ޕެންޝަން ފަންޑާ ކުޅެން ނޫޅޭ! އެއީ ފަހަށް ރައްކާކުރުން

ޕެންޝަން ފަންޑުން ފައިސާ ނުނެގޭ ކަމުގެ ޝަކުވާ ބައެއް މީހުން ކުރެ އެވެ. އެ ފަންޑުގައި ބައެއް މީހުން ބައިވެރިވަނީ ވެސް މަޖުބޫރުވެގެންނެވެ. ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި މާލީ ދަތިތަކާ އެކު އަނެއްކާވެސް މިވަނީ ޕެންޝަން ފަންޑުގެ ވާހަކަ ތިލަވެފަ އެވެ. އެ ފަންޑުން ފައިސާ ނެގޭ ގޮތަށް ފާސްކުރަން ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ބިލެއް ވެސް ހުށައެޅުއްވި އެވެ.


މަޖިލިހުން ބަލައިނުގަތް އެ ބިލްގައި ވަނީ ރައްޔިތުންނަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ޕެންޝަން ފަންޑުން އެމީހެްއގެ ޖުމްލަ ފައިސާގެ ތިން ބައި ކުޅަ އެއްބައި ނެގިދާނެ ކަމަށެވެ. އެ ފައިސާ ދޫކުރަން ޖެހެނީ ކުލި ދެއްކުމާއި ކެއިންބުއިމުގެ ހަރަދުތައް ހަމަޖައްސަން އެތައް ބަޔަކަށް ދަތިވެފައިވާތީ ކަމަށް ސައީދު ވިދާޅުވެ އެވެ.

ދައުލަތުގެ އާމްދަނީ އަށް އަސަރުކުރާ ކަންތައްތައް ހިމެނޭ ބިލްތައް ހުށަހެޅޭނީ ސަރުކާރުގެ ފަރާތުން އެކަނި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގައި އޮވެ އެވެ. އެހެންކަމުން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސަށް އެ ފުރުސަތެއް ނެތެވެ.

އެހެން ފައިސާ ނެގޭ ނަމަ މަގުސަދު ހާސިލެއް ނުވޭ

"ދިވެހިންގެ ނެތް ކަމަކީ ފަހަށް ރައްކާކުރުން. އެހެންވެ ރޯން ޖެހެނީ. ފަހަށް ރައްކާކުރި މީހުން ޝަކުވާއެއް ނުކުރޭ،" ޕެންޝަން ފަންޑުގެ ފައިސާ ނަގަން ބައެއް މީހުން ބޭނުންވާ ސަބަބު، މާލީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.

"އެންމެނަށް އެނގޭ ޕެންޝަންގައި ފައިސާ އެބަ ހުރިކަން. އެހެންވެ އެ ނަގަން އުޅެނީ. އެކަމަކު އެއީ ވަގުތީ ހައްލެއް."

ސައީދު ހުށައެޅުއްވިޔަސް އަދި އެފަދަ ގޮތަކަށް ބަދަލު ގެންނަން ތާއީދުކުރައްވާނެ މެމްބަރުން ތިއްބެވި ނަމަވެސް، ޕެންޝަން ފަންޑަކީ މީހާ ހާލުގައި ޖެހޭ ކޮންމެ ފަހަރަކު އަތްލާ އެއްޗެއް ނޫނެވެ. އަނެއްކާ ރާއްޖޭގެ ޕެންޝަން ފަންޑު އުފައްދާފައި އޮތީ ވެސް، ބޭރުގެ ބައެއް އެފަދަ ފަންޑުތަކުގައި ލިބޭ ފުރުސަތުތަކާ އެކުގައެއް ވެސް ނޫނެވެ. ބައެއް ގައުމުތަކުގައި ޕެންޝަނަށް ރައްކާކުރާ ފައިސާ ނަގަނީ އޭނާއަށް މުސްތަގުބަލަށް ބޭނުންވެދާނެ ބައެއް ކަންކަން ހިމަނައިގެންނެވެ. ހަމައެކަނި ޕެންޝަން ލިބޭ އުމުރު ހަމަވުމުން، ޕެންޝަން ލިބޭ ގޮތަކަށް ނޫނެވެ. އެފަދަ ފަންޑުތަކަށް ޖަމާކުރަން ޖެހޭ ފައިސާގެ މިންވަރު ވެސް މަތިވެ އެވެ.

