"ރަން ފޯ މޯލްޑިވްސް" ގެ ނަމުގައި ޔުނިކްސް ސްޕޯޓިން އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް ވާޗުއަލް މެރެތަނެއް ބާއްވަން އިއުލާންކޮށްފި އެވެ.

އަންނަ ސެޕްޓެމްބަރު 27 (ދުނިޔޭގެ ޓޫރިޒަމް ދުވަސް) ފަށާ މި އޮންލައިން ދުވުމަކީ ރާއްޖޭގެ 55 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި ކޮވިޑް-19 ގެ ބަތަލުންނަށް ހާއްސަކޮށްގެން އަދި ލޮކްޑައުންގެ ސަބަބުން ހަރަކާތްތެރިވެ އުޅުން މަދުވެފައިވީ ނަމަވެސް އެކުއެއުޅުމާއި އުފަލުގެ ރޫހު އާލާކުރުމުގެ ގޮތުން ބާއްވާ ދުވުމެކެވެ.

"ރަން ފޯ މޯލްޑިވްސް ގުޅިފައިވަނީ ޖިސްމާނީ ގައިދުރުކަމާ އެކު ވެސް އާއިލާ އާއި އެކުވެރިންނާ އިޖްތިމާއި ގުޅުންތައް ދެމެހެއްޓުމުގެ މުހިއްމުކަން އަންގައިދިނުމާ އެވެ،" ޔުނީކް ސްޕޯޓްސް އިން ބުނެފައިވެ އެވެ.

މި މަހުގެ 31 ވަނަ ދުވަހު ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމާ އެކު، ރާއްޖެ އާއި ރާއްޖޭން ބޭރުން ބައިވެރިންނަށް ހަތަރު ކެޓަގަރީއެއްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ލިބޭނެ އެވެ. ދީފައިވާ ވަކި ވަގުތެއްގެ ތެރޭގައި، ގޭގައި ޓްރެޑްމިލުގައި ނުވަތަ މަގުމަތީގައި ވެސް ދުވެ ޗެލެންޖް ފުރިހަމަކުރަންވީ އެވެ.

އުމުރުން ފަސް އަހަރާއި އެއަށް ވުރެ ދޮށީ އުމުރުތަކަށް ހުޅުވާލާފައިވާ މި ރޭހުގެ ކެޓަގަރީތަކަކީ 5.5 ކިލޯމީޓަރާއި 15 ކިލޯމީޓަރާއި 21 ކިލޯމީޓަރު އަދި 870 ކިލޯމީޓަރެވެ. މީގެ ތެރެއިން 870 ކިލޯމީޓަރަކީ ފަސް މެމްބަރުންގެ ޓީމުތަކަށް ހުޅުވާލާފައިވާ ޗެލެންޖެކެވެ.

ދުވުން ފުރިހަމަކުރާ ކޮންމެ މެމްބަރަކަށް މެޑެއްޔެއް ލިބޭނެ އެވެ. އަދި ބައިވެރިންގެ ތެރެއިން ހޮވޭ ނަސީބުވެރި 10 މީހަކަށް ޔުނީކް ސްޕޯޓްސްގެ ޕާޓްނާ ހޮޓެލް/ރިޒޯޓްތަކުން ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.