ރިޕޯޓް / ބ. ފުޅަދޫ

ފުޅަދޫގައި ގެނބުނު ހާދިސާ: އާދަޔާހިލާފު ވަގުތުކޮޅެއް، އެތައް ބަޔަކު މަރުނުވީ ކިރިޔާ!

ބ. ފުޅަދޫގައި މިދިޔަ އަންގާރަ ދުވަހު ހަތަރު އަންހެންކުއްޖަކު ގެނބި، އެ ކުދިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ޒުވާން، މުހަންމަދު ޔޫޝައު، 36، ދުނިޔެ ދޫކުރި ހާދިސާ އަކީ އާދައިގެ ހާދިސާއެއް ނޫނެވެ. އެ ދުވަހު ޔޫޝައު ދައްކައިދިން މިސާލާއި ހިތްވަރަކީ، އޭނާ ކުރި މަސައްކަތް ލޮލުން ފެނުނު މީހުން ސިފަ ކުރި ގޮތުގައި އާދަޔާހިލާފު ޖެހިލުންކުޑަ ކަމެކެވެ. އަދި، އެ ކުދިން ސަލާމަތް ކުރަން އެ ދުވަހު ފުރާނަ އަތްމައްޗަށް ލައިގެން މޫދުގައި މަސައްކަތް ކުރި އެހެން ދިހަވަރަކަށް މީހުން ވެސް އެ ކުރީ އެ މީހުން ބުނާ ގޮތުގައި "އެވޯޑު ހައްގު މަސައްކަަތެ"ކެވެ.

ބަޔަކު ގެނބިގެން އުޅޭ ވާހަކަ ރަށު ތެރޭގައި ފެތުރުމާ އެކު، މަދު ވަގުތުކޮޅެއްގެ ތެރޭގައި އެންމެންހެން އެ ސަރަހައްދަށް ދިޔަ އެވެ. އެ ހަބަރު އެކި މީހުންނަށް ލިބުނީ އެކި ގޮތަށެވެ؛ ބައެއް މީހުންނަށް ޓެކްސްޓް މެސެޖަކުންނެވެ. ބައެއް މީހުންނަށް ފޯން ކޯލަކުންނެވެ.

އާއިލާ އާ އެކު ޗުއްޓީ އަށް ބ. ފުޅަދު އަށް ވަޑައިގެން ހުންނެވި ކުރީގެ ފިޝަރީޒް މިނިސްޓަރު، ޑރ. މުހަންމަދު ޝައިނީ އަށް ވެސް އެކަން އެނގިވަޑައިގަތީ ލިބުނު ފޯން ކޯލަކުންނެވެ. އެ ރަށު ކައުންސިލްގެ ރައީސް އަލީ އަޒުހަރަށް ވެސް، އަދި އެ ރަށުގައި ގެސްޓް ހައުސްއެއް ހިންގަވާ އަހުމަދު އާސިމް (ސިމްބެ) އަށް ވެސް ލިބުނީ ފޯނު ކޯލެކެވެ.

އެ ތިން ބޭފުޅުން ވެސް، ރަށުގެ ދެކުނު ފަރާތުގައި އޮންނަ ރީތި ތުނޑި އަށް ވަޑައިގެންނެވި އިރު، ހަދާނެ ގޮތް ހުސްވެގެން މީހުން ތެޅިފޮޅެނީ އެވެ. ކައުންސިލްގެ ރައީސް، އަޒުހަރު ވިދާޅުވި ގޮތުގައި ރަށާ 200 ވަރަކަށް ފޫޓު ދުރުގައި ބަޔަކު ހަނާ އަޅައި އެހީ އަށް އެދި ގޮވަމުން ދިޔައިރު، 100 ވަރަކަށް ފޫޓު ދުރުގައި ވެސް ބަޔަކު ސަލާމަތް ކުރުމުގެ މަސައްކަތް އޭރު ކުރަނީ އެވެ. ގަޑިން އޭރު މެންދުރު 1:30 ހާއިރެވެ.

