އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސްގައި ދިގު ދުވުމުން ވެސް ރާއްޖެ އަށް މެޑަލް ހޯދޭނެ އެތުލީޓުން އުފެއްދުމަށް، ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، ތަޖުރިބާކާރު މެރަތަން ދުވުންތެރިޔާ އަދި ކޯޗު ނަސްރުﷲ އަހްމަދު (ނަސްރު) ގެ ކިބައިން އެދިވަޑައިގެންފި އެވެ.

ނަސްރުގެ 80 ވަނަ މެރަތަން ފުރިހަމަ ކުރި މެޑަލް އިއްޔެ ވަނީ މާރިޔާ އަށް ހަދިޔާ ކުރައްވައިފަ އެވެ.

"މިނިސްޓަރު އެދިވަޑައިގެންނެވި މިހާތަނަށް ރާއްޖެ އަށް ގިނަ މެޑަލް ލިބިފައި ހުރީ ސްޕްރިންޓުން ކަމަށް. އެހެންވެ ދިގު ދުވުންތަކުން ވެސް މެޑަލް ހޯދޭނެ ފެންވަރުގެ އެތުލީޓުން އުފެއްދެއްވުމަށް ހިތްވަރު ދެއްވި،" އެމްއެންޑީއެފްގައި ވަޒީފާ އަދާ ކުރުމުން އަންނަ ނަސްރު ބުންޏެވެ.

ނަސްރު ކުރިން ބުނީ ވަނީ މާރިޔާ އަށް މެޑަލް ހަދިޔާ ކުރައްވަން ބޭނުންވީ އޭނާގެ ކެރިއާ އަށް މާރިޔާ ދެއްވާ އެއްބާރުލެއްވުމަށް ޝކުރު އަދާކުރުމުގެ ގޮތުންނެވެ. މިނިސްޓަރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފް އަދި ޔުނިޓް ކޮމާންޑަރު އަހްމަދު ޝާރިމް އޭނާގެ ކެރިއާ އަށް ބޮޑު އެއްބާރުލުމެއް ދެއްވާކަން ނަސްރު ފާހަގަކުރި އެވެ.

ނަސްރުގެ 80 ވަނަ މެރަތަންގެ މެޑަލް ޑިފެންސް މިނިސްޓަރު މާރިޔާ އަށް ހަދިޔާކޮށްދެއްވަނީ: ދިގު ދުުންތަކުން މެޑަލް ހޯދޭނެ އެތުލީޓުން އުފެއްދެވުމަށް މިނިސްޓަރު މާރިޔާ ވަނީ ނަސްރުގެ ކިބައިން އެދިވަޑައިގެންފަ
ނަސްރުގެ 80 ވަނަ މެރަތަންގެ މެޑަލް ޑިފެންސް މިނިސްޓަރު މާރިޔާ އަށް ހަދިޔާކޮށްދެއްވަނީ: ދިގު ދުުންތަކުން މެޑަލް ހޯދޭނެ އެތުލީޓުން އުފެއްދެވުމަށް މިނިސްޓަރު މާރިޔާ ވަނީ ނަސްރުގެ ކިބައިން އެދިވަޑައިގެންފަ

"ހަގީގަތުގައި ރާއްޖޭގައި ދިގު ދުވުންތައް ގާތްގަނޑަކަށް ވަޅުޖެހިފައި ވަނިކޮށް އެކަން ދިރުވީ އެމްއެންޑީއެފްއިންނާއި ސިފައިންގެ ކްލަބުން. އޭގެ ޓްރޭނިންތަކުގެ ބުރަކަމާއި ހަރަދު ބޮޑުކަމުން ދިގު ދުވުންތައް މަޑުޖެހިފައި އޮތީ،" ނަސްރު ބުންޏެވެ.

"އެކަމަކު އެމްއެންޑީއެފުން ނުކުތް ދުވުންތެރިން ދިގު ދުވުންތައް އަލުން ދިރުވަން ނިކުތް ހިސާބުން މީތި ވައިގައި ހިފާގަޮތްވީ. އަދި ސިފައިންގެ ކްލަބުން ވެސް ދަނީ ޑިސްޓެންސް ދުވުންތަކަށް އާ ދުވުންތެރިން އުފެއްދުމަށް ވެސް ގިނަ މަސައްކަތެއް ކުރަމުން. އިއްޔެ މިނިސްޓަރު ވެސް ޗީފް އޮފް ޑިފެންސް ވެސް ވައިސް ޗީފް ވެސް ސިފައިންގެ ކްލަބްގެ ރައީސް [ހުސައިން އަލީ] ވެސް ވިދާޅުވި އެ މަސައްކަތަށް އެއްބާރުލުން ދެއްވުމުގައި ދެމި ހުންނަވާނެ ކަމަށް."

ނަސްރުގެ 80 ވަނަ މެރަތަން ފުރިހަމަ ކުރީ މިދިޔަ މަހު 10 ވަނަ ދުވަހު އިންޑިއާގެ ބެންގަލޫރުގަ އެވެ. އެދުވަހުގެ ފަތިހު ދުވަން ފެށި މެރަތަންގެ 60 ޕަސެންޓް އޭނާ ފުރިހަމަ ކުރީ ރޯދަ އަށް ހުރެ އެވެ.

"ބެންގަލޫރަށް ފަތިހު 5:02 ގައި ބަންގި ގޮވާ. އޭގެ ކުރިން ކޮންމެ ވެސް ވަރަކަށް ދިޔާ އެއްޗިހި ބޭނުން ކުރިން. ރޭހުގެ 60 ޕަސެންޓް ދުވީ ރޯދަ އަށް ހުރެ،" އެންމެ ގިނަ މެރަތަންގައި ދުވި ރާއްޖޭގެ ދުވުންތެރިޔާ ބުނެފައި ވެއެވެ.

ބެންގަލޫރު މެރަތަން އަށް ފަހު ނަސްރު ގައުމީ ދިދަ ހިފައިގެން ފޮޓޯ އަކަށް ހުއްޓިލައިގެން
ބެންގަލޫރު މެރަތަން އަށް ފަހު ނަސްރު ގައުމީ ދިދަ ހިފައިގެން ފޮޓޯ އަކަށް ހުއްޓިލައިގެން

"ރޯދަ އަށް ހުރެ ދުވުމަކީ މައްސަލައެއް ނޫން. އަދި މި ކަމަކީ އަޅުގަނޑަށް އާ ކަމެއް ވެސް ނޫން. އެއްފަހަރު ސިންގަޕޫރު މެރަތަންގައި ވެސް ވާދަކުރިން ރޯދަ އަށް ހުރެ."

ނަސްރު އެންމެ ފުރަތަމަ މެރަތަންއެއްގައި ދުވީ 1999 ގައި މާލޭގައި ބޭއްވި އެމްޓީސީސީ މެރަތަންގަ އެވެ. މެރެތަންގައި އޭނާގެ އެންމެ ހާއްސަ އަހަރަކީ 2018 އެވެ. އެ އަހަރު އޭނާ ވަނީ 13 މެރަތަންގައި ދުވެފަ އެވެ. އެ 13 މެރެތަން ވެސް އޭނާ ވަނީ ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމައިފަ އެވެ. މިދިޔަ އަހަރު ނަސްރު ވަނީ 12 މެރެތަން ފުރިހަމަކޮށްފަ އެވެ.

އޭނާގެ އެންމެ ކާމިޔާބު މެރަތަންއަކީ 2020 ގައި އިންޑިއާގައި ބޭއްވި ހިންދުސްތާން މެރަތަން އެވެ. އެމެރަތަންގައި އޭނާ ވަނީ އެއްވަނަ ހޯދާފަ އެވެ.

މިދިޔަ މަހު ބެންގަލޫރު މެރަތަންގައި ވާދަކޮށް، ނަސްރުގެ ކޯޗުކަމުގެ ދަށުން ތަމްރީން ހަދަމުން އަންނަ އައިޝަތު ރިޝްމީ ވަނީ އަންހެނުންގެ ހާފް މެރަތަން ގަދަ 10 ގައި ރޭސް ނިންމައިފަ އެވެ.