ރިޕޯޓް / އަލީ ވަހީދު ފުރުވާލުން

އަލީ ވަހީދު ފުރުވާލުމުގައި ދައުލަތް ބައިވެރިވީތަ؟

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ކުރިމަތީގައި ދައުލަތުން ކުޑަ ކަކޫ ޖަހައިފި އެވެ؛ ކޯޓުތަކުގެ ހުކުމްތަކުން އެކަން ފެންނަން އެބައޮތެވެ. ގޯހަކަށް ފަހު ގޯހެއް ހެދިކަން ޝަރީއަތުގެ މަރުހަލާގައި ދަނީ ފަޅާއަރަމުންނެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: އޭނާގެ މައްސަލައިގައި ފެނިގެން ދަނީ ފަރުވާކުޑަކާއި ފަހަތު ފަޔަށް ބުރަވުން -- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ކުރިމަތީގައި ދައުލަތުން ކުޑަ ކަކޫ ޖަހައިފި އެވެ؛ ކޯޓުތަކުގެ ހުކުމްތަކުން އެކަން ފެންނަން އެބައޮތެވެ. ގޯހަކަށް ފަހު ގޯހެއް ހެދިކަން ޝަރީއަތުގެ މަރުހަލާގައި ދަނީ ފަޅާއަރަމުންނެވެ.

ޖިންސީގޯނާގެ ބޮޑެތި ދައުވާތަކެއް އުފުލި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ޝަރީއަތް ފެށުމާ އެކު ބޭރަށް ފުރާވަޑައިގަތީ އެވެ. އެނބުރި ވަޑައިނުގަންނަވާނެ ކަމަށް އޭރު ތުހުމަތުކުރީ ކޯޓުތަކުން އަމަލުކުރަމުން އައި އުސޫލްތައް މުގުރާލުމަށް ފަހު ބޭސްފަރުވާގެ ނަމުގައި އޭނާ ފޮނުވާލުމުންނެވެ.

މިއީ، ދައުވާއިން އޭނާ ސަލާމަތްކޮށްދިނުން ކަމަށް އޭރު ކުރި ތުހުމަތަށް ބާރު ލިބެނީ، ދައުލަތަށް ބާރުނުފޯރުވޭ ހިސާބުގައި މިހާރު ހުރި އަލީ ވަހީދާ ގުޅޭ ގޮތުން ކޯޓުތަކުގެ ނިންމުންތަކުންނެވެ. މި މައްސަލައިގައި ފޮރުވިފައި ހުރި އެތައް ކަމެއް ކޯޓުތަކުގެ ހުކުމްތަކުން އެބަ ތިލަވެ އެވެ.

ދައުލަތުގެ އިދާރާތަކުން މި މައްސަލައިގައި ފަރުވާ ކުޑަ މިންވަރާއި އަޅާނުލައި ދޫކޮށްލި އެތައް ކަމެއް ކޯޓުތަކުން ދަނީ ކިޔައިދެމުންނެވެ. ނުބައި ޕާސްޕޯޓެއް ހިފަހައްޓަން ފުލުހުންނާއި ޕީޖީ އޮފީހުން އެތައް މަސް ދުވަހެއް ބޭކާރު ކުރުން މިސާލަކަށް ފުދެ އެވެ.

މިއީ، ކްރިމިނަލް ކޯޓާއި ފުލުހުންނާއި ޕީޖީ އޮފީހަށް ވެސް ހަމަ ނޭނގި ތިބެ ކުރި ބޭކާރު މަސައްކަތެއް ހެއްޔެވެ؟ ވަގުތުން ޕާސްޕޯޓު ހައްދައިގެން އޭނާއަށް ކުއްލިއަކަށް ފުރުނު ސަބަބާ މެދު އުފެދޭ ޝައްކު އަދި މާ ބޮޑެވެ. ފިލައިގެން އުޅޭއިރު އޭނާ އަށް ޖާމިނުވި އަސްހަަދު އަލީ އަށް ފިޔަވަޅު ނޭޅީ ކީއްވެ ހެއްޔެވެ؟

މި ސުވާލުތަކުން ފެންނަން އޮތީ، އަލީ ވަހީދާ ޖެހުމުން، ދައުލަތުގެ އިދާރާތައް ފަރުވާކުޑަވެ، ފަހަތު ފަޔަށް ބުރަވެފައި އޮތް ތަނެވެ.