"އެއީ ވިސްނައިގެން ޑިޒިޝަން ނެގޭ ކަހަލަ ވަގުތެއް ނޫން. ދެ ލޮކޭޝަނެއްގައި ބަޔަކު ގެނބިފައި ތިބީ. މުޅި ތަނުގައި ހަޅޭއްފަޅޭއް ލަވަނީ. ކަމުގެ ބާވަތުން ބައެއް މީހުން ތިބި މޫދަށް ފުންމާލަން ޖެހިލުން ވެފައި. އަޅުގަނޑު ގޮސް ޕެލެޓް ފަޅިއެއް ކަހަލަ އެއްޗެއް ހިފައިގެން މޫދަށް އެރުނީ،" އަޒުހަރު ވިދާޅުވި އެވެ.

ދެ މީހަކު ސަލާމަތް ކުރަން އަޒުހަރު ބޭނުންކުރެއްވި ޕެލެޓްފަޅި

އޭނާ ވިދާޅުވި ގޮތުގައި އޭރު ތިން މީހަކު މޫދަށް އެރިގެން މީހުން ސަލާމަތް ކުރެވޭތޯ އުޅުނެވެ. އޭގެ ތެރޭގައި ގޮއިދޫން މޫދަށް ގޮސް އުޅުނު ބަޔަކު ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. ފުޅަދޫން އެންމެ ފުރަތަމަ މޫދަށް ފުންމާލި، އަޒުހަރު ވަޑައިގަތީ އެންމެ ދުރުގައި އޮތް އަންހެން ކުއްޖާ ސަލާމަތް ކުރެވޭތޯ އެވެ. އޭރު އެހެން ތަނެއްގައި ތިން އަންހެންކުއްޖަކު ގެނބިގެން އުޅޭތަން އޭނާ އަށް ފެނިވަޑައިގަތެވެ.

"އެ ކުއްޖާ އޮތީ 200 ވަރަކަށް ފޫޓު ދުރުގައި. އޭރު އޭނާ ސަލާމަތް ކުރެވޭތޯ ސިފައިންގެ މީހަކު މަސައްކަތް ކުރޭ. އަޅުގަނޑު ދިޔައިރު ސިފައިންގެ މީހާ ވެސް ވަރަށް ބޮޑަށް ވަރުބަލިވެފައި އޮތީ. އަޅުގަނޑު ގޮސް އެ ކުއްޖާ އާއި ސިފައިންގެ މީހާ ވެސް ޕެލެޓް މައްޗަށް އަރުވާފައި އޭގެ ދަށަށް ވަދެ ފައިން ފީނަމުން ފީނަމުން ގޮސް އިސްކޮޅު ޖެހޭ ހިސާބަށް ގެންދިޔައީ،" އަޒުހަރު ވިދާޅުވި އެވެ.

ފަސް ގެސްޓް ހައުސް ހިންގާ އެ ރަށަށް ބޮޑު އީދުގައި ވަރަށް ގިނަ މެހުމާނުން ދިޔަ އެވެ. އެ އެންމެން ވެސް މޫދަށް ގޮސް އުޅުނީ އެ ހިސާބަށެވެ. އަޒުހަރު ވިދާޅުވި ގޮތުގައި، އެ ސަރަހައްދަކީ މޫދަށް އެރެން އެއްވެސް އިރެއްގައި ނުރައްކާތެރި ތަނެއް ނޫނެވެ. އަދި ހަމަ އެ ދުވަހު އެ ސަރަހައްދަށް އެހެން ބަޔަކު ވެސް މޫދަށް އެރެން ހުއްދަ ހޯދި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު އެ ދުވަހު ދިޔަވަރު އޮތީ ވަރަށް ބޮޑުވެފައި. އޮއި ވެސް ވަރަށް ގަދަ،" އޭނާ ވިދާޅުވި އެވެ.

ގެނބުނު ކުދިން މޫދަށް އެރުނު ސަރަހައްދު

ޑރ. ޝައިނީ ވިދާޅުވި ގޮތުގައި، އޭނާ އަށް އެ ވާހަކަ އަޑުއިވި ވަޑައިގަތުމާ އެކު، އެ ދިމާއަށް ކަނދެއް ހިފައިގެން ދިޔަ ކުއްޖަކާ އެކު އޭނާ ވެސް ވަޑައިގަތީ އެވެ.

