ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އިންޓަނޭޝަނަލް ވާޗުއަލް މެރެތަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

"ރަން ފޯ މޯލްޑިވްސް" ގެ ނަމުގައި ޔުނިކްސް ސްޕޯޓިން އިން ބާއްވާ މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ވަނީ މި މަހުގެ 20 ވަނަ ދުވަހާ ހަމަޔަށް ހުޅުވާލައިފަ އެވެ. އަދި ބޭރު މީހުންނަށް އެ ފުރުސަތު ވަނީ އަންނަ އޮކްޓޯބަރު 15 ގެ ނިޔަލަށް ހުޅުވާލައިފަ އެވެ. ބައިވެރިވުމުގެ ފުރުސަތު ޔުނިކްސް ސްޕޯޓިންގެ ވެބްސައިޓް www.runformaldives.com އިން ލިބޭނެ އެވެ.

ހަތަރު ކެޓަގަރީއެއްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ބައިވެރިންނަށް ލިބޭނެ އެވެ. އެގޮތުން އުމުރުން ފަސް އަހަރާއި އެއަށް ވުރެ ދޮށީ އުމުރުތަކަށް ހުޅުވާލާފައިވާ މި ރޭހުގެ ކެޓަގަރީތަކަކީ 5.5 ކިލޯމީޓަރާއި 15 ކިލޯމީޓަރާއި 21 ކިލޯމީޓަރު އަދި 870 ކިލޯމީޓަރެވެ. މީގެ ތެރެއިން 870 ކިލޯމީޓަރަކީ ފަސް މެމްބަރުންގެ ޓީމުތަކަށް ހުޅުވާލާފައިވާ ޗެލެންޖެކެވެ.

އަންނަ ސެޕްޓެމްބަރު 27 (ދުނިޔޭގެ ޓޫރިޒަމް ދުވަސް) ފަށާ މި އޮންލައިން ދުވުމަކީ ރާއްޖޭގެ 55 ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުންނާއި ކޮވިޑް-19 ގެ ބަތަލުންނަށް ހާއްސަކޮށްގެން އަދި ލޮކްޑައުންގެ ސަބަބުން ހަރަކާތްތެރިވެ އުޅުން މަދުވެފައިވީ ނަމަވެސް އެކުއެއުޅުމާއި އުފަލުގެ ރޫހު އާލާކުރުމުގެ ގޮތުން ބާއްވާ ދުވުމެކެވެ.

ދީފައިވާ ވަކި ވަގުތެއްގެ ތެރޭގައި، ގޭގައި ޓްރެޑްމިލުގައި ނުވަތަ މަގުމަތީގައި ވެސް ދުވެ ޗެލެންޖް ފުރިހަމަކުރަންވީ އެވެ. ދުވުން ފުރިހަމަކުރާ ކޮންމެ މެމްބަރަކަށް މެޑެއްޔެއް ލިބޭނެ އެވެ. އަދި ބައިވެރިންގެ ތެރެއިން ހޮވޭ ނަސީބުވެރި 10 މީހަކަށް ޔުނީކް ސްޕޯޓްސްގެ ޕާޓްނާ ހޮޓެލް/ރިޒޯޓްތަކުން ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ.