ގައުމީ ޝޫޓިން ސްޕޯޓް ޗެމްޕިއަންޝިޕްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކެޓަގަރީ، ޕެރަލިމްޕިކް ފުރަތަމަ ފަހަރަށް ހިމަނައި، މުބާރާތުގައި ބައެިވެރިވާން ހުޅުވާލައިފި އެވެ. 

ޝޫޓިން އެސޯސިއޭޝަނުން ބުނީ އޮލިމްޕިކް ކުޅިވަރެއްގެ ގޮތުގައި ޝޫޓިން ކުރިއަރުވައި، ޒުވާން އެތުލީޓުންނާއި ނުކުޅެދުންތެރިކަން ހުންނަ އެތުލީޓުންނަށް ވެސް ފުރުސަތު ފަހިކޮށްދިނުމަކީ މުބާރާތުގެ މަގްސަދު ކަމަށެވެ.  

ޕެރަލިމްޕިކް ކެޓަގަރީގެ އިތުރުން މިފަހަރު މުބާރާތުގައި ޖުމުލަ ފަސް ކެޓަގަރީއެއް ހިމެނެ އެވެ. އެއީ

- ޕްރޮފެޝަނަލް

- އޯޕަން

- ޕެރަލިމްޕިކް ކެޓެގަރީ

- ސްކޫލް

- ކޯޕަރޭޓް ކެޓަގަރީ 

މިހުރިހާ ކެޓަގަރީއެއްގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ މަހު ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ.

މުބާރާތް ކުރިއަށް ދާނީ ނޮވެމްބަރު ފަސްވަނަ ދުވަހުން ފެށިގެން މާލޭގެ ހ. މުނިއުފާގައި ހުންނަ ޝޫޓިންގ ރޭންޖާއި ހުޅުމާލެ ޝޫޓިން ރޭންޖުގައިކަނަށް ޝޫޓިން އެސޯސިއޭޝަނުން ބުންޏެވެ. 

މުބާރާތުގައި ކުރިއަށްދާނީ 10 މީޓަރު އެއާ ރައިފަލް އަދި 10 މީޓަރު އެއާ ފިސްތޯލްގެ އިންޑިވިޖުއަލް، ޓީމު އަދި މިކްސްޑް ޓީމު އިވެންޓްތަކެވެ. 

މުބާރާތުގެ ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި އޯޕަން އިންޑިވިޖުއަލް އިވެންޓްތަކަށް 1000ރ. ވަނީ ކަނޑައަޅާފަ އެވެ. ގްރޭޑް 12 އިން ދަށުގެ ސްކޫލް އަދި ކޮލެޖް ދަރިވަރުންނަށް ފީއަކީ 500ރ އެވެ. ޓީމު އިވެންޓްތަކުގެ ފީއަކީ 200ރ. އެވެ.   

މުބާރާތުގެ ހުރިހާ އިވެންޓެއް ވެސް ކުރިއަށް ދާނީ ކޮލިފިކޭޝަން ރައުންޑަކާއި ފައިނަލް ރައުންޑެއް ހިމެނޭ ގޮތަށް ދެ ރައުންޑަށެވެ. އަދި ޕްރޮފެޝަނަލް ކެޓެގަރީގެ އިވެންޓްތައް ކުރިއަށްދާނީ އިންޓަނޭޝަނަލް ޝޫޓިން ސްޕޯޓް ފެޑެރޭޝަން (އައިއެސްއެސްއެފް) ގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ޝޫޓިން އެސޯސިއޭޝަނުން ބުންޏެވެ.