ނުބައި ޕާސްޕޯޓެއްގެ ފަހަތުން ދުވެ ވަގުތު ބޭކާރު

އަލީ ވަހީދުގެ ޕާސްޕޯޓުގެ މައްސަލައިގައި ހިމެނެނީ މުހިންމު ތިން ނިންމުމެކެވެ. އެއީ އޭނާގެ ޕާސްޕޯޓު އެއް އަހަރަށް ހިފަހައްޓަން ކޯޓުން ފުރަތަމަ ނެރުނު އަމުރާއި، މީހަކު ޖާމިނުކޮށްފައި ޕާސްޕޯޓު ހަތަރު މަހަށް ދޫކޮށްލަން ނެރުނު އަމުރާއި، އެ މުއްދަތު ހަމަވުމުން އޭނާގެ ޕާސްޕޯޓު ހިފަހައްޓަން ފުލުހުން އެދުމުން ޕާސްޕޯޓު ނުހިފަހައްޓަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމެވެ.

ހައި ކޯޓުގެ ހުކުމުން އެނގުނު ގޮތުގައި އެ ތިން ނިންމުމަކީ ވެސް ބޭކާރު ގޮތުގައި ކުރި މަސައްކަތެވެ. ދައުލަތުގެ ވަގުތާއި ވަސީލަތްތަކުގެ ވަރަށް ބޮޑު އިސްރާފެކެވެ. އެއީ އެ ތިން ނިންމުމަކީ ވެސް އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރު ކަމުން ވަކި ކުރުމުން މާ ކުރިން ކެންސަލް ކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓެއް ހިފަހެއްޓުމާއި ދޫކުރުމާ ގުޅޭ ނިންމުންތަކަކަށް ވުމުންނެވެ.

ފުލުހުން އެދިގެން އެއް އަހަރަށް ހިފެހެއްޓީ ވެސް ކެންސަލްކޮށްފައިވާ އެ ޕާސްޕޯޓެވެ. ހަތަރު މަހަށް ކޯޓުން ދޫކޮށްލީ ވެސް އެ ޕާސްޕޯޓެވެ. އަދި ހަތަރު މަހުގެ މުއްދަތު ހަމަވުމުން ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނީ ވެސް ހަމަ އެ ޕާސްޕޯޓު ހިފަހައްޓާށެވެ. ޕާސްޕޯޓު ނުހިފަހައްޓަން އެ ކޯޓުން ނިންމުމުން ޕީޖީ އޮފީހުން ހައި ކޯޓުގައި އިސްތިއުނާފުކޮށް އެދުނީ ވެސް ހަމަ އެ ޕާސްޕޯޓު ހިފަހައްޓާށެވެ.

"އަލީ ވަހީދު ރާއްޖެއިން ފުރުމުގެ އެތައް ދުވަހެއް ކުރިން ކެންސަލް ކުރެވިފައިވާ ޕާސްޕޯޓެއް ހިފަހައްޓަން ޖެހޭ ސަބަބެއް ނެތެވެ. އަދި ކެންސަލް ކުރެވިފައިވާ ޕާސްޕޯޓެއް ހިފެހެއްޓުމުން ނުކުންނާނެ ގާނޫނީ ނަތީޖާއެއް ވެސް ނެތެވެ."

