އިތުބާރު އޮތް މުއައްސަސާ އިން ދިން "ލަނޑުން" ސަލާމަތްވާން އޭރު ސަރުކާރަށް އޮތް ހަމައެކަނި "ހަތިޔާރަކީ" ކުއްލި ނުރައްކަލުގެ ހާލަތެވެ. މިދިޔަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ހިނގަމުން މިދަނީ، ދައުލަތުގެ އިސް ބޭފުޅުން ވިދާޅުވާ ގޮތުގައި، "ރިޝްވަތުގެ ބަޣާވާތަކުން" ސަރުކާރު ދިފާއުކޮށްދިން "ކުއްލި ހާލަތެ"ވެ. އިދިކޮޅުން އަޑު ހަރުކޮށް "ބާތިލް"އޭ ގޮވި މި ހާލަތު ވެސް ނިމެނީ އެވެ.


ފުރަތަމަ އިއުލާންކުރި 15 ދުވަހަކާ އެކު ޖުމްލަ 45 ދުވަހަށް ދިގުދެންމި ސްޓޭޓް އޮފް އިމަޖެންސީ (އެސްއޯއީ) ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ ބުރާސްފަތި ދުވަހަށް ހަމަވާނެ އެވެ. ސަރުކާރަށް ދެން އޮތީ ކޮން ގޮތެއް ހެއްޔެވެ؟

މަޖާޒީކޮށް ނަމަވެސް ބަޔަކު މީހުން ދައްކަނީ ތެދު ވާހަކައެކެވެ؛ މި މުއްދަތުގައި ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތާ އެކު ޓޫރިޒަމަށް ނޭދެވޭ އަސަރުކުރިއަސް "ދޫނިދޫ ރިސޯޓުގެ އޮކިއުޕެންސީ" އުޅެނީ ފުލްކޮށެވެ. ހާލަތުގެ ބޭނުން އެހާމެ ރަނގަޅަށް ސަރުކާރުން ހިފައިފި އެވެ. ފުލުހުންގެ ބަންދުގައި މީހުން ތިބޭ ދޫނިދޫން ޖާގަ ހުސްކުރަން ޖެހުނީ، އަބަދުވެސް ކޮންމެވެސް އެއް ބަޔަކު ދޫކޮށްލައިގެންނެވެ. ދޫނިދު އަށް އެހާވެސް ބާރުބޮޑީ އެވެ.

އެކަމަކު، ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން، އެ ބާރު ކުޑަވާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ، ކުއްލި ނުރައްކަލުގެ ހާލަތާ އެކު ހިފަހައްޓާފައިވާ މުހިއްމު ގާނޫނުތަކަށް އަމަލުކުރަން ފަށައި، ބަންދުގައި ތިބި މީހުން ވެސް ދޫކޮށްލަން ޖެހޭނެތީ އެވެ. އެހެންކަމުން ސަރުކާރުގެ ކުރިމަތީގައި ދެން ވެސް އޮތީ، ފަސޭހަ ދުވަސްތަކެއް ނޫނެވެ. އެކަމަކު ހާސްކަމެއް ނެތެވެ. ސަރުކާރުން ބުނަނީ "ގޮތް ހުސްނުވާނެ" ކަމަށެވެ.

އެސްއޯއީގެ ދަށުން ހިފެހެއްޓި ހައްގުތައް.

ބަންދުގައި އަބަދަކު ނުބޭތިއްބޭނެ

އެސްއޯއީގެ ދަށުން ކޯޓު އަމުރަކާ ނުލައި ގިނަ ބަޔަކު ބަންދުކޮށްފައި ތިބިއިރު، އެ ހާލަތު އުވާލާތާ 24 ގަޑިއިރުގެ ތެރޭގައި އެ މީހުން ކޯޓަށް ހާޒިރުކުރަން ޖެހެ އެވެ. މި އުސޫލުން ކަންކުރަން ޖެހޭތީވެ، ފުލުހުން މާ ކުރިއްސުރެ ބަންދުގެ މުއްދަތު އިތުރުކުރަން މީހުން ކޯޓަށް ހާޒިރުކުރަން ވެސް ވަނީ ފަށައިފަ އެވެ.

