ރިޕޯޓް / ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ތަފާތު އިހުސާސްތަކާ އެކު ހިތްހަމަޖެހުމުގެ ނޭވާއެއް

ދެ މަހުގެ ބަންދަކަށް ފަހު ލޮކްޑައުން އުވާލުމުގެ ފިޔަވަހި ފެށުމުން، ކުޑަ ކުއްޖަކު ގޮވައިގެން އަންހެނަކު ހިނގާފައި ދަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ދެ މަހުގެ ބަންދުން ވީއްލެން މިއަދަށް ކުރަން ޖެހުނީ ދިގު އިންތިޒާރެކެވެ؛ ފަތިހު 5:30 ވި އިރު މާލޭގެ ލޮނުޒިޔާރަތްކޮޅު އޮތީ ފުރިފަ އެވެ. ކޮވިޑް-19 އިން ރައްކާތެރިވާން އެޕްރީލް، 15، ގައި މާލޭގައި އިއުލާންކުރި ލޮކްޑައުން ނިމުމަކަށް ގެނައުމުގެ ފިޔަވަހި މިއަދު ފެށުމާ އެކު ގިނަ ބައެއްގެ މިސްރާބު ހުރީ މާލޭގައި ހިތަށް ފިނިކަމެއް ލިބޭނެ އެ ސަރަހައްދަށެވެ.

އެއް ބަޔަކު ނުކުތީ ހިނގާށެވެ. އަނެއް ބަޔަކު ދުވުމުގަ އެވެ. ސައިކަލްތަކުގައި ބުރު ޖަހަން ނުކުތް މީހުން ވެސް މަދެއް ނޫނެވެ. ރާޅާ އަޅާ މީހުންނަށް ބޮޑު ހިތްހަމަޖެހުމެކެވެ. މޫދަށް ދެވި ހިފާފައި ތިބި އެ މީހުން އިރު ނާރަނީސް ތިބީ މޫދުގަ އެވެ.

އެ އެންމެން ވެސް މިއަދު ދޫކޮށްލީ ހިތްހަމަޖެހުމުގެ ނޭވާއެކެވެ. ކަމާ ބެހޭ އިދާރާތަކުގެ ހުއްދަ ހޯދުމަކާ ނުލައި މަގުތަކަށް ނުކުތީ އެވެ. އެ މިނިވަންކަމުގެ އިހްސާސުން އެ މީހުން ތިބީ އުފަލުން ފޮޅިފަ އެވެ.

"ވައިރަހުގެ ބިރުވެރިކަމުގެ ތެރޭގައި ބަންދުވެގެން މިހާ ދުވަހު މި އުޅުނީ. ދެ މަސް ތެރޭގައި މިއީ އެންމެ އުފާވި ދުވަސް،" ބްރިޖް ސަރަހައްދުގައި، އިރު އަރާ މަންޒަރުގެ ހިތްގައިމު ވަގުތަށް ގެއްލިފައި ހުރި އެކަކު ބުންޏެވެ.

މަޖީދީ މަގު ފިހާރައެއް މިއަދު ހުޅުވަނީ: ދެ މަހަށް ފަހު ފިހާރަތައް ހުޅުވުމުގެ ހުއްދަ ވަނީ ދީފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާގެ ނިއު ނޯމަލް ފެށީ، އުނދަގޫ ދުވަސްތަކުން ލިބުނު ދެރަ އާއި ހިތްދަތިކަމާއި އުނދަގޫތަކުން ފިލާވަޅުތަކަކާ އެކު އާ އުއްމީދަކުންނެވެ.

ބަލީގެ ނުރައްކާ އިންތިހާ އަށް އޮތް ކަން އެނގޭއިރު ވެސް އެ ތަނުގައި ތިބި އެންމެންގެ ވެސް ޝުއޫރަކީ އެ އެވެ.

ދެ މަސް ދުވަސް ގިނަ ބަޔަކު ވޭތުކުރީ ވަރަށް އުނދަގުލުގަ އެވެ. ލުއި ދިނުމާ އެކު ގިނަ ބަޔަކު މިއަދު ނުކުތީ އެ ހާސްކަން ފިލުވާށެވެ.

ހިތްހަމަޖައްސާލަން ލޮނުޒިޔާރަތްކޮޅަށް ދިޔަ މީހުންގެ ތެރޭގައި ހުންނެވި އެކަކީ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހްމަދު ސަލީމެވެ. މާސްކް އަޅުއްވައި އެހެން މީހުންނާ ދުރުން އެ ސަރަހައްދު ވަށައި އަނބިކަނބަލުންނާ އެކު އޭނާ ޖޮގިން ނިންމަވާލެއްވިއިރު ހައެއް ނުޖަހަ އެވެ. ހަމައެކަނި ނިދާލަން ނޫން ގޮތަކަށް ގޭގައި ވަގުތު ހޭދަކުރައްވަން ކުރިން ލިބިވަޑައިނުގަންނަވާ ހީނާ، ވޭތުވެދިޔަ ދެ މަސް ހޭދަކުރެއްވީ ޓީވީ ކައިރީގައި، ކޮވިޑް ތެރޭގަ އެވެ. އަބަދުވެސް ކަންފަތުގައި ހަރުލާފައި ހުންނަނީ ޓީވީތަކުން ގެނެސްދޭ ކޮވިޑުގެ ނަސޭހަތާއި މައުލޫމާތާއި ހިތްދަތި ވާހަކަތައް ކަމަށް ވިދާޅުވި އެވެ.

ހީނާ "މިހާރު" އަށް ވާހަކަ ދައްކަވަނީ: ދެ މަސް ދުވަހަށް ފަހު ބޭރުގައި ހިނގާލެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވި. --ފޮޓޯ/މިހާރު

އޭނާ ވިދާޅުވީ އެގޮތަށް ގޭގައި ހުންނަވަން ޖެހިވަޑައިގަތުމުން ވަރަށް ބޮޑަށް "ބަލިވެއްޖެ" ކަމަށެވެ. އެކަމަކު އެއީ އުނދަގުލެއް ނުވަތަ ނުވާނެ ކަމެއްގެ ގޮތުގައި މިހާރު ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

ހީނާ ވިދާޅުވި ގޮތުގައި ދެ މަހަށް ފަހު ލޮނުޒިޔާރަތްކޮޅުން މިއަދު ފެނިވަޑައިގަތީ ވަރަށް ދަންނަ، މޫނުތަކެވެ. ބަންދަށް ފަހު މިއަދުގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެއީ ކަމަށް ވެސް ވިދާޅުވި އެވެ.

"ފަތިސް ނާމާދުން ފައިބައިގެން މިތަނަށް މިއައީ ދެން ހަމަ މި ބޭނުމުގައި، ހިތްހަމަޖައްސާލަން. މިތަނަށް އައީމަ ރާޅު ފެނިލާ، ރާޅާ އަޅާ ކުދިންނާ ދިމާވެ، މަގުމަތިން މީހުން ފެނުމަކީ ޔަގީނުން ވެސް އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ހީނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަގުމަތިން މިއަދު ބައްދަލުވި ގިނަ ބަޔަކު ތިބީ ރައްކާތެރިކަމުގެ ފިޔަވަޅު މަތީގަ އެވެ. މާސްކް އަޅައި ގައިދުރުކަން ބެހެއްޓި އެވެ. ސެނިޓައިޒާ އިން އަތް ސާފުކުރަން ސަމާލުކަން ވެސް ދިނެވެ.

"ނަމަވެސް މިގޮތުގައި އުޅޭކަށް ނޫން ގައިމު ވެސް އަޅުގަނޑު ބޭނުމީ. ބޭނުން ވަނީ ނޯމަލް ދިރިއުޅުމަކަށް ދާން. އެކަމަށް ކުރަން ޖެހޭ ހުރިހާ ކަމެއް އެންމެންނަށްޓަކައި ކުރަން،" އިންޓަވިއު ނިންމައި މައިކް ހަވާލުކުރުމަށް ފަހު ސެނެޓައިޒާ އިން އަތް ސާފުކުރަމުން މި ވަގުތަށް އޮތީ މިގޮތަށް ރައްކާތެރިވުން ކަން ފާހަގަކުރައްވަމުން ވިދާޅުވި އެވެ.

ލޮނުޒިޔާރަތްކޮޅަށް މިއަދު އުފާވެރިކަން ގެނެސްދިނީ ރާޅާ އަޅާ މީހުންނެވެ. ރީތި ރާޅެއް ނެތަސް އެ މީހުން ތިބީ މޫދުގަ އެވެ. ދުވަސްތަކަކަށް ފަހު ބައްދަލުވުމުން، އެކަަކު އަނެކަކާ ދިމާކޮށް މަޖާކުރުމުގަ އެވެ. ބްރިޖުގެ ރާޅުތަކުގެ ތެރޭގައި އެ މީހުންގެ ކުޅަދާނަ ކަމަށް ގެއްލިފައި ވެސް އެތައް ބަޔަކު ތިއްބެވެ.

"ހުއްދަ [ފުލުހުން ދޫކުރާ ފާސް] އޮންނާތީ ދޭތެރެއަކުން މިހެން ދަމުން ރާޅުތައް ބަލައިލަނީ. އެވަރުން ފުއްދާލައިގެން ތިބީ. މިއަދަކު ނެތް އެހާ ރީތި ރާޅުތަކެއް، އެކަމަކު އެހާ ދުވަސްކޮށްފައި ފަތިހު އެންމެން މިއައީ ރާޅުތަކުގެ ތެރޭގައި ހިތްހަމަޖައްސާލަން،" ރާޅާއަޅާ ޒުވާނަކު ބުންޏެވެ.

އިންޓަވިއުގައި ހުއްޓައި އޭނާގެ އެކުވެރިއެއް މަގުމަތިން ފެނުމުން ގޮވާލައި "ބޯދިގު ކަމުން ނުވެސް އެނގުނު" ކަމަށް ބުނެ ދިމާކޮށްލި އެވެ. ދެން ބުނީ އޭނާއާ އެކު ރާޅާއަޅާ، އަބަދު އެކުގައި އުޅޭ އެ އެކުވެރިޔާއާ ބައްދަލުނުވާތީ ލޮކްޑައުންގައި އުނދަގޫވި ކަމަށެވެ.

"އެންމެން އަބަދު އެކީގައި މިތާ އުޅޭނީ. އެނބުރި މިތަނަށް އާދެވުނީމަ ވަރަށް އުފާވޭ،" އޭނާ ބުންޏެވެ.

ހިނގާލަން ނުކުމެ އުޅުނު އުމުރުން 65 އަހަރު ވެފައިވާ ޝަރީފާ އަބްދުލްއަޒީޒަކީ ކުރިން ވަރަށް ހަރަކާތްތެރި ޚިދުމަތްތެރިއެކެވެ. އަވަށް ކުރިއަރުވާ ކޮމިޓީގައި ގިނަ ދުވަސްތަކެއް ވަންދެން ބުރަކޮށް މަސައްކަތް ކުރެއްވި ޝަރީފާ އަށް ދެ މަހުގެ ބަންދަކީ އޭނާގެ ހަޔާތުގައި ވެސް އައި އެންމެ އުނދަގޫ ދުވަސްތަކެވެ. އެކަމަކު ވޭތުވެދިޔަ ދެ މަހުގެ ތެރޭގައި، އޭނާގެ ބަހުން ނަމަ، އެންމެ އިސްކަމެއް ދިނީ "ކަމާ ބެހޭ އިދާރާތަކުގެ ބަސް އެހުމަށެ"ވެ. އުމުރުން ދުވަސްވެ، ކޮންމެހެން ބޭރަށް ނުކުމެ، ހަރަކާތްތެތިވެ އުޅެން ޖެހޭ އުމުރުގައި އޭނާ ހުއްޓަސް ގޭތެރޭގައި ކުރެއްވުނު ވަރެއް ކޮށްގެން ކެތްކޮށްލެއްވީ އެވެ.

"ބަންދުގައި ތިބިހާ ދުވަހެއްގައި ބަންދުގައި މިތިބީ. ކިޔަމަންވާންވާނެ އޭރެއްގައި ތިބޭ ވެރިންނަށް، ފުރާނަ ސަލާމަތްކުރަން އެންމެން ބަންދުގައި ތިބެން ޖެހުނީ. ލުއިދިނުމާ އެކު ޑރ. އަޒީމެން ހިނގާލައްޗޭ ވިދާޅުވީމަ، މާމަ ދަރިފުޅެއް ގޮވައިގެން މި ނުކުތީ، ހުއްދަ ހޯދަން މިހާރު ނުޖެހޭ. އެކަމަކު މިތިބަ މާމަ ކުދިން ލޯބިވާވަރުން ދުލެއް ނުކުރޭ،" އެކުގައި ހުރި އަންހެން ދަރިފުޅަށް އިޝާރާތް ކުރައްވަމުން މާދޫގޭ ޝަރީފާ ވިދާޅުވި އެވެ.

"ވަަރަށް ހިތްހަމަޖެހިފައި މިހިރީ. ފެށުނީއްސުރެން މުޅިން ހެންވޭރު ހިފަހައްޓާލާ މީހެއް، ބަންދުވެގެން އުޅުމަށް ފަހު މިހެން ހިނގާލަން ލިބުނީމަ އުފާވޭ. ދެން ވަރަށް ބަލައިގެން ކޮންމެ ދުވަހަކު މިގޮތަށް ނުކުމެލާނީ."

ފިޓްނަސް އިންސްޓްރަކްޓަރު ނާހީ: އޮންލައިންކޮށް ބޭއްވި ކަސްރަތު ކްލާސްތައް އެހާ ކާމިޔާބު ނޫން ކަމަށް ނާހީ ބުނޭ. --ފޮޓޯ/މިހާރު

ފިޓްނަސް އިންސްޓްރަކްޓަރު، ނާހިދާ އަލީ (ނާހީ) ބުނިގޮތުގައި ލޮކްޑައުންގައި ވެސް ކަސްރަތު ކްލާސްތައް އޮންލައިންކޮށް ބާއްވައި ދުޅަހެޔޮ ސިއްހަތެއްގައި ތިބެން މަސައްކަތް ކުރި އެވެ. އެކަމަކު، ގޭތެރޭގެ ހާސްކަމުން ނުކުމެ ދުވެލައި ކަސްރަތުކޮށްލުމުން ލިބޭ ހިތްހަމަޖެހުމަކީ ތަފާތު އިހްސާސެއް ކަމަށް އޭނާ ބުންޏެވެ.

"ހޯމް ރަން ވެސް، ވޯކްއައުޓް ވެސް އެހާ ކާމިޔާބެއް ނޫން. ވަރަށް އުނދަގޫ ކަމެއް. މިގޮތަށް ބޭރަށް ނުކުމެލީމަ ވަރަށް ތަފާތު. ދެ މަސް ދުވަސް ފަހުން މިއަދު ވަރަށް އުފާވެރި ވަގުތުކޮޅަކަށް މިވީ މިއަދުގެ ހެނދުނު. ދުވާ، ކަސްރަތު ކުރާ ވަރަށް ގިނަ މީހުން ފެނި ބައްދަލުވި. އަނެއްކާވެސް އެ މީހުން ހަރަކާތްތެރިވެ އުޅޭތަން ފެނުނީމަ ވަރަށް އުފާވި. އެކަމަކު އިސްކަމެއް ދިނީ ސޯޝަލް ޑިސްޓެންސިން އަށް،" ފިޓްބައި ނާހީގެ ކްލާސްތައް ހިންގާ ނާހީ ބުންޏެވެ.

ރެޑް އެލާޓް: ބައެއް މީހުން ހަނދާނުން ކައްސާލި!

މާލެ އަދިވެސް އޮތީ ރެޑް އެލާޓުގަ އެވެ؛

ވައިރަސް އަހަރެމެން ދޫކޮށެއް ނުދެ އެވެ. ފަރުވާކުޑަކޮށްފި ނަމަ ތޮއްޖެހުން ބޮޑު މާލޭގެ ހާލަތު ގޯސްވެ އެތައް ބަޔަކު ނުރައްކަލަކަށް ހުށަހެޅިދާނެ ކަމުގެ ބިރު ބޮޑެވެ. ލޮކްޑައުންގައި ލުއި ދެމުން އަންނަ އިރު ކަމާ ބެހޭ އިދާރާތަކުން މިކަން އަބަދުވެސް ހަނދާންކޮށްދެ އެވެ.

ބަލިން ރައްކާތެރިވުމުގެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ފަހު، ފިޔަވަހިތަކަކަށް ބަހާލައިގެން ލުއި ދޭން ނިންމައި މިއަދު ހުޅުވާލީ އެންމެން އެއްފަހަރާ މަގުތަކަށް ނުކުންނަ ގޮތަކަށް ވެސް ނޫނެވެ. އެކަމަކު، މިއަދު ފެނުނީ ކަމާ ބެހޭ އިދާރާތަކުން ތަކުރާރުކުރަމުން އައި އިރުޝާދު ބައެއް މީހުންގެ ހަނދާނުން ކައްސާލިތަނެވެ.

ހުއްދަ ނުހޯދައި މަގުތަކަށް ނުކުމެވޭ ގޮތް ހެދީ އުމުރުފުރާތަކަށް ގަޑިތަކެއް ކަނޑައެޅުމަށް ފަހު އެވެ. ތިން މީހުންނަށް ވުރެން އިތުރަށް އެކުގައި ބޭރުގައި ނޫޅެވޭ ގޮތަށެވެ. އެކަމަކު، މި އަދަދަށް ބެލުމެއް ނެތި އެއް ބަޔަކު ބޭރުގައި އުޅުނެވެ.

މާލޭގެ މަގެއްގައި މިއަދު ބަޔަކު ސައިކަލް ދުއްވާފައި ދަނީ: ދެ މަހަށް ފަހު ސަރުކާރުގެ ގިނަ އޮފީސްތަކެއް ވެސް މިއަދު ވަނީ ހުޅުވާފައި. --ފޮޓޯ: ނިޝާން އަލީ/މިހާރު

ހެނދުނު ހާއްސަކޮށްފައި އޮތީ އުމުރުން ދުވަސް ވީ މީހުންނަށެވެ. މަގުތަކުގައި އެ މީހުން ހިނގާލައި ކަސްރަތުކޮށްލާށެވެ. ހުރިހާ އުމުރު ފުރައެއްގެ މީހުން ވެސް މަގުތަކަށް މިއަދު ހެނދުނު ނުކުތެވެ.

އެކަމަކު ދުވުމާއި ކަސްރަތު ކުރުމަށް ކަނޑައަޅާފައި އޮތީ ހަވީރު 6:00 އިން ރޭގަނޑު 9:00 އަށެވެ.

ލުއި ދިނުމާ އެކު ގްރޫޕް ހަދައިގެން ސައިކަލްތަކުގައި ބުރު ޖަހަން ވެސް ނުކުތީ އެވެ. ބާރަށް ސައިކަލް ދުއްވުމުގެ އުނދަގޫ، މަޑުމަޑުން ހިނގާފައި ދިޔަ އުމުރުން ދުވަސްވީ މީހުންނާއި ބައިސްކަލް ދުއްވާ މީހުންނަށް ވެސް ފޯރި އެވެ.

"މިއީ އަސްލު ވަރަށް ދެރަ ކަމެއް، ވަކި ގަޑިތަކެއް ކަނޑައެޅީމަ އެ ގަޑިތަކަށް އެންމެން ވެސް އިހްތިރާމް ކުރަން ޖެހޭ. ގަޑިތައް ބެހިފައި އޮތަސް މަގުމަތިން މި ފެންނަނީ އެ މަންޒަރެއް ނޫން. ބާރަށް ސައިކަލްތަކުގައި ދުއްވާފައި ދަނީ އެހެން މީހުންނަށް ބެލުމެއް ވެސް ނެތް، ކިރިޔާ އެކްސިޑެންޓެއް ނުވެ ސަލާމަތްވީ،" ބައިސްކަލް ދުއްވަން ނުކުމެ އުޅުނު 65 އަހަރުން މަތީގެ މީހަކު ބުންޏެވެ.

"ކުޑަކުދިންނަށް އޮންނަ ގަޑީގައި ކުޑަ ކުދިންނަށް ޚާއްސަވެވޭނެ ގޮތަށް އެންމެން ވިސްނަން ޖެހޭ."

ލޮކްޑައުން ލުއި ކުރުމުގެ ފިޔަވަހި ހުޅުވާލީ ބަލި މުޅިން ކޮންޓްރޯލް ވުމުންނެއް ނޫނެވެ. ވައިރަހުން ރައްކާތެރިވެ ދިރިއުޅެން ދަސްކުރާށެވެ. އެ ބިރުވެރިކަމުގައި ދިރިއުޅުން ހުއްޓާލައިގެން ތިބެން ބޭނުން ނުވާތީ އެވެ. މިއަދުގެ އުފާވެރިކަން ދެމިގެން ދިއުން ގުޅިފައި އޮތީ ދިރިއުޅުމުގެ އާދަކާދަތަކާ އެވެ.

އެކަކު އަނެކަކަށް ބެލުމެއް ނެތި ފަރުވާ ކުޑަކޮށްފި ނަމަ ކުރިއަށް އަނެއްކާވެސް އޮތީ ހިތްދަތި ދުވަސްތަކެކެވެ. އެކަމަކު، ކަމާ ބެހޭ އިދާރާތަކުގެ އިރުޝާދަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ދިރިއުޅެން ހޭނިއްޖެ ނަމަ އޮތީ މިއަދުހާ އުފާވެރި ދުވަސްތަކެކެވެ.

11 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 59%
icon sad icon sad 12%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަސަނުބެ6262626

15 June 2020

މިކަމުގެ ނުރައްކާ އެންމެ ބޮޑަށް ތަހައްމަލު ކުރި ގައުމުތަކުން އެބުނަނީ ގޭގައި ކެތްކޮށްގެން ތިބެން.. މިކަމަށް ޝިފާއެ އަވަހަށް ހޯދޭނެ.. އއ.. އެކަމަކު ދިވެހީން ކެތްތެރިކަންދޫކޮށް ކިބުރުވެރިވެ ބޮޑާވެގެންފި.. ދެވަނަ ރާޅު މާބިރުވެރިވާނެކަމަށް އެގޮވަނީ ދުނިޔޭގެ ބޮޑެތި ސައިންސްވެރިން

The name is already taken The name is available. Register?

ހަސަދު

15 June 2020

ހަމަޖެހުމުގެ ނޭވާ ލެވޭނީ ދިވެހިން ރައްކާތެރި ކަމުގެ ފަޔަޅު އަޅައިގެން. މިއަދު މާލެ މަގަން ބަލާލިމާ ހީވޭ މާކަ ގިނަދުވަހަކު ލޮކު ނޮކޮށް ބޭއްވިދާނެ ހެނެއް. ދިވެހިން މިހާ ފަރުކުޑަ ވެފާ ކަޑުކޮސް މިވަނީ ކީއްވެބާ!!!.

The name is already taken The name is available. Register?

ޚާފަ

15 June 2020

އެއްމެ ތިރީގައިން ފޮޓޯއިންވެސް މާލޭގެ ގައިދުރުކުރުން ކުޑަކޮށް ފެނެއެވެ

The name is already taken The name is available. Register?

މަނާހު

15 June 2020

ޢަހަރެ މެން އަދިވެސް މި ތިބީ ގޭގައި.

The name is already taken The name is available. Register?

ގަޓް ބްރޯ

15 June 2020

ރާއްޖެއިން ވެސް ލޮކްޑައުން މިހާ ބޮޑަށް ލުއިކޮށްލަން މަޖުބޫރުވީ ސަރުކާރުގެ އެއްވެސް ރޭވުންތެރިކަމަކާ ފުދުންތެރިކަމެއް ނެތީމަ.

The name is already taken The name is available. Register?

ސަނައްޓޭ

15 June 2020

އައްދެ ދިވެހިންނެއްނު.. ވަރަށް އަވަހަށް ހަނދާން ނެތޭ ބައެއް.

The name is already taken The name is available. Register?

ސީރިއަސްކޮށް

15 June 2020

ދެވަނަ ރާޅަކަށްވުރެ މި ހޭދެބައިވެގެން ދުއްވާ މީހުންގެ ބިރު ބޮޑު... ޕޮލިހުން ކަމެއްކޮށްބަލަ

The name is already taken The name is available. Register?

ޓަކިބެ

15 June 2020

ދެވަނަ ރާޅެއްނޫން ހަވަނަ ރާޅު އަޔަސް ދެން އިތުރު ލޮކްޑައުން އަކަށް ދެވޭހާ ފެންވަރެއް މިސަރުކާރަކުނެތް. ޖުލައިގަ ބޯޑަރ ހުޅުވައި ރިސޯޓަކަށް އަންނާނެ މީހަކުވޭތޯ ދެން އުޅޭނީ. އެހެންނޫނީ ގައުމު ބަނގުރޫޓުވެ ރައްޔިތުން ޖެހޭނީ ބަނޑަށް.

The name is already taken The name is available. Register?

ފަހުދު

15 June 2020

ދެން އަވަހައް ޕާޓީބާއްވާ މަސްދަތުރުގޮސް ވެލާކަހަނބައް ދާނީކީ ނޫން

The name is already taken The name is available. Register?

ރަންރީދޫ ޓުވިޓަރޭ

15 June 2020

ބަލާނުލާ އުޅެފިނަމަ އެބުނާ ސެކަންޑް ވޭވް އަތުވެދާނެ...ބައެއް ގައުމު ތަކުގައި މިކަން ވަނީ ހިގާފަ.

The name is already taken The name is available. Register?

ހަސަބު

15 June 2020

ސަރުކާރުން ދޫދިނަސް ކޮންމެ މީހަކުވެސް ނިކުމެ އުޅެންވާނީ ތިމާއަށާއި މުޖްތަމައުގެ އެހެން މީހުނަށް ނުރައްކަލަކަށް ނުވާ ގޮތަށެވެ. ކޮންމެ މީހަކު އަމިއްލަ ރައްކާތެރިކަމަށް އިސްކަންދޭންޖެހެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454