ޑާކާ (މާޗު 29) - ވާދަކުރި ހުރިހާ ގައުމެއް ބަލިކޮށް ރަޝިއާ އިން 17 އަހަރުން ދަށުގެ އަންހެން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި އެވެ.
މި މަހުގެ 20-28 އަށް ފަސް ޓީމާ އެކު ކުޅުނު މި މުބާރާތް ކުރިއަށް ގެންދިޔައީ ލީގު އުސޫލުންނެވެ.
މުބާރާތުގެ ފަހު މެޗުގައި، ރަޝިއާ ރޭ އިންޑިއާ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ނޭޕާލާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބު ކުރިއިރު ބޫޓާން އަތުން މޮޅުވީ 9-1 އިންނެވެ. އަދި ފުރަތަމަ މެޗުގައި ވަނީ 3-0 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ.
ދެވަނަ ލިބުނު ބަންގްލަދޭޝް ވެސް ވަނީ އިންޑިއާ ބަލިކޮށްފަ އެވެ. އަދި އެޓީމުގެ ފަހު މެޗުގައި އިއްޔެ ނޭޕާލާ ވާދަކޮށް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ދެ މެޗުން މޮޅުވެގެން އިންޑިއާ އަށް ލިބުނީ ތިންވަނަ އެވެ. ނޭޕާލަށް ހަތަރުވަނަ ލިބުނު އިރު ބޫޓާނަށް މެޗެއް ކާމިޔާބެއް ނުކުރެވެ އެވެ.
މުބާރާތުގެ ފެއާޕްލޭ ޓީމުގެ މަގާމް ހޯދީ އިންޑިއާ އެވެ. އަދި އަށް ގޯލު ޖަހައިގެން ރަން ބޫޓު ހާސިލް ކުރީ އިންޑިއާގެ ފޯވާޑް ޝިލްޖީ ޝާޖީ އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ނޭޕާލްގެ ޝުޖާތާ ތަމަންގް ހޮވުނު އިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރަޝިއާގެ އެލީނާ ގޯލިކް އެވެ.
މިއީ 17 އަހަރުން ދަށުގެ ފޯމެޓަށް މުބާރާތް ބޭއްވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ހަތަރު ފަހަރު ދެކުނު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަން (ސާފް) އިން މުބާރާތް ބާއްވާފައި ވަނީ 15 އަހަރުން ދަށުގެ ފޯމެޓަށެވެ. މިދިޔަ އަހަރުގެ މުބާރާތް ނޭޕާލް ކާމިޔާބު ކުރިއިރު އޭގެ ކުރީ ދެ ފަހަރު ވެސް ޗެމްޕިއަންކަން ހޯދީ އިންޑިއާ އެވެ. އަދި މުބާރާތް ފުރަތަމަ ބޭއްވި އަހަރުގެ ޗެމްޕިއަނުންނަކީ ބަންގްލަދޭޝް އެވެ. ޗެމްޕިއަންކަން ނުލިބުނު ހަތަރު ފަހަރު ވެސް ބަންގްލަދޭޝް ވަނީ ދެވަނަ ހޯދައިފަ އެވެ. މިއިން އެއްވެސް މުބާރާތެއްގައި ރާއްޖެއިން ބައިވެރިއެއް ނުވެ އެވެ.
މިއީ ޔޫރަޕަށް ނިސްބަތްވާ ރަޝިއާ، ދެކުނު އޭޝިއާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ރަޝިއާ އިން ޔޫކްރޭނަށް އަރައި ފެށި ހަނގުރާމައާ ގުޅިގެން ޔޫރަޕާއި ދުނިޔޭގެ ފުޓްބޯޅަ އިދާރާއިން ވަނީ ރަޝިއާ ސަސްޕެންޑް ކޮށްފަ އެވެ. އެހެންވެ ރަޝިއާ އަންނަނީ އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަނާ ގުޅެން މަސައްކަތް ކުރަމުންނެވެ.
ހަމަ އެއާ އެކު ސީނިއާ ލެވެލް ގައި ކުޅެވޭ ސާފް ޗެމްޕިއަންޝިޕްގެ ފެންވަރު މަތި ކުރުމުގެ ގޮތުން ސަރަހައްދުން ބޭރު އެކެއް ނޫނީ ދެ ގައުމަށް ފުރުސަތު ދޭން ވިސްނާ ކަމަށް އޯލް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް) ގެ ރައީސް ކަލްޔާން ޗޯބޭ ވަނީ ވިދާޅުވެފަ އެވެ. ސަރަހައްދުގެ ސީނިއާ ފިރިހެން ޓީމުތައް ވާދަކުރާ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް އޮންނާނީ ޖޫން 21 އިން ޖުލައި 3 އަށް އިންޑިއާގެ ބެންގަލޫރުގަ އެވެ.