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު ގިނަ ބައެއްގެ މައްޗަށްކޮށް، އެސްއޯއީގެ ދަށުން ހައްޔަރުކޮށްފައި ތިބި ސައްހަ އަދަދެއް ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް އާއްމެއް ނުކުރެ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަލާމަތީ ބާރުތަކުގެ މީހުން ހިމެނޭ ގޮތަށް އެ އަދަދު 60 އަށް ވުރެ މަތިވާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ލަފާކުރެ އެވެ.

ޝަރީއަތުގެ އަޑު އެހުމަކަށް ފަހު، އުއްތަމަ ފަނޑިޔާރު ދޫނިދު އަށް ގެންދަނީ. --ފޮޓޯ/މިހާރު

ކުރީގެ ބަންޑާރަ ނައިބު، ހުސްނުއްސުއޫދު ވިދާޅުވީ އެސްއޯއީ އުވާލުމުން، ބަންދުގެ މުއްދަތު އިތުރުނުކޮށް އެއްވެސް މީހަކު ބަންދުގައި ގެންގުޅުމަކީ ގާނޫނާ ޚިލާފު އަމަލު ތަކުރާރުކުރުން ކަމަށެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ވެސް ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށެވެ.

މުއްދަތު ޖަހަން ގެންދާ މީހުންގެ ބަންދު ކޯޓުން އިތުރުނުކޮށްފި ނަމަ ވަގުތުން ދޫކޮށްލަން ޖެހޭނެ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

"އެހެންވީމަ އެސްއޯއީ އުވާލުމުގެ ކުރިން އެއް ބަޔަކު ދޫކޮށްލައި، އަނެއް ބަޔަކު މުއްދަތު ޖަހާފައި ބައިތިއްބާނެ ކަމަށް ބެލެވެނީ،" ސުއޫދު ވިދާޅުވި އެވެ.

އޭނާ އެ ވިދާޅުވީ، ގާނޫނުގައި އެކަން ކުރަން އޮންނަ ގޮތް ކަމަށް ވިއަސް ކަންބޮޑުވުން އުފެދެނީ، މި އުސޫލާ ޚިލާފަށް ކަންކޮށްފާނެ ކަަމަށް ދޭހަވާ ގޮތަށް ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވާހަކަ ދައްކަވާ ކަމަށް ބުނެ އެވެ.

ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވެފައި ވަނީ، ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން، އެންމެން މިނިވަންވާނެ ކަމަށް އިދިކޮޅުން ކުރަނީ ކުށް ހީއެއް ކަމަށެވެ. ސަރުކާރާ ދެކޮޅަށް "ބަޣާވާތް" ކުރި މީހުން ދޫނުކޮށް، ކޯޓުން އަމުރެއް ނެރެގެން، ޝަރީއަތްތައް ބާރަށް ކުރިއަށްދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދޫދޭކަށް ސަރުކާރުން ބޭނުމެއް ނޫން

ގައުމަށް "ގައްދާރުވެ"، ބޮޑު ގެއްލުމެއް ދޭން ރޭވި މީހުންނާ، ނިހާން ވިދާޅުވި ގޮތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނު ބައްދަލުކުރާނެ އެވެ.

"ބަޣާވާތެއް ގެންނަން އުޅުމަކީ އާދައިގެ ކަމެއް ނޫން، ރޭވި މީހުންނާއި ބަޣާވާތް ހިންގަން އުޅުނު މީހުން ދުލެއް ނުކޮށްލާނެ. މާނައަކީ އެ މީހުންނާ ބެހޭ ތަހުގީގުތައް ކުރިއަށްދާނެއޭ، ޝަރީއަތުގެ މަޖިލީހުން ގޮތްތަކެއް ކަނޑައަޅާ ނިންމާނެ،" ނިހާން ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ރާއްޖެ އާއި ބޭރުގެ އެކި ގައުމުތަކުގައި ތިބެ ފައިސާ ހޭދަކޮށްގެން ގެންނަ އުޅުނު "ބަޣާވާތު"ގައި އިސްކޮށް އުޅުނު މީހުން ހައްޔަރުކުރުމާ ހަމައިން، ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ސަރުކާރަށް ވަނީ ލިބިފަ އެވެ.

"ފެށިގަތްއިރު އޮތް ހާލަތެއް ނޫން މިހާރު މިއޮތީކީ. އަދި އިދިކޮޅު މީހުން، އެކަން ކައްކައި ގައުމުގެ ސަލާމަތް ކަން ނަގާލަން ކުރި މަސައްކަތް ވެސް ރައްޔިތުން ބަލައެއް ނުގަތް. ތާރީޚުތައް ކަނޑައަޅައި ބޭއްވި މުޒާހަރާތަކަށް ރައްޔިތުން ނުނިކުތް،" ނިހާން ވިދާޅުވި އެވެ.