"ބަގީއަކަށް އަރައިގެން އެ ހިސާބަށް ދިޔައިރު އެއް ކުއްޖަކު އެއްގަމަށް އަރުވައިފި. އޭރު އަޅުގަނޑާ އެކު އެ ރަށަށް ދިޔަ އަޅުގަނޑުގެ ޅިޔަނު މޫދަށް އެރިގެން އެ ކުދިން ސަލާމަތް ކުރުމުގެ ތެރޭގައި އުޅޭ،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ އަށް ވެސް ފެނިވަޑައިގަތީ ދެ ދިމާއެއްގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން ދިޔަތަނެވެ. އޭނާ ވެސް މޫދަށް އެރި، އެ މަސައްކަތުގައި ބައިވެރިވެ ވަޑައިގަތީ އެވެ. އަދި އިސްކޮޅުކާ ހިސާބަށް ދެވުނު އިރު ޔޫޝައުގެ ހަށިގަނޑު ދެ މީހަކުވެގެން ގެންނަ ތަން ފެނިވަޑައިގަތެވެ.

"އަޅުގަނޑު މޫދަށް އެރުނުއިރު ޔޫޝައު ގޮވައިގެން ދެ މީހަކު އާދޭ. އަޅުގަނޑު ވެސް އޭނާގެ އަތުގައި ހިފައިގެން އެއްގަމަށް އަރުވާފައި އެންމެ ފުރަތަމަ ވެސް ބެލީ ވިންދު ހުރިތޯ،" އޭނާ ވިދާޅުވި އެވެ.

"ވިންދެއް ނެތް."

ޔޫޝައު

ޝައިނީ ވިދާޅުވި ގޮތުގައި ޔޫޝައުގެ ހަށިގަނޑު އެއްގަމަށް އެރުވުމަށް ފަހު، އޭނާ އަށް އެންމެ ފުރަތަމަ ސީޕީއާރު ވެސް ދެއްވީ އޭނާ އެވެ.

"ސީޕީއާރު ދެނިކޮށް އަނގައިން ލޮނުގަނޑު ވެސް ނުކުތް. ހެނދުނު ސައިބޮއިފައި ހުރި އެއްޗެހި ވެސް ނުކުތް. ދެން އަޅުގަނޑު ބެލީ ނޭވާ ލެއްވޭނެ ގޮތެއް ވޭތޯ. އެހެންވެ އަނގައިގައި އަނގަ ޖަހާފައި ނޭވާ ލެއްވޭތޯ ވެސް އުޅުނިން،" އޭނާ ވިދާޅުވި އެވެ.

އޭރު އެތަނަށް ރަށުގެ އެކި މީހުން ވެސް ޖަމާވެއްޖެ އެވެ. ޝައިނީ ވިދާޅުވި ގޮތުގައި، އެތަނުގައި ހުރި މީހަކު، "މިތާނގައި ނަރުހަކު އެބަހުއްޓޭ" ބުނުމާ އެކު، ޔޫޝައުގެ ފުރާނަ ސަލާމަތް ކުރަން އެ ނަރުސް ވެސް ވަރަށް މަސައްކަތް ކުރި އެވެ. އަދި އެ ރަށަށް ގޮސް އުޅުނު ތަޖުރިބާކާރު ޓޫރިސްޓަކު ވެސް، ޔޫޝައުގެ ފުރާނަ ސަލާމަތް ކުރެވޭތޯ ވަރަށް މަސައްކަތް ކުރި އެވެ.

"މި ދެންނެވީ އެހާ ގިނަ ވަގުތެއްގެ ވާހަކައެއް ނޫން. ދެން ހަމަ ވަގުތުން ސިއްހީ މަރުކަޒަށް ބަގީއެއްގައި ހަށިގަނޑު ފޮނުވާލީ،" އޭނާ ވިދާޅުވި އެވެ.

