ކޮވިޑް-19: ބިރަކީ ކުއްލިއަކަށް ބަލިމީހުން ގިނަވުން، އެ ފުރުސަތު ރާއްޖެއަށް ވެސް އެބަ އޮތް

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އިޓަލީން ރާއްޖެ އައި 12 މީހުންގެ ގްރޫޕެއްގައި ހިމެނޭ އެކަކު، ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގައި ހުއްޓާ ހުން އައިސް ބަލިވި އެވެ. އޭނާ އަށް އެ ރަށުގެ ޑޮކްޓަރު ފަރުވާދިނެވެ. އޭނާ ކޮޓަރިން ނުނިކުމެ އުޅުނެވެ. އެނބުރި އިޓަލީ އަށް ދާން މާޗު 1 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔަ އެވެ. އެކަމަކު، ހުން އައިސް ހުރުމުން ފްލައިޓަކަށް ނޭރުވި އެވެ. ދެން އޭނާއާ ހަވާލުވި އެޖެންޓް، މާގިރި ހޮޓަލަށް އޭނާ ގެންދިޔަ އެވެ. ވީހާވެސް އަވަހަކަށް ފުރޭތޯ، ޓިކެޓް ހޯދަން، ޔުނިވާސަލްގެ ޓިކެޓް އޮފީހަށް ގޮސް، އެމިރޭޓްސް އެއާލައިނުން ޓިކެޓް ނެގި އެވެ.


މާޗު 2 ވަނަ ދުވަހު އޭނާ އިޓަލީ އަށް ފުރި އެވެ. އިޓަލީގައި ޓެސްޓްކުރުމުން އޭނާ ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި އެވެ. ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އެކަން އޭނާ އެންގި އެވެ. އެލާޓަށް އަ އެވެ. އޭނާ އަށް ފަރުވާ ދިން މީހުންގެ ތެރެއިން ދެ މީހެއްގެ ކިބައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނުނެވެ. އެކަހެރިކޮށް، ފަރުކޮޅުފުށީ ކަރަންޓީން ފެސިލިޓީ އަށް ގެންދިޔަ އެވެ. ޓެސްޓް ހެދުމުން، ދެ މީހުން ކޮރޯނާވައިރަސް އަށް، މާޗު 7 ގައި ޕޮޒިޓިވްވި އެވެ.

އޭގެ ފަހުން ރާއްޖެ މި އޮތީ ކޮރޯނާވައިރަސް ފެތުރުމުގެ ފުރުސަތު އެންމެ ބޮޑު ގައުމުތަކުގެ ތެރޭގަ އެވެ. މިހާރު ޖުމްލަ ނުވަ މީހުން (ބިދޭސީ މުވައްޒަފުން/ޓޫރިސްޓުން) އެ ވަނީ ވައިރަސް އަށް ޕޮޒިޓިވް ވެގެން ކަރަންޓީންގަ އެވެ. އެ މީހުންގެ ފަރާތުން ވައިރަސް އަރާފާނެކަމުގެ ފުރުސަތު އޮތް މީހުން ހޯދައި، އެ އެންމެން ހާލަތު ގެންދަނީ ބަލަމުންނެވެ.

ނަސީބު އަދި ރަނގަޅެވެ. އެއްވެސް ދިވެއްސެއްގެ ގައިން ކޮރޯނާވައިރަސްއެއް ނުފެނެ އެވެ. އެކަމަކު، މިއީ ފަރުވާކުޑަ ކުރަންވީ ވަގުތެއް ނޫނެވެ. މިއީ މިހާތަނަށް އެ ވައިރަސް ދެއްކި މަންޒަރަށް ބަލާއިރު އެންމެ ފަރުވާތެރިވާން ޖެހޭ ވަގުތެވެ. ސަބަބަކީ، ޗައިނާ އާއި ސައުތު ކޮރެޔާ އާއި އިޓަލީން ވެސް ފުރަތަމަކޮޅު ފެނުނީ ސީދަލަށް އޮތް ރޮނގެއްގެ މަތިން ކިރިޔަކިރިޔާ މައްޗަށް އަރާފައި ހުރި އަދަދުތަކެކެވެ. އެކަމަކު ގާތްގަނޑަކަށް 10 ވަރަކަށް ދުވަސް ފަހުން، އެ އަދަދު ހަމަ ކުއްލިއަކަށް މައްޗަށް އަރައިގެން ގޮސް، ތިން ގައުމު ވެސް ނުރައްކަލުގެ ތެރެއަށް ވައްޓާލި އެވެ.

އެމެރިކާ ވެސް މިހާރު އެ ދަނީ އެ މިސްރާބަށެވެ. އަދި ރާއްޖެ އާއި އަލަށް ވައިރަސް ފެނުނު އެހެން ގައުމުތަކުގެ ހާލަތު ވެސް އެ ހިސާބަށް ދަތުރުކޮށްފާނެ އެވެ.

ކޮރޯނާވައިރަސްއަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ސިއްހީ އެހީތެރިން ތައްޔާރީ ހާލަތުގެ ފަރިތަކުރުންތަކެއްގައި: މިހާރު ވަނީ ރާއްޖެއަށް ވައިރަސް އައިސްފައި

މިހާތަނަށް ލިބެން ހުރި ތަފާސްހިސާބުތައް ބޭނުންކޮށްގެން ކަމާ ބެހޭ ތަޖުރިބާކާރުން ދައްކާ ޗާޓުތަކުން އެނގެނީ، ނުވަތަ ލަފާކުރެވެނީ ކޮރޯނާވައިރަސް އަށް ފުރަތަމަ ޕޮޒިޓިވްވާ މީހުން ދެނެގަނެވޭތާ ދުވަސްގަނޑެއް ފަހުން ކުއްލިއަކަށް ގިނަވަނީ، އަލާމާތްތައް ފެންނަން ދުވަސްތަކެއް ނަގާތީ ކަމެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗުއޯ އިން މިހާރު ލަފާކުރާ ގޮތުގައި އެންމެ އަވަހަށް ވެސް ވައިރަސްގެ އަލާމާތްތައް ފެންނަން ފަސް ދުވަސް ނަގަ އެވެ. ފަސް ދުވަހާއި 14 ދުވަހަކީ، އާންމުކޮށް މިހާރު ޔަގީންވާ މުއްދަތެވެ.

ޗައިނާގައި މި ވައިރަސް ފުރަތަމަ ފެތުރެން ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރު ފަހުކޮޅުގަ އެވެ. އެކަމަކު ޗައިނާގެ ރަސްމީ ފަރާތްތަކުން އެކަން އިއުލާންކުރީ ޖެނުއަރީ މަހު އެވެ. އެހެންކަމުން ޕޮޒިޓިވް ވި މީހުންގެ އަދަދު ގުނަން ފަށާފައި ވަނީ ޖެނުއަރީ 22 ގަ އެވެ. އެ ދުވަހުން ފެށިގެން ޗައިނާގައި ވައިރަސް ފެތުރުނު މިންވަރު ދިޔައީ ވަރަށް ބާރަށެވެ. ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި އޭގެ ސަބަބަކަށް ވާނީ، ޗައިނާއިން ރަސްމީކޮށް އިއުލާން ކުރުމުގެ ކުރިން، އެތައް ބައެއްގެ ހަށިގަނޑަށް ވައިރަސް ދިއުމާއި އެ އެންމެންގެ ފަރާތުން އެހެން އެތައް ބަޔަކަށް ވެސް އަރާފައި ވުމެވެ.

ފުރަތަމަކޮޅު ވައިރަސް ފެތުރުމުގެ ސްޕީޑް ހުރީ، އެކެއްގެ ފަރާތުން ދޭކާއި ތިން މީހުންނާ ދެމެދުގެ އަދަދަކަށް އަރާ މިންވަރުގަ އެވެ. އެކަމަކު މިހާރު އެކެއްގެ ފަރާތުން އެވްރެޖްކޮށް ތިން މީހުންނަށް ވުރެ ގިނަ ބަޔަކަށް އެރުން އެކަށީގެންވާ ކަމަށް، ބައެއް ތަޖުރިބާކާރުން ލަފާކުރެ އެވެ.