"އަލީ ވަހީދު ރާއްޖެއިން ފުރުމުގެ އެތައް ދުވަހެއް ކުރިން ކެންސަލް ކުރެވިފައިވާ ޕާސްޕޯޓެއް ހިފަހައްޓަން ޖެހޭ ސަބަބެއް ނެތެވެ. އަދި ކެންސަލް ކުރެވިފައިވާ ޕާސްޕޯޓެއް ހިފެހެއްޓުމުން ނުކުންނާނެ ގާނޫނީ ނަތީޖާއެއް ވެސް ނެތެވެ." ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

އަލީ ވަހީދު ފުލުހުންގެ މައި އިދާރާއިން ވަކީލުންނާއެކު ނުކުމެވަޑައިގަންނަވަނީ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު

ކެންސަލްކޮށްފައިވާ ޕާސްޕޯޓެއް ހިފަހައްޓަން އެހާ މަސައްކަތް ކުރީ، ފަރުވާ ކުޑަކަމުން، "ރޭކާ" ވެސް ނުލައިގެންތޯ ނުވަތަ ހަމަ އެނގި ތިބެ އަލީ ވަހީދަށް ވަގުތު ހޯދައިދޭން ތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދަ އެވެ. އެކަމުގެ އަޑީގައި ވަނީ ކޮން ހަގީގަތްތަކެއް ތޯ ސުވާލު އުފައްދަ އެވެ. ޔަގީންވާ ކަމަކީ ދައުލަތުގެ އިދާރާތަކުން މަސްއޫލިއްޔަތު އަދާ ނުކުރާ ކަމެވެ. ބޮޑު ތަނުން ފަރުވާކުޑަކޮށްލި ކަމެވެ.

ހައި ކޯޓުގެ ހުކުމުގައި ވެސް ފާހަގަ ކުރީ ތަންފީޒީ އިދާރާތަކުން "ކަމަކަށް ކަމެއް" ކުރީ ކަމަށެވެ. އަދި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގައި ވެސް ވަނީ އޭނާގެ ޕާސްޕޯޓު ހިފަހައްޓަން ކުރި މަސައްކަތަކީ "ސީރިއަސް ނަތީޖާއެއް ނެރުމުގެ މަގުސަދެއްގައި" ކުރަމުންގެންދިޔަ މަސައްކަތެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ދުވަހުން ދުވަހަށް އާ ޕާސްޕޯޓެއް! ކިހިނެތް؟

ކުރިން ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި އަލީ ވަހީދު ފުރައިގެން ދިޔައީ ކޯޓުން ހަތަރު މަހަށް އޭނާގެ ޕާސްޕޯޓު ދޫކޮށްލުމުންނެވެ. ނަމަވެސް، ދޫކޮށްލީ ކެންސަލްކޮށްފައިވާ ޕާސްޕޯޓެވެ. އަދި ފުރައިގެން ދިޔައީ ވެސް އެ ޕާސްޕޯޓު ދޫކޮށްލި ތާރީހުގެ އެއް ދުވަސް ކުރިންނެވެ. ހަތަރު މަހަށް އަލީ އޭނާގެ ޕާސްޕޯޓު ދޫކޮށްލިއިރު ވެސް، ހަގީގަތުގައި އާ ޕާސްޕޯޓެއް ހަދައިގެން އޭނާ ރާއްޖެއިން ފުރައިގެން ދިޔުމަށް އެއްވެސް ހުރަހެއް ނެތެވެ.

"އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލައި އޭނާ ފުރުން މަނާކޮށް ނެރެފައިވާ އަމުރު 10 ފެބްރުއަރީ 2021ގައި ކްރިމިނަލް ކޯޓުން ބާތިލު ކުރުމުގެ ކުރިން، 9 ފެބްރުއަރީ 2021ގައި އަލީ ވަހީދު ރާއްޖެއިން ފުރައިގެން ގޮސްފައިވެ އެވެ." ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ހުކުމުން އާންމުވެ އެނގިގެން ދިޔައީ އަލީ ވަހީދު ފުރައިގެން ދިޔައީ އާދައިގެ ޕާސްޕޯޓެއްގައި ކަމެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި އޭނާ ފެބްރުއަރީ 9 ގައި ފުރަައިގެން ދިޔައީ އެ ދުވަހުން ދުވަހަށް ހެއްދި އާދައިގެ ޕާސްޕޯޓަކުންނެވެ.