"މި ދިމާވި މައްސަލަ [ހުކުމާ] ގުޅިގެން ގައުމުގައި ކުއްލި ހާލަތު އިއުލާން ނުކޮށް، ގޯހެއް ހިނގި ނަމަ، ހަމަ އެ ޒިންމާ ވެސް އުފުއްލަވަން ހުންނަވާނީ ރައީސުލް ޖުމްހޫރިއްޔާ."

އެހެންކަމުން އެސްއޯއީ އުވާލިއަސް، މިކަން މުޅިން ނިމޭނީ، ހައްގު އަދަބު ޝަރީއަތުން އެ ބަޔަކަށް ދީފައި ކަމަށް ނިހާން ވިދާޅުވި އެވެ.

ކުއްލި ހާލަތާ ގުޅޭ ގޮތުން ރައީސް ޔާމީން ގައުމާ މުޚާތަބު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ދެން ވެސް އޮތީ ހާސްކަން، ޕްރެޝަރު!

އެސްއޯއީ އިއުލާންކޮށް، އިދިކޮޅުގެ ސިޔާސީ ގިނަ ބޭފުޅުން ބަންދުކޮށްގެން ސަރުކާރުން އަމަލުކުރި ގޮތް، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ސިފަކުރައްވަނީ ބޮޑު ޖޯކެއްގެ ގޮތުގަ އެވެ. މިސާލެއްގެ ގޮތަށް އޭނާ ނެންގެވީ، ކުއްލި ނުރައްކަލުގެ ހާލަތު ހަމަވާތީ ބައެއް މީހުންގެ މުއްދަތު ޖަހާ ގޮތެވެ. ކުއްލި ނުރައްކަލުގެ ހާލަތާ އެކު ޖިނާއީ އިޖުރާއަތުގެ ގާނޫނު ސަސްޕެންޑްކޮށްފައި އޮތް ނަމަވެސް މުއްދަތު ޖަހަމުން އަންނަނީ އެ ގާނޫނުގެ ދަށުން ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އެހެންވީމާ ދެކޮޅެއް ނުޖެހެއެއް ނޫންތޯ؟ ގާނޫނީ އެއްވެސް ހަމައެއް ލަމައެއް އޮތް ކަމެއް ވެސް ނޫން މިއީ،" އިންތި ވިދާޅުވި އެވެ.

އެއާ އެކު، އެސްއޯއީގެ ދަށުން ސިޔާސީ ބޭފުޅުންނަށް ކުރި ތުހުމަތާއި ހޯދި ކަމަށް ބުނާ ކިތާބީ ހެކިތައް ބަހައްޓާފައި، ހެކި ފޮރުވުން ފަދަ ހައްޔަރުކުރި މައްސަލައާ ނުގުޅޭ ދައުވާތަކެއް އުފުލަމުން ގެންދިއުމަކީ ވެސް އޭނާ ކަންބޮޑުވުން ފާޅުކުރެއްވި މައްސަލައެކެވެ.

މުޒާހަރާއެއްގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް، ފުލުހުން ހުއްޓުވަނީ. --ފޮޓޯ/މިހާރު

އިދިކޮޅުގެ ގިނަ ބަޔަކު ގޮޅިއަށް ލައިގެން ސަރުކާރަށް އުޅެން ޖެހިފައި މިވަނީ އެ މީހުން ދޫވެފައި ތިބެއްޖެ ނަމަ، ވެރިކަން ދަމަހައްޓަން ދަތިވެގެންނެވެ. ކުއްލި ނުރައްކަލުގެ ހާލަތަށް ފަހު މި އެންމެން ދޫކޮށްލަން ޖެހުމުން، ސަރުކާރަށް ދެން ކުރިމަތިވާ ޕްރެޝަރުތައް އިތުރުވެ، ބޮލުގެ ރިހުން މާ ބޮޑުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދެކެ އެވެ.