ޗައިނާ އަށް ފަހު ދެން އެންމެ ބާރަށް ވައިރަސް ފެތުރެމުން ދާ އީރާނާއި ސައުތު ކޮރެއާ އާއި އިޓަލީން ވެސް ފެނުނީ، ފުރަތަމަކޮޅު ފަރުވާ ކުޑަކޮށްލެވުނު ތަނެވެ. އީރާނަކީ މައުލޫމާތު ސިއްރުކުރާ ގައުމަކަށް ވާތީ، އަދަދުތަކާ މެދު ބައެއް ތަޖުރިބާކާރުން ސުވާލު އުފައްދަ އެވެ. އެކަމަކު ސައުތު ކޮރެޔާ އާއި އިޓަލީ އަކީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ސިއްހީ ނިޒާމް އޮތް ގައުމުތަކަށް ވާތީ، އަދަދުތަކާ މެދު އިތުބާރު ބޮޑެވެ.

ސައުތު ކޮރެޔާގެ ހާލަތު (މާޗު 12 ގެ ނިޔަލަށް)

ޕޮޒިޓިވް ވި މީހުންގެ އަދަދު: 7،398

މަރުވި މީހުންގެ އަދަދު: 71

ރަނގަޅުވެގެން ދޫކޮށްލި: 581

ސައުތު ކޮރެއާ އިން މިހާތަނަށް ދެއްކީ، ކުއްލި ހާސްވުމަކަށް ފަހު މޮޅު ފިޔަވަޅުތަކަކާ އެކު އަވަހަށް ކޮންޓްރޯލްކުރި ތަނެވެ. ފެބްރުއަރީ 15 ގައި ވައިރަސް އަށް ޕޮޒިޓިވްވި 19 މީހުން ފެނުނު ފަހުން ތިން ދުވަހަކު މާ ބޮޑަށް މައްޗަށް ނުގޮސް، ދެން ކުއްލިއަކަށް ދުވާލަކު އެތައް ސަތޭކައަށް އެރި އެވެ. އެކަމަކު މިހާރު ކޮންޓްރޯލްގެ ދަށަށް ވަނީ ގެނެސްފަ އެވެ.

ސައުތު ކޮރެއާ އަކީ މުއްސަނދި، ނިޒާމްތައް ވަރުގަދަ، އަދި ކާރިސާގެ ވަގުތުތަކުގައި ބަސްއަހާ ބަޔަކު އުޅޭ ގައުމެކެވެ. ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ބައެއް ދުވަސް ދުވަހު ހާހަކަށް ވުރެ ގިނަ މީހުން ވެސް ޕޮޒިޓިވްވި ވައިރަސް، ކޮންޓްރޯލް ކުރެވޭ ހިސާބަށް އެހާ އަވަހަށް ދެވުނީ، ހޭލުންތެރިކަމަށް ދޭން ފެށި މައުލޫމާތުތަކާއި ޓެސްޓްކުރެވޭނެ ފަސޭހަ ގޮތްތައް ހޯދައިދެވުމުންނެވެ.

ސައުތު ކޮރެއާގައި ވައިރަސް އެންމެ ބޮޑަށް ފެތުރޭ ދެކުނުގެ ޑައެގޫގެ މާރުކޭޓަކަށް ބޭސް ޖަހަނީ. --ފޮޓޯ:އޭއެފްޕީ

މިސާލަކަށް ވައިރަސް އަށް އަލަށް މީހަކު ޕޮޒިޓިވް ވެއްޖެ ނަމަ، އޭނާ އުޅުނު ތަނަކާއި ދިޔަ ރެސްޓޯރެންޓް/ކެފޭ ނުވަތަ ފިހާރަ އާއި އެނޫން ވެސް ގިނަ މައުލޫމާތުތަކެއް، އެލާޓްގެ މެސެޖްގެ ގޮތުގައި ފޯނުތަކަށް ފޮނުވަ އެވެ. ބަލިމީހާގެ ނަމާއި އެޑްރެސް ނުދިޔަސް، އާންމުން ސަމާލުކަމަށް އާދެ އެވެ.