އެކަމަކު ރާއްޖޭގައި މީގެ 11 އަހަރު ކުރިން އުފެއްދި ޕެންޝަން ފަންޑުގެ މަގުސަދަކީ ވަޒީފާ އިން ރިޓަޔަކުރާ އިރު އޭނާގެ ދިރިއުޅުން ހަމަޖައްސާނެ މާލީ އެހީތެރިކަން ދިނުމެވެ. މުސާރައިން ކަނޑަނީ ވެސް އެގޮތަށް ބަލައިގެންނެވެ.

ރާއްޖޭގައި ކޮންމެ މީހެއްގެ އަސާސީ މުސާރައިން ހަތް ޕަސެންޓް އަދި ވަޒީފާ އަދާކުރާ ތަނުން ހަތް ޕަސެންޓް ފަންޑަށް ޖަމާކޮށްދެ އެވެ. މުސާރައިގެ ހަތް ޕަސެންޓް ދައްކާ ބައެއް ކުންފުނިތައް ވެސް ރާއްޖޭގައި ހިންގަ އެވެ. އޭގެ މާނައަކީ އެ މުވައްޒަފުންގެ މުސާރައިގެ 14 ޕަސެންޓަށް ވާ ފައިސާ ޖަމާކުރަނީ ސީދާ ކުންފުނިން ކަމެވެ.

ރާއްޖޭގައި މަސައްކަތް ކުރާ އާބާދީގެ ގާތްގަނަޑަށް 80 ޕަސެންޓް މީހުން މޯލްޑިވްސް ރިޓަޔާމެންޓް ޕެންޝަން ސްކީމްގައި ބައިވެރިވެފައިވެ އެވެ. މަހެއްގެ މައްޗަށް ގާތްގަނޑަކަށް 100 މިލިއަން ރުފިޔާ އެ ފަންޑަށް ޖަމާވެ އެވެ.

ޕެންޝަން ސްކީމާ ގުޅޭ ގޮތުން މައުލޫމާތު ދޭން ބޭއްވި ފޯރަމެއް: ރާއްޖޭގައި މަސައްކަތް ކުރާ 80 ޕަސެންޓް މީހުން ވަނީ އެ ސްކީމްގައި ބައިވެރިވެފައި-- ފޮޓޯ: ޕެންޝަން އޮފީސް

އެއީ ހަމައެކަނި ޖަމާކޮށްފައި ބަހައްޓާ ފައިސާއެއް ނޫނެވެ. ބައިވެރިންނަށް ލިބޭ ފައިދާ އިތުރުކުރަން ޕެންޝަން އޮފީހުން އަންނަނީ އެފައިސާ އިންވެސްޓް ވެސް ކުރަމުންނެވެ. އެގޮތުން ސަރުކާރުން ޓީ-ބިލް އާއި ޓީ-ބޮންޑް އަދި އެޗްޑީއެފްސީގެ ބޮންޑާއި ސުކޫކް ގަނެ ފަންޑަށް ފައިސާ އިތުރުކުރެ އެވެ. މީގެ އިތުރުން ފިކްސްޑް ޑިޕޮޒިޓްގެ ގޮތުގައި ކޮންމެ މަހަކު ވެސް 10 މިލިއަން ރުފިޔާ ބޭންކްތަކަށް ދޫކުރެ އެވެ. އެ ފައިސާ ދެނީ ބިޑްކޮށްގެން އެންމެ ރަނގަޅު ފައިދާއެއް ޕެންޝަން ފަންޑަށް ދޭ ބޭންކަކަށެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި އުރީދޫ އަދި ދިރާގުގެ ހިއްސާ ވެސް ޕެންޝަން ފަންޑުން ގަނެފައިވެ އެވެ. މިފަދަ ކޮންމެ އިންވެސްޓްމަންޓެއްގެ ނަތީޖާ އަކީ ޕެންޝަން ފަންޑުގެ މެންބަރުންނަށް ލިބޭ ފައިދާ އިތުރުވަމުން ދިއުމެވެ.

