ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަށް ކުޅެމުން އަންނަ ޑިފެންޑަރު މުހައްމަދު ރަޝީދު (ހޮކޭ)، ފުޓުބޯޅައިން ރިޓަޔާ ކޮށްފި އެވެ.

ރ. އަލިފުއްޓަށް އުފަން މުހައްމަދު ރަޝީދު، 36، ގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވަނީ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމީ އެކަމާ ވިސްނާތާ ދުވަސްތަކެއް ފަހުން ކަމަށާއި ގައުމީ ފެންވަރުގައި އަދި އަމިއްލަ ގޮތުން ވެސް މި ކުޅިވަރުގައި އުފާވެރި ދުވަސްތަކެއް ހޭދަކުރެއްވިއްޖެ ކަމަށެވެ.

"ފުޓްބޯޅާގައި އެންމެންގެ ފަރާތުން ލިބުނު ސަޕޯޓާއި ލޯތްބަށްޓަކައި އަދި ކެރިއަރުގެ ބައެއްގެ ގޮތުގައި ވެފައި ވާތީ އެންމެންނަށް ޝުކުރުވެރި ވަމެވެ." އޭނާ ލިޔެފައިވެ އެވެ.

ފުޓްބޯޅަ ހުއްޓާލީ ކޮން ސަބަބަކާ ހުރެ ކަމެއް އޭނާ ބުނެފައެއް ނުވެ އެވެ. ނަމަވެސް އޭނާ އަކީ ނޭވާއަށް ހިއްލުމުގެ މައްސަލަ ހުންނަ ކުޅުންތެރިއެކެވެ. ބައެއް މެޗުތަކުގައި މި މައްސަލަ ބޮޑުވެ ބައެއް މެޗުތަކުގެ ތެރެއިން ވެސް އޭނާ އަށް ފަރުވާ ދޭން ޖެހިފައިވެ އެވެ.

މުހައްމަދު ފުރަތަމަ ޑިވިޝަނުގައި ކުޅެން ފެށީ 2009 ވަނަ އަހަރު ނިއުރޭޑިއަންޓުންނެވެ. އެއަށް ފަހު ޖެހިގެން އައި ތިން އަހަރު ވެސް ފެނުނީ ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ރަތް ޖޯޒީގަ އެވެ. ވިކްޓަރީއާ އެކު އޭނާ ވަނީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އެއްފަހަރު ކާމިޔާބުކޮށްފަ އެވެ.

ވިކްޓަރީ އަށް ކުޅުމަށް ފަހު ޖެހިގެން އައި 2013 ވަނަ އަހަރުގެ ކުރީކޮޅު މުހައްމަދު ބަދަލުވީ ވެލެންސިއާއަށެވެ. ނަމަވެސް އެ ސީޒަނުގެ ފަހުކޮޅު އޭނާ ފެނުނީ މާޒިޔާއިންނެވެ. މާޒިޔާއަށް ކުޅުމަށް ފަހު އޭނާ އަލުން ނިއުރޭޑިއަންޓަށް ބަދަލުވި އެވެ.

ހޮކޭ ނިއު ރޭޑިއަންޓުގައި 2017 ވަނަ އަހަރުގެ އެފްއޭ ކަޕް ތައްޓާ އެކު--. ފޮޓޯ: ނިޝާން އަލީ/ މިހާރު
ހޮކޭ ނިއު ރޭޑިއަންޓުގައި 2017 ވަނަ އަހަރުގެ އެފްއޭ ކަޕް ތައްޓާ އެކު--. ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއުގައި ހޭދަކުރި ފަސް އަހަރު އޭނާ ވަނީ ތިން ޗެރިޓީ ޝީލްޑާއި އެއް ދިވެހި ލީގާއި ދެ ޕްރިމިއާ ލީގު އަދި މާލޭ ލީގު އެއްފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ޕްރެޒިޑެންޓްސް ކަޕްގައި ދެ ފަހަރު އެފްއޭ ކަޕްގައި ވެސް އެއްފަހަރު މުހައްމަދު ވަނީ ނިއުއާ އެކު ކާމިޔާބު ހޯދައިފަ އެވެ.

ޖެހިގެން އައި 2019 ވަނަ އަހަރު ހޮކޭ ވަނީ އެ އަހަރު އަލަށް ޕްރޮމޯޓްވި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ބަދަލު ވެފަ އެވެ. އެ ޓީމުން ފުރަތަމަ ޑިވިޝަނަށް އަލަށް ކޮލިފައިވެ، އާ ސީޒަނަށް އެންމެ ފުރަތަމަ ގެނައި ކުޅުންތެރިޔަކީ ވެސް އެއީ އެވެ. އެ ސީޒަނުގައި ދަ ގްރާންޑޭގެ ކެޕްޓަނަކީ ވެސް އޭނާ އެވެ. މުހައްމަދު ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަށް ބަދަލުވީ މިދިޔަ ސީޒަނުގަ އެވެ. މި ސީޒަނުގައި ވެސް އޭނާ ވަނީ އެޓީމުގެ ބައެއް މެޗުތަކުގައި ކުޅެފަ އެވެ.

ވިކްޓަރީގައި ދެއްކި މޮޅު ކުޅުމާ އެކު މުހައްމަދަށް ރާއްޖޭގެ ގައުމީ ޓީމުން ޖާގަ ދިނީ އޭރު ގައުމީ ޓީމުގެ ކޯޗަކަށް ހުރި ހަންގޭރީގެ އިސްތަވާން އުރުބާނީ އެވެ. އާއްމުކޮށް ވާތްފަޅިން ފަހަތަށް ކުޅޭ ކުޅުންތެރިޔާ ގައުމީ ޓީމުގައި ކޯޗު އުރުބާނީ ކުޅުވީ ވާތްފަޅިން ކުރިޔަށެވެ.

ނޭޕާލުގައި 2012 ވަނަ އަހަރު އޮތް އޭއެފްސީ ޗެލެންޖު ކަޕުގެ ގުރޫޕް ސްޓޭޖުގައި ރާއްޖޭން ނޭޕާލް ބަލިކުރި މެޗުގައި ޖެހި ހަމައެކަނި ލަނޑު ވެސް ކާމިޔާބު ކޮށްދިނީ މުހައްމަދެވެ. މި ގޯލު ވީ އޭނާގެ ފުޓުބޯޅަ ކެރިއަރުގައި ވެސް ޖެހި ފުރަތަމަ ލަނޑަށެވެ. ގައުމީ ޓީމަށް 33 މެޗު ކުޅެދިން މުހައްމަދު ވަނީ 2014 ވަނަ އަހަރު ބޭއްވި ޗެލެންޖު ކަޕުން ރާއްޖެ ބްރޯންޒް މެޑަލް ހޯދި ޓީމުގައި ވެސް މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.