އެހެން އެއްވެސް ގައުމެއްގައި ވައިރަސްއަށް ޓެސްޓް ކުރަން ނުލިބޭ ކަހަލަ ފުރުސަތުތައް ސައުތު ކޮރެއާގައި ގާއިމްކުރި އެވެ. ހޮސްޕިޓަލްތަކުން ބޭރުގައި ވެސް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވެ އެވެ. ވައިރަސް ހުރިކަމުގެ އަލާމަތްތައް ނުވަތަ ކޮވިޑް-19 އަށް ޝައްކުކުރެވޭ ނަމަ، އެއިން ތަނަކަށް ގޮސް، ސާމްޕަލް ދިނީމާ ނިމުނީ އެވެ. ޕޮޒިޓިވް ވެއްޖެ ނަމަ ފޯނުކޮށްގެން އެކަން އަންގަ އެވެ. ނެގެޓިވް ވެއްޖިއްޔާ ފޮނުވަނީ މެސެޖެކެވެ.

ސައުތު ކޮރެއާގައި ދުވާލަކު 20،000 މީހުންނަށް ކޮރޯނާވައިރަސްއަށް ޓެސްޓްކުރެވެ އެވެ. މިއީ އެހެން ގައުމުތަކުގައި އާބާދީގެ ނިސްބަތުން ޓެސްޓް ހެދޭ މިންވަރަށް ވުރެ މާ މަތީ އަދަދެކެވެ. ޓެސްޓްގެ ނަތީޖާ ފަސް ގަޑިއިރާއި ހަ ގަޑިއިރުގެ ތެރޭގައި ލިބެ އެވެ.

އިޓަލީގެ ހާލަތު (މާޗު 12 ގެ ނިޔަލަށް)

ޕޮޒިޓިވް ވި މީހުންގެ އަދަދު: 15،113

މަރުވި މީހުންގެ އަދަދު: 1،016

ރަނގަޅުވެގެން ދޫކޮށްލި: 1،258

މިހާރު ދުނިޔޭގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައި އޮތީ އިޓަލީއަށެވެ. ގިނަ މީހުން އެއްވެ، ފޫހިފިލުވުމާއި ކެއުމުގެ އާދަ ބޮޑު އިޓަލީގެ އާންމުން ފުރަތަމަކޮޅު ފަރުވާކުޑަކުރި އެވެ. އެންމެ ފަހުން މުޅި ގައުމު ހުއްޓުމަކަށް ނުގެނެސް ކޮންޓްރޯލް ނުވާނެކަން އެނގުމުން، 60 މިލިއަން މީހުން މިހާރު އުޅެމުން ދަނީ ގޭގަ އެވެ. ވަރަށް މަދު ފަހަރެއްގައި ނޫނީ ބޭރަކަށް ނުނިކުމެ އެވެ.

އިޓަލީގައި މިހާތަނަށް ހާހަކަށް ވުރެ ގިނަ މީހުން، ކޮވިޑް-19 ގައި މަރުވެއްޖެ އެވެ. ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 15،000 އިން މަތީގަ އެވެ.

ފުރަތަމަ ފެބްރުއަރީ 15 އިން ފެށިގެން ދުވާލަކު ފެންނަމުން ދިޔައީ މަދުންނެވެ. އެކަމަކު ހަފުތާއެއްހާ ދުވަސް ފަހުން ކުއްލިއަކަށް، ވައިރަހަށް ޕޮޒިޓިވް ވާ މީހުން ގިނަވާން ފެށި އެވެ. ދެ ވަނަ ބޮޑު ހަނގުރާމައިގެ ފަހުން އެ ގައުމުގައި އެޅި އެންމެ ހަރުކަށި ފިޔަވަޅުތަކާ ނުލައި، ކޮރޯނާވައިރަސް އިން ސަލާމަތްނުވެވޭނެ ކަން ޔަގީންވާ ހިސާބަށް ދިޔަ އެވެ.