"ސިޔާސީ އެތައް ބަޔަކު ހައްޔަރުކޮށްގެން އުޅުމަކީ ގައުމުގެ ތެރެއިންނާއި ބައިނަލްއަގުވާމީ ފަރާތްތަކުގެ ވެސް ޕްރެޝަރު ބޮޑުވާނެ ކަމެއް. ސަރުކާރަށް ސަލާމަތްވެވޭނެ ހަމަ އެއްގޮތެއް ވެސް ނެތް. ބަންދުގައި ތިބި އެންމެން ދޫކޮށްލައިގެން ވެސް، ޖަލުގައި ބައިތިއްބައިގެން ވެސް ނެތް ސަލާމަތެއް. ހަދާނެ ގޮތެއް ހަމަ ނެތް،" އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ އިސް ވެރިންނަށް ފިޔަވަޅު އަޅަން ގޮވާލައި ޔޫރަޕިއަން ޔޫނިއަން އިން ފާސްކުރި ގަރާރާއި އެންމެ އަވަށްޓެރި ގައުމު ހިމެނޭ ގޮތަށް ބޮޑެތި ގައުމުތަކުން ގޮވާލާ ގޮވާލުންތަކުން ވެސް އެކަން އެނގޭ ކަމަށެވެ.

އިންތި ވިދާޅުވި ގޮތުގައި ރައީސް ޔާމީނަށް ގާނޫނާ ޚިލާފަށް އިތުރަށް ކަންކަން ކުރެއްވޭނެ ޖާގައެއް އަދި ގާނޫނީ އިމުގެ ތެރެއަށް ވަދެވަޑައިގެންނެވޭނެ ފުރުސަތެއް ވެސް މިހާރަކު ނެތެވެ. ރައްޔިތުންނާއި ބައިނަލްއަގުވާމީ ޕްރެޝަރާ އެކު ރައީސް ޔާމީން ހުންނެވީ "ހަތަރު ފަރާތުން ބެދި ފަހު ގޮޅީގައި" ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް ޝައްކުކުރަން، ދެން މި ދައުރު ނިމެންދެން ވެސް ސަރުކާރު ދެމިއޮވެދާނެ ކަމަށް، އެވަރަށް ބަލިކަށި، މާދަންތޯ މިއަދުތޯ، އެ މިންވަރަށް ވެއްޓިފައި މިއޮތީ،" އިންތި ވިދާޅުވި އެވެ.

ރައީސް ޔާމީން އިތުބާރު ކުރައްވާ ހަމަ އެންމެ ބޭފުޅަކު ވެސް އެމަނިކުފާނުގެ ސަރުކާރުގައި ނެތުން، އިންތި ވިދާޅުވި ގޮތުގައި، އެކަމުގެ ހެއްކަކަށް ފުދެ އެވެ. އެންމެ އިތުބާރު އޮތް ކަމަށް ވިދާޅުވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފް ވެސް މިއަދު އޮތީ ގޮޅީގައި ކަން އިންތި ފާހަގަކުރެއްވި އެވެ.

އެކަމަކު މި ވާހަކަތައް ނިހާން ދިފާއުކުރައްވަ އެވެ. ބޭރުގެ ޕްރެޝަރަށް ބޯލަނބަން ނުޖެހޭނެ ކަން ސާބިތުކުރައްވަން، އޭނާ ދެއްކެވީ ދިވެހިރާއްޖެ އަކީ މިނިވަން ގައުމެއް ކަމެވެ.

ނިހާން ވިދާޅުވީ ކޮންމެ ގައުމެއްގައި ވެސް އަމިއްލަ އުސޫލްތަކެއް ހުންނާނެ ކަމަށެވެ. ރާއްޖޭގެ މިންގަނޑު ހުޅަނގުގެ ގައުމުތަކަށް ފެތެން ނުޖެހޭ ކަމަށާއި ސަރުކާރު، ބާރުވެރިކަމާ އެކު ދެމިއޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތަށް ފަހު، ނިހާން ޔަގީންކުރައްވަނީ، ގައުމުގެ ހުރިހާ ކަމެއް ކުރިއެކޭ އެއްގޮތަށް އަމާންކޮށް ދާނެ ކަމަށެވެ. އެކަމަކު އިންތިގެ ވިސްނުން ތަފާތެވެ. އޭނާ ދެކެވަޑައިގަންނަވަނީ، މި ހިނގި ހުރިހާ ކަންކަމާ އެކު ސަރުކާރަށް ހިންދެމި ނުލެވޭނެ ކަމަށެވެ. އެހެންކަމުން، މަންޒަރު ސާފުވާން ފަށާނީ، ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ކަންކަން ނިއުޅެން ފަށާ ގޮތަކުންނެވެ.