އަލީ ވަހީދު ފުރައިގެން ދިޔަ ދުވަހު އާ ޕާސްޕޯޓެއް ހެދުނީ ކިހިނެއްތޯ މިއީ ވެސް އުފެދޭ ސުވާލެކެވެ. އާދައިގެ މީހަކު ޕާސްޕޯޓެއް ހަދާ ނަމަ ބުރަ އެތައް އިޖުރާއަތެއް ފުރިހަމަކޮށް، އިންތިޒާރުގައި ގިނަ ވަގުތު ހޭދަ ކުރަން ޖެހެ އެވެ. އެކަމަކު އަލީއާ ޖެހުމުން އެ މަރުހަލާތަކުގެ ސްޕީޑު ވެސް އަވަސްވެ، އިޖުރާއަތްތައް ވެސް ލުއިވެގެން ދިޔައީ އެވެ. މިއީ ދައުލަތުގެ ކަމާ ބެހޭ އިދާރާއެއްގެ ފަރާތެއްގެ އެއްބާރުލުމާ ނުލައި ދުވަހުން ދުވަހަށް ކުރެވޭނެ ކަމެއް ވެސް ނޫނެވެ.

"އެެހެންކަމުން، ގާނޫނު ތަންފީޒު ކުރާ އިދާރާ މެދުވެރިކޮށް، އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ ނަމުގައި ކޯޓުތަކަށް ހުށަހަޅައިގެން ޕްރޮސެކިއުޝަނުން ކުރަމުންގެންދާ މަސައްކަތަކީ ސީރިއަސް ނަތީޖާއެއް ނެރުމުގެ މަގުސަދެއްގައި ކުރަމުންދާ ކަމެއް ކަމަށް ބަޔާންވެދިޔަ ކަންކަން އެހެން ހުރުމުން އަހުރެންނަކަށް ގަބޫލެއް ނުކުރެވެ އެވެ." : ފަނޑިޔާރު ނިޔާޒު

ކޯޓުން ޕާސްޕޯޓު ދޫކުރުމުގެ އެއް ދުވަސް ކުރިން ފުރައިގެން ދިޔުމުން ހިފަހައްޓައިގެން އުޅުނީ ނުބައި ޕާސްޕޯޓެއް ކަމަށް އަލީ ވަހީދަށް އެނގޭ ކަމަށް ވެސް ގަބޫލު ކުރެވެ އެވެ. އެކަމަކު، އެކަން ދައުލަތުގެ އިދާރާތަކަށް ނޭނގި އޮންނާނެތޯ ސުވާލު އުފެދެ އެވެ. އޭނާ ފުރައިގެން ދިޔައީ ކޮން ޕާސްޕޯޓެއްގައި ތޯ ދައުލަތުގެ ރެކޯޑުތަކުން ފަސޭހަކަމާއެކު ބަލައިލެވޭނެ އެވެ.

އަސްހަދަށް ފިޔަވަޅު އެޅުން މުހިންމެއް ނުވި

އަލީ ވަހީދު ކޯޓަށް ހާޒިރު ކުރުމަކީ އޭނާގެ ބަދަލުގައި ޖާމިނުވި، އަސްހަދު އަލީގެ ޒިންމާއެކެވެ. އަލީ ހާޒިރުނުކުރެވިއްޖެ ނަމަ ފިޔަވަޅު އަޅަން ޖެހޭނީ ވެސް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަސްހަދަށެވެ. ނަމަވެސް، އަލީ ވަހީދު ރާއްޖެ ނައުމުން، އޭނާ ގެންނަން އަސްހަދު ކޮށްފައިވާ ކަމެއް ފެންނަން ނެތް ކަމަށް ހައި ކޯޓުގެ ހުކުމުގައި ވެސް ފާހަގަ ކުރި އެވެ. އޭނާ އެއްވެސް މަސައްކަތެއް ނުކުރިޔަސް ކްރިމިނަލް ކޯޓުން އޭނާއަށް ފިޔަވަޅު ނާޅައި ދޫކޮށްލީ އެވެ. އަދި އެއީ މާ ބޮޑު ކަމަކަށް ނަހަދައި ޕީޖީ އޮފީހުން ވެސް ދޫދީގެން ތިބީ އެވެ.