އިޓަލީގެ މިލާންގެ ސުޕަމާކެޓަކުން ބާޒާރު ކުރަން މީހުން ކިޔޫ ހަދާފައި: މުޅި ގައުމު މިހާރު ވަނީ ބަންދަކަށް ގޮސް --ފޮޓޯ:އޭއެފްޕީ

އެ ވައިރަސް ބޮޑު ބިރަކަށް ވެ، ގައުމުގެ ފުރިހަމަ ސިއްހީ ނިޒާމަށް އޮބިނޯންނަ ވަރަށް ހާލަތު ގޯސްވެދާނެ ކަމަކަށް ފުރަތަމަ ހިއެއްނުކުރެ އެވެ. ނަމަވެސް އެންމެ ފަހުން ބައެއް ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކަށް ޖެހުނީ، އުމުރުން ދުވަސްވި މީހުން މަރުވަން ދޫކޮށްލާފައި، އުމުރުގެ ގޮތުން އެއަށް ވުރެ ހަގު މީހުން ސަލާމަތްކުރަން ސަމާލުކަން ދޭށެވެ.

"މިއީ ހަނގުރާމައެއް،" މިލާންގެ ބޮޑު ހޮސްޕިޓަލެއްގެ އިންފެކްޝަސް މެޑިސިން ޑިޕާޓްމަންޓްގެ ހެޑް މެސީމިއޯ ޕޯޓީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުރިހާ ވެސް މަސައްކަތަކީ ބަލިވާ މީހުން މަދުކުރުމާއި އަހަރެމެން އެންމެންގެ ދުޝްމަނަކަށް ވެފައި އޮތް ވައިރަހުގެ ގުދުރަތީ އާދަތައް ދެނެގަތުމެވެ.

"އެކަމަށް އަހަރެމެންނަށް ވަގުތު ބޭނުން،" ނިއު ޔޯކް ޓައިމްސްއާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

ޗައިނާއިން އާދަޔާ ހިލާފު ދުވަހެއް

ދުވާލަކު އަލަށް ފެންނަ ކޮރޯނާވައިރަސް ކޭސްތައް ދައްކައިދޭ ޗާޓެއް. މި ޗާޓުގައި ހިމަނާފައި އެވަނީ މާޗު 7 އާ ހަމައަށް ލިބުނު އަދަދުތައް

މިހާތަނަށް އަލަށް ފެނުނު ކޭސްތައް އާދަޔާ ހިލާފު މައްޗަށް ދިޔަ ދުވަހެއް މި ޗާޓުން ފެންނާނެ އެވެ. ފެބްރުއަރީ 12 ވަނަ ދުވަހު ޗައިނާ އިން އަލަށް ފެނުނު ކޭސްތަކުގެ އަދަދު 14،000 އަށް އެރި އެވެ. އެއީ އޭގެ ކުރިން ދުވާލަކު 2،000 އާއި 3،000 އާ ދެމެދު އުޅުނު މިންވަރަށް ފަހު އެވެ.

ޗައިނާގެ ހާލަތު (މާޗު 12 ގެ ނިޔަލަށް)

