މިލާން (އޮކްޓޫބަރު 13) - އިޓަލީގެ ތަޖުރިބާކާރު ކޯޗު ކްލައުޑިއޯ ރަނިއޭރީ އޭނާގެ 33 އަހަރުވީ ކޯޗިން ކެރިއަރުގައި ހަވާލުވި 18 ވަނަ ކްލަބަކަށް އިޓަލީގެ ސަމްޑޯރިއާ ވެއްޖެ އެވެ.
ސަމްޑޯރިއާ އަކީ އުމުރުން 67 ވަނަ އަހަރުގެ ރަނިއޭރީ ހަވާލުވި އިޓަލީގެ ނުވަ ވަނަ ކްލަބް އެވެ. އެންމެ ފަހުން ރަނިއޭރީ ކޯޗުކޮށްދިނީ އިޓަލީގެ ރޯމާ އަށެވެ. މިދިޔަ މާޗް މަހު ރޯމާއާ ހަވާލުވެ އެ ޓީމަށް މިދިޔަ ސީޒަނުގެ ނިޔަލަށް އިރުޝާދުދިނެވެ.
ރަނިއޭރީ ރޯމާގެ ކޯޗުކަމާ ހަވާލުވީ ވެސް ކުރިން އެ މަގާމުގައި ހުރި ޔުސޭބިއޯ ޑި ފްރެންސެސްކޯ ވަކިކުރުމުންނެވެ. އެންމެ ފަހުން ސަމްޑޯރިއާ އަށް ވެސް ކޯޗުކޮށްދިނީ ޑި ފްރެންސެސްކޯ އެވެ. އޭނާ ސަމްޑޯރިއާ ކޯޗުކަމުން ވަކިކުރީ އެ ޓީމުން މި ފަހަރު ލީގުގައި ކުޅުނު ހަތް މެޗުގެ ތެރެއިން ހަ މެޗުން ބަލިވުމުންނެވެ.
ފީފާއިން ހޮވި 2016 ވަނަ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނު ރަނިއޭރީ އެންމެ ބޮޑަށް ފާހަގަވީ އެ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލެސްޓާ ސިޓީ އަށް ހޯދައިދިނުމުންނެވެ. އެކަމަކު އެ ކާމިޔާބީ ހޯދިތާ ނުވަ މަސް ފަހުން ރަނިއޭރީ އަށް ލެސްޓާގެ ކޯޗުގެ މަގާމު ގެއްލުނެވެ. އޭގެ ފަހުން ފްރާންސްގެ ނޯންޓެސްގައި ވެސް މަސައްކަތްކުރުމަށް ފަހު އަލުން ޕްރިމިއާ ލީގަށް އައިސް ފުލަމް އަށް ވެސް އިރުޝާދުދިނެވެ.
މިދިޔަ އަހަރު ފުލަމްގެ ކޯޗުކަމާ ހަވާލުވެ އެ މަގާމުގައި ރަނިއޭރީ ހުރީ 106 ދުވަހު އެވެ. އެ ޓީމުން އޭނާ ވަކިކުރުމުން ދެން ރޯމާ އަށް ދިޔައީ އެވެ. މިދިޔަ އަހަރު ރޯމާ ގޮވައިގެން ރަނިއޭރީ ލީގު ނިންމާލީ ހަ ވަނައިގަ އޮވެ އެވެ.
ރަނިއޭރީގެ އިރުޝާދުގެ ދަށުން ސަމްޑޯރިއާ ކުޅޭ ފުރަތަމަ މެޗަށް ވެގެންދާނީ އަންނަ ހަފްތާގެ އާދިއްތަ ދުވަހު ރޯމާއާ ދެކޮޅަށް ކުޅޭ މެޗެވެ.