އަލީ ވަހީދު ރާއްޖެ ވަޑައިނުގަންނަވާތީ އަސްހަދަށް ފިޔަވަޅު އަޅައިދޭން ކުރިން ދައުލަތުން ކްރިމިނަލް ކޯޓުގައި އެދުމުން ކޯޓުން ނިންމާފައި ވަނީ އޭނާގެ މައްޗަށް ފިޔަވަޅު ނޭޅުމަށެވެ. އެ ނިންމުން ނިންމީ ޝަރީއަތުގެ އަޑުއެހުންތައް އޮންލައިންކޮށް ކުރިއަށްގެންދެވޭތީ، އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރެއް ނެރުމުގެ ބޭނުމެއް ނެތް ކަމަށް ގާޒީ ހަސަން ސައީދަށް ފެނިވަޑައިގަތުމުންނެވެ.

ކޯޓުން މީގެ ކުރިން މިގޮތަށް ނިންމާފައި އޮތަސް، ދައުލަތުން އެ ނިންމުމަށް ޗެލެންޖުކޮށް ނިންމުން އިސްތިއުނާފެއް ނުކުރެ އެވެ. އަސްހަދު ބޭނުން ގޮތަކަށް އުޅެން ދޫކުރީ އެވެ. ބުރަވީ ފަހަތު ފަޔަށެވެ. ހައި ކޯޓުން ވެސް މިކަން ފާހަގަ ކުރި އެވެ.

އަލީ ވަހީދާއި އޭނާގެ ގާތް އެކުވެރިޔާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) -- ފޮޓޯ: މިހާރު

ޖާމިނުވުމަކީ އާދައިގެ ކަމެއް ނޫނެވެ. ޖާމިނުވާ މީހާ އިގުރާރުވެ ނަގަނީ ސީރިއަސް ޒިންމާތަކެކެވެ. ޖާމިނުވެ އިގުރާރުވި ކަންކަމާ ހިލާފުވެއްޖެ އެއީ ކުށެކެވެ. އަދަބުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޖަލަށް ލުމާއި ގޭ ބަންދުކުރުމާއި 15،000ރ. އަށް ވުރެން ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމެވެ. އެކަމަކު، ކްރިމިނަލް ކޯޓުގެ ނިންމުން ބަދަލު ކުރަން ދައުލަތުން ކުރި މަސައްކަތެއް ނުފެނުނެވެ.

ޕާސްޕޯޓުގެ މައްސަލައިގައި ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ފާހަގަކުރެއްވި ގޮތުގައި ޕާސްޕޯޓު ހިފަހައްޓަން އުޅުމުގެ ބަދަލުގައި މަސައްކަތް ކުރަންވީ، އަސްހަދު އަށް ފިޔަވަޅު އަޅާށެވެ. އެއީ ރާއްޖެއިން ފިލައިގެން ގޮސްފައިވާ މީހަކު ގެންނަން ޕާސްޕޯޓު ހިފަހައްޓާނެ ގޮތެއް ގާނޫނުގައި ނެތް ކަމަށް އޭނާ އަށް ބުރަވެވުމުންނެވެ. ކުޅިވަރާ ބެހޭ މިނިސްޓްރީގައި އުޅުއްވާ އަސްހަދަށް ފިޔަވަޅު ނާޅާތީ، ނިޔާޒުގެ ރައުޔުގައި ވަނީ ޖާމިނުވުމަކީ ސީިރިއަސް ނަތީޖާއަކާ ކުރިމަތިލާން ނުޖެހޭ ކަމެއް ކަމުގައި ދޭހަވާ ގޮތަށް ދައުލަތުން އަމަލުކުރުމުން ޖާމިނުވުމުން "ކުޅިވަރަކަށްވެ"، ޖާމިނުވާ މީހާ "ބޭނުންހާ ކުޅިވަރެއް" ކުޅެން ފުރުސަތު ލިބޭ ކަމަށެވެ.