ޕޮޒިޓިވްވި މީހުންގެ އަދަދު: 80،815

މަރުވި މީހުންގެ އަދަދު: 3،177

ރަނގަޅުވެގެން ދޫކޮށްލި: 64،151

ދުވާލަކު މިހާރު ފެންނަ: 40

އެގޮތަށް އެކަން ކުރުމުގައި ވަރަށް މުހިންމު ސަބަބެއް ހިމެނެ އެވެ. ޗައިނާ އިން އޭރު ދިޔައީ ވައިރަސް ކޮންޓްރޯލްކުރަން ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ. އެކަމަކު ވައިރަސް ފެތުރޭލެއް އަވަސްކަމުން ކަމާ ބެހޭ ފަރާތްތަކުން ނިންމީ، ކުރިން ވައިރަސް ހުރި ކަމަށް ނިންމާ ގޮތް ބަދަލުކުރާށެވެ. އެހެންކަމުން ލެބޯރަޓަރީ ޓެސްޓްތަކުން ޕޮޒިޓިވް ވުމުގެ ކުރިން، ޝައްކުކުރެވޭ ފަދަ ކުޑަ އަލާމާތެއް ފެނުނަސް، ނިންމީ ވައިރަސް ހުރި ބައެއްގެ ގޮތުގަ އެވެ. އެ ފިޔަވަޅު އެޅުމުން، އެ ލިސްޓްގައި ހިމެނޭ އެންމެންނާ ގުޅުން ހުރި ބަޔަކާ ދިމާވެފައިވާ ބަޔަކު ވެސް އެކަހެރިކުރުމުގެ ފުރުސަތު ލިބުނެވެ.

އެކަމަކު އެ އެންމެންގެ ތެރެއިން ލެބޯރަޓަރީތަކުން ޕޮޒިޓިވްވީ 1،800 މީހުންގެ ޓެސްޓެވެ.

މިހާރު ޗައިނާއިން ފެންނަ އާ ކޭސްތަކުގެ އަދަދު ވަނީ 40 އަށް ވެއްޓިފަ އެވެ. އެންމެ ފުރަތަމަ ވައިރަސް ފެތުރެން ފެށި އަދި އެންމެ ނުރައްކާވި ހުބާއީގައި ފުރަތަމަ ފަހަރަށް ދުވާލަކު އަލަށް ފެންނަ މީހުންގެ އަދަދު 10 އަށް ވުރެ ދަށަށް ވަނީ ގޮސްފަ އެވެ.

ދިވެހިން ވެސް ތިބެންވީ ސަމާލުވެގެން

ދުނިޔެއިން މި ފެންނަ މަންޒަރުތަކަށް ބަލާއިރު ރާއްޖެ ވެސް ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭނެ އެވެ. މިހާތަނަށް ވައިރަސް ފެނުނީ ރިސޯޓްތަކުގެ ބިދޭސީންގެ ގައިން ކަމަށް ވިޔަސް، އެ އެންމެން އެކި ގޮތްގޮތުން ބައްދަލުވެފައި ތިބެދާނެ އެހެން މީހުންނަކީ ވައިރަސް ފެތުރުމުގެ ސަބަބަކަށް ވެދާނެ އެވެ. ގިނަ މީހުންގެ ހަށިގަނޑުގައި ވައިރަސް ހުއްޓަސް ނޭނގެ އެވެ. އަލާމާތްތައް ފެންނަނީ ނުވަތަ ކޮވިޑް-19 އަށް ބަދަލުވަނީ އޭގެ ތެރެއިން ބައެއް މީހުންނެވެ.

ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ، އެންމެ ގޯސްކޮށް ހާލަތު ބަދަލުވެދާނެ ގޮތްގޮތަށް ވެސް ތައްޔާރުވެފަ އެވެ. އެހެންކަމުން އާންމުން ވެސް ގުޅިގެން ރަނގަޅަށް މަސައްކަތް ކޮށްފި ނަމަ، މި ވައިރަސް އިން އަރައިގަތުމަކީ އުނދަގޫ ކަމެއް ނޫނެވެ. ސަމާލުކަން ދޭން ޖެހެނީ ރަސްމީ ފަރާތްތަކުން އަންގާ އެންގުންތަކަށެވެ. ސާފުތާހިރު ކަމަށެވެ. ތިމަންނަގެ ގަޔަށް ވައިރަސް ނާރާނޭ ކަމަށް ކުރެވޭ ނުބައި ހީތަކުން ދުރުވުމަށެވެ.