ގައުމީ ރާޅާ އެޅުމުގެ މުބާރާތުގެ ޝޯޓްބޯޑް 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި އަހްމަދު އަމީރް (ވ) އަށް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް (ކ) އިނާމް ހަވާލުކޮށްދެއްވަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
29 ނޮވެމްބަރ 2021 - 19:45
"ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖް 2021" ގެ ފިރިހެން ޖޫނިއާ ޝޯޓްބޯޑް ޑިވިޝަން ދ. ކުޑަހުވަދޫ ޓީމުގެ އަހުމަދު އަމީރު ހޯދައިފި އެވެ.
މި އަހަރުގެ ޖޫނިއާ ބައިގެ ފައިނަލުގައި ހަތަރު ސާފަރުން ވާދަކުރިއިރު، އަމީރު ފިޔަވައި ދެނެ ނުކުތް ތިން ބައިވެރިންނަކީ މާލޭ ޓީމުގެ ބައިވެރިންނެވެ. އެއީ އަޔާން ނޫރައްދީނާއި ކަޔާން އަބްދުﷲ އަރީފާއި މުހައްމަދު ޒަޔާނެވެ.
ފައިނަލް ހީޓުގައި އަމީރު 11.33 ޕޮއިންޓާއެކު އެއްވަނަ ހޯދިއިރު، ދެވަނަ އަށް ދިޔަ އަޔާނަށް ލިބުނީ 6.67 ޕޮއިންޓެވެ. އަދި ތިންވަނަ އަށް ދިޔަ ކަޔާނަށް ލިބުނީ 6.10 ޕޮއިންޓެވެ. ޒަޔާނަށް މި ހީޓުގައި ލިބުނީ 5.86 ޕޮއިންޓެވެ.
ތިންވަނަ ހޯދި ކަޔާނަށް ލޯ މެޑެއްޔާއެކު 3،000ރ ގެ ފައިސާގެ އިނާމެއް ދިން އިރު، ދެވަނަ އަށް ދިޔަ އަޔާނަށް ރިހި މެޑެއްޔާއެކު 5،000ރ. ދިނެވެ. އެއްވަ ނައަށް ދިޔަ އަމީރަށް ދިނީ ރަން މެޑެއްޔާއި 7،000ރ. ގެ ފައިސާގެ އިނާމަކާއެކު ޗެމްޕިއަން ޓްރޮފީ އެކެވެ. އަދި އެއްވަނަ އަށް މޯލްޑިވްސް ސާފް ގައިޑް އެސޯސިއޭޝަނުން ވަނީ ސިނެމަން ދޮންވެލި ރިސޯޓުގައި ދެ ރޭ ހުރުމާއެކު، ރާޅާއަޅާލުމުގެ ފުރުސަތު ދީފަ އެވެ.
ޖޫނިއާ ޑިވިޝަނުގައި މި އަހަރު 26 އެތުލީޓަކު ވާދަ ކުރިއިރު، މި ހަތަރު ބައިވެރިން ފައިނަލަށް އައީ މިއަދު ހެނދުނު ބޭއްވި ސެމީ ފައިނަލްގެ ދެ ހީޓުގެ އެއްވަނަ އަދި ދެވަނައިގެ ގޮތުގަ އެވެ.
ސެމީގެ ފުރަތަމަ ހީޓު ކާމިޔާބުކުރީ ޒަޔާން އެވެ. ކަޔާން އަބްދުﷲ އަރީފާއި ސައްޔިދު ސަލާހުއްދީނާ ވާދަކޮށް ޒަޔާން މި ހީޓުގައި އެޅީ ވެސް އެންމެ ދެ ރާޅެވެ. ފުރަތަމަ ރާޅަށް 1.17 ޕޮއިންޓް ލިބުނުއިރު ދެވަނަ ރާޅުން ހޯދުނީ 6.33 ޕޮއިންޓެވެ. މި ހީޓުގެ ދެވަނަ 7.36 ޕޮއިންޓުން ކަޔާން ހޯދިއިރު، ތިންވަނަ އަށް ދިޔަ ސައްޔިދަށް ލިބުނީ 7.20 ޕޮއިންޓެވެ.
ދެވަނަ ހީޓުގައި އެއްވަނަ ހޯދީ އަޔާން އެވެ. އޭނާ މި ހީޓުގައި ވާދަކުރީ އަހުމަދު އަމީރާއި ޔޫސުފް ކަޔާން ހަމްދާން ޒަކީއާ އެވެ. ޖުމުލަ 9.20 ޕޮއިންޓު ހޯދައިގެން އަޔާން ހީޓް ކާމިޔާބު ކުރިއިރު، ދެވަނަ އަށް ދިޔަ އަމީރަށް ލިބުނީ 8.34 ޕޮއިންޓެވެ. ކަޔާން ޒަކީ ނިންމީ ހީޓުގެ ތިންވަނައިގަ އެވެ.
މި އަހަރުގެ ރަންނަމާރި ޗެލެންޖުގެ ޓައިޓަލް އަދި މެއިން ސްޕޮންސަރަކީ ސީ ސްޕޯޓްސް އެވެ. ކޯ ސްޕޮންސަރުންނަކީ އެސްޓީއޯ އާއި ޔޫރޯ ސްޓޯރު، އެޓޯލް އެޑްވެންޗާސް ޕްރައިވެޓް ލިމިޓެޑް އަދި ރާއްޖޭގެ ސާފް ގައިޑް އެސޯސިއޭޝަނެވެ. މީގެ އިތުރުން ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ ހަމަޖައްސާފައިވާއިރު، ސެޓަޕް ޕާޓްނަރަކީ އިވެންޓް މޯލްޑިވްސް އެވެ. ބްރޯޑްކާސްޓިން ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސާފައިވާއިރު އޮންލައިން މީޑިއާ ޕާޓްނަރަކީ "މިހާރު" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމީދު.
29 November 2021
މާލޭގައި ވަރަށް މަދުން ނޫނީ ނުލިބޭ ފުރުސަތު މިއޮތީ ރާޅާ އެޅުމުގެ މުބާރާތުގައި ރާއްޖޭގެ އެހެން ރަށްރަށުގެ ކުދިންނަށް ލިބިފައި. މިއީ ވަރަށް ސަޅިކޮށް ކުރިއަށް ގެންދާ މުބާރާތެއް.
އަބް
29 November 2021
މަރުހަބާ އަމީރު، ކުޑަހުވަދޫ ރަޅާ ކުދިންނަށް ސާބަސް.