ޅިޔަނުގެ ފަރާތުން ލިބިފައިވާ މައުލޫމާތަށް ބިނާކޮށް ޝައިނީ ވިދާޅުވި ގޮތުގައި ގެނބުނު ހަތަރު އަންހެން ކުދިންގެ ތެރޭގައި ޔޫޝައުގެ އަންހެނުން ވެސް ހިމެނެ އެވެ. އެ ކުދިން ގެނބި، އޮޔާ ދަމައިގަތުމާ އެކު ޔޫޝައު އާއި ޅިޔަނު މޫދަށް އެރުނީ އެވެ.

"އޭރު އެތާނގައި ތިބީ ދެ ކުދިން. އެއް ކުއްޖަކަށް ފަތަން އެނގޭ. އަނެއް ކުއްޖާ އަށް ފަތާކަށް ނޭނގެ. ޅިޔަނު ގޮސް ފަތަން ނޭނގޭ ކުއްޖާ ވަކި ހިސާބަކަށް ގެންގޮސްފައި ޔޫޝައު އާ ހަވާލު ކުރީ. ދެން ޅިޔަނު ގޮސް އަނެއް ކުއްޖާ ސަލާމަތްކުރީ،" ޝައިނީ ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި، ގަބޫލުކުރެވޭ ގޮތުގައި އެ ކުއްޖާ އެއްގަމާ ހަމައަށް ގެންދިއުމުގެ ތެރޭގައި ޔޫޝައު އަށް ވަނީ ލޮނު ބޮވިފަ އެވެ. އަދި އެ ކުއްޖާ އެއްގަމަށް އެރުވުމަށް ފަހު އަނެއް ކުއްޖާ ބަލާދިއުމުގެ މަގުމަތީގައި ކޮންމެވެސް ކަމެއް ވީ ކަމަށް އަޒުހަރު ދެކެވަޑައިގަންނަވަ އެވެ.

"ޕެނިކްވީ ނުވަތަ ވަރުބަލިވެގެން ނުވަތަ ލޮނުބޮވިގެން ޔޫޝައު ދެމުނީ،" އަޒުހަރު ވިދާޅުވި އެވެ.

އެ ސަރަހައްދަކީ، ޝައިނީ ވިދާޅުވި ގޮތުގައި ފަސްގަނޑެއް އޮވެފައި ދެފަރާތަށް މޫދު އޮތް ސަރަހައްދެކެވެ. މޫދަށް ފައިބާތަނުން ގުނޑޮޅިއެއް ކަނޑައިގެން ގޮސް ވެއްޓި، އޮޔާ ދަމައިގެންފި ނަމަ އެއީ ކުރިމަތިވެދާނެ ނުރައްކަލެއް ކަމަށް ޝައިނީ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަހަލަ ވަގުތެއްގައި އޮޔާ ދެކޮޅަށް މީހަކު ފަތަން ވެއްޖެ ނަމަ ފުރާނަ ސަލާމަތް ކުރުން އެއީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

ފުޅަދޫ މޫދަށް އެރޭ ތުނޑި ސަރަހައްދު

"އަޅުގަނޑަށް ލިބިފައިވާ މައުލޫމާތުތަކުން ފޭބި އެންމެންހެން ވެސް ތިބީ ވަރަށް ވަރުބަލިވެ ގައިން ވަރުދޫވެފައި. ޔޫޝައު އަކީ ވެސް އެ ރަށުން ބޭރު މީހަކަށް ވާތީ، އެތަން އޮތް ގޮތް ނޭނގޭ އަދި އެހާ ޒުވާން ކުއްޖަކަށް ނެނގިދާނެ ހަދަންވީ ގޮތް ވެސް،" ޝައިނީ ވިދާޅުވި އެވެ.

"އަޅުގަނޑުގެ ޅިޔަނު ވެސް އެއްގަމަށް އަރާފައި ހަމަ ދެމުނީ."