ހުރި ތަނެއް ހޯދަން އެތައް ދުވަހެއް

ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އެ ކޯޓުން އިއްވާފައިވުމުން، އޭނާގެ ހުކުމް ތަންފީޒު ކުރަން ރާއްޖެ ގެނެސް ކަރެކްޝަނާ ހަވާލު ކުރުުމުގެ ޒިންމާ ނަގައިގެން ތިބީ ފުލުހުންނެވެ. އެކަމަކު، ފުލުހުންނަށް އޭނާ ހުރި ތަނެއް ހޯދުމަކީ ވެސް ދެތިން ހަފްތާ ނަގާ ކަމެކެވެ. ވިސާ އޯވާ ސްޓޭވެގެން އޭނާ ޔޫކޭގައި ހައްޔަރު ކުރުމުން އެކަން ވެސް ފުލުހުންނަށް ކަށަވަރު ނުކުރެވި ދެ ހަފްތާ ހޭދަވެ އޭނާ "ގެއްލުނެވެ."

ފޮރިން މިނިސްޓްރީ މެދުވެރިކޮށް ވެސް އޭނާ ހައްޔަރު ކުރިކަން ކަށަވަރު ނުވުމުން ހަގީގަތުގައި އޭނާ ހޯދަން އުޅޭތޯ ވެސް ބައެއް މީހުން ސުވާލު އުފެއްދި އެވެ. ސަރުކާރުގެ ޑިޕްލޮމެޓިކް ޗެނަލްތައް ބޭނުންކޮށްގެން ޔޫކޭގައި ހުރި މީހަކު ހައްޔަރުގައި ހުރިތޯ ބެލުމަކީ ދަތި އުނދަގޫ ކަމަކަށް ނުވާނެ އެވެ. އެންމެ ފަހުން އޭނާ ހައްޔަރު ކުރިކަން ކަށަވަރު ކުރެވުނީ އިންޓަޕޯލް މެދުވެރިކޮށެވެ.

ފުލުހުން ބުނާ ގޮތުގައި އަލީ ވަހީދު ގެނައުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ރެޑް ނޯޓިސް ވެސް ނެރޭ ވާހަކަ ދެއްކި އެވެ. އެކަމަކު، ސުވާލު ކުރުމުން މިހާރު ބުނަނީ މައުލޫމާތު ސާފު ކުރަމުންދާ ކަމަށެވެ. ނުވަތަ އަދި ކުރިއެރުމެއް ނުލިބޭ ކަމަށެވެ. ފުލުހުން އެ މަސައްކަތް ފެށިތާ މަހެއް ވެގެންދާއިރު، ކުރިއެރުމެއްގެ މަލަމައްޗެއް ވެސް އަދި ނުފެނެ އެވެ.

50 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 73%
icon wow icon wow 7%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުރިހާ

16 September 2021

ފުލުހުންނާ ޕީޖީއާ ކޯޓާ އިމިގްރޭޝަނާ އެއޮތީ އަލީވަހީދަށް އެހީތެރިވެދީފަކަން ތިޔަ ހުރިހާ ކަމަކުން ސާފުކޮށް އެބަ ފެނޭނު. ފުރޭނެކަމުގެ ޔަގީންކަމުގަ ޕީސީއާރް ހަދައި ނަތީޖާ ހޯދައިގެން ހުރީ ގައުމުގެ އިސް އެއްވެސް ފަރާތަކުން އެކަން ރާވަނުދީނަމަ އެ ހުރިހާ ތަންތަނުން އެއްބަސްކިޔައިގެން އަލީ ފުރޭނެ ގޮތަށް މަގުފަހިކޮށްދީފަ އޮތުމަކީ ގަރުނުގެ ބޮޑު ޖޯކަށްވާނީ.

The name is already taken The name is available. Register?

ކައްތަލަ

16 September 2021

އެހެންވީމާ އިމިގްރޭޝަންގެ ކަމެއް އުޅޭކަން އަޅުގަނޑަށް ދޭހަވީ. އެމީހުން ދިން މައުލުމާތެއް ހިފައިގެންތާ ޕީޖީވެސް ކޯޓުތަކަށް ދުވާނީ. އެބަ ހާމަވޭ ކަންކަން. ކުރިޔަށް ކުރިޔަށް. ދެން އެނގިދާނެ ކާކުގެ ކޯލަކާއެކީކަން ޕާސްޕޯޓު އެހާ ފަސޭހައިން ހެދުނީ.

The name is already taken The name is available. Register?

އިސްމާލި

16 September 2021

ނޫސްތަކުން ރިޕޯޓުކުރުމުގައި ވެސް ރަނގަޅުކުރަން ޖެހޭކަމެއް. ދައުލަތުގެ އިދާރަތަކުން "ފަރުވާ ކުޑަކުރި" ކަމަށް ލިއުން. މިކަހަލަ ހައްސާސް މައްސަލައެއްގައި އެންމެ މަތީލެވެލް (ޕީ.ޖީ. ރައީސް، އިމިގްރޭޝަން ކޮންޓްރޯލަރ) ގެ އިންވޯލްވްމަންޓް ނެތި މަސައްކަތް ކުރިއަކަށް ނުދާނެ. އަދި ފަރުވާކުޑަވާން ޖާގައެއްވެސް ނުދޭނެ. އެހެންވެ ބުނަންޖެހެނީ މިއީ ރާވައިގެން އަހަރެމެން ލޮލުގައި އެޅުވި އަނދުނެކޭ. ދެން ފަރުވާކުޑަކުރީއޭ ކިއުމަކީވެސް އަޅުވާ އަނދުނެއް.

The name is already taken The name is available. Register?

ލޮލްލލލ

16 September 2021

ނަމުން އެމްޑީޕީ ތިލަފަތް ހަމަ ހަމަ. އަސްލު އޮންނަނީ ސޮއްސާލާފަ

The name is already taken The name is available. Register?

ނެކްސްޓް

16 September 2021

ހަމަސީދާ ސަރުކާރުން ކޮށްގެން އުޅޭ ކަމެއް. ޕީޖީއަކީ ތުއްތުކުއްޖެއްތަ އަލީ ވަހީދުގެ ކެންސަލްވެފައި އޮތް ޕާސްޕޯޓެއް ފަހާދުވަން. ޙަމަ ސީދާ ރާވައިގެން ހިނގާ ކުޅިގަޑެއް

The name is already taken The name is available. Register?

ހެދިނަމަ

16 September 2021

ޕީޖީ އެހެން ހެދިނަމަ ޕީޖީވެސް އެ އެޅުވީ ރައްޔިތުންގެ ލޮލުގަ އަނދުނެއް.

The name is already taken The name is available. Register?

ފޭލި

16 September 2021

ބޮޑުތަނުން ފޭލިވެފައި ވާބައެއް

The name is already taken The name is available. Register?

ތަރަބެ

16 September 2021

ކަސޯޓީ.

The name is already taken The name is available. Register?

އިމަނާ

16 September 2021

ކުރިން ޕާޓީ ބަދަލުކުރިގޮތާ، ފައިސާގެ ތަނަވަސްކަން ހުންނާނެގޮތާ، މިކަންކަން މީއެނގޭކަމެއްދޯ. ދެން މިކަންވެސް ދާނީ މިގޮތަށްތާ، މިއީ މިމީހުން ރާވައިގެންކުރާކަމެކޭ. މާކުރިންވެސް މިކަމުގައި އިހްލާސްތެރިކަމެއްނެތްކަން އެނގި ކަޝަވަރުވޭ.

The name is already taken The name is available. Register?

އިޙްސާސް

16 September 2021

ސުވާލެއްވެސް އޮތް ކަމެއްނޫން. ދައުލަތް އޮތީ ބައިވެރިވެފަ.

The name is already taken The name is available. Register?

ހަންޑި

15 September 2021

ހަހަހަހަ. ހުރިހާ އެންމެންވެސް ފުރަނީ ދައުލަތުން ބައިވެރިވެގެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454