ސާފް ސުޒުކީ ކަޕުގައި މިއަދު އިރުއޮއްސި 6 ޖަހާއިރު ސްރީ ލަންކާއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗު ވަގުތުން ދުރަށް ދައްކާނެ ކަމަށް ޕީއެސްއެމުން ބުނެފި އެވެ.
މިދިޔަ އަންގާރަ ދުވަހު ބަންގްލަދޭޝްގައި ފެށި މުބާރާތުގެ މެޗުތައް ދައުލަތުގެ މީޑިއާ ޕީއެސްއެމުން މިހާތަނަށް ދައްކާފައެއް ނުވެ އެވެ. އަދި މިރޭގެ މެޗު ފެނުމުގެ ޔަގީންކަމެއް ވެސް މިއަދު މެންދުރާ ހަމަޔަށް ނެތެވެ. އެނގިފައިވާ ގޮތުގައި ޕީއެސްއެމަށް މެޗުތައް ނުދެއްކިގެން އުޅުނީ ޓީވީ ރައިޓްސް ވިއްކާ އަގު ބޮޑުވުމުންނެވެ.
އެކަމަކު މިހާރު އެއްބަސްވުމަކަށް އައިސް، މިއަދުގެ މެޗު އެތަނުގެ ޓީވީއެމް އެޗްޑީ ޗެނަލުން އަދި ޔެސް ޗެނަލުން ދައްކާނެ އެވެ.
މި ފަހަރުގެ ސާފް ސުޒުކީ ކަޕުގެ މެޗުތައް ރާއްޖެ އާއި އިންޑިއާ އަދި ސްރީ ލަންކާގައި ދެއްކުމުގެ ރަސްމީ ރައިޓްސް ދީފައި އޮތީ އިންޑިއާގެ ޑީ ސްޕޯޓްސް އަށެވެ. އެ ޗެނަލް ދިރާގު ޓީވީން ވެސް ފެންނާނެ އެވެ.
ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕުގެ ނަމުގައި 1997 ވަނަ އަހަރު ބާއްވަން ފެށި ފަހުން ޓީވީއެމުން އަބަދުވެސް ދައްކަ އެވެ. ކޮންމެ ފަހަރަކު ވެސް ކުރިއާލާ ހާއްސަ ޕްރޮގްރާމްތަކެއް ދައްކަން ފަށައި މުބާރާތަށް ވަރަށް ވަރުގަދަ ކަވަރޭޖެއް ދެ އެވެ. އެކަމަކު މި ފަހަރު މާބޮޑު ފޯރިއެއް ނެތެވެ.