ރަށުގައި ގެސްޓް ހައުސްއެއް ހިންގަވަމުން އަންނަ ސިމްބެ ވިދާޅުވި ގޮތުގައި، ގެނބުނު ކުދިން ސަލާމަތް ކުރުމުގެ ތެރޭގައި އޭނާ ވެސް ސަލާމަތްވީ ހަމަ ކިރިޔާ އެވެ. ގަދަ އޮއިވަރުގައި ޖެހިފައި ތިބި ކުދިން ސަލާމަތުގެ އައްސޭރިއަށް، އެންމެ 100 ފޫޓާ ހަމައަށް ގެންދިއުން ވެސް އޭނާ ސިފަ ކުރެއްވީ އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން އުޅެން ޖެހުން ކަހަލަ ކަމެއްގެ ގޮތުގަ އެވެ. ގެނބުނު ކުއްޖަކާ ހަވާލާ ދީ ސިމްބެ ވިދާޅުވި ގޮތުގައި އެއް ކުއްޖަކު ސަލާމަތް ކުރުމުގެ ތެރޭގައި "ތިމަންނާ ފެއިންޓް ވަނީއޭ" ޔޫޝައު ގޮވި ކަމަށް ވެ އެވެ.

"މަރުގެ އެތިފަހަރެއް މިއީ،" އޭނާ ވިދާޅުވި އެވެ.

ސިމްބެ ވިދާޅުވި ގޮތުގައި ދެ ކުއްޖަކު ސަލާމަތް ކުރިއިރު އޭނާ ވެސް އޮތީ ވަރުދޫވެ، އެހެން މީހުންގެ އެހީ އަށް ބޭނުންވެފަ އެވެ.

އެ ތަޖުރިބާ ކައުންސިލްގެ ރައީސް ވެސް ކުރެއްވި އެވެ. އޭނާ ވިދާޅުވީ އެ ހަތަރު ކުދިން ސަލާމަތް ކުރަން މޫދަށް އެރުނު އެހެން އެންމެން ވެސް އެ ވީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށެވެ.

"އަޅުގަނޑު ކައިރީގައި ސިފައިންގެ މީހާ ބުނި ތިމަންނަގެ ފުރާނަ މި ސަލާމަތްވީ ގެނބުނު ކުއްޖާ ބަސް އަހައިގެން އޮތީމައޭ. އެހެން ނޫނީ ތިމަންނަ ސަލާމަތެއް ނުވީހޭ،" އަޒުހަރު ވިދާޅުވި އެވެ.

"ގެނބިފައި ތިބޭ މީހުން ސަލާމަތް ކުރުމަކީ ވަރަށް ޓެކްނިކަލް ކަމެއް. ތަމްރީނު ހޯދައިގެން ނޫނީ ނުކުރެވޭނެ ކަމެއް. އެ ވަގުތުކޮޅަކީ ގޮތްތަކެއް ނިންމަން ވަގުތެއް ލިބޭ ކަމެއް ނޫން. ގެނބިފައި އޮންނަ މީހާ އޭނަ ސަލާމަތްވާން އުޅުމުގެ ތެރޭގައި ހެދޭ ގޯސްތައް ވެސް ވަރަށް ގިނަ. ނެގޭ ޑިޒިޝަންތައް ވެސް ވަރަށް ގޯސް ވެދާނެ،" އަޒުހަރު ވިދާޅުވި އެވެ.

ފުޅަދޫގެ ތާރީހުގައި ވެސް މިކަހަލަ ކަމެއް ހިނގައިދިޔަ މިއީ ފުރަތަމަ ފަހަރެވެ. މި ހާދިސާ އަށް ފަހު އެ ރަށަށް އޮތީ ވަރަށް ބޮޑު ހިމޭންކަމެއް ވެރިވެފަ އެވެ. ޒުވާން ޔޫޝައުގެ އާއިލާ އަށް ވެސް، އަދި ރަހުމަތްތެރިންނަށް ވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. ހަމައެހެންމެ، އެ ކުދިން ސަލާމަތްކުރަން މޫދަށް އެރުނު ބައެއް މީހުންނަށް ވެސް ވަނީ ނަފުސާނީ ގޮތުން އަސަރު ކޮށްފަ އެވެ. ބައެއް މީހުންނަށް ކުރި އަސަރުން މި ވާހަކަތައް ދައްކަން ވެސް ބޭނުމެއް ނޫނެވެ.

