ކުޅިވަރު

ބެލޮންޑިއޯ އެވޯޑް ދޭ ގަވާއިދު ބަދަލުކޮށްފި

ޕެރިސް (މާޗް 12) - ދުނިޔޭގެ އެންމެ މޮޅު ފިރިހެން އަދި އަންހެން ފުޓްބޯޅަ ކުޅުންތެރިޔާއަށް ފްރާންސްގެ ފުޓުބޯޅަ މެގަޒިން އިން ދޭ ބެލޮންޑިއޯ އެވޯޑުތައް ދޭއިރު ކަލަންޑަރު އަހަރުގެ ބަދަލުގައި، އެއް ސީޒަނެއްގައި ދައްކާ ޕާފޯމަންސަށް އިންސާފުކުރަން ނިންމައިފި އެވެ.

ފްރާންސް ފުޓުބޯޅައިގެ އެޑިޓަރު ޕާސްކަލް ފެރޭ ބުނީ، ކުރިން އެވޯޑް ދޭއިރު ސީޒަނުގެ ދެ ބަޔަށް ކުޅުންތެރިންގެ ކުޅުމަށް ބެލި ނަމަވެސް މިހާރު ގެނެވުނު ބަދަލަކީ މި އެވޯޑަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އޭނާ އިތުރަށް ބުނީ، ކުޅުންތެރިއެއްގެ ޓީމަކުން ހޯދާ ޓްރޮފީތަކަށް ވުރެ ބޮޑަށް ވަކިވަކި ކުޅުންތެރިންގެ ޕާފޯމަންސަށް ވެސް ބޮޑަށް އިސްކަން ދޭނެ ކަމަށެވެ.

ފްރާންސް ފުޓްބޯލް މަޖައްލާއިން މި އެވޯޑު އެންމެ ފުރަތަމަ އަހަރުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ އަށް ދޭން ފެށީ 1956 ވަނަ އަހަރު އެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އެންމެ މޮޅު އަންހެން ކުޅުންތެރިޔާ އަށް ވެސް މި އެވޯޑް ދެމުން އައި ނަމަވެސް، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން 2020 ވަނަ އަހަރު އެ ދެ އެވޯޑު ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

ބެލޮންޑިއޯ އެވޯޑަށް މި ބަދަލު ގެނައީ، ޕީއެސްޖީގެ ސްޓްރައިކަރު ލިއޮނެލް މެސީ އަށް މިދިޔަ އަހަރުގެ އެވޯޑް ލިބުމުން އެކަމާ ވަރަށް ބޮޑަށް ފްރާންސް ފުޓުބޯޅައަށް ފާޑުކިޔުން އަމާޒުވެފައި އޮތް ދަނޑިވަޅެއްގަ އެވެ. އެއީ މެސީ ބެލޮންޑިއޯ އެވޯޑް ހާސިލްކުރި ހަތްވަނަ ފަހަރެވެ.

މެސީ އޭނާގެ ހަތް ބެލޮންޑިއޯ އެވޯޑާ އެކު.

ގިނަ ބަޔަކު ދެކޭ ގޮތުގައި މިދިޔަ އަހަރުގެ އެވޯޑްގެ އެންމެ ހައްގުވެރި ފަރާތަކީ މެސީގެ ފަހަތުން ދެވަނައިގައި ނިންމި ޖަރުމަންގެ ބެޔާން މިއުނިކަށް ކުޅޭ ޕޮލެންޑުގެ ތަރި ރޮބާޓް ލެވަންޑޯސްކީ އެވެ. މީގެ ކުރިން ވެސް އެވޯޑްގެ އަސްލު ހައްގުވެރި ފަރާތްތަކަށް އެވޯޑް ނުލިބޭ ކަމަށް ބުނެ އާންމުންނާއި، ފުޓުބޯޅައިގެ ބައެއް ތަރިން ވެސް ވަނީ ފާޅުގައި ވާހަކަ ދައްކައިފަ އެވެ.

ބެލޮންޑިއޯ އެވޯޑު ދޭ އުސޫލަށް ވަނީ މައިގަނޑު ހަތަރު ބަދަލެއް ގެނެސްފަ އެވެ.

ކަލަންޑަރު އަހަރުގެ ބަދަލުގައި ދެން ބަލާނީ ސީޒަނުގެ ކުޅުމަށް

އެންމެ ފަހު އެވޯޑާ ހަމައަށް ކުޅުންތެރިންގެ ކުޅުން ބެލީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީން ފެށިގެން ޑިސެމްބަރާ ކަމައަށެވެ. ނަމަވެސް އާ ގަވާއިދުގެ ދަށުން ކުޅުންތެރިންގެ ޕާފޯމަންސް ބަލާނީ އެ ސީޒަނެއްގައި (އޮގަސްޓުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް) ކުޅުންތެރިން ދައްކާ ކުޅުމަށެވެ.

މި އަހަރުގެ ޖުލައި މަހު ބާއްވާ އަންހެނުންގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ކުޅުން ވެސް އަންނަ އަހަރު ދޭ 2022 ވަނަ އަހަރުގެ އެވޯޑަށް ގުނަން ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް މި އަހަރު ފަހު ކޮޅު ގަތަރުގައި ބާއްވާ ފިރިހެނުންގެ ފީފާ ވޯލްޑް ކަޕް ގުނާނީ 2023 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑަށެވެ.

މިއާ އެކު ރެކޯޑް އަދަދަކަށް ބެލޮންޑިއޯ ހާސިލް ކޮށްފައިވާ ލިއޮނެލް މެސީ އަށް އަންނަ އަހަރު ދޭ އެވޯޑަށް ނޮމިނޭޓް ވުމުގެ ފުރުސަތު ވަނީ ހަނިވެފަ އެވެ. އޭނާ ކުޅެމުން އަންނަ ޕީއެސްޖީ، ޗެމްޕިއަންސް ލީގު ގަދަ 16 އާ ހަމައިން ކަޓާފައިވާއިރު، ފްރާންސް ލީގުގައި ވެސް މެސީ އަށް އެދެވޭ ކުޅުމެއް މިހާތަނަށް ދެއްކިފައެއް ނުވެ އެވެ.

ނޮމިނޭޝަން ލިސްޓަށް ކުޅުނެތެރިން ހޮވާނީ ތަޖުރިބާކާރުން

މީގެ ކުރިން ބެލޮންޑިއޯގެ ހުރިހާ އެވޯޑަކަށް ވެސް ކުޅުންތެރިން ނޮމިނޭޓް ކުރަނީ ފްރާންސް ފުޓްބޯޅަ މެގަޒިން އާއި ފްރާންސްގެ ލެކީޕް މެގަޒިންގެ އެޑިޓޯރިއަލް ސްޓާފުންނެވެ. ނަމަވެސް މިހާރުން ފެށިގެން އިތުރު ސްޕެޝަލިސްޓުން މި ޕްރޮގުރާމުގައި ބައިވެރިވާނެ ކަމަށާއި އޭގެ ތެރޭގައި ބެލޮންޑިއޯ އެމްބެސެޑާ ޑިޑިއާ ޑްރޮގްބާ ވެސް ހިމެނެ އެވެ.

އަންނަ ވޯޑަކަށް ކުޅުންތެރިން ނޮމިނޭޓް ކުރަން ވިއެޓްނާމްގެ ނޫސްވެރިޔާ ޓްރުއޮންގް އެންގޯކް އާއި ނިއުޒީލެންޑްގެ ގޯޑަން ވޮޓްސަން އަދި ޗެކް ރިޕަބްލިކްގެ ކެރޮލީނާ ހަލަވަކޯވާ ބައިވެރި ވާނެ އެވެ.

ވޯޓުގައި ބައިވެރި ވެވޭ މެމްބަރުންގެ އަދަދު މަދު ވާނެ

މިދިޔަ އަހަރުގެ އެވޯޑުގެ ވޯޓުގައި 180 ގައުމުގެ ނޫސްވެރިން ވަނީ ބައިވެރިވެފަ އެވެ. ނަމަވެސް އަންނަ އަހަރު ދޭ އެވޯޑުގައި ވޯޓު ދެވޭނީ ފީފާ ރޭންކިންގެ އެންމެ ގަދަ 100 ގައުމުގެ ނޫސްވެރިންނެވެ. އަދި އަންހެން އެވޯޑަށް ވޯޓު ދެވޭނީ ފީފާ އަންހެން ރޭންކިންގެ އެންމެ މަތީ 50 ގައުމުގެ ނޫސްވެރިންނަށެވެ.

ކުލަބުގެ ކާމިޔާބަށް ވުރެ ބޮޑަށް ކުޅުންތެރިޔާގެ ހުނަރަށް ބަލާނެ

ބެލޮންޑިއޯ އަކީ އިންޑިވިޖުއަލް އެވޯޑެކެވެ. މިކަން ފާހަގަކޮށް ލެކީޕް އާއި ފްރާންސް ފުޓުބޯލައިން ބުނެފައި ވަނީ، ވޯޓުގައި ބައިވެރިވާ ފަރާތްތަކުން އެންމެ ފުރަތަމަ ބަލަން ޖެހޭނީ ކުލަބުގެ ކާމިޔާބީތަކުގެ ބަދަލުގައި އެ ކުޅުންތެރިޔާގެ އިންޑިވިޖުއަލް ޕާފޯމަންސަށް ކަމަށެވެ. އަދި އެ އަހަރެއްގެ ވޯޓުދޭއިރު، ފާއިތުވެދިޔަ އަހަރުތަކުގައި ކުޅުންތެރިން ދައްކާފައިވާ ކުޅުމަށް ބަލަން ނުޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރޮނާ/މެސީ

12 March 2022

ކިތަންމެވަރަކަށް އަހަރެމެން 2 މީހުން ބޭރުކުރުމަށް މަސައްކަތް ކުރިކަމުގައި ވިޔަސް ފުޓްބޯޅަ އެއީ ވަށްކޮން އޮންނަ އެއްޗެއް ކަމުގައިވަނީނަމަ، އަހަރެމެން 2 މީހުން ޓޮޕް 3 އިން އުނިކޮށްލުމަކީ ވަރަށް ދަތި އުނދަގޫކަމެއް ކަމުގައި ދަންނަވަން،،،،،،،،،، ވ. ވެދުން....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454