މީހުން އާންމުކޮށް ދަތުރުދާ ފިނޮޅަކުން 100 ކިލޯ އަށް ވުރެ ގިނަ ކުނި ސޭވް ދަ ބީޗް މޯލްޑިވްސް އާއި ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގުޅިގެން އިއްޔެ ހިންގި ހަރަކާތެއްގައި ނަގައިފި އެވެ.
އެންބީއޭއެމްގެ ރައީސް އަހުމަދު އަފްރާހު "މިހާރު" އަށް މިއަދު ވިދާޅުވީ އިއްޔެ ފެށި "ޓޭކް ބެކް ޔޯ ޓްރޭޝް" މަސައްކަތުގެ ބޭނުމަކީ ރާއްޖޭގެ ފިނޮޅުތައް ސާފުތާހިރުކޮށް، ބެހެއްޓުމުގެ މުހިއްމުކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ. ދެ ޖަމިއްޔާ އިއްޔެ ކުރި މަސައްކަތުން އެންމެ ފިނޮޅަކުން 108 ކިލޯގެ ކުނި ނެގި ކަމަށް ވިދާޅުވި އެވެ.
މި މަސައްކަތް ކުރިއަށް ގެންދަން ރާވާފައި އޮތީ ސިލްސިލާކޮށް ކަމަށާއި ދެ ޖަމިއްޔާ ގުޅިގެން ކޮންމެ މަހަކު އެއް ފަހަރު ފިނޮޅެއް ސާފުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ކޮންމެ މަހަކު ވެސް މި ކަމުގައި ބައިވެރިވާނީ އެންބީއޭއެމްގައި ރަޖިސްޓަރީ ކޮށްފައިވާ ސަފާރީއެއް ކަމަށާއި އެތަނުން ދާނީ އާ ފިނޮޅަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އަފްރާހު ވިދާޅުވިގޮތުގައި، އެ ދެ ޖަމިއްޔާ އިން އިއްޔެ ދަތުރުކުރި ފިނޮޅު އެއްކޮށް ސާފުކުރަން ހަ ގަޑިއިރަށް ވުރެ ގިނަ ވަގުތު އިރު ހޭދަވި އެވެ. ހެނދުނު 8:00 ގައި ފުރި މީހުންނަށް އަނބުރާ އާދެވުނީ މެންދުރު 3:00 ގެ ފަހުންނެވެ.
އެ މީހުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ކާބޯތަކެތީގެ އިތުރުން ދަގަނޑު ފަދަ ތަކެތި ވެސް އެ ފިނޮޅަށް އުކާފައި ހުއްޓެވެ.
ފިނޮޅުތަކަށް ކުނި އަޅާފައި ހުންނަ މައްސަލައާ ގުޅިގެން އަފްރާހު ވިދާޅުވީ އެއީ އެއްވެސް ކުންޏެއް އަދި އެހެނިހެން އެއްޗެއް ހުރެގެން ނުވާނެ ތަންތަން ކަމަށެވެ. ނަމަވެސް ދަތުރުދާ މީހުންގެ އަމަލުތަކުން އެއް ފިނޮޅުން އެހާ ބައިވަރު ކުނި ނަގަން ޖެހުމުން ހިތާމަ ކުރައްވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުން ރާއްޖެ ކަހަލަ ޓޫރިޒަމަށް ބަރޯސާ ވެފައި އޮންނަ ތަނެއްގައި ދެމެހެއްޓެނިވި ޓޫރިޒަމް ކުރިއަށް ގެންދެވޭނެ ގޮތަށް މަސައްކަތް ކުރަން. މިކަން ކުރެވޭނީ އެންމެ ތުއްތު ކުއްޖާ އިން ފެށިގެން މިކަން [ކުނި ނާޅަ] ދަސްކޮށްދިނީމާ،" އޭނާ ވިދާޅުވި އެވެ.
ސޭވް ދަ ބީޗްގެ ރައީސް ހަސަން އަހުމަދު ވިދާޅުވީ ފިނޮޅުތަކުން ގިނައިން ކުނި ފެންނަން ފެށީ ކޮވިޑް-19 އާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ރަށްރަށަށް ދިއުން މަނާކުރުމުން، ފިނޮޅުތަކަށް ދާ ދަތުރު އިތުރުވާން ފެށުމުން ކަމަށެވެ. ނަމަވެސް އެ ތަންތަނަށް ދާ މީހުން ފިނޮޅުތަށް ސާފުނުކުރާ ކަމަށާއި ކާއެއްޗެހި އާއި ޕްލާސްޓިކާއި ކުޑަކުދިންގެ ނެޕީ ފަދަ ތަކެތި އުކާފައި ހުރިި ކަން ފާހަގަ ކުރެވުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ފިނޮޅުތަކަކީ އެތައް ދޫންޏެއް ދިރިއުޅޭ މާހައުލު. އެތަންތަނަށް ގޮސް ކުނި އެޅުމުން އެ ދޫނިތައް ދިރިއުޅޭ ތަންތަން މި ހަޑި ވަނީ. އަދި ކުނި އަޅާފައި ހުންނަ އިރު ކާއެއްޗެހި އާއި ޕްލާސްޓިކް އެއްވެފައި ހުރުމުން ދޫނިތަކަށް ޕްލާސްޓިކް ކެވޭ. މިއީ ވެސް ކަންބޮޑުވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ދަތުރުދާ ފަރާތްތައް އެ ތަންތަން ސާފުކޮށް ބަހައްޓަން ސަމާލުވާން އަފްރާހު އެދިވަޑައިގަތެވެ. ސާފުކުރުމުގެ އިތުރުން ކުނި މަދުކުުރަން މަސައްކަތްކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"އޭގެ ތެރޭގައި ޕްލާސްޓިކްފުޅި ބޭނުން ކުރުމުގެ ބަދަލުގައި ރި-ޔޫސަބަލް އެއްޗެހި ބޭނުންކުރުން ހިމެނޭ،" އަފްރާހު ވިދާޅުވި އެވެ.
މުސްތަގުބަލުގައި މި މަސައްކަތް ކުރާނީ ހާއްސަ ކެމްޕެއިނަކާ އެކު ކަމަށް އޭނާ ވިދާޅުވި އެވެ. ދަތުރުދާ މީހުން އެ މީހުން ގެންދާ ކުނި އަނބުރާ ގެންދަން މި ކެމްޕެއިނުގައި ގޮވާލާނެ އެވެ.