ޕެންޝަން ފަންޑަށް އެމީހެއްގެ މުސާރައިން ޖަމާކުރި ފައިސާ އާއި މަސައްކަތް ކުރި ކުންފުނިން ޖަމާކުރި ފައިސާގެ އިތުރުން ޕެންޝަން ފަންޑުން އިންވެސްޓް ކޮށްގެން ލިބުނު ފައިދާ އެ މީހަކަށް 65 އަހަރު ވުމުން، މަހަކު ވަކި ވަރެއް ލިބެން ފަށަ އެވެ. އެގޮތުން ލިބޭނީ އެމީހެއްގެ ޕެންޝަން ފަންޑުގައި ހުރި ޖުމްލަ ފައިސާ 14 އަހަރަށް ބަހާލުމުން މަހެއްގެ މައްޗަށް ޖެހޭވަރެވެ.

އުމުރުން 65 އަހަރު ނުވަނީސް ނުވަތަ ޕެންޝަން ފަންޑުގައި ހުރި ހުރިހާ ފައިސާއެއް ނުލިބެނީސް އެމީހަކު މަރުވެއްޖެ ނަމަ އެ ފައިސާ އެމީހެއްގެ އާއިލާއަށް ދެ އެވެ.

މާލީ ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރަކު، ނަން ނުޖަހަން ޝަރުތުކޮށް، ވިދާޅުވީ ދުވަސްވީ މީހުންނަށް ސަރުކާރުން މަހަކު 5،000ރ. ދެމުން އައި ނަމަވެސް އެއީ ދައުލަތުގެ އާމްދަނީއަށް އަންނަ ބަދަލަކާ ގުޅިގެން ކޮންމެ ވަގުތެއްގައި ވެސް ހުއްޓިދާނެ ސްކީމެއް ކަމަށެވެ. އަދި އެއީ ޕެންޝަން ފަންޑަކާ ނުލައި ސަރުކާރަށް އަބަދު ކުރެވޭނެ ހޭދައެއް ނޫން ކަމަށާއި ޕެންޝަން ނިޒާމެއް އޮންނަން ޖެހެނީ ވެސް އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް އަހަރަކު އަސާސީ ޕެންޝަނަށް 1 ބިލިއަން ރުފިޔާ އެބަ ހޭދަކުރޭ. ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގެ ވެސް މުސްކުޅިންގެ އާބާދީ މިދަނީ ބޮޑުވަމުން. އެހެންވީމަ ކުރިއަށް އޮތް ތަނުގައި އެ ހޭދަ އެތައް ގުނައެއް އިތުވާނެ. ދައުލަތުން އެވަރުގެ ހޭދައެއް ކުރަންވީމަ ތަރައްގީއަށް ހޭދަކުރަން ފައިސާ އެބަ މަދުވޭ. އެހެންވީމަ ޕެންޝަން ނިޒާމެއްގެ ތެރެއިން އެކަން ހަމަޖައްސަން ޖެހެނީ،" އޭނާ ވިދާޅުވި އެވެ.

އުމުރުން 65 އަހަރުން މަތީގެ ކޮންމެ މީހަކަށް ޕެންޝަންގެ ގޮތުގައި 5،000 ރުފިޔާ ދެނީ ދައުލަތުގެ ބަޖެޓުންނެވެ. އެހެންކަމުން ރިޓަޔަމެންޓް ޕެންޝަނަށް ސްކީމަށް ފައިސާ ޖަމާކުރި ނަމަވެސް، ދައުލަތުން ޕެންޝަނަށް ކުރަން ޖެހޭ ހޭދަ ދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. ނޭޝަނަލް ޕޭ ކޮމިޝަނުން ކޮށްފައިވާ ދިރާސާއިން ސާފުވާ ގޮތުގައި މޯލްޑިވްސް ރިޓަޔަމެންޓް ޕެންޝަން ސްކީމުގެ ބޭރުން ޕެންޝަންތަކެއް ދެމުންދާ ނަމަ މިހާރު ހޭދަކުރާ ވަރު ކަމަށް ވާ 200 މިލިއަން ރުފިޔާ، 2058 ގައި 3.8 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.

"ރިޓަޔާމަންޓް އޭޖް އައުމުގެ ކުރިން އެ ފަންޑު ބޭނުންކޮށްގެން ނުވާނެ. އެގޮތަށް ބޭނުން ކުރާ ނަމަ އެ ފަންޑުގެ މަގުސަދު އެބަ ގެއްލޭ. ކުރިއާލާ ފައިސާ ނަގާ ނަމަ އެ ފަންޑު ބޭކާރު ފަންޑަކަށް ވެގެން އެބަ ދޭ،"

މީރާގެ ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު އަދި މިހާރު ފައިނޭންސާއި ޓެކްސް ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަހުމަދު އަލީ ވިދާޅުވީ ޕެންޝަން ފަންޑުގެ މަގުސަދަކީ ރިޓަޔާކުރާ ހިސާބުން މަރުވަންދެން އަބުރުވެރި ދިރިއުޅުމެއް އުޅެވޭ ވަރުގެ އާމްދަނީއެއް ދިނުމެވެ. އެހެންކަމުން ކުރިއާލާ އެ ފަންޑުން ފައިސާ ނަގާ ނަމަ އެ ފަންޑުގެ މަގުސަދު ހާސިލް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރިޓަޔާމަންޓް އޭޖް އައުމުގެ ކުރިން އެ ފަންޑު ބޭނުންކޮށްގެން ނުވާނެ. އެގޮތަށް ބޭނުން ކުރާ ނަމަ އެ ފަންޑުގެ މަގުސަދު އެބަ ގެއްލޭ. ކުރިއާލާ ފައިސާ ނަގާ ނަމަ އެ ފަންޑު ބޭކާރު ފަންޑަކަށް ވެގެން އެބަ ދޭ،" ކޮންވެންޝަނަލް ފައިނޭސް އާއި އިސްލާމިކް ފައިނޭންސްއިން މާސްޓާސް ޑިގްރީ ހައްދަވާފައިވާ އަހުމަދު ވިދާޅުވި އެވެ.

ޕެންޝަން ފަންޑުގެ ފައިސާ ދޫކުރަން ބައެއް މީހުން ގޮވާ އިރު އެއީ އެގޮތަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ. ސަބަބެއް ކަމަށް ވިދާޅުވީ އެ ފަންޑުގެ ފައިސާ ގިނަ ތަންތަނުގައި އިންވެސްޓް ކޮށްފައިވުމެވެ.

"ކޭޝްއިން ފައިސާ ދޫކުރަން ބަލަންޏާ އެއީ ވާނެ ކަމެއް ނޫން. އެ ފަންޑުގެ ފައިސާ އެހުރީ ތަންތަނުގައި އިންވެސްޓް ކޮށްފައި. އެހެންވީމަ ފައިސާ ދޫކުރުމަކީ އުނދަގޫ ވާނެ ކަމެއް،" އަހުމަދު ވިދާޅުވި އެވެ.

"އެގޮތަށް އިންވެސްޓް ކޮށްފައި ހުރުމުން އެ ފަންޑުގެ ބައިވެރިންނަށް ފައިދާ އިތުރުވަމުން އަބަދު ވެސް އެދަނީ."

ޕެންޝަން ލިބޭ އުމުރަށް ދިއުމުގެ ކުރިން ނުވަތަ ރިޓަޔަވުމުގެ ކުރިން ވެސް ޕެންޝަން ފަންޑުގެ ފައިސާ ބޭނުން ކުރެވޭނެ ގޮތްތަކެއް މިހާރު ވެސް ވަނީ ހަމަޖައްސައިފަ އެވެ. އޭގެ ތެރެއިން އެއް ގޮތަކީ ގެދޮރު ގަތުމަށް، ޕެންޝަން ފަންޑުގައި ހުރި އެއްޗެއްގެ 80 ޕަސެންޓް ކޮލެޓޮރައިޒްޑް ކުރުމެވެ. އަނެއް ގޮތަކީ ހައްޖަށް ދާން، ވަކި ޝަރުތުތަކެއްގެ ތެރެއިން ފައިސާ ދޫކުރުމެވެ.

އަހުމަދު ވިދާޅުވި ގޮތުގައި ހައްޖަށް ދާން އެ ފަންޑުން ފައިސާ ދޫކުރުމަކީ ވެސް އެންމެ ރަނގަޅަށް ހިނގާ ކަމެއް ނޫނެވެ. ރިޓަޔާ ވުމުގެ ކުރިން އެ ފަންޑުން ފައިސާ ދޭ ނަމަ ދޭން ޖެހޭނީ ފުރާނައަށް ނުރައްކާވާ ފަދަ ބައްޔަކަށް ހަރަދު ކުރާނެ އެހެން ގޮތެއް ނެތް ހާލަތްތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިރިހުރެގެން ރިޓަޔާމަންޓް އޭޖަށް ދެވޭނީ. އެހެންވީމަ އެ ހާލަތުގައި ބޭނުން ކުރެވިދާނެ. ދެން ގެދޮރު ގަތުމަށް ކޮލެޓްރަލްކޮށް ވެސް ދެވިދާނެ. އެމީހާ ރިޓަޔާވުމަށް ފަހު ދިރިއުޅެން އެ ގެ ހުންނާނެތާ. އެ ނޫން ގޮތްގޮތަށް އެ ފަންޑުން ފައިސާ ނެގިގެން ނުވާނެ،" އަހުމަދު ވިދާޅުވި އެވެ.

ޕެންޝަން ފަންޑުގައި ޖެހުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް

މިހާރު ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުގައި ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތް ހަދަން އިދިކޮޅުން ކުރިން ވެސް ވަނީ ގޮވާލައިފަ އެވެ. އެކަމަކު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައި ވަނީ ސަރުކާރުގެ ވިސްނުމަކީ މިހާރު ދިމާވެފައިވާ ހާލަތުގައި ޕެންޝަން ފަންޑުގައި ނުޖެހި، އެހެން ގޮތް ގޮތުން ރައްޔިތުންނަށް ލުއިތައް ހޯދައިދިނުން ކަމަށެވެ. އެއީ ކިހާ މުހިއްމު ކަމަކަށް ހުރި ފައިސާއެއްކަން އެންމެން ވެސް ވިސްނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެން ވިސްނައިގެން ނުވާނެ ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުން ކުރަން، އެ ފައިސާ ބޭނުންކުރަން ވިސްނުމަކީ އެހާ ބުއްދިވެރި ވިސްނުމަކަށް ނުވެދާނެ،" އަމީރު ވިދާޅުވި އެވެ.

ދަތިވާ ކޮންމެ ފަހަރަކު، ނުވަތަ ވަކި އެއްޗެއް ގަންނަން، ވަކި ކަމެއް ކުރަން ބޭނުންވުމުން ބައެއް ޕެންޝަން ފަންޑުގެ ފަހަތުން ދުވުން ހުއްޓާލަން ވެއްޖެ އެވެ. އެއަށް ވުރެ ބޮޑަށް މިހާރު ވެސް މަސައްކަތްކުރަން ޖެހިފައި ވަނީ އެ ފަންޑު ރަނގަޅުކޮށް، އޭގައި އަދިވެސް ގިނަ މީހުން ބައިވެރިކުރާށެވެ. އެއީ ފަރުދީ ގޮތުން ވެސް ތިމާ ވިސްނަން ޖެހޭ އަދި ޒަމާނީ ވަރަށް ބޮޑު ހިމާޔަތެއްގެ ގޮތުގައި ދެކެން ޖެހޭ ކަމެކެވެ.

މަސައްކަތްކުރާ އުމުރުގައި ގިނަ މީހުންނަށް ކިރިޔާ ވެސް ފަހަށް ރައްކާ މިކުރެވެނީ ޕެންޝަން ފަންޑުގަ އެވެ. މަޖުބޫރުވެގެން ނަމަވެސް އެއީ ތިމާގެ ހަޔާތުގައި ކޮންމެވެސް ދުވަހަކުން އަނބުރާ ލިބޭނެ އެއްޗެކެވެ. އެއީ ވަގުތީ ހައްލަކަށް ވުރެ ބޮޑަށް، ކުރިމަގަށް ބަލައިގެން، ގާނޫނީ ގޮތުން ރާއްޖޭގައި ފަހަށް ރައްކާކުރުމުގެ ހަމައެކަނި ވަސީލަތެވެ.