"ވަރަށް ހިތާމަވެރި ކަމެއް މިއީ. ވަރަށް ބޮޑު ހިތާމައެއް މި ލިބުނީ،" އަޒުހަރު ވިދާޅުވި އެވެ.

25 ކޮމެންޓް, 155 ރިއެކްޝަންސް

icon happy icon happy 1%
icon sad icon sad 98%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 1%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްޓަމަސް

31 July 2021

ލައިފުބޯއީ ނެތަސް ސިނކުޑިއެއް އޮވޭދޯ ކޮންމެ މީހެއްގެވެސް!؟ ދެންކީއްވެ ފަތަންވެސް ނޭގޭބަޔަކު ފުންތަނަކަށްއެރުނީ؟ އެމީހުންގެސަބަބުންދޯ ޔޫޝަޢުނިޔާވީ؟ދައުވާވެސް ކުރަންޖެހޭ މީހެއްގެފުރާނަ ނަގާލުމުގައި އިހުމާލުވުމުގެދަޢުވާ، ޗުއްޓީހޭދަކޮށް މަޖާކުރިޔަސް އެކަންކުރަންވާނީ އެހެންމީހުންނަށް ދުއްޕާނަކަށް ނުވާހެން! އެންމެންވެސް އަމިއްލަ ޒިންމާއިންރެކި ކައުންސިލާ، ސަރުކާރާ ކުއްވެރިކުރުން މީ މިހާރު މިދިވެހި މުޖުތަމައުގެ ބަލިފައި، އަމިއްލަ ޒިންމައިން ރެކުން

The name is already taken The name is available. Register?

ލުތުފީ

31 July 2021

ޢާއްމުކޮށް މޫދަށް އެރިއުޅޭ ސަރަހައްދުތަގައި ލައިފްބޯއި ނުވަތަ ކެނޯ އެއް ފަދަ އެއްޗެއް ބާއްވަންޖެހޭ. މިހާރު ކިތައް ފުރާނަ ގެއްލިއްޖެތޯ ސަލާމަތްތެރިކަމުގެ ފިޔަވަޅު ނާޅައިގެން. ރަށުކައުންސިލުން މިފަދަ އެއްޗެހި މޫދައްއެރޭ ސަރަހައްދުގައި ބެހެއްޓިދާނެ. ދިވެހިން މޫދަށް މާބޮޑަށް ފަރިތަވީމަ ވެސް، ސަލާމަތީކަންކަމަށް ފަރުވާކުޑަކުރެވޭ.

The name is already taken The name is available. Register?

ސަލީމު އިދުރީސް

31 July 2021

މަައްސަލަޔަކީ އަސްލު މަސްސަލަ ދެނެގަނެވޭވަރު ތެއްކަމެއްވެސް ދިވެހިންގެ ސިކުނޑީގަ ނެތީމަ! ތިހަލަ ކަންމުގެ ޒިންމާ ގެސްޓުހައުއްސުން ނަގާކަންނުޖެހެހޭނެ ނިދާލަން ކޮޓަރި ވިއްކާފަ މޫދުއެރޭތާ ފާރަޔައް ތިބެން ޖެހެނީކޮން އުސޫލަކުންތޯ! ވަށަރައިގެން ކަނޑު އޮންނަ ގައުމެއްގަ އާބާދީގެ ބޮޑުބަޔަކައް ފަތަންނޭގުމަކީ ވަރައްބޮޑު ނާތަހުސީބުކަމެއް ކަމުގަދެކެން! ދިވެހި ގިނައަންޙެނުން މޫދުއެރެނީ އިސްކޮޅުޖެހާތާކު މޫދުގަ އުޅެވޭކަހަލަ ހެދުމަކާ އެކަކުނޫން!

The name is already taken The name is available. Register?

ނަސްރީނާ

03 August 2021

އެއްޗެއް ނުލައި ހުރެ ވެސް ފަތަން ނޭގޭ މީހަކު ގޮސް ފުންގަނޑަކަށް އެރިގަތީމަ ގެނބޭނެ.

The name is already taken The name is available. Register?

ނަސީ

30 July 2021

މިދައްކަނީ އަދި ގެސްޓް ހައުސެއްގެވާކަހަ ސޭފްޓީމެސަރ ހުންނާނެވަރު އަނަދާޒާކޮއްލަންއެބަޖެހޭ ، ދެންކޮބައިތޯ ރިސޯޓްތަކުން ގެބިގެންމަވާމީހުން މިލައިފްގާރޑުން ލައިގެންވެސް ކަންތައް ބަލަމުން ގެނަދާއިރުވެސް މިކަހަލަ ހާދިސާ ދިމާވޭ

The name is already taken The name is available. Register?

ބަކުރ

30 July 2021

ޔޫޝައު އަކީ ވަރަށްވެސް މަޖާ ރަނގަޅު ރައްޓެެއްސެއް، މަޖީދިއްޔާ ނިމުން ފަހުން އެހާވަރަށް ދިމާއެއްނުވޭ އެކަމު ދިމާވާ ފަހަރު ކޮންމެސް މަޖާ ވާހަކައެއް ފަށާނެ، ވަރަށް ހިތް ރަނގަޅު މީހެއް، ވަރަށް ދެރަވޭ ނަމަވެސް އޭނައަކީ ހަމަ ފަހުރުވެރި ބަތޮލެއް، މާތްﷲ ޔޫޝައުއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށި. އާމީން.

The name is already taken The name is available. Register?

ގ‫ެސްޓް

30 July 2021

އ‫ެމަރޖެންސީގައި ގެސްޓް ހައުސް ތަކުން މުހިންމު ރޯލެއް ކުޅެން ޖެހޭ,ލައިފް ސޭވިން އެކިއުޕް ވާންޖެހޭ, ފުރަތަމަ އެހީ ދެވެން ޖެހޭނެ , މިކަހަލަ ހާދިސާތައް ދިމާވަނީ އަޅަންޖެހޭ ވަރަށް ފިޔަވަޅު ނާޅާތީ , ކަމެއް ވާއިރަށ ސަރުކާރު ކުއްވެރި ނުކޮށް ފަރުދީ ޒިންމާ ވެސް އެބަޖެހޭ ނަގަން , ފުރާނައެއް ގެއްލިގެން ދިއުމަކީ ހިތާމަ ކުރަން ޖެހޭ ކަމެއް , މާތް ﷲ މަރުހޫމަށް ރަހުމަތް ލައްވާ ފާފަ ފުއްސަވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި.

The name is already taken The name is available. Register?

އޭކޭ47

30 July 2021

ސަރުކާރެއް އެބައޮތްތޯ މި ގައުމުގަ?

The name is already taken The name is available. Register?

މޭޔަރ 2023

30 July 2021

މަބުނީ ޖެޓް ސުކީއެއް ތިޔަ ގެސްޓް ހައުސް ހިންގާ ފަރާތުން ތިޔަ ސަރަހައްދުގަ ބޭއްވުން ކިހިނެއް ވާނެހޭ.

The name is already taken The name is available. Register?

އައްޔަ ބޮޑޭ

30 July 2021

އަހަރެއްގެ ތެރޭގަ މިގޮތައް ގެބިގެން ކިތައްމީހުންގ ފުރާނަ ގެއްލިގެންްދޭތޯ! ކޮންމެރަށެއްގަ މޫދައްއެރޭ ސަރަހައްދެއް ކަނޑައަޅާ ވަށައިގެން ފެންސުޖަހާ ދިހަފޫޓުން ދިހަފޫޓުން ބޮއެެއަޅާފަ ބެހެއްޓުމުން މިކަމައްހައްލެއްލިބިގެންދާނެއެވެ!

The name is already taken The name is available. Register?

ޏޗނޗނ

30 July 2021

ރާއްޖޭގައި މީ މިހާރު ޢާއްމުކަމެއް. ގައުމިގެ ލެވެލްގައި ހުރިހާރށެއްގެ ބީޗްގައި ރެސްކިޔު ފްލޯޓިން ރިންގް ބަގައްޓަން ސަރުކާރުން އަންގާކށް